"ތިބާގެ ގެއަކީ ﷲއަށް ޒިކުރުކުރެވޭ އަދި ގިނަގިނައިން ގުރުއާން ކިޔަވާ ތަނެއްކަމުގައި ހަދާށެވެ."
***
ކައިދަން "ރޯޒްމެހެލް"ގެ ދޮރުގައި ޓަކިދިންއިރު ދަންވަރު ތިނެއް ޖެހީއެވެ. ދަމުނަމާދަށް ފެންވަރާ ތާޒާވެލިގޮތަށް އިސްތަށިގަނޑު އޮތީ ތެތްކޮށެވެ. ހުދު ގަމީހަކާއި ކަޅު ޖިންސެއްލައިގެން ހުރިއިރު ކޮނޑުގައި ބެކްޕެކް އަޅުވާފައި އޮތެވެ. އިރުގަނޑެއްނުވަނީސް ހަޒަލް ދޮރު ހުޅުވާލާފައި ބޯ ދިއްކޮށްލިއެވެ. ހުދުކުލައިގެ ނިދާ ހެދުމަކާއިއެކު އިސްތަށިގަނޑުން ހުޅިއެއް ޖަހާލާފައިވާއިރު އެއްވެސް މޭކަޕެއްނެތެވެ.
"ކޭޑް. އަންނާނެކަން އެނގޭ. މާދަން ޑިއުޓީއަށް ދާންވާއިރު ކޭޑް ނެތިއްޔާ ސޫފީ އެހެން މީހަކާއެކު މައިތިރިއެއް ނުވެސް ވާނެ...އެހާ ހަލަނި. ފުރާޅަށްވެސް އަރަނީވިއްޔަ......" ހަޒަލް ކައިދަންގެ މޫނުގައި އަތް ޖައްސައިލިއެވެ." ޔޫ ލުކް ފްރެޝް...."
"ފެންވަރާލައިގެން އައީ...އައި ވޯޒް އެ މެސް ހެހެ.." ކައިދަން ގަސްތަކާއި ދިމާލަށް ނަޒަރު ހިންގައިލީ ކުއްލިއަކަށް ގަސްތަކުގައި ވައި އަޅުވައިލިލެއް ބާރުކަމުންނެވެ. ކައިދަންވެސް ސިހޭގޮތްވިއެވެ.
"އަވަހަށް އެތެރެއަށް ވަދޭ..." ހަޒަލްވެސް ކައިދަންގެ އަތުގައި ހިފާ ގެއަށް ވައްދާފައި ތަންޑު އެޅުވިއެވެ."މިގެ ހޯންޓެޑް އިނގޭ........."
"އަހަރެން ޖިންނިއަކަށް ވެއްޖެއްޔާ؟ "ކައިދަން ހީލިއެވެ.
"އޭރުން ވަރަށް ފޮނިވެވޭނެ....ކިހާ ބާރު ލިބޭނެ " ހަޒަލް ހިނިގަނޑެއް ޖަހާލިއެވެ."ކޮބާ މާމަ؟"
"މާމަ ނަމާދަށްފަހު ނިދާނީ..."
"ވަރަށް ކިއުޓް މާމައެއް. އެންމެ ލޯބީ ސްނޯކޮޅެއްފަދަ އިސްތަށިގަނޑާއި ރޫޖެހިފައި ހުންނަ މޫނުކޮޅު. އައި ޖަސްޓް ލަވް އޯލްޑް ޕީޕްސް......"
***
ހަޒަލްގެ ފުރަތަމަ ޑިއުޓީވިޔަސް ހައިސަމްގެ ކޮއްކޮކަން އެނގޭތީ އެންމެންގެ ފަރާތުން އިހުތިރާމްއާއި ގަދަރު ލިބުނެވެ. ޚާއްސަ އިމްތިޔާޒެއްގެ ވެރިއަކަށްވިއެވެ. ހަޒަލްގެ ތުން އޫކޮށްލެވުނީ ޖައިޝްއާއި ދިމާވީމައެވެ. ޖައިޝްއަކީ އެއްބަނޑު ބޭބެ ކަމުގައިވިޔަސް މަންމަ ދޫކޮށް ބައްޕަ ޚިޔާރުކުރީތީ ހަޒަލްގެ ހިތުގައި ޝަކުވާވިއެވެ. ހަޒަލް ފެނުމުން ޖައިޝްވެސް ސަލާމްކޮށްލިއެވެ. ކައިވެންޏަށް މަރުހަބާކިއެވެ. ހަޒަލް އަނގައިން ބުނާހިތެއްނުވިއެވެ. މީހަކު ފޮނިވާނީ މިހާވަރަށެވެ. ޖައިޝް ހުންނަނީ ތިމާއަށް ތިމާ ފެނިފައެވެ. މޫނުމަތިންވެސް ފެންނަނީ ބޮޑާކަމެވެ.
