ރައީސް މ. އަތޮޅަށް ވަޑައިގެންފި

ރައީސް އިބްރާހީމް މުހައްމަދު ޞާލިހް މ. ރަތްމަންދޫ ރައްޔިތުންނާ ސަލާން ކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މ. އަތޮޅަށް ވަޑައިގެންފިއެވެ.

ރައީސް، މ. އަތޮޅުގެ ފަސްރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިހާރު ވަޑައިގެން އުޅުއްވަނީ އެއަތޮޅު ރަތްމަންދޫގައެވެ. އެއީ އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގެންނެވި ރަށެވެ.

އެމަނިކުފާނުގެ އެ ދަތުރުފުޅުގައި އެއަތޮޅު މަޑުއްވަރީ އާއި ދިއްގަރާއި ވޭވަށުގެ އިތުރުން އެއަތޮޅުގެ އަތޮޅުވެރިކަންކުރާ ރަށް، މުއްޔަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ކުރައްވާ އެ ދަތުރުފުޅުގައި، އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ. އަދި ބައެއްރަށްރަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެއެވެ.

ހަމައެއާއެކު، ރަށްރަށުގައި ހިނގާ ޢުމުރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ވެސް އެމަނިކުފާނު ބައްލަވާލައްވާނެއެވެ.

މީގެ އިތުރުން ވޭވަށުގެ ބަނދަރާއި އެރަށުގައި އަލަށް އިމާރާތްކުރެވުނު އިންޖީނުގެ ހުޅުއްވައި ދެއްވައި ދިއްގަރުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ރައީސް މުލަކަތޮޅަށް ކުރައްވާ ރަސްމީ އެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

މ. އަތޮޅަށް ރައީސް ކުރައްވާ އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު މާލެވަޑައިގަންނަވާނީ އަންނަ ހަފުތާގެ ހޯމަ ދުވަހުއެވެ.

comment ކޮމެންޓް