ވިއްސާރައިގައި ގެއްލުންވި ފަރާތްތަކަށް 1.3 މިލިއަން ރުފިޔާގެ އެހީ ދީފި

ގދ. ތިނަދޫއަށް އުދަ އަރާފައި --

މިދިޔަ ޖޫން މަހުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބަށް ކުރި ވިއްސާރައާއި އުދަ އެރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމުލަ 1.3 މިލިއަން ރުފިޔާގެ އެހީ ސަރުކާރުން ދީފިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ މި ވިއްސާރައިގައި ގެއްލުން ވެގެން ރިޕޯޓު ކޮށްފައިވަނީ 10 ރަށަކުން ކަމަށެވެ. އަދި އޭގެ ތެރެއިން ނުވަ ރަށަކަށް ލިބިފައިވާ ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި 1،256،287.60 ރުފިޔާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

އެންޑީއެމްއޭ އިން ބަދަލުގެ ގޮތުގައި އެހީ ދީފައިވާ ރަށްރަށުގެ ތެރޭގައި ހިމެނެނީ ސ. މަރަދޫ ފޭދޫ، މަރަދޫފޭދު، ށ. ބިލަތްފަހި، ގދ. ރަތަފަންދޫ، ތ. ތިމަރަފުށި، ގދ. މަޑަވެލި، ހދ. ވައިކަރަދޫ ގދ. ފިޔޯރީގެ އިތުރުން ގދ. ހޯޑެއްދޫއެވެ.

އެންޑީއެމްއޭ އިން ހެދި އެސެސްމެންޓުން ދައްކާ ގޮތުން ބޯހިޔާވަހިކަމަށާއި ޒަރޫރީ ބޭނުން ތަކަށް ބުރޫ އަރާ މިންވަރަށް ގެއްލުން ވެފައިވާ ގެތަކުގެ ޖުމުލަ އަދަދަކީ 277އެވެ. މީގެ އިތުރުން 131 ގެއެއްގެ ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށާއި ގޭގެ އިމާރާތަށް ގެއްލުންވެފައިވާ ކަމަށް އެސެސްމެންޓުން ދައްކައެވެ.

ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 294،562.60 ރުފިޔާ ދީފައިވާއިރު، އިމާރާތްތަކަށް ލިބުނު ގެއްލުންތަކަށް އެހީގެ ގޮތުގައި 961،725 ރުފިޔާ ދީފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ މިރޭގެ 00:00އާ ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ.

comment ކޮމެންޓް