މިނީ ބަހާއެކު އާމްދަނީ ދަށް ވާނެތީ ޓެކްސީ ޑްރައިވަރުން ކަންބޮޑުވެފައި

ޓެކްސީއެއް މަގުމަތީގައި: މިނީ ބަހާއެކު ޓެކްސީ ޑްރައިވަރުންގެ އާމްދަނީ ދަށަށް ދާނެ ކަމަށް އެ މީހުން ބުނޭ-- ސަން ފައިލް ފޮޓޯ

ސަރުކާރުން މާލެ ތެރޭގައި ފަށަން ތައްޔާރުވަމުން އަންނަ މިނީ ބަހުގެ ޚިދުމަތް ފެށުމާއެކު ޓެކްސީ ޑްރައިވަރުންނަށް ލިބޭ އާމްދަނީއަށް އަސަރުކުރާނެ ކަމަށް ޓެކްސީ ޑްރައިވަރުން މިއަދު ބުނެފިއެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ސަރުކާރުން މިހާރު އަންނަނީ ވަމުންނެވެ.

އެ ޚިދުމަތާއެކު މިހާރު ޓެކްސީ ދުއްވާ ފަރާތްތަކަށް ކުރިމަތިވާނެ ގޮންޖެހުންތަކާ ބެހޭ ގޮތުން ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވަގުތީ ހިންގާ ކޮމިޓީގެ އިންތިޒާމް ސެކްރަޓަރީ، އަހުމަދު ޝަމާލު ބުނީ މިނީ ބަސް ދަތުރުތަކާއެކު ޓެކްސީ ޑްރައިވަރުންނަށް ލިބޭ އާމްދަނީއަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ. ކުރިއަށްވުރެ އޭރުން ލިބޭ އާމްދަނީ މަދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބަދަލުތަކެއް އަންނާނެ ލިބޭ އާމްދަނީއަށް. މި ކަމަކީ ޕްރައިވެޓު ބަޔަކު ދޭ ޕަބްލިކް ޚިދުމަތެއް. ނަމަވެސް އަގު ކަނޑައަޅަނީ ސަރުކާރުން. މިނީ ބަސް ނޫނަސް އަބަދުވެސް އޮންނަ ގޮންޖެހުމެއް އެއީ. އޭރަކު އޮންނަ ހާލަތަކަށް ރިއާއަތް ކޮށްފަވެސް ޑްރައިވަރުންނަށް އާމްދަނީ އިތުރުވާނެ ގޮތަށް އަގު ކަނޑައެޅުމުގެ ބާރު ޓެކްސީ ކޮމިއުނިޓީއަށް އޮންނަން ވާނެ،" އޭނާ ބުންޏެވެ.

މިނީ ބަސް --- ފޮޓޯ/ އެމްޓީސީސީ

ޝަމާލު ބުނީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކުގެ ވާހަކަ ޓްރާންސްޕޯޓަށް ހުށަހަޅާ ކޮންމެ ފަހަރަކު ވެސް މާލޭގައި ޖާގައިގެ ދަތިކަމުގެ ވާހަކަ ދައްކާ ކަމަށެވެ. އެކަމަށް ހައްލެއް ނާންނަ އިރު މިނީ ބަސް ދަތުރުތައް ފެށުމުން މާލޭގެ ޖާގައިގެ ދަތިކަން އިތުރުވާނެ ކަމަށް ޝަމާލު ބުންޏެވެ.

ޝަމާލު އިތުރަށް ބުނީ މިނީ ބަސް ނޫންނަސް ރައްޔިތުންނަށް އޭގެ ފައިދާ ލިބޭ ކޮންމެ ކަމެއް ސަރުކާރުން ކުރިނަމަވެސް އެކަމާ އުފާކުރާ ކަމަށެވެ. ނަމަވެސް ޓެކްސީ ޑްރައިވަރުންނަށް އޭގެ ގެއްލުން އެއްވެސް ގޮތަކަށް ލިބުން ބަލައެއްނުގަނެވޭ ކަމަށް އޭނާ ބުންޏެވެ.

މިނީ ބަހުގެ ދަތުރުތަކާ ގުޅިގެން ވަކި ވަކި ޓެކްސީ ދުއްވާ މީހުންނާ ސުވާލުކުރުމުން ހަސަން ފާއިޒް އާއި އަހުމަދު ރަޝީދު މިއަދު "ސަން"އަށް ބުނީ ބަހުގެ ދަތުރުތަކާއެކު މާ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ނުވި ނަމަވެސް މިހާރު ޓެކްސީ ދުއްވާ ފަރާތްތަކަށް ލިބޭ އާމްދަނީ މަދުވާނެ ކަމަށެވެ.

ހަމައެއާއެކު މާލޭގެ ޓްރެފިކް މިހާރަށްވުރެ ވެސް ބޮޑުވާނެ ކަމަށް އެމީހުން ފާހަގަކުރިއެވެ.

"މިހާރުވެސް އެނގިލައްވާނެ މާލޭ މަގުމަތީގެ ހާލަތު. އިތުރަށް ބާރުބޮޑުވާނެ. ދެން ބަހުގެ ޚިދުމަތްތަށް ފަށައިގެން މާ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިނުވިޔަސް މިހާރު ޓެކްސީ ދުއްވާ ފަރާތްތަކަށް ލިބޭ އާމްދަނީ މިހާރަށްވުރެ މަދުވާނެ. އެބައުޅޭ ކާންބޯން ކުރާ މަސައްކަތެއްގެ ގޮތުގައި ވެސް މިކަން ކުރާ މީހުން. އެމީހުންނަށް މީ ވަރަށް ބޮޑު ގެއްލުމެއް. އެކަމު ރައްޔިތުންނަށް ރަނގަޅު ގޮތެއް ހޯދަދޭން ސަރުކާރުން ކަމެއް ކޮށްދިނުން މައްސަލައެއް ނޫން،" ޓެކްސީ ޑްރައިވަރު ހަސަން ފާއިޒް ބުންޏެވެ.

އާރުޓީއެލްގެ ދަށުން މިނީ ބަހުގެ ޚިދުމަތް ފެށުމަށްޓަކައި މާލެ ތެރޭގައި އަންނަނީ އެކަމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ބައެއް ޕާކިން ޒޯނުތައް ނަގައި އަދި މަޖީދީމަގުގެ އެއްވެސް ސަރަޙައްދެއްގައި ޕާކު ނުކުރެވޭ ގޮތް މިހާރު ވަނީ ހަދާފައެވެ.

މީގެ އިތުރުން މާލޭ ސިޓީ ކައުންސިލުން މަޖީދީމަގުގެ ދެ ފަރާތުގައި ޕާކްކުރުން މަނާކަން އަންގައިދޭ ރޮނގުތައް މިހާރު ވަނީ ދަމައިފައެވެ. އަދި އެ ތަންތަނުގައި ޕާކު ނުކުރެވޭނެކަން އެނގުމަށް "ނޯ ޕާކިން" ކޯން ވެސް ފުލުހުން މިހާރު ވަނީ ބަހައްޓައިފައެވެ.

މިނީ ބަހުގެ ޚިދުމަތް ރާއްޖެތެރެއެކޭ އެއްގޮތަށް މާލޭގައި ވެސް މިދިޔަ މަހުގެ 31 ވަނަ ދުވަހު ފަށަން އޮތް ނަމަވެސް ބަސް ދަތުރުތައް ހަމަ އެކަނި ފަށާފައިވަނީ އަތޮޅު ތެރޭގައި އެކަންޏެވެ.

comment ކޮމެންޓް