ވިލާ ސިމެންތީގެ 22 އަހަރު، އިތުބާރާއި ޔަގީންކަމާއެކު އަވަސް ޚިދުމަތެއް

މީގެ 22 އަހަރު ކުރިން، 2000 ވަނަ އަހަރު ރާއްޖޭގައި ވިލާ ހަކަތައިގެ ދަށުން އުފައްދަން ފެށި ވިލާ ސިމެންތިއަކީ މިހާރު ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ މަގުބޫލު ބްރޭންޑެކެވެ.

ވިލާ ސިމެންތީގެ މައި ޕެކިން ޕްލާންޓު ހިންގަމުންދަނީ ތިލަފުށީގައެވެ. އެ ޕްލާންޓުގައި 16000 ޓަނުގެ ކެޕޭސިޓީއަކާއެކު، މުޅި ރާއްޖޭގައި ޑިމާންޑު އޮތް މިންވަރަށް ޚިދުމަތް ދެވޭނެ ފެންވަރު މިހާރު އެބަހުއްޓެވެ.

ވިލާ ހަކަތައިގެ ސޭލްސް ޑިރެކްޓަރު ބާސިލް ނަފީސް ވިދާޅުވީ މީގެ ކުރިން އެ ޕްލާންޓުން 50 ކިލޯގެ ކޮތަޅު އެކަނި ބަންދުކުރި ނަމަވެސް، މިހާރު އެއް ޓަނުގެ ޖަމްބޯއާއެކު، ރާއްޖޭގެ ބޮޑެތި މަޝްރޫއުތަކަށް ސިމެންތި ސަޕްލައި ކުރަމުން އަންނަ ކަމަށެވެ.

"އެގޮތުން ފާހަގަކޮށްލަން ޖެހޭ ރާއްޖޭގައި މިހާތަނަށް ގެންދިޔަ އެންމެ ބޮޑު އެއް މަޝްރޫއު، ސިނަމާލެ ބްރިޖުގެ މަޝްރޫއަށް ވެސް ސިމެންތި ސަޕްލައި ކޮށްދިނުމުގެ ޝަރަފު އަޅުގަނޑުމެންނަށް ވަނީ ލިބިފައި. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ، ޓާމިނަލްގެ މަސައްކަތްތަކަށް 2017އިން ފެށިގެން މިއަދާ ހަމައަށް މެދުކެނޑުމެއް ނެތި އަޅުގަނޑުމެން ސަޕްލައި ކުރަމުން މިދަނީ،" އޭނާ ވިދާޅުވިއެވެ.

ވިލާ ހަކަތައިގެ ތިލަފުށީ އޮޕަރޭޝަންތަކުގެ ޖެނެރަލް މެނޭޖަރު ޢަލީ ދީދީ ވިދާޅުވީ މިދިޔަ 22 އަހަރު އެ ޕްލާންޓުން ހުއްޓުމެއް ނެތި ހޯދަމުން އައި ކާމިޔާބީގެ ސިއްރަކީ ކަސްޓަމަރުން އެ އުފެއްދުމަށް ކުރާ އިތުބާރު ކަމަށެވެ.

"މިޒަމާނުގައި ވިޔަފާރިކުރާ އިރު، ކަސްޓަމާ ފްލެކްސިބިލިޓީ، ނުވަތަ ކަސްޓަމަރު ބޭނުން ގޮތަށް ވިޔަފާރިކޮށްގެން ނޫނީ އަޅުގަނޑު ގަބޫލު ނުކުރަން ކުރިއަށް ދެވޭނެ ކަމަކަށް،" އޭނާ ވިދާޅުވިއެވެ.

ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމުގެ ގޮތުން ވިލާއިން އުފައްދާ ސިމެންތި ކަސްޓަމަރު ބޭނުންވާ ކޮލިޓީގައި، ކަސްޓަމަރު ބޭނުންވާ ވަގުތަށް ފޯރުކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދޭކަމަށް އަލީ ދީދީ ފާހަގަކުރެއްވިއެވެ.

އެ ޕްލާންޓުގެ އޮޕަރޭޝަންސް މެނޭޖަރު އަހްމަދު އަލީ ވިދާޅުވީ ކަސްޓަމަރުން ބޭނުންވާ އަދަދަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަގުތުން ބަންދުކޮށްގެން، ކަސްޓަމަރުންނަށް ސިމެންތި ފޯރުކޮށްދިނުމުގެ ގާބިލުކަން އެ ޕްލާންޓުގައި އެބަހުރި ކަމަށެވެ.

ވިލާ ސިމެންތިން ޚިދުމަތް ދޭ ގޮތަކީ، އެ ކުންފުނީގެ ޕްލާންޓަށް އޯޑަރެއް ލިބުމުން ވަގުތުން އެ އޯޑަރަށް ވާވަރަށް ސިމެންތި ބަންދުކުރުމަށް ފަހު، ކަސްޓަމަރުންގެ ދޯންޏަށް ނުވަތަ ލޮރީއަށް ފޯރުކޮށްދެނީއެވެ.

ރާއްޖޭގެ ބާޒާރުގައި ލިބެންހުރި އެންމެ ކޮލިޓީ ސިމެންތީގެ ޝަރަފާއެކު ވިލާ ސިމެންތިން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ބައިނަލްއަގުވާމީ ބާޒާރަށް ނުކުމެފައެވެ. މިހާރު އެ ކުންފުނިން އަންނަނީ ރާއްޖެއިން ބޭރުގައި ހިނގަމުން އަންނަ އެކި މަޝްރޫއުތަކަށް ވެސް ސިމެންތި ސަޕްލައި ކޮށްދެމުންނެވެ.

ބާސިލް ވިދާޅުވީ ފާއިތުވި 22 އަހަރުގެ ކާމިޔާބީގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އެ ކުންފުނީގެ ހީވާގި، ގާބިލް ޓީމު ކަމަށެވެ. ވިލާ ހަކަތައިގެ އަމާޒަކީ މުސްތަގުބަލުގައި ވެސް އެ ޓީމާއެކު ކުންފުނީގެ ވިޔަފާރީ އާ އުސްމިންތަކަކަށް ގެންދިޔުން ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް