އެމްއެންޔޫގެ ''ފަހި ކުތުބުޚާނާ''އިން ރާއްޖޭގެ ތާރީޚު ތަފާތު ގޮތަކަށް

އެމްއެންޔޫ "ފަހި ކުތުބުޚާނާ" ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހުސައިން

ރާއްޖެއަކީ މުއްސަނދި ތާރީޚެއް އޮންނަ ގައުމަކަށްވާއިރު، ތާރީޚު ބަލައި ދިރާސާކުރުމުގެ މަސައްކަތް ކުރެވެނީ ވަރަށް މަދުންނެވެ.

ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ވެސް ތާރީޚާ ބެހޭ ގޮތުން އެނގެން ޖެހޭ ގިނަ މައުލޫމާތު ތަކެއް ނޭނގިވާއިރު، އެކުދިން އަމިއްލައަށް ތާރީޚާ ބެހޭ މައުލޫމާތު ހޯދައި ދިރާސާ ކުރުމަކީ ވަރަށް މަދުން ފެންނަ މަންޒަރެކެވެ.

މިފަހަރު އެމްއެންޔޫގެ "ފަހި ކުތުބުޚާނާ" ހަރަކާތުން ފެނިގެން ދިޔައީ ތާރީޚާ ބެހޭ މައުލޫމާތު ހޯދައި ދިރާސާކުރުމަށް އެމްއެންޔޫގެ ދަރިވަރުން ކުރި ތައުރީފު ހައްގު މަސައްކަތެވެ.

އެގޮތުން ރާއްޖޭގެ ތާރީޚާ ބެހޭ މައުލޫމާތު ތަފާތު ގޮތަކަށް ފޯރުކޮށްދީ އެމްއެންޔޫ އިން މިއަދު ވަނީ ފަހި ކުތުބުޚާނާގެ ނަމުގައި ހަރަކާތެއް އިފްތިތާހު ކޮށްފައެވެ.

އެމްއެންޔޫގައި މިއަދު ބޭއްވި އެ ހަރަކާތް އިފްތިތާހު ކޮށްދެއްވީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

އެމްއެންޔޫ "ފަހި ކުތުބުޚާނާ" ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހުސައިން

ފަހި ކުތުބުޚާނާގެ ނަމުގައި އެމްއެންޔޫ އިން މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގައި ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނުގެ އަތޮޅުތަކުގެ ތާރީޚާ ބެހޭ މުހިއްމު ގިނަ މައުލޫމާތުތަކެއް ތަފާތު ގޮތަކަށް ދައްކުވައިދީފައިވެއެވެ.

އެމްއެންޔޫ އިން ބުނީ އެއީ އެމްއެންޔޫ ދަރިވަރުންނާއި މުވައްޒަފުންގެ އިތުރުން ޚާއްސަކޮށް ލައިބްރަރީ މުވައްޒަފުންގެ ބުރަ މަަސައްކަތް ކަމަށެވެ.

އެގޮތުން ކޮންމެ އަތޮޅަކާ ބެހޭ މައުލޫމާތު ވަކިވަކިން ފެންނާނެހެން ސްޓޯލްތައް ވަނީ ބަހައްޓާފައެވެ. ވަރަށް މަދު ސްޓޯލެއްގަ ފިޔަވައި ދެން ހުރި ހުރިހާ އަތޮޅުތަކެއްގެ ސްޓޯލުތަކުގައި ވެސް ތިބީ އެ އަތޮޅަށް ނިސްބަތްވާ އެމްއެންޔޫގެ ދަރިވަރުންނެވެ.

ރާއްޖޭގެ ކޮންމެ އަތޮޅަކާ ބެހޭ ތާރީޚީ މައުލޫމާތު ފެންނަން ހުރިއިރު ހުރިހާ އަތޮޅުތަކެއްގެ މައުލޫމާތު އެއްކޮށް، އެ މައުލޫމާތު ދިން ދަރިވަރުން ބުނީ ކުރެވުނު މަަސައްކަތާ ދޭތެރޭގައި ހިިތްހަމަ ޖެހޭ ކަމަށެވެ.

ހުރިހާ ސްޓޯލެއްގެ ކުދިންނަށް ވެސް މައުލޫމާތު އެއްކޮށް އަދި ތައްޔާރުވާން ލިބުނީ ހަފުތާއެއްހާ ދުވަހުގެ މުއްދަތެކެވެ.

އެމްއެންޔޫ "ފަހި ކުތުބުޚާނާ" ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހުސައިން

އެކުދިން ބުނި ގޮތުގައި އެކުދިން ނިސްބަތްވާ ރަށް ހިމެނޭ އަތޮޅާއި އެ އަތޮޅުގެ އެހެން ރަށްރަށާ ބެހޭ ގޮތުން މީގެ ކުރިން ނޭނގޭ ކިތަންމެ މައުލޫމާތެއް ލިބުނު ކަމަށެވެ.

"ހީނުކުރަން އެހާ އިންޓްރެސްޓިން ވާނެ ކަމަކަށް. އަމިއްލަ އަތޮޅުގަ ވެސް ނޭނގޭ ކިތަންމެ ކަމެއް. އޭރު އަދި ރިއަލައިޒްވީ އިތުރު ވަގުތު ލިބުނު ނަމަ މިއަށްވުރެ ގިނަ މައުލޫމާތު ލިބޭނެ ކަން. ވަރަށް ކުރާހިއްވާ ކަމަކަށް މިހާރު މިކަން ވެއްޖެ. ތާރީޚާ ބެހޭ މައުލޫމާތު ހޯދުން،" ހއ. އަތޮޅަށް ނިސްބަތްވާ އެ އަތޮޅުގެ ތާރީޚު ހޯދުމުގެ މަސައްކަތް ކުރި ކުއްޖަކު ބުންޏެވެ.

އެމްއެންޔޫގެ އެ ހަރަކާތަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ތެރެއިން ރާއްޖޭގެ ތާރީޚު އިތުރަށް ހޯދައި ދަސްކުރަން ބޭނުންވާ ކަމަށް އެކުދިން ބުންޏެވެ.

ހަމައެއާއެކު ރާއްޖޭގެ ތާރީޚަކީ ކިހާ މުއްސަނދި އެއްޗެއްކަން ވެސް އެނގިއްޖެ ކަމަށާއި ސްކޫލުގައި ކުދިންނަށް ކިޔަވައިދޭ މަންހަޖުގެ ތެރެއިން ދިވެހި ތާރީޚު ކިޔަވައިދޭނަމަ ކުދިން ދިވެހި ބަހަށް ޝައުގުވެރިވާނެ ކަމަށް ވެސް އެކުދިން ބުންޏެވެ.

ގިނަ ފަހަރަށް ކިޔަވާ ކުދިންނަށް ތާރީޚު އެނގުމަކީ ކިހާ މުހިއްމު ކަމެއްކަން ނޭނގޭ ކަމަށާއި އެމްއެންޔޫން ހިންގި އެ ހަރަކާތުގެ ސަބަބުން ތާރީޚު ދަސްކުރުމުގެ މުހިއްމުކަން އެނގިއްޖެ ކަމަށް އެކުދިން ބުންޏެވެ.

އެމްއެންޔޫ "ފަހި ކުތުބުޚާނާ" ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހުސައިން

"އަސްލު ވަރަށް ޕްރައުޑްވޭ ދޯ. ކުރިން ނޭނގޭ ބައިވަރުކަންކަން އެނގި ދަސްވެއްޖެ. އަނެއްކާ އެ ލިބުނު މައުލޫމާތު އެެހެން ބަޔަކަށް ކިޔައިދިނުމުގެ ފުރުސަތު ވެސް މި ހަރަކާތުން އެބަ ލިބޭ. ވަރަށް އުފާވޭ އެކަމާ. މި އެނގުނު މައުލޫމާތުގެ ސަބަބުން އިތުރަށް ތާރީޚު ދަސްކުރަން ވެސް ޝައުގެވެރި ކުރުވާ،" ގދ. އަތޮޅުން އެ ހަރަކާތުގައި އުޅުނު ކުއްޖަކުން ބުންޏެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކެއްގެ ތާރީޚާ ބެހޭ ގިނަ މައުލޫމާތުތަކެއް އެއްތަނަކުން ލިބޭނެ ހަރަކާތަކަށް ފަހި ކުތުބުޚާނާ ހަރަކާތް ވެގެންދިޔަ ކަމަށް ގަބޫލު ކުރާ ކަމަށް އެމްއެންޔޫ އިން ބުންޏެވެ.

ފަހި ކުތުބުޚާނާ ހަރަކާތުގެ މަގުސަދަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޖުމްލަގޮތެއްގައި އެންމެހައި އަތޮޅުތަކުގައި ހުރި އެކި ކަހަލަ މަޢުލޫމާތުތަކާއި ރަށްތަކާ ބެހޭގޮތުން ނޭނގޭ ބައިވަރު އެކިކަހަލަ މައުލޫމާތު އާންމުންނާ ހިސާބަށް ފޯރުކޮށްދިނުން ކަމަށް އެމްއެންޔޫއިން ބުންޏެވެ.

ހަމައެއާއެކު، ލައިބްރަރީ ނުވަތަ ކުތުބުޚާނާއަކީ މައުލޫމާތު ފަތުރައި މައުލޫމާތު ހޯދުމަށް އޮތް މަގެއްކަމުގައިވާތީ އެ ހަރަކާތުގެ އަލީގައި ރާއްޖޭގެ އެންސައިކްލޮޕީޑިއާއެއް ރިއަލް ޓައިމްގައި ތަޖުރިބާކޮށްލައި ރާއްޖޭގެ އަތޮޅުތަކާ ގުޅުވާލަދީ ޒިޔާރަތް ކޮށްލެވޭ އިޙްސާސް ކޮށްލަދެވޭނެ ގޮތަކަށް އެއްތާކުން މައުލޫމާތު ހޯދާ ބަލާލެވޭނެފަދަ މާހައުލެއް ގާއިމުކޮށްދިނުމަކީ ވެސް އެ ހަރަކާތް ކުރިއަށް ގެންދިއުމުގެ މުހިއްމު މަގުސަދެއްކަމަށް އެމްއެންޔޫއިން ބުންޏެވެ.

އެމްއެންޔޫ "ފަހި ކުތުބުޚާނާ" ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހުސައިން

މިއަދު ހަވީރު ފަހި ކުތުބުޚާނާ ހަރަކާތް ހަރަކާތް ރަސްމީކޮށް އިފްތިތާހުކޮށްފައިވާއިރު އެ ހަރަކާތް ވަނީ ހަވީރު 15:45 ފެށިގެން 18:00އަށް ކުރިއަށް ގެންގޮސްފައެވެ.

ހަމައެއާއެކު މިރޭ 20:00 ފެެށގެން 22:00އަށް ވެސް އެ ހަރަކާތް ކުރިއަށް ދާނެއެވެ.

އެ ހަރަކާތަށް ކޮންމެ މީހަކަށް ވެސް ޒިޔާރަތް ކުރެވޭނެއެވެ.

comment ކޮމެންޓް