ހަޒަލް ނަރުހުންގެ ޖަގަހަ އާއި އަރާ ހަމަވީއިރު ކައިދަންގެ ވާހަކަ ދައްކާ އަޑު އިވުމުން ހަޒަލްގެ ފިޔަވަޅުތައް މަޑުވިއެވެ.
"ޚާތޫނުގެ މާމަ ދަރިއެކޯ. ރީއްޗަސް މޮޔައެއް ދޯ...."
"އާނ. ރޭ ބިރުން ހުންވެސް އައި. ދަންވަރު އެހެން އެކަނި އަނގަ ތަޅަން.......ސުބުހާނަﷲ. ޚާތޫން އެކަމަކު އެ ކައިދަންއަކީ ވަރަށް އަޅުވެރި ކުއްޖެކޭވެސް ކިޔާނެ. އޭނަގެ މަންމައަކީ ޚާތޫނުގެ ދަރިއެއް. އެފަކީރު އެކަނިމާ އެކަނި އުޅޭއިރުވެސް ދުވަހަކު ބައްދަލުކުރަން ނާދޭ. ހުރިހާ ދަރިން ހެދީ އެހެން އެކަމަކު ޚާތޫން ކިހާ ހިތްހެޔޮ. ދުވަހަކު އެމީހުންނަށް ނުބައި ބަހެއްނުބުނޭ. މޮޔައެއް ނޫނީ ކައިދަންގެ ސިފަ ޖެހިގެން ހުރި ހަންޑިއެއް.................."
ހަޒަލްގެ މޫނަށް ރަތްކުލަވެރިވިއެވެ. ކައިދަންއަކީ މޮޔައެކޭ ކިޔައިގެން ވާހަކަ ފެތުރިއްޖެއްޔާ ވާނެ ގޮތެއް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ.
"ހޫމް. އަހަރެން ދަނީ ރޫމް ސިކްސް ގައި އޮތް ޕޭޝަންޓު ބީޕީ ޗެކްކޮށްލަން........"ހަޒަލް އައިސް އަރާ ހަމަވުމުން އިސްކޮޅުން ދިގު އަންހެންކުއްޖާ އަވަހަށް ޓްރޯލީ ކޮށްޕަމުން ހިނގައިގަތެވެ. ހަޒަލް އާއި ކުޑަކޮށް ހީލިއެވެ.
ކައިދަންއަކީ ހަޒަލްގެ ފިރިމީހާކަމަށް މިކުދިން ފަހަރެއްގައިވެސް ހިޔެއްނުކުރާނެއެވެ.
***
ކައިދަން ސޫފީ ކޮޓަރިން ބޭރަށް ނުގެނެސް ހަޒަލް އަންނަންދެން އުޅުނީ ކޮޓަރީގައެވެ. ދޭތެރެއަކުން ބޭރަށް ގޮސް ރެސްޓޯރެންޓަކުން ކާ އެއްޗެހި ގެނެސް ކައިގެން ސޫފީއަށް ކާންދިނީވެސް ކޮޓަރީގައި ބައިންދައިގެންނެވެ. ހަޒަލް ގޭތެރޭގައި ފައި އެޅުމާއެކު ރޯޒަލީ އެކަމާއި ޝަކުވާކުރިއެވެ. ހަޒަލް ބުނީ ކައިދަން ލަދުރަކިކަމުން އަދި ފަރިތަ ނުވަނީކަމުގައެވެ. ފަހުން ރަގަޅުވާނެކަމުގައެވެ. އެހެންނޫނަސް މަންމަ ހިތުގެ އަޑިން މާފުނުދޭކަން ކައިދަންއަށް އިހުސާސްކުރެވޭނެކަމަށާއި އެކަމާއި ކައިދަން ލަދުގަންނާނެކަމުގައި ހަޒަލް ބުނެލިއެވެ. ހަޒަލް ކޮޓަރިއަށް ވަންއިރު ކައިދަން ސޫފީ ގޮވައިގެން ބޭރަށް ދާން ތައްޔާރުވީއެވެ.
"ވަޒީފާގެ ފުރަތަމަ ދުވަހު ކިހިނެއް؟" ކައިދަން ހުރީ ސޫފީ ކޮނޑަށް ލައިގެންނެވެ.
"ގުޑް........" ހަޒަލް ހިންދިރުވައިލިއެވެ."ކޮންތަނަކަށް މިއޮތް ވިއްސާރައިގާ....."
"ދަރިފުޅު މޫދަށް ދާން ކިޔާވަރުން....."
"ނޫން ނޫން ކޭޑް. މިއަދު ޔެލޯ އެލާޓް ނެރެ އުދަ އަރާނެކަމަށް ބުނެފައި އޮތީ. އެހެންނޫނަސް އަހަރެން ބުނީމެއްނު. އިހަށް މޫދަށް ނުގެންގޮސް ގޭގައި ބަހައްޓާނީ.. ބިރުގަނޭ...ކާރު ރައިޑަކަށ ދިޔަސް އޯކޭ. ސައި ބޮއިފިންތަ؟" ހަޒަލް ސޫފީ އުރައިލަން އުޅުމުން ކައިދަންގެ ކަނދުރާގައި ބައްދައިގަތެވެ.
"އެހާ އަވަހަށް މަންމައާއި ރުޅިވީތަ؟"
"ބީޗް..ބީޗް..."
"ބީޗްއެއް ނޫން ދަރިފުޅު......"
"ބީޗަށް ދާން...."ސޫފީ ތުން ފިތާލާފައި ރޮއިގަތެވެ. ކައިދަން ވިސްނާފާޑަކަށް ނިތްކުރީގައި ފިރުމައިލިއެވެ. ހަޒަލްގެ މަންމަގެ ނުފޫޒު ގަދަކަމުން އޭނަ ބޭނުންގޮތަކަށް ދަރިފުޅު ތަރުބިއްޔަތުކުރަން ހުރަސް އަަޅަންފެށިކަމަށް ގަބޫލުކުރެވުނީއެވެ. އެއީ ދަރިފުޅުގެ މާމައެވެ. އެމީހުންނަށްވެސް ބަސްބުނުމުގެ ފުރުސަތު އޮންނާނެއެވެ. އެކަމަކު ހަގީގަތް އޭނަ ބުނެދޭނީ ކިހިނެއްހެއްޔެވެ؟ ސޫފީ މޫދަށް ގެންގޮސް އިތުރަށް ވާނެ ގެއްލުމެއް ނެތެވެ.
"ހަޒަލްވެސް ސައިބޮއިގެން ހިނގާ. ކާރު ދުއްވާލާ މޫދު ކައިރިއަށް ގޮސްލީމަ ސޫފީވެސް މަސަލަސްކުރެވިދާނެ. އެހާވަރުން ދާން ތައްޔާރުވީމަ ނުގެންގޮސްފިނަމަ ހާޓްވެދާނެ. ހުރިހާ ކަމަކަށް ކެތްކޮށްފާނަން. އެކަމަކު ދަރިފުޅުގެ ލޮލުން ކަރުނަ އޮހޭތަން ދުށުމަށްވުރެ މަރުވުން މާ ރަގަޅު...."
"އޯލްރައިޓް.."ހަޒަލް ހަތިޔާރު ބެހެއްޓިއެވެ.
"މަންމަ އުޅުނު ކޭޑް އެންމެނަށް ފިލައިގެން އުޅޭތީ.."
"އަހަންނަށް އިންސާނުންނާއެކު އުޅެން ފަސޭހައެއްނޫން. އެވާހަކަ ބުނީމެއްނު....."
"އާނ. ތިއީ އެހެން ނަސްލެއްވިއްޔަ. ޖިންނިއެއް ވީމަ އިންސާނުންނާއެކު އުޅެން ކިހާ އުދަގޫވާނެ...."ހަޒަލް ހިނިގަނޑެއް ޖަހައިލިއެވެ.
***
ފަހެއް ޖަހަމުން އައިއިރު ބޯ ވިލާތަކުން އުދަރެސް ބައްދާލާ ކައުނު ވަށައިލީ ފުން އަނދިރިކަމެވެ. ރަތްވިލާތަކުން ފަވާލާ އިރުކޮޅެއްވާންދެން ހިތްގައިމު ކުލަތަކަކުން އުޑު ޒީނަތްތެރިކޮށްލުމަށްފަހު ބޮޑެތި ކަޅު ވިލާތައް ރަސްކަން ކުރަންފެށިއެވެ. އިންޖީނަށް ދިމާވި މައްސަލަ ހައްލު ނުުކުރެވުމުން ރޯޒްމެހެލްގެ އެތެރޭގެ ކޮޓަރިތަކުގައި އުއްބައްތިތައް ދިއްލާލުމުން ކުޑަދޮރުން ބޭރަށް ފަނޑު އަލިކަމެއް ފާއްދާލި ނަމަވެސް ވަށައިގެން ފެންނަނީ ބިރުވެރިކަން ހިތްތަކަށް ގެނުވާފާދަ އަނދިރިކަމެވެ.
ރޯޒަލީ މަޣުރިބު ނަމާދުކުރަން ނަމާދުގެއަށް ވަނުމުން ސިޓިން ރޫމް ތަންކޮޅެއް ހަލަބޮލިވިއެވެ. ރާހިލްއާއި ހަޒަލްގެ އަޑު ގަދަކަމުން މަންމަގެ ނިޔަތް ހަމަނުވާނެކަމަށް އެމާ ބުނެލިތަނާ ހައިސަމް ނުކުމެގެން އަންނަތަން ފެނި ހިމޭންވިއެވެ. ޚަލީސީ ވަގުތުން ރުޅިއައިކަމަށް ހެދުނެވެ.
"އަހަރެން މާދަން އެހެން ތަނެއް ހޯދައިގެން ބަދަލުވާން މިއުޅެނީ.."ޚަލީސީ ކުއްލިއަކަށް ބުނެލިއެވެ.
"ކީއްވެގެންނޯ...."
"ބަޔެއް މީހުން އެއްފަހަރުވެސް ރުޅި މަޑުނުވޭ ވިއްޔަ..ބަސް ނާހާ ސިއްރުން ކަންތައްކޮށްފައި ފޮރުވަން އުޅޭ ކުދިންނަކީ ދެން މާ ބަސްއަހާ ކުދިންތަ؟ ނޭގޭ....." ޚަލީސީގެ ޖުމްލައިން ހައިސަމްގެ މޫނުމަތިން އިތުރު ޝުއޫރެއް ފެންނާނެކަމަށް ހީކުރިއެވެ. ނަމަވެސް ފޯނުގެ އަލީގައި އޭނަ ކޮންމެވެސް ފޮތެއް ބަލަން ގެއްލިފައި އިނެވެ.
"ފޮނިގަދަ ކަމުން މިތާ ހިނިވެސް ހާދަ ގިނައޭ...."
"ކޮންތާކު؟ ކާކު ފޮނި އެއްޗެހި ކަނީ؟ ރާހިލް ދޯ.........."
"ކުޑަ ޗޮކްލެޓެއް. ކާ އެއްޗެހީގެ ވާހަކަ ފެށީމަ މިރޭ ކާހިތްވަނީ ކުޅި ނޫޑުލްސް ސޫޕް. ފިނިރެއަކާއި ގުޅޭނެ ދޯ. މަންމަ ކިހާ ބިޒީކޮށް އުޅެނީ. ހެދުނު ފަތިހާ ތެދުވެ މިއޮތް ބޮޑު ގޯތީގައި ކުނިކަހާފައި ނާސްތާ ތައްޔާރުކޮށް މެންދުރަށް ކައްކާ ހަވީރަށް ރޮށި ފިހެ ނުކުރާކަށް ކަމެއްނެތް. އަހަރެމެން އެކަން ދަންނަން ޖެހޭނެ. މިދަނީ ޕާސްތާ ނޫނީ ނޫޑްލްސްހަދަން. ބަދިގެއަށް ވަދެފައި ހަދާނެ އެއްޗެއް ޑިސައިޑް ކުރާނީ....."
ރާހިލްއާއި ހަޒަލް އެކީގައި ހިނގައިގަތުމުން ޚަލީސީއާއެކު އެކަނި ނީންނަންވެގެން ހައިސަމްވެސް ފޯނު ހިފައިގެން ތެދުވުނެވެ. ޚަލީސީ އަތުގައި މަޑުމަޑުން ހިފައިލުމުން އަތް ދުރުކޮށްލާފައި ކުރިއަށް ދިޔުމުން މޫނުގައި އަތްއެޅުނެވެ. ހައިސަމް ހާދަ ބީރައްޓެއްސެވެ. ކުއްލިއަކަށް ބޭރުން އުނދޯލި ހެއްލެން ފެށުމުން އެދިމާލަށް ބަލައިލެވުނުއިރު ހިޔަންޏެއް ހުރަސްކުރިހެން ހީވިއެވެ.
" އެއީ ހެލުސިނޭޝަން ކަން ޔަގީން. މިވަރަށް ސްޓެރެސްވީމަ ލޯމައްޗަށް ހުރިހާކަމެއް ފެންނާނެ......" ޚަލީސީ ދަތްއަޅައިލީ ތުންފަތުގައެވެ." އުނދޯލި ހެއްލާލާފައި ހައިސަމް ދިޔައީމަ އަމިއްލައަށް ހެއްލި ހެއްލި އިރުގަނޑަކަށް ހުންނާނެއްނު...."
ކޮރިޑޯއަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރެއިން ދިގު ހިޔަންޏެއް ފެނުމުން އެދިމާލަށް ބަލައިލެވުނުއިރު ހައިސަމް ހިނގާފައިގޮސް ޖެހިގެން ހުރި ކޮޓަރިއަށް ވަންނަނީއެވެ. ކުރިން ލައިގެން ހުރި ގަދަ ޗޮކްލެޓްކުލައިގެ ޓީޝާޓުގެ ބަދަލުގައި ރަތްކުލައިގެ ހެދުމެއް ލައިގެންހުރުމުން ސުވާލު އުފެދިފައި ފަހަތުން ޚަލީސީ ދިޔައެވެ. ކޮޓަރީގެ ދޮރު ހުޅުވައިލުމުން މަރުހަބާ ކީ އާދަޔާޚިލާފު އަނދިރިކަމާއި ހިމޭންކަމެވެ.
"ސޭމް؟" ޚަލީސީ ފޯނުން އަލިކޮށްލިއިރު އެކަކުވެސް ފެންނާކަށް ނެތެވެ.
"އަހަރެންގެ ސިކުނޑިއަށް ކިހިނެއްވީ؟މީ ޔަގީނުންވެސް އާދަޔާ ޚިލާފު މައްސަލައެއްނު. އެންމެ ކުރިން އުނދޯލި ހެއްލުނީ. މިހާރު ސޭމް މިފެނުނީ. އެކަމަކު ހަގީގަތުގައި މިތަނަކު ސޭމްއެއް ނޫޅޭ. ޑޭމް.....މަގޭ ބޯ...." ޚަލީސީގެ ބޮލަށް އެނބުރުން އަރާގޮތްވިއެވެ. ކޮޓަރިން ނުކުމެގެން ހިނގައިގަތްތަނާ ނަމާދުގެއާއި ދިމާލަށް ރަތްކުލައިގެ އައްޔެއް އެޅުނެވެ. ރަތްކުލައިގެ އައްޔެއްނޫނެވެ. އެކުލައިގެ ފޮތިކޮޅެއްކަން ނޭގެއެވެ. ޚަލީސީ ފިޔަވަޅުތައް އަވަސްކޮށްލާފައިގޮސް ނަމާދުގެއަށް ވަންނަން ހުރި ހައިވަކަރު ދޮރު ހުޅުވާލައިފިއެވެ. ތަޅުންއަޅާފައި މުސައްލާތައް ފަތުރާފައިވާ އަޅުކަން ކުރަން އެންމެ ހިތްގައިމު އެއް ތަންކަމުގައި ޚަލީސީއަށްވެސް ގަބޫލުކުރެވުނެވެ. ތަނުގައިވީ އުއްބައްތިއެއްގެ އޮރެންޖް އައްޔެވެ. ރަންކުލައިގެ ބޮޑު ޚަތިމަކުން ރޯޒަލީ ކިޔަވަން އިންއިރު ނިކަން ބޮޑުކޮށް ފާރުން ފެންނަން ހުރި ހިޔަނީގެ ސަބަބުން ޚަލީސީ ސިހޭގޮތްވީ އެއްވެސް ސަބަބެއްނެތިއެވެ. އޭނައަކީ ހިޔަނި ފެނިގެން ކުރިން ބިރުން އުޅޭ ކުއްޖެއް ނޫނެވެ. މިރޭ ހިޔަނި ފެނުމުން ތަފާތު އިހުސާސެއް ކުރެވުނެވެ. އެއީ އަދި އެހެން މަޚުލޫގެއްކަމުގައި ހީކުރެވުނީއެވެ. ނަމާދުގޭގެ ތެރޭގައި ހުންނަ ފެން ވަޅާއި ނަމާދުކުރާ ބައިގެ ދޭތެރޭ ވަކިކުރަން ރާނާފައިވާ ފާރުގެ އަނެއް ފަރާތުން ޚަލީސީއަށް އެހެން ހިޔަންޏެއް ހުރަސްކުރިހެން ހީވިއެވެ.
"ހެލޯ ކާކު؟" ޚަލީސީގެ އަޑަށް ރޯޒަލީ އެނބުރި ބަލައިލިއެވެ.
"ކިހިނެއްވީ؟"
"ސޮރީ. އެހެން މީހެއް ހުރިހެން ހީވެ........" ޚަލީސީއަށް ރޯޒަލީގެ ނުރުހުމުގެ ނަޒަރުން ހިތަށް ލިބުނު ދަތިކަމާއެކު ދޮރު ލައްޕާލައިފިއެވެ.
"މަށަށް ކިހިނެއްމިވަނީ؟ ސޭމް މަންމަ އަހަރެންދެކެ ހޭޓްކުރަނީ ކީއްވެ؟ ކަޅި އަޅައިގަތީ.......އަހަންނަށް ކުރެވުނީ ކޮން ކުށެއް؟ އަޅުކަން ކުރާ ތަނަށް ވަނުން މަނަލީކަމަށްވާނީ. އެކަމަކު މިއީ ކޮންހާ ޝެޑޯތަކެއް؟ ކޮބާ ސޭމް...."
ޚަލީސީ ހުރިހާ ކޮޓަރިތަކަށްވަދެފައި ހައިސަމްއަށް މަޑުމަޑުން ގޮވުމުން ފާރުގައި ޖެހިފައި އަޑު އެނބުރި އަންނަނީ ގުގުމައިގެންނެވެ. އެންމެފަހުން އޭނަ އުޅޭ ކޮޓަރިއަށް ވަދެ އެނދުގައި އިށީދެވުނީ ކަންބޮޑުވީވަރުންނެވެ. ކޮންމެވެސް މީހަކު ކުޑަދޮރުގައި ޓަކިދޭންފެށިއެވެ. އެއްފަހަރު ތަންކޮޅެއް ބާރަށް ޖެހިގޮތުން ބިއްލޫރިވެސް ތެޅިލައިގެން ދިޔައެވެ.
"ވަޓް ދަ ހެލް....ކާކުހޭ؟" ޚަލީސީ ޖެހިލުމެއްނެތި ދޮރު ހުޅުވާލައިފިއެވެ. ދޮރު ހުޅުވައިލުމާއެކު މޫނުގައި ބީހިލީ ފިނި ފިނި ވާރޭ ތިކިތަކެވެ. އެހިސާބުގައި އިންސާނެއް ކީއްކުރަން ދިރޭ އެއްޗެއްގެ ހިލަމެއްވެސް ނުވުމުން ދުރަށް ހިނގައިގަތްތަނާ ޓަކިދޭންފެށިއެވެ. ޚަލީސީގެ ފިޔަވަޅުތައް ގަނޑުވިއެވެ. ރަގަޅަށްވެސް އޭނަ މޮޔަވީކަން ނޭގެއެވެ. ލުސިޑް ޑްރީމްތަކާއި އައުޓް އޮފް ބޮޑީ އެކްސްޕީރިއެންސް އަދި ސްލީޕް ޕެރެލިސިސްފަދަ ކަންތަކާއި ބެހޭ މައުލޫމާތުތައް އެނގުމުން އޭގެ ތެރެއިން ހިމެނޭ ސިކުނޑިއާއި ގުޅޭ ކަމެއްކަމަށް ނިންމާފައި އަވަހަށް ބޭރަށް ނުކުތީ ހައިސަމް ހުރިތަނަކުން ހޯދުމުގެ ނިޔަތުގައެވެ. ބަދިގެއަށް ބޯދިއްކޮށްލުމުން ވަސްގަނޑު ރަގަޅުކަމުން ކާހިތްވިއެވެ. ނަމަވެސް އޭރު އެއަށްވުރެބޮޑަށް ހައިސަމްއާއިމެދު ވިސްނެން ފެށުމުން ނުކުމެގެންގޮސް ގޭގެ މައިދޮރު ހުޅުވައިލިއިރު ހައިސަމް އަންނަތަން ފެނުނެވެ. އޭނަ ހުރީ ކަޅުކުލައިގެ ވާރޭ ކޯޓެއްލައިގެންނެވެ.
"ސޭމް...އަހަރެން މޮޔަވެދާނެ. މިގޭގައި މައްސަލައެއް އެބައުޅޭ....." ޚަލީސީ އޭނައަށް ފެނުނުކަންތައް ކިޔާދިނެވެ.
"ބުނިން ދޯ މިގެ ހޯންޓެޑްއޭ..."
"ސޭމް ގޯސްޓަކަށްވެގެން އަހަރެން ބިރުގަންނަވަން އެނބުރި އައީތަ؟އެހެންތާ ބުނާނީ. ކިހާ ޗޭންޖްވެއްޖެ. ބީރައްޓެއްސެކޭ ތަފާތެއްނެތް.އެކަމަކު ކިހިނެއް އެހާ އަވަހަށް ޓީޝާޓް ބަދަލުތިކުރަނީ؟"
"ތިކިޔާ އެއްޗެއް ނޭގޭ. ބަންގިގޮވީމަ ގޭތެރެއަކަށް ނުވަންނަން. މިސްކިތަށް ދިޔައީ....."
"އޯހް...މަގޭ ސިކުނޑި..ސައިކޭޓްރިސްޓެއްނެތްތަ؟ ރަގަޅު ޑޮކްޓަރެއް....މެޑިސިން ނަގަންވީކަން ނޭގޭ..."
ހައިސަމްގެ ލޮލުން ކޮންމެވެސް ކަހަލަ އޯގާތެރިކަމެއް ފެނުނެވެ.
ޚަލީސީގެ ލޮލުގައި ކަރުނަ ގިނަވާންފެށިއެވެ.
"ސޭމް...އަހަރެން ބިރުގަންނަނީ މޮޔަވެދާނެތީ..." ކުއްލިއަކަށް ޚަލީސީ އަރި އަޅައިލިތަން ފެނުމުން ހައިސަމްއަށް ކުރިއަށް ޖެހިލެވުނީ ބޭއިޚުތިޔާރުގައެވެ.
***
ހަޒަލް ނޫޑުލްސް ސޫޕް ތަށި ގެންގޮސް ކައިދަން އަތަށް ދީފައި ސޯފާގައި އިށީނެވެ. ބޯކޮށް ވެހޭ ވާރޭގެ އަޑު މިއުޒިކެއްފަދައިން ހަރުލާފައިވިއެވެ. ހަޒަލް ދެކަކޫ މޭގައި ޖައްސާލައިގެން ކައިދަންގެ ގަޔަށް ލެނގިލައިގެން އިންއިރު މޫނުމަތިން ނުތަނަވަސްކަން ފެނެއެވެ.
"ޚަލީސީ ހުންގަދަކަމުން ހެލުސިނޭޓްވީކަމަށް ދޮންބެ ބުނީ. އެޑްމިޓްކޮށްފަ މިހާރު އޮތީ.................................."
"ހްމްމް...ވަރަށް މީރު މި ސޫޕް..."ކައިދަން މަޑުމަޑުން ބުނެލިއެވެ.
"އެމާ ހޮސްޕިޓަލަށް ގޮސްފައި ގުޅާފައި ޚަލީސީއަށް ފެނުނު ކަންތައް ކިޔާދިނީ. ކޭޑް. ޖިންނި އެއްޗެހި ގަބޫލުކުރަންތަ؟ މިގެއިން އެކަހަލަ ކަމެއް ފެނިއްޖެތަ؟ މާމަގެ ގެއިންވެސް؟" ހަޒަލް އެހިއެވެ.
ނުނިމޭ