ހަމައެކަނި ތަސައްވުރަކީ ވަށާޖެހޭ ޖަޒީރާ ދިރިއުޅުމެއް ރައްޔިތުންނަށް ފޯރުކޮށްދިނުން: ރައީސް

ތިން ވަނަ ވިއަވަތި ކޮންފަރެންސްގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ރައީސް ކަމުގައި ހުންނެވުމުގެ ހަމައެކަނި ބޭނުމަކީ ވަށާޖެހޭ ޖަޒީރާ ދިރިއުޅުމެއް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

ތިން ވަނަ ވިއަވަތި ކޮންފަރެންސް ފެއްޓެވުމުގެ ގޮތުން ރައީސް ޞާލިޙު ވިދާޅުވީ އުތުރުން ދެކުނަށް މުޅި ރާއްޖެ އޮތް ގޮތަށް ބެލިޔަސް ވަރަށް ބޮޑު ތަފާތެއް މިހާރު ފެންނަ ކަމަށެވެ.

"ދިމާ ދޮރުމަތިން, ތިމާ ގޭހުރި މަގުން, އަމިއްލަ ރަށުން, އަތޮޅުން، އަދި މުޅި ރާއްޖެއިން ވެސް މިހާރު ބަދަލު ފެންނާނެ އަދި އަތްލެވޭނެ،" ރައީސް ވިދާޅުވިއެވެ.

ވިއަވަތި ކޮންފަރެންސް އަކީ ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށް ރައީސްގެ އިސްނެންގެވުމުގެ މަތިން ބާއްވާ ކޮންފަރެންސް އަކަށް ވާއިރު، ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ މިހާތަނަށް މުޅި ރާއްޖެއަށް ގެނެވޭ އެންމެ ބޮޑު އިދާރީ ބަދަލު ކަމަށެވެ.

ތިން ވަނަ ވިއަވަތި ކޮންފަރެންސްގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ކައުންސިލަރުން ކައުންސިލުތަކަށް އިންތިހާބުވެފައި ތިބީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރަށްތަކަށް ތަރައްގީ ގެނައުމަށް ކަމަށާއި އެމަނިކުފާނު ވެސް ރައީސްކަމުގައި އެ ހުންނެވީ އެ ބޭނުމަށްޓަކައި ކަމަށް ވިދާޅުވިއެވެ.

"އިތުރު އެއްވެސް ބޭނުމެއް، އަމާޒެއް އަދި ތަޞައްވުރެއް އަޅުގަނޑުގެ ނެތް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ނުގެނެސް މަޑުކޮށްފިނަމަ، ކަންކަން އަނެއްކާވެސް އޮންނާނީ ކުރިން ވެސް އޮތްގޮތަށް މަޑުޖެހި، ހުއްޓި، ތާށިވެފާ ކަމަށެވެ.

މިހާރު ހިންގަމުންދާ ހުރިހާ ސިޔާސަތެއް ފަރުމާވެ ނިމި، ހިނގަމުން އެ ދަނީ، އޭގެ މައިބަދައަކީ ލާމަރުކަޒީ ނިޒާމު ކަމުގައި ކަނޑައަޅައިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ތިން ވަނަ ވިއަވަތި ކޮންފަރެންސްގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

"އެއީ އެ ހިދުމަތާ މި ހިދުމަތް، އެ ވިޔަފާރިއާ މި ވިޔަފާރި، އަދި އެ ރަށާ މި ރަށް، ގުޅިލާމެހިގެން ހިނގާ، އުފާވެރި ޖަޒީރާ ދިރިއުޅުމެއް ހޯދުމަށް. އަދި ތަނަވަސްކަމާއި ބާއްޖަވެރިކަން، މި ރަށްތަށްލައި ވަށާލުމަށް،" ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެ ވިއަވަތިވެ، ދިރިއުޅުން ޖަޒީރާވެ، އުފާފާގަތި ކަމާ ބާއްޖަވެރި ހަޔާތެއްގެ ނަސީބު ކޮންމެ ރަށެއްގެ ކޮންމެ ދިވެއްސަކަށް ވެސް ހައްގު ކަމަށެވެ.

މި ސަރުކާރުން ކުރަނީ އެ މަސައްކަތް ކަމަށާއި ރާއްޖެ ލާމަރުކަޒުކޮށް، ހިދުމަތްތަކާ ވަސީލަތްތަކާ ފުރުސަތުތަށް، އަމިއްލަ ރަށާ އަތޮޅާ ސަރަހައްދާ ގާތްކޮށް އަތުރާ ފަތުރާލުމަކީ ސަރުކާރު އަމާޒު ހިފާފަ ހުރި މިސްރާބު ކަމަށް ރައީސް ވިދާޅުވިއެވެ.

ވިއަވަތި ކޮންފަރެންސްގެ އެންމެ ބޮޑު ބޭނުމަކީ ލާމަރުކަޒީ ގާނޫނު ތަންފީޒު ކުރެވެމުންދާ ގޮތް ބަލާ ދެނެގަތުން ކަމަށް ވެސް އެމަނިކުފާން ވިދާޅުވިއެވެ. އަދި އެކަން ހިނގަނީ ރައްޔިތުން އެދޭ ގޮތަށްތޯ ކަށަވަރު ކުރުމަށް, ލިބޭ އާ ހިޔާލާ އިތުރު މަޝްވަރާތަކުގެ އަލީގައި، ކަންކަން ބަދަލުކޮށް އިސްލާހުކޮށް ފުރިހަމަ ކުރުމަކީ ވިއަވަތި ކޮންފަރެންސް ބޭއްވުމުގެ މުހިއްމު މަގުސަދެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެފަދަ ކޮންމެ ބައްދަލުވުމަކުން ވެސް ހާސިލުވުން އެދޭ މުހިންމު އަމާޒުތަކެއް ހުންނާނެ ކަމަށެވެ.

ތިން ވަނަ ވިއަވަތި ކޮންފަރެންސްގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

އެގޮތުން އެ ބައްދަލުވުންތަކުން ވެސް ހޯދަން ޖެހޭ ނަތީޖާތަކެއް ވާ ކަމަށާއި ހުރިހާ ކައުންސިލްތަކުން މިހާތަނަށް ވެސް ފާހަގަ ކުރާ އެއް ކަމަކީ ލިބޭ ބްލޮކް ގްރާންޓްގެ އަދަދު، ނުވަތަ މިންވަރުގެ ފަރަގު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ލާމަރުކަޒީ ނިޒާމް ސިފަކުރެއްވީ އާ ގޮތަކުން، މާ މޮޅު އަނެއް ގޮތެއް، ގެނެސްދޭ ނިޒާމެއްގެ ގޮތުގައެވެ.

ވިއަވަތި ކޮންފަރެސް ރަސްމީކޮށް މިއަދު ފަށާފައިވާއިރު އެ ކޮންފަރެންސްގައި ރައީސްއާއެކު ސަރުކާރުގެ އިސްވެރިންނާއި ދެކުނު އަތޮޅުތަކުގެ ކައުންސިލަރުންނާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވައެވެ.

މިފަހަރުގެ ވިއަވަތި ކޮންފަރެސް ކުރިއަަށް ދަނީ ލ. ގަމުގައެވެ.

comment ކޮމެންޓް