ޗައިނާއަށް ތިން ވަނައަށް އެންމެ ބޮޑަށް ދަރާފައިވާ ގައުމަކަށް ރާއްޖެ

ޗައިނާގެ ރައީސް ޝީ ޗިންޕިންގ )ކ( ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ސަލާމް ކުރައްވަނީ-- ފޮޓޯ/ ރައީސް އޮފީސް

އުފެއްދުންތެރި ކަމުގެ ނިސްބަތާ އަޅާބަލާއިރު، ޗައިނާއަށް ތިން ވަނައަށް އެންމެ ބޮޑު ދަރަންޏެއް އޮތް ގައުމެއްގެ ގޮތުގައި ރާއްޖެ ހިމެނިއްޖެއެވެ.

ފޯބްސް މަޖައްލާގައި ޝާއިއުކުރި ރިޕޯޓެއްގައި ވާގޮތުން 2020 ވަނަ އަހަރާ ހަމައަށް، ރާއްޖޭގެ އުފެއްދުންތެރި ކަމުގެ ނިސްބަތުން 38 ޕަސެންޓް ދަރަނި ނަގާފައި ވަނީ ޗައިނާއިންނެވެ. އެ އަހަރު ނިމުނު އިރު، ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 86 ބިލިއަން ރުފިޔާގައެވެ. އޭގެ ތެރެއިން، 44 ބިލިއަން ރުފިޔާއަކީ ބޭރުގެ ދަރަންޏެވެ.

ޗައިނާއިން އެންމެ ގިނަ ދަރަނި ނަގާފައިވަނީ އެފްރިކާގެ ޖިބޫޓީ އަދި އެންގޯލާއިންނެވެ. ޖިބޫޓީން، ޗައިނާއިން ނަގާފައިވާ ދަރަނީގެ ނިސްބަތް އެ ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 43 ޕަސެންޓަށް އަރައެވެ. އަދި އެންގޯލާއިން ނަގާފައިވާ ދަރަނީގެ ނިސްބަތް 41 ޕަސެންޓަށް އަރައެވެ.

ޗައިނާއިން އެންމެ ގިނަ އަދަދެއްގެ ފައިސާ ނަގާފައިވަނީ ޕާކިސްތާނުންނެވެ. މިދިޔަ، 2020 ވަނަ އަހަރާ ހަމައަށް އެ ގައުމުން ޖުމްލަ 77.3 ބިލިއަން ޑޮލަރުގެ ދަރަނި ޗައިނާއިން ނަގާފައިވެއެވެ. މީގެ އިތުރުން، އެންގޯލާއިން 36.3 ބިލިއަން ޑޮލަރުގެ ދަރަނި ނަގާފައިވާއިރު، ތިންވަނައަށް އެންމެ ގިނަ ފައިސާ ދަރަންޏަށް ނެގި އިތިއޯޕިއާއިން ނެގި ދަރަނި 7.9 ބިލިއަން ޑޮލަރަށް އަރައެވެ.

ޗައިނާގެ "ނިއު ސިލްކް ރޫޓް" ޕްރޮޖެކްޓުގެ ދަށުން މަގުތަކާއި، ބަނދަރުތައް އަދި ރޭލު ދަނގަޑުތައް ފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ދުނިޔޭގެ އެކި ގައުމުތަކަށް ވަނީ ދަރަނި ދޫކޮށްފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ރާއްޖޭގެ ދަރަނީގެ ޖުމްލަ 99 ބިލިއަން ރުފިޔާއަށް އަރައެވެ. އެއީ ޖީޑީޕީގެ 113 ޕަސަންޓެވެ.

ޗައިނާގެ ލޯނު އެހީގެ ދަށުން ރާއްޖޭގައި ހިންގާފައިވާ މަޝްރޫއުތަކުގެ ތެރޭގައި، ސިނަމާލެ ބުރިޖާއި، އެއާޕޯޓު ޑިވެލޮޕްމަންޓް ޕްރޮޖެކްޓު ހިމެނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ އޮތީ ޗައިނާއަށް ވަރަށް ބޮޑަށް ބަރޯސާވެފައެވެ. ތަރައްގީގެ މަޝްރޫއުތައް ވެސް މުޅިންހެން ހިންގީ ޗައިނާއިން ލޯން ނަގައިގެންނެވެ.

މިސަރުކާރު އައިފަހުން ރާއްޖެއިން އެންމެ ގިނަ ލޯނުތައް ނަގާފައިވަނީ އިންޑިއާއިންނެވެ.

comment ކޮމެންޓް