އިނގިރޭސި ރަސްކަމާ ޕްރިންސް ޗާލްސް ހަވާލުވެވަޑައިގެންފި

އިނގިރޭސި ރަސްކަމާ ހަވާލުވެވަޑައިގަތް ޕްރިންސް ޗާލްސް --- ފޮޓޯ/ އޭއެފްޕީ

އިނގިރޭސި ރަސްކަމާ ޕްރިންސް ޗާލްސް ހަވާލުވެވަޑައިގެންފިއެވެ.

ޕްރިންސް ޗާލްސް ރަސްކަމާ ހަވާލުވެވަޑައިގަތް އިރު އެމަނިކުފާނުގެ އުމުރުފުޅުން މިހާރު 73 އަހަރެވެ. އެހެންކަމުން ޗާލްސްއަކީ އިނގިރޭސި ރަސްކަމާ އެހާ ދޮށީ އުމުރެއްގައި ހަވާލުވެވަޑައިގެންނެވި ފުރަތަމަ ބޭފުޅާއެވެ.

އިނގިރޭސިވިލާތުގައި ރަސްކަލަކު ނުވަތަ ރަނިކަނބަލަކު އަވަހާރަވުމުން ދެން ރަސްކަމަށް ނުވަތަ ރަނިކަމަށް އިސްކުރާނެ ބޭފުޅަކު ރަސްމީކޮށް އިއުލާންކުރަން 'އެސެޝަން ކައުންސިލް' ކިޔާ ހާއްސަ މަޖިލީހެއް އުފައްދާފައި އޮވެއެވެ. އެ ކައުންސިލުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި، ޗާލްސްއަކީ ރަސްގެފާނުކަން އިއުލާންކުރާނެއެވެ.

އެ ރަސްމިއްޔާތު ބާއްވާނީ ލަންޑަނުގައި ހުންނަ ސެއިންޓް ޖޭމްސެސް ޕެލެސްގައެވެ.

އެ ރަސްމިއްޔާތަށް އާންމު ގޮތެއްގައި އާ ރަސްގެފާނު ހާޒިރުވެވަޑައެއްނުގަންނަވާނެއެވެ.

އެސެޝަން ކައުންސިލުގައި ހިމެނެނީ ގާނޫނު ހަދާ މަޖިލީހުގެ ބައެއް އިސް މެންބަރުންނާއި ބައެއް އިސް ސިވިލް ސާވެންޓުންނާއި ކޮމަންވެލްތުގެ ހައި ކޮމިޝަނަރުންނާއި ލަންޑަންގެ ލޯޑް މޭޔާއެވެ.

ޗާލްސްއަކީ ރާނީ އެލިޒަބަތާއި ޑިޔުކް އޮފް އެޑިންބާގް ޕްރިންސް ފިލިޕަށް ލިބިވަޑައިގެންނެވި ހަތަރު ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ބޭފުޅާއެވެ.

ޗާލްސް ވަނީ ޔުނިވަސިޓީ އޮފް ކޭމްބްރިޖުން ބެޗްލާ އޮފް އާޓްސް ޑިގްރީއެއް ހާސިލުކުރައްވާ، ރޯޔަލް އެއާ ފޯސް އާއި ރޯޔަލް ނޭވީގައި 1971އިން 1976އަށް ޚިދުމަތް ކުރައްވާފައެވެ.

ޗާލްސް 1981ގައި ލޭޑީ ޑަޔާނާ ސްޕެންސާ ކައިވެނިބައްލަވައިގެންނެވިއެވެ. އެ ކައިވެންޏަށް ދެ ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ ޕްރިންސް ވިލިއަމްއާއި ޕްރިންސް ހެރީއެވެ.

ޗާލްސްއާއި ޑަޔާނާ ކައިވެނިބައްލަވައިގެން އުޅުއްވި ދުވަސްވަރު ދެ ބޭފުޅުން ވެސް ކައިވެނިން ބޭރުން ލޯބީގެ ގުޅުންތައް ބޭއްވެވި ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަދި 1996ގައި ދެ ބޭފުޅުންގެ ކައިވެނި ނިމުމަކަށް ގެންނެވިއެވެ. އޭގެ އަހަރެއް ފަހުން ކާރު އެކްސިޑެންޓެއްގައި ޑަޔާނާ އަވަހާރަވިއެވެ.

އެއަށް ފަހު 2005ގައި ޗާލްސް މިހާރުގެ އަނބިކަނބަލުން ކެމިލާ ޕާކާ ބޮވެލްސްއާ ކައިވެނިބައްލަވައިގެންނެވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު