އައްޑޫ ބަހުރުވައިން ހުކުރު ޚުތުބާ ކިޔައިގެން މުދިމަކު ސަސްޕެންޑްކޮށްފި

އައްޑޫ ބަހުން ހުކުރު ޚުތުބާ ކިޔައިގެން ސަސްޕެންޑު ކުރި، މުހައްމަދު ރަޝީދު -- ފޮޓޯ/ އައްޑޫ ލައިވް

އައްޑޫ ބަހުރުވައިން ހުކުރު ޚުތުބާ ކިޔައިގެން މުދިމަކު ސަސްޕެންޑްކޮށްފިއެވެ.

މީދޫ މަސްޖިދުއް މަޖުދުއްދީނުގައި މިދިޔަ ހުކުރު ދުވަހު، އައްޑޫ ބަހުރުވައިން ޚުތުބާ ކިޔައިގެން ސަސްޕެންޑް ކުރީ މީދޫއަށް ނިސްބަތްވާ މުހައްމަދު ރަޝީދު، ކިޔާ މުދިމެކެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވި ގޮތުގައި އައްޑޫ ބަހުރުވައިން އެ މުދިމު ޚުތުބާ ކިޔަމުންދިޔައިރު މިސްކިތުގައި އެވަގުތު ތިބި ގިނަ ބަޔަކަށް އެކަން ވީ ބޮޑު މަޖާގަނޑަކަށެވެ.

އޭނާ ވިދާޅުވީ ޚުތުބާގެ ހުރުމަތްކެނޑީ ކަމަށް ބުނެ، ރުޅި ގަދަވެގެން ގިނަ ބަޔަކު މިސްކިތުން ބޭރަށް ނިކުމެގެން ދިޔަ ކަމަށެވެ.

"ބަހުރުވައަށް ބަދަލުތަކެއް ގެނައިމަ އަފިރިން، ތަފިރިން އައްޑޫ ބަހުން ކިޔާއިރު މި ވާގޮތަކީ ތަފާތުތަކެއް އެބަ އާދޭ. ބައެއް މީހުންނަށް އެކަންވީ ބޮޑު މަޖާ ގަނޑަކަށް. ބައެއް މީހުން އެކަމަށް ނަފުރަތުވި. ބައެއް މީހުން މިސްކިތުން ނިކުމެގެން ބޭރަށް ދިޔައީ. ޚުތުބާގެ އަސްލު މަގުސަދު ގެއްލިގެންދާ ވަރުގެ ބޮޑު ކަމެއް މި ހިނގީ،" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ފޮނުވި ހުކުރު ޚުތުބާ އައްޑޫ ބަހުރުވައިން ކިޔައިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނާތީ އެ މައްސަލަ ފޮނުވީ އައްޑޫ ޚުތުބާ ކޮމެޓީއަށް ކަމަށެވެ.

"މުދިމު ސަސްޕެންޑް ކުރީ އިސްލާމިކް މިނިސްޓްރީން އަންގައިގެން،" އޮފިޝަލް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އެ މުދިމު ސަސްޕެންޑްކޮށް މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް