ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއު އަންނަ ޖެނުއަރީއަށް ނިމޭނެ: އާޒިމް

ފުވައްމުލަކު މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ --- ފޮޓޯ/ އެމްޓީސީސީ

ފުވައްމުލަކުގެ އެތެރޭ މަގުތަކުގައި ތާރުއަޅާ، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު އަންނަ ޖެނުއަވަރީ މަހަށް ނިމޭވަރު ވާނެ ކަމަށް އެ މަޝްރޫއު ކުރިއަށް ގެންދާ ކުންފުނި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް "ސަން"އަށް މިއަދު ވިދާޅުވީ ފުވައްމުލަކުގެ މަގުތައް ވާނީ އެންމެ ޒަމާނީ ފެންވަރުގެ "ހައި ކްލާސް" މަގަކަށް ކަމަށެވެ.

"ވަރަށް ރަނގަޅަށް ޑިޒައިން ކުރެވިގެން ހަދާ މަގުތަކެއް މި މަގުތަކަކީ،" އާޒިމް ވިދާޅުވިއެވެ.

ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއަކީ 2019 ވަނަ އަހަރު އަމަލީ މަސައްކަތް ފެށި މަޝްރޫއެކެވެ. ނަމަވެސް، އެ މަސައްކަތް މަޑުޖެހިފައި އޮތީ ކޮވިޑާ ގުޅިގެން ކަމަށް އާޒިމް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން، ޖުމްލަ 122،659 އަަކަ މީޓަރުގެ ސަބްބޭސް ހެދުމާއި، 95،239 އަކަ މީޓަރުގެ ތާރު އެޅުމުގެ އިތުރުން، ދުވާރު ހެދުމާއި، މަގުބައްތި ޖެހުމާއި، ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއަށް 279 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފުވައްމުލަކު މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ --- ފޮޓޯ/ އެމްޓީސީސީ

ފުވައްމުލަކުގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ފިކުރީ ވިދާޅުވީ އެ މަޝްރޫއަކީ އެ ރަށުގެ ރައްޔިތުންގެ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ. އަދި، މި މަޝްރޫއު ހިންގަމުން އަންނަ، އެމްޓީސީސީއަކީ އެކަމަށް އެންމެ ގާބިލު ކުންފުނި ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ތަރައްގީގެ ގިނަ މަޝްރޫއުތައް ވެސް މި ހިންގަނީ އެމްޓީސީސީން. ރައްޔިތުން ބޭނުންވާ އަސާސީ މަޝްރޫއުތައް ވަރަށް އެފިޝެންޓު ކަމާއެކު އެބޭފުޅުން އެބަ ކުރިއަށް ގެންދަވާ،" އޭނާ ވިދާޅުވިއެވެ.

އެމްޓީސީސީން މީގެ ކުރިން ވެސް ވަނީ ފުވައްމުލަކުގައި މަގު ހެދުމުގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، އެ ރަށު ނައިބު ތުއްތު ހިނގުމުގެ ތާރު ނާޅާ އޮތް ބައިގައި، ތާރު އެޅުމުގެ މަސައްކަތް ވެސް ކުރީ އެ ކުންފުނިންނެވެ.

comment ކޮމެންޓް