ރާއްޖޭގައި ޑިމޮކްރަސީ އަށަގަންނުވައި، ހެޔޮވެރިކަމުގެ ބިންގާ ނެގެހެއްޓުމަށް ރައްޔިތުން ޙަވާލުކޮށްފައިވާ މަސްއޫލިއްޔަތު، މިސަރުކާރުން އަދާކުރާނެ: ރައީސް

10:00


ރާއްޖޭގައި ޑިމޮކްރަސީ އަށަގަންނުވައި، ހެޔޮވެރިކަމުގެ ބިންގާ ނެގެހެއްޓުމަށް ދިވެހި ރައްޔިތުން މިސަރުކާރާ ޙަވާލުކޮށްފައިވާ މަސްއޫލިއްޔަތު، މިސަރުކާރުން އިރާދަކުރެއްވިއްޔާ އަދާކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު 6 ޖެހިއިރު ޖުމްހޫރީ މައިދާނުގައި