ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މުޅި ރާއްޖެއަށް ބޭންކިން ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހއ. އަތޮޅުގެ ދެ ރަށެއްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ޚިދުމަތް ފައްޓައިފިއެވެ.
ހއ. ފިއްލަދޫ އަދި ހއ. ވަށަފަރުގައި މިއަދު ހުޅުވި ދެ އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ޚިދުމަތް ލިބޭނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ އައިޝަތު ނޫރައްދީން ވިދާޅުވީ ބޭންކިން ވިއުގަ ފުޅާކުރުމަށާއި ބޭންކިން ޚިދުމަތްތައް ފަސޭހަކާއެކު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން ފިއްލަދޫ އަދި ވަށަފަރުގައި ރައްޔިތުންނަށް އެހީތެރިވެދެވޭކަމީ ބޭންކަށް ލިބޭ އުފަލެއްކަމަށެވެ.
"އަލަށް މި ހުޅުވުނު އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް މިދެރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަސޭހަކާއެކު ބޭންކިން ޚިދުމަތް ލިބޭނެ،" އޭނާ ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 82 ސެލްފްސާވިސް ބޭންކިން ސެންޓަރު، 140 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތެއް ބީއެމްއެލްއިން ވަނީ ތައާރަފުކޮށްދީފައެވެ.
ބީއެމްއެލްއިން ބުނީ އެ ކުންފުނީގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.