ހިތަދޫގެ އުރީދޫ އެކްސްޕީރިއެންސް ސެންޓަރާއި ކްލަބް ޕްރިމިއާ ލައުންޖް އަޕްގްރޭޑްކޮށް ހުޅުވައިފި

އުރީދޫ މޯލްޑިވްސް އިން ސ. ހިތަދޫގައި ގާއިމް ކޮށްފައިވާ އެކްސްޕީރިއަންސް ސެންޓަރު އަދި ކްލަބް ޕްރީމިއާ ލައުންޖް--- ފޮޓޯ/ މޯލްޑިވްސް ބިޒްނަސް ރިވިއު

އުރީދޫ މޯލްޑިވްސްއިން ސ. ހިތަދޫގައި ގާއިމް ކޮށްފައިވާ އެކްސްޕީރިއަންސް ސެންޓަރާއި ކްލަބް ޕްރީމިއާ ލައުންޖް އަލުން އަޕްގްރޭޑްކޮށް ހުޅުވައިލައިފިއެވެ.

އުރީދޫގެ އައު ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް"ގެ ދަށުން އުރީދޫ އެކްސްޕީރިއަންސް ސެންޓަރަށް އެ ބަދަލު ގެނެސްފައި ވަނީ އައްޑު އަތޮޅުގައި ހަލުވިކަމާއެކު އިތުރުވަމުން އަންނަ އުރީދޫ ކަސްޓަމަރުންނަށް ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ކަށަވަރުކޮށްދިނުމުގެ ގޮތުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫއިން ބުނީ ހިތަދޫ ލިންކް ރޯޑްގައި ގާއިމްކުރެވިފައިވާ އުރީދޫ އެކްސްޕީރިއަންސް ސެންޓަރު (އޯއީސީ) ފަރުމާކޮށްފައިވަނީ، އުރީދޫއިން ފޯރުކޮށްދޭ ތަފާތު ޚިދުމަތްތައް، ހިތަދޫގައި އިތުރުވަމުންދާ އެކުންފުނީގެ ކަސްޓަމަރުންނަށް އެންމެ ހިތްހަމަޖެހޭ ފެންވަރުގައި ފޯރުކޮށްދެވޭނެ މާހައުލެއް ފަހިވާނެ ގޮތަށް ކަމަށެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހިތަދޫ އޯއީސީ އާއި ކްލަބް ޕްރިމިއާ ލައުންޖް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީގެ އިތުރުން ޗީފް ކޮމާޝަލް އޮފިސަރު، ޙުސައިން ނިޔާޒް އަދި ހެޑް އޮފް ކަސްޓަމާ ކެއާގެ ދިޔާނާ އަފީފްއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރު އަދި ސީއީއޯ، ޙާލިދް އަލް ހަމާދީ ވިދާޅުވީ ކަސްޓަމަރުންގެ އިތުރުވަމުން އަންނަ ބޭނުންތަކާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެ އެކްސްޕީރިއަންސް ސެންޓަރު އަދި ކްލަބް ޕްރިމިއާ މެންބަރުންނަށް ޚާއްސަ ލައުންޖަކާއެކު، އަޕްގްރޭޑްކޮށް އަލުން ހުޅުވުމަކީ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އެގޮތުން މި ގެނެވުނު ބަދަލާއެކު އަޅުގަނޑުމެންގެ އުއްމީދަކީ އުރީދޫ ޙިދުމަތްތައް ލިބިގަތުމުގައި އައްޑޫ ސިޓީގެ ކަސްޓަމަރުންނަށް އިތުރު ފަސޭހައެއް ލިބިގެންދިއުން. އަޅުގަނޑުމެންގެ ބްރޭންޑް ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް"އާ އެއްގޮތައް ކަސްޓަމަރުން އަޅުގަނޑުމެންނާ އެކު ކުރެވޭ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން،" ޙާލިދް އަލް ހަމާދީ ވިދާޅުވިއެވެ.

އުރީދޫއިން ބުނީ މާލެއެކޭ އެއްފަދައިން ހިތަދޫގައި ހުޅުވި އައު އޯއީސީއިން ކަސްޓަމަރުންނަށް ހޫނު މަރުހަބާއެއް ކިޔޭ ފަދަ މާހައުލެއްގައި، ތަފާތު އެކި އުފެއްދުންތަކާއި ޚިދުމަތްތައް، އަވަސް އަދި ފަސޭހަގޮތެއްގައި އުރީދޫއިން ފޯރުކޮށްދޭނެ ކަމަށެވެ.

ހިތަދޫ އޯއީސީގައިވެސް އުރީދޫ ލޮކޭޓް، އުރީދޫ މައިފައި، އަދި އުރީދޫ ސެޓަލައިޓް ފޯނު ފަދަ އުރީދޫއިން ފޯރުކޮށްދޭ އުފެއްދުންތެރި ޑިވައިސްތައް ބޭނުންކޮށް، ތަޖުރިބާ ކުރުމުގެ ފުރުސަތު ކުރިއަށް އޮތް ތަނުގައި ލިބިގެންދާނެކަން އުރީދޫއިން ފާހަގަކުރެއެވެ.

އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ލިބޭ ހުރިހާ ޚިދުމަތްތަކުގެ އިތުރުން، ކްލަބް ޕްރިމިއާ ލައުންޖުން ހިތްގައިމު މާހައުލެއްގައި އުރީދޫގެ ޕްރީމިއަމް ކަސްޓަމަރުންނަށް ބޭނުންވާ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫއިން ބުނީ އެހެނިހެން އޯއީސީތަކާ އެއްފަދައިން، ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހާ ދެމެދު، ހެނދުނު 09:00އިން ފެށިގެން، ހަވީރު 04:00އަށް ހިތަދޫ އޯއީސީން ޚިދުމަތްލިބޭނެ ކަމަށެވެ. އަދި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކުގެ އިތުރުން، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުންނަ އުރީދޫގެ ބިޒްނަސް ޕާޓްނާ ފިހާރަތަކުންނާއި، ސޭލްސް ޕާޓްނާ ފިހާރަތަކުން، އުރީދޫގެ ކަސްޓަމަރުންނަށް ޚިދުމަތް ލިބޭނެ ކަމަށް ވެސް އުރީދޫއިން ބުންޏެވެ.

comment ކޮމެންޓް