މައާފު އެދެމޭ ޔާރާ... 20

އަހަރެމެންނާއި ދިމާއަށް ފުރަތަމަ ބަލައިލީ ޔާނިޝްއެވެ. އޭގެ ފަހުގައި މިރާންއެވެ. އަހަންނަށް އިސްޖަހައިލެވުނު ގޮތްވެސް ނޭނގުނެވެ. މިރާން އެގޭގައި ކުރަނީ ކީއްބާއެވެ. ޔާނިޝް އާއި ދެމީހުންގެ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ޔާނިޝްގެ ގޯސް ވާހަކަ އަހަރެންގެ ކައިރީގައި ދެއްކީ މިރާންއެވެ. އަނެއްކާ އެއީ މިރާން އާއި ޔާނިޝް ގުޅިގެން ރޭވި ރޭވުމެއްގެ ދަށުން ކުރި ކަމެއް ހެއްޔެވެ؟ ނޫނީ އަހަރެންގެ ގޮތް ބެލުމަށް ކުރި ކަމެއް ހެއްޔެވެ؟

*********

ހަތަރުމީހުން ކާންއެރީ އެއްކޮށެވެ. ޔާނިޝް އަހަރެންގެ ކައިރީގައި އިންއިރު، ފިޒާ އިނީ މިރާންގެ ކައިރީގައެވެ. އެ ދެމީހުން ތިބީ އަހަރެމެންގެ ކުރިމަތީގައެވެ. މިރާން ދޭތެރެއަކުން އަހަންނަށް ބަލައިލައެވެ. ހެނދުނެކޭ އެއްވަރަށް ރޭގަނޑުވެސް މޭޒުމަތީގައި ކާއެއްޗެހި އަތުރާފައި ހުއްޓެވެ. މުޅި ސުފުރާމަތި އެއްވަސް ކުރުވާފައިވީ ފިހުނުމަހުގެ މީރުވަހުންނެވެ.

"ތިއްތަ މީ ފިހާރައަށް ގެންދެވޭވަރުގެ މީހެއް ނޫން..." ކާން އިނދެފައި ފިޒާ ފެށި ވާހަކައަކުން، އަނގަޔަށް ލީ އެތިކޮޅު އަރުތެރޭގައި ތާށިނުވީ ކިރިޔާއެވެ.

މިރާން އާއި ޔާނިޝްގެ ނަޒަރު އެއްފަހަރާ ކަހަލަ ގޮތަކަށް އަހަންނަށް ހުއްޓުނު ކަން އެނގުނެވެ. ފިޒާއަށް ލޮލުން އިޝާރާތްކޮށްލި ނަމަވެސް، އޭނާ ދައްކަމުންދިޔަ ވާހަކަ ހުއްޓައެއް ނުލިއެވެ.

"ފިހާރައިގެ ބޭރުން ބަލާލާފަ އެބަ ބުނޭ ތިތާ އެއްޗެހި އަގުބޮޑުވާނެއޭ... ތިއްތިއަށް އެނގޭތަ، މިއަދުވެސް މި މިރާން އުޅޭ ފިހާރައަށް ވެއްދުނީ ހާލަކުންނޭ..." ފިޒާ ހީހީފައި ވާހަކަތައް ކިޔައިދެމުން ދިޔައެވެ.

އަހަރެން ކޮށި އެރިއެވެ. އަނގައިގައި ހުރި ކާއެއްޗެހިތައް މޭޒުމައްޗަށް ބުރައިގެން ނުދިޔަކަން އެއީ ނަސީބެވެ. ފިޒާ ހާދަ އަނގަގަދައެވެ. އެ ކުއްޖާ ހުއްޓާނީ ހަމަ ރަނގަޅަށްވެސް އަހަރެން ފަޟީހަތްކޮށްލާފައެވެ.

އަހަންނަށް ފެންތަށި ކައިރިކޮށްދިނުމަށް، އަތް ދިށްކޮށްލީ މިރާން އާއި ޔާނިޝް އެކުގައެވެ. ފުރަތަމަ ފެންތަށީގައި އަތްޖެހުނީ ޔާނިޝްގެއެވެ. މިރާން ތެދުވެލާފައި އިށީންތަން ފެނުނެވެ. ފިޒާ ފަހަރަކު މީހަކަށް ބަލައިލިއެވެ. ހުރިހާ ހާސްކަމަކާއި ކުރިމަތިލާން ޖެހުނީ އަހަންނަށެވެ. ފެންތަށީގައި ތުން ޖެހިގޮތަށް، ބޮއެ ހުސްކޮށްލެވުނު ގޮތްވެސް ނޭނގުނެވެ.

"ތިވަރަށް ފެން ބޮއެފަ ތިއްތައަކަށް ނުއެއް ކެވޭނެ..." ފިޒާ ބުނެލިއެވެ.

"ފިޒައްކޮއަށްވެސް އެއްޗެއް ކެވޭނީ ތި އަނގަ ހުއްޓާލައިގެންނޭ... ހަމަ ބޮލިރަވައެކޭ އެއްގޮތް... އެހެން މީހުން އެއްޗެއް ކާންވެސް ފުރުސަތު ނުދޭ... ކާއިރު އެހާ އަނގަގަދަކުރާ އެއްޗެއް ނޫން..." ޔާނިޝްގެ އަޑުގައި ސަމާސާގެ އަސަރެއެއް ނެތެވެ.

ޔާނިޝް އެހާ ބޮޑު ކަމަކަށް އެކަން ހެދުމުން، އަހަންނަށް ހައިރާން ކަމެއް ލިބުނެވެ. ޔާނިޝް ހިތްހަމަނުޖެހުނީ ކީއްވެބާއެވެ. އަހަރެން ކޮށި އެރުމުން ހެއްޔެވެ؟ ނޫނެކެވެ. އަހަންނަށް ކަމެއް ވެގެން ޔާނިޝް ހިތްހަމަނުޖެހެންވީ އެއްވެސް ސަބަބެއް ނެތެވެ. އަހަންނަށް ވިސްނުނީ ފިޒާ އާއި މެދުގައެވެ. އެންމެންގެ ތެރޭގައި ފިޒާ ލަދުގަތްކަން އެނގުނީ، އަނގަޔަށް ލާން އިން ބަތް ސަމުސާ ތަށި ތެރެއަށް ދޫކޮށްލި ތަން ފެނުމުންނެވެ.

ފިޒާ ފަހަރަކު މީހަކަށް ބަލައިލާފައި، އިތުރު އެއްޗެއް ނުބުނެ ކާން ފެށިއެވެ. އަހަރެން ކެއީ ގަދަކަމުންނެވެ. ފިޒާގެ އަނގަގަދަކަމުން އަބަދު އިންނަންޖެހުނީ ސިހިސިހިއެވެ. ފިޒާއަކީ މަޑުން އިނދެފައިވެސް ކޮންމެވެސް ކަހަލަ ވާހަކައެއް ފަށާލަފާނެ ކަހަލަ ކުއްޖެކެވެ. އަނެއްކޮޅުން މިރާންގެ ކުރިމަތީގައި އަރުން އެއްޗެއް އެތެރެ ކުރުންވެސް ވީ ވޭނަކަށެވެ. ދޭތެރެއަކުން އެ ނަޒަރު އަހަންނަށް ހުއްޓޭކަން އެނގެއެވެ. އެކަމަކު އެންމެ ފަހަރަކުވެސް މިރާން އާއި ދިމާއަށް ބަލައިލާނެ ހިތްވަރެއް ނުލިބުނެވެ.

ކައި ނިންމައިލިގޮތަށް އަހަރެން ދިޔައީ ސިންކު ކައިރިއަށެވެ. ރިހަ އާއި ގަރުދިޔަ އަދި ހަނާކުރިމަހަށް ހޫނުކުރަން ފިޒާ ހުރީ އުނދުން ކައިރީގައެވެ. އޭރުވެސް އޭނާ ދިޔައީ ޔާނިޝް އާއި ދިމާއަށް ކުދި ކިޔަމުންނެވެ. މިރާން އެގެއިން ފެނުމުން އަހަރެން ހުރީ އެކަމާއި ބެހޭގޮތުން ފިޒާ އާއި ސުވާލުކުރަން ބޭނުންވެފައެވެ. އަނެއްކޮޅުން ފިޒާ ދެރަވެފައި ހުރިހެން ހީވުމުން، ގާތްކޮށް ވާހަކަ ދައްކާލަންވެސް ބޭނުންވިއެވެ.

"މިގޭ މީހުން ކޮބާ؟..." އަހަރެން ވާހަކަ ފެށީ ދުރުދުރުންނެވެ.

"މަންމަމެން ވީ ތުއްތަ ގެޔަށް ގޮއްސަ... ތުއްތަ ވިހައިގެން އުޅޭތީ ގަދަވެލަންދެން އެގޭގަ ދެން އުޅޭނީ..." ފިޒާ ބުނެލިއެވެ. "ރައުފައްތަ ނިދާނެ އަށެއް ނުޖަހަނީސް... އަނައްކޮއަށް ކާންދީފަ ނިންދަވާލާނެ ހަތެއް ޖަހަންވާއިރަށް... ދެން އުޅޭނީ ކުޑަބޭބެމެން... އެމީހުން ވީ ތުލުސްދޫގަ... ކުޑައްތަ އެއީ ތުލުސްދޫ މީހެއް... ބައެއް ފަހަރު އެހެން ގޮސް މަހެއް ފަހުންވެސް އައިސްދާނެ... ނޭނގޭނެ އެމީހުން އުޅޭގޮތެއް... ދެން މިދުވަސްކޮޅަށް ގެ ފަޅުވީ މި... އަށެއްގެ ފަހުން އަހަރެމެން ބޭނުން ވަރަކަށް ރަސްކަން ކުރަންވީ..."

އަހަރެން އުއްމީދުކުރި ވަރަށްވުރެ މާގިނަ ތަފުސީލް ފިޒާ ދިނެވެ. އެންމެ ސުވާލަކުން ހުރިހާ ވާހަކައެއް އެއްފަހަރާ ދައްކާ ނިންމާލިއެވެ. އެވަރުންވެސް އަހަރެން ބޭނުންވި ޖަވާބެއް ނުލިބުނެވެ. އަހަރެން ބޭނުންވީ މިރާން އެގޭގައި ކުރާ ކަމެއް އެނގޭށެވެ. އަނެއްކާ މިރާންއަކީ އެގޭ މީހެއް ހެއްޔެވެ؟ އެކަމަކު ކައިވެނީގެ ހަފްލާއަށް މިރާން ނައީ ކީއްވެ ހެއްޔެވެ؟

"ތިއްތައެކޭ އެއްވަރަށް ތިއްތިވެސް ރަނގަޅުވާނެނަމަ..." ފިޒާ މައުޟޫއު ބަދަލުކޮށްލިއެވެ.

"ފިޒާ ތީ ވަރަށް ސްވީޓް ކުއްޖެއް..." ފިޒާ އާއި ކުޑަކޮށް ގާތްވެލާފައި އަހަރެން ބުނީމެވެ.

"ތިއްތައަށް އެނގޭތަ؟... ތިއްތިގަނޑު އެހެން އުޅޭތީއޭ މީހުން ލޯބިނުވަނީ..." ފިޒާ ތުންދަމާލައިގެން ހުރެ ބުނެލިއެވެ. "އެހެންވެ އެއްވެސް މީހަކު ތިއްތި ކައިރީ ނުހުންނަނީ..."

"އޭނ؟..." އަހަރެން ސިހުނެވެ.

"އާނ... ގޭ އެންމެންވެސް ތިއްތިދެކެ ރުޅިއާދޭ... ހަމަ ތިއްތި އުޅޭގޮތުން ރުޅި އަންނަނީ... ފިޒާ އެކަނި ތިއްތިއަށް އަޅާލަނީ... ސަޕޯޓްދެނީ... އެކަމަކު އެހުރީ ފިޒާއާ ދިމާއަށް ކިޔާ އެއްޗެހި... މީހުން ކުރިމަތީވެސް ނުބަލާ...." ޖަޒުބާތުގައި ޖެހި ފިޒާގެ ހިތުގެ އުދާސްތައް ބަންޑުންވާން ފެށިއެވެ.

އެއީ އަހަރެން އެދިއެދި ހުރި ފުރުސަތެކެވެ. ހަގީގަތް ހޯދަން އެއަށްވުރެ މޮޅު ދަނޑިވަޅެއް ދެން ލިބޭނެކަމެއް ނޭނގެއެވެ. އަހަރެން ފިޒާއާއި ގާތްވެލީމެވެ. ކޮނޑުމަތީގައި އަތް ބާއްވާލައި މަޑުމަޑުން ފިރުމައިލީމެވެ.

"ސީކްރެޓެއް ބުނަންތަ؟..." ފިޒާ ދެކޮޅު ހޯދައި ބަލައިލިއެވެ. "ތިއްތަ ޕްރޮމިސް ކުރޭ މިގެއިން ނުދާނަން ކަމަށް... އޭރުން ބުނާނީ..."

"އޯކޭ..." ހިތް ތެޅެމުންދިޔަ ހާލު އަހަރެން އެއްބަސްވީމެވެ.

"އެއްވެސް މީހެއް ކައިރީ ނުބުނައްޗޭ..." ފިޒާ ބުނެލިއެވެ.

އަހަރެން ބޯ ޖަހައިލީ ދެ ފިކުރެއްގައި ހުރެފައެވެ. އޭގެ ކުރިން، މީހެއްގެ ކައިރީގައި ނުބުނުމަށް އެދިފައި ދުވަހަކުވެސް އަހަރެންގެ ކައިރީގައި މީހަކު ވާހަކައެއް ބުނެފައި ނުވެއެވެ.

"އަނައްކޮ މަމް އިޒް ޑެޑް..." ފިޒާ އަހަރެންގެ ކަންފަތް ކައިރީގައި ވައި އަޑުން ބުނެލިއެވެ. "ބިރު ނުގަންނައްޗޭ... މީހުން ބުނަނީ މަރާލީއޭ..."

"އޭނ؟..." އަހަރެން ދިޔައީ ސިއްސައިގެންނެވެ.

ހާސްވެގެން އަހަރެންގެ ނިތްކުރިމަތިން ދާހިއްލާލިއެވެ. ދެފައި ތުރުތުރު އަޅައިގަތެވެ. ކަބަޑުގައި އަތް އަޅުވައި ނުލެވުނުނަމަ، އަހަރެން ހުރި ތަނަށް ތިރިވީސްކަން ގައިމެވެ. އަހަންނަށް ހީވީ، އުޑާއި ބިމާއި ދެމެދު ފިތެމުންދިޔަ ހެންނެވެ. ވަށައިގެންވި މަންޒަރު ފުސްވިއެވެ. އަހަންނަށް މި ފުންމައިލެވުނީ ކޮންފަދަ ބިރުވެރި އަނދިރިގަނޑަކަށް ހެއްޔެވެ؟ ފިޒާ ބުނި ވާހަކަ އާއި މިރާންގެ ވާހަކަ ގުޅުވައިލެވުނެވެ. ޔާނިޝްގެ އާއިލާއިން އަހަރެމެންގެ ކައިވެނި އެހާ އަވަސް އަރުވާލާފައި ކުރުވީ ކީއްވެކަން މިހާރު އަހަންނަށް ވަރަށް ސާފެވެ. އެމީހުންގެ ބޭނުމަކީ، އަހަންނަށް ހަގީގަތް އެނގުމުގެ ކުރިން މަތިޖަހައި ފޮރުވުމުވެ.

"ތިއްތާ... ތިއްތަ ޔަގީންތަ މިގެއިން ނުދާނަން ކަން..." ފިޒާ އަހަރެންގެ ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ.

ސިހިފައި ފިޒާގެ އަތް ފޮޅުވައިލެވުނު ގޮތްވެސް ނޭނގުނެވެ. އަހަރެން ހުރީ ބިރުން މާނޭވާ ލެވޭވަރު ވެފައެވެ. ވަށައިގެން ހިނގަމުންދިޔަ އެއްވެސް ކަމެއް ނޭނގެއެވެ. މީހާ ހަމައަކަށް އެޅެން އިރުކޮޅެއް ނެގިއެވެ. އޭރު ފިޒާ ހުރީ ފެންކަޅިވެފައެވެ. ބުނެވުނު ވާހަކައިން މޮޔަ ހީވެފައިކަން ޔަގީނެވެ.

"ސޮރީ... ކުޑަކޮށް ބިރުގަތީ..." އަހަރެން މައާފަށް އެދުނީމެވެ.

"ފިޒާއަށް އެނގޭ މިހެން ވާނެކަން.... ތިއްތި ބުނިހެން ފިޒާ މާ އަނގަގަދައީ..." ފިޒާ އިސްޖަހައިލިއެވެ.

"ނޫން... ފިޒާ ތި ކަންތައް ކުރީ އެންމެ ރަނގަޅަށް... މީހުންނަށް ހަގީގަތް އޮޅުވާލާކަށް ނުވާނެ... އެއީ ފާފައެއް..." އަހަރެން ބުނެލީމެވެ.

ފިޒާގެ އިތުބާރު އަހަންނަށް މުހިއްމެވެ. ކުރިއަށް އޮތް ތަނުގައި އަހަންނަށް މަދަދުވާނެ މީހަކު އެގޭގައި ހުންނަން ޖެހޭނެއެވެ. ކަރުނަ ފޮހެލާފައި ފިޒާ ހިނިތުންވެލިއެވެ. އެ މޫނުމަތީގެ އަސަރުތައް ބަދަލުކޮށްލިލެއް އަވަސްކަމުން، ދެންމެ ކަމެއް ވީހެންވެސް ހީނުވެއެވެ.

"ތިއްތަ ވަރަށް އަވަހަށް ނިދަންތަ؟..." ފިޒާ ސުވާލުކުރިއެވެ.

"ކިހިނެއްވީ؟..." އަހަރެން އަހައިލީމެވެ.

"ހިނގާ ބޭރަށް ނުކުމެލަން.. މަންމަމެން ނެތިއްޔާ ބޭރުގަ އުޅެވޭނެ ބޭނުން އިރަކު... ދޮންބޭބެ ކާރުވެސް އެބައޮތް... ތިއްތަ ދަންޏާ، ތިއްތި އޯކޭކޮށްލެވޭނެ..." ފިޒާ ބުނެލިއެވެ.

"މިހާ ވިއްސާރައިރު..." އަހަންނަށް ބުނެވުނީ އެހިސާބަށެވެ.

"އޯކޭވާނެއޭ... ތިއްތަ މިތަން ސާފުކޮށްލަންވާއިރަށް މި އަންނަނީ ތިއްތިމެން އޯކޭކޮށްލާފަ..." ފިޒާ ދުވެލާފައި ކަހަލަ ގޮތަކަށް ބަދިގެއިން ނުކުތެވެ.

އަހަރެން ހުރީ ބޭރަށް ދާ ކަހަލަ މޫޑެއްގައެއް ނޫނެވެ. އެނގުނު ހަގީގަތެއްގެ ސަބަބުން އަހަރެންގެ މުޅި ތަބީއަތު ހަރާބުވެއްޖެއެވެ. ހަމަ ރަނގަޅަށްވެސް ޔާނިޝް އާނާގެ މަންމަ މަރާލީ ހެއްޔެވެ؟ ޔާނިޝްއަކީ އެހާ ނުބައި މީހެއް ހެއްޔެވެ؟ މީހާގެ ބޭރުފުށަށް ބަލާލާފައި ހަގީގަތެއް ނޭނގޭނެއެވެ. ކޭ އެތިކޮޅު ހޮޑަށް އަންނަވަރުވިއެވެ. ކޮޅަށް ހުރުމަށް އުނދަގުލެވެ. އެކަމަކު، ޔާނިޝް އާއި އެއްކޮޓަރިއެއްގައި އުޅުމަށްވުރެ ބޭރަށް ދިޔުންވެސް ބުއްދިވެރިއެވެ.

ވާރޭ ހުއްޓާލާފައި އޮތްނަމަވެސް، މޫސުން ގޯހެވެ. ވައި ބާރެވެ. ބޭރަށް ނުކުމެލުމުން، ހަށިގަނޑު ރޫރޫއަޅާވަރު ވެއެވެ. ކާރު ދުއްވަން އިނީ މިރާންއެވެ. ޔާނިޝް އިނީ ފަހަތުގައެވެ. އަހަރެން އުޅުނީ ކުރިއަށް އަރާށެވެ. އޭގެ ކުރިން ފިޒާ ކުރީ ޝީޓުގައި އިށީނުމުން، އަހަންނަށް ޖެހުނީ ޔާނިޝްގެ ކައިރީގައި އިށީންނާށެވެ. އަހަރެން އިށީނީ ޔާނިޝް އާއި ވީހާވެސް ދުރުގައެވެ. ޔާނިޝްވެސް ކޮންމެހެން ކައިރިވާކަށް ނޫޅުނެވެ.

ކާރުގައި ޖަހާފައި ހުރީ ލުއި މިއުޒިކެކެވެ. މިރާން ދޭތެރެއަކުން ލޯގަނޑުން ފަހަތް ބަލައިލައެވެ. ނުބަލަން އުޅުނަސް، އަހަންނަށްވެސް ދޭތެރެއަކުން ބަލައިލެވެއެވެ.

"ހުޅުމާލެއަށް ދޯ ދާނީ..." ފިޒާ ބުނެލިއެވެ. "މަލްތަވެސް ބުނި ދާނަމޭ..."

"މިހާ ވައިބާރު އިރު ނުދެވޭނެ ހުޅުމާލެއަކަށް..." ޔާނިޝް ވަގުތުން ދެކޮޅުހެދިއެވެ.

މިރާން ލޯގަނޑުން އަހަންނަށާއި ޔާނިޝްއަށް ބަލައިލިއެވެ. އަހަރެންގެ މޫނުގެ ކުލަވަރު ތަރުޖަމާކޮށްލާ ފަދައިންނެވެ.

"ފޫހިވާ ތިއްތި.... އެހެންވިއްޔާ ދާނީ ފްލާވާ ގާޑަންއަށް... މިފަހަރު ނޯ ނުބުނެވޭނެ..." ފިޒާ ނުރުހިފައި ބުނެލިއެވެ. "މަލްތަ ނަގަން އެގޭ ކައިރިއަށް މަޑުކޮށްލާތި..."

އަހަރެން އިނީ ވާނުވާ ނޭނގިފައެވެ. ކާރު ގޮސް ހުއްޓައިލީ އުސް އިމާރާތެއްގެ ކުރިމައްޗަށެވެ. ދޮރުމަތީގައި އަންހެން ކުއްޖަކު ފޯނާއި ކުޅެން ހުއްޓެވެ. ކުރު ހެދުމެއްގައި ހުރި އެކުއްޖާ، ހަނާ އަޅައިލި ތަން ފެނުނެވެ. އަހަންނަށް އޭނާގެ މޫނު ފެނުނީ ދާދި ކައިރިއަށް އައި ފަހުންނެވެ. އެއީ އަހަންނަށް އައު މޫނެއް ނޫނެވެ.

"މަލްދާ..." އަހަންނަށް ހިތާއިހިތުން އެ ނަން ކިޔައިލެވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު