ތިމާގެ އަމިއްލަ ނަފުސަށް ހެޔޮއެދޭ މީހާ ހެޔޮ އަމަލު ކުރުމުގައި ފަސްޖެހިގެން ނުވާނެ

މަސްހޫރު ދީނީ އިލްމްވެރިޔާ މުފްތީ މެންކް ހުކުރު ހުތާބަ ދެއްވާ، އިމާމުވެ ކުރެއްވި ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތިމާގެ އަމިއްލަ ނަފުސަށް ހެޔޮއެދޭ މީހާ، ހެޔޮ އަމަލު ކުރުމުގައި ފަސްޖެހިގެން ނުވާނެކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނީ ހިސާބު ބައްލަވާ ދުވަހު ކޮންމެ މީހަކު ކޮށްފައިވާ ޢަމަލުތައް ލިޔެފައިވާ ފަތް އެމީހަކު ދެކޭނެ ކަމަށެވެ. އަދި ކިތަންމެ ކުޑަ އަމަލެއް ވިޔަސް އަދި ކިތަންމެ ބޮޑު އަމަލެއް ވިޔަސް އެމީހެއްގެ ފަތުގައި ލިޔެފައި ވާނެ ކަމަށް ބުންޏެވެ. އެހެންކަމުން ތިމާގެ އަމިއްލަ ނަފުސަށް ހެޔޮއެދޭ މީހާ ހެޔޮ އަމަލު ކުރުމުގައި ފަސްޖެހިގެން ނުވާނެކަމަށް ޚުތުބާގައި ބުންޏެވެ.

އާހިރަތް ދުވަހަށް އީމާން ވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އާޚިރަތް ދުވަހަށް އީމާންވުމަކީ އެއީ އަންނާނޭ ދުވަހެއްކަމާއި، ފުރާނަ ހުރި ހުރިހާ އެއްޗެއް މަރު ހިއްޕަވާ އެޔަށްފަހު ފުރާނަ އަޅުއްވާ މަހުޝަރަށް ފޮނުއްވާނޭކަމާ އަދި ހައްގަށް ނިޔާކުރައްވާނޭކަން ގަބޫލުކުރުމެވެ.

އާޚިރަތް ދުވަހަށް އީމާންވުމުގެ ހަގީގަތްތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ދުނިޔޭގައި އިންސާނާ ކުރާ އަމަލުތައް ފަތެއްގެ ގޮތުގައި އޭނާ ދެކޭނޭކަމަށް އީމާންވުން ކަމަށް ޚުތުބާގައި ބުންޏެވެ.

"މީސްތަކުންނަށް ކިތަންމެ ވަންހަނާކޮށް ކުރާ ޢަމަލެއްކަމުގައި ވިޔަސް ކީރިތިވަންތަ މާތް ﷲ މޮޅަސް ދެނެވޮޑިގެންވެއެވެ،" ޚުތުބާގައި ބުންޏެވެ.

އެހެން ކަމުން އިންސާނާގެ އުޚުރަވީ ހަޔާތުގެ ބާއްޖަވެރިކަން ބިނާވެފައިވަނީ ދުނިޔޭގައި ކުރާ ޢަމަލުތަކުގެ މައްޗަށްކަމަށް ވީހިނދު، ބުއްދިވެރިންނަކީ ހެޔޮ ޢަމަލުކުރުމުގައި ކުރިއަރައިދާ މީހުން ކަމަށް ޚުތުބާގައި ބުންޏެވެ.

"ހެޔޮ ޢަމަލަކީ މާތް ﷲގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރުމާއި، އެކަލާންގެ ނަހީކުރެއްވި އެންމެހާ ކަންތައްތަކުން ދުރުވެ ރައްކާތެރިވުމެވެ،" ޚުތުބާގައި ބުންޏެވެ.

އެގޮތުން ޚުތުބާގައި ވަނީ ﷲގެ ހަޟުރަތަށް ބިރުވެތިވެ ތަގުވާވެރިވުމަށް ނަސޭހަތްތެރިވެފައެވެ. އަދި ނަރަކައިގެ ވޭންދެނިވި ޢަޒާބަށް ބިރުވެތިވެ، ގިނަގިނައިން ހެޔޮ ޢަމަލުކުރުމަށް ގޮވާލާފައެވެ.

comment ކޮމެންޓް