ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ]އަބްދުﷲ ގާޒީ[ ހައްޔަކުރި މައްސަލައާ ގުޅިގެން އެޗްއާރްސީއެމުން ހިންގަމުން އަންނަ ތަހުގީގުގައި އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ނިންމާލެވޭނެ ކަމަށް އެޗްއާރްސީއެމުން ބުނެފި އެވެ.
އެޗްއާރުސީމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުގެ މެންބަރު، އަހްމަދު އަބްދުލްކަރީމް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގެ ބަޔާން ނަގަން ޖެހޭ ހުރިހާ ފަރާތްތަކެއްގެ ބަޔާންތައް މިހާރު ނަގައި ނިމިފައިވާ ކަމަށާއި ތަހްގީގު ނުނިމި ލަސްވަނީ ސާފުކުރަން ޖެހޭ މައުލޫމާތުތަކެއް ހުރުމުން ކަމަށެވެ.
އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލަގެ އިތުރުން މިދިޔަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ރެ އާއި ހަތް ވަނަ ދުވަހު ހިންގި "އިންސާނިއްޔަތާހިލާފު" އަމަލުތަކުގެ މައްސަލައާއި ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު މާލެ އާއި އައްޑޫގައި ހިންގާފައިވާ "އިންސާނިއްޔަތާއި ހިލާފް އަމަލުތައް" އެކޮމިޝަނުން ތަހްގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހްގީގު ވެސް އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ނިއްމައި އެކަމާއި އެ ތިން މައްސަލައާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެކޮމިޝަނުން އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލަ ތަހުގީގު މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އަޅުގަނޑުމެން މީގެ ކުރިން ހާމަ ކޮށްފައިވާނެ. އެހެން ނަމަވެސް ދިމާވި މައްސަލަތަކާ ހުރެ އަދި ތަހްގީގު އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ޓަކައި އަދި ތަހްގީގު އިތުރަށް ކުރިއަށް ދިޔަ އިރު ހޯދަން ޖެހޭ މައުލޫމާތުތަކެއް ހުރުމާ އެކު އިތުރު ވަގުތު މިކަމަށް ބޭނުންވާތީ އަދި މި ތަހްގީގު ނިންމާލެވިފައިނުވާ ވާހަކަ ދަންނަވާލަން. އެހެން ނަމަވެސް ތިން މައްސަލަ އަންނަ މަހުގެ ދިހަ އެއްގެކުރިން ނިންމާލެވޭނެ."
އަބްދުލްކަރީމް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގެ ތަހްގީގަށް ހުރިހާ ފަރާތްތަކުން ވެސް އެއްބާރުލުން ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން މި މަހުގެ 19 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބައެއް އަންހެނުންނާ މެދު "އިހާނެތި" އަމަލުތަކެއް ހިންގާފައިވާ ކަމުގެ މައުލޫމާތު އެކޮމިޝަނަށް ލިބުމާ ގުޅިގެން އެކޮމިޝަނުން ދޫނިދު އަށް ގޮސް އެ އަންހެނުންނާ ސުވާކުކޮށްފައިވާ ކަމަށް ވެސް އަބްދުލްކަރީމް ވިދާޅުވި އެވެ. އަދި އެ މައުލޫމާތު ސާފުކުރުމަށް ފަހު އެ މައްސަލަ ވެސް މިހާރު އެކޮމިޝަނުން ތަހްގީގު ކުރަމުން އަންނަ ކަމަށާއި އެ މައްސަލައިގެ ތަހްގީގު ރިޕޯޓް ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭގެފާނުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފު ވެސް އެޗްއާރްސީއެމަށް ވަނީ ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ.
އަބްދުލް ކަރީމް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަގެ އިތުރުން ފެބްރުއަރީ ހަ ވަނަ ދުވަހާއި ހަތް ވަނަ ދުވަހު ހިނގާދިޔަ ކަންތައްތަކުގެ ތަހްގީގާއި އަދި ފެބްރުއަރީ 8 ވަނަ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކުގައި ހިނގި ހަމަނުޖެހުން ވެސް ބޮޑު ދެ މައްސަލައިގެ ގޮތުގައި އެކޮމިޝަނުން ތަހްގީގު ކުރަމުން އަންނަ ކަމަށެވެ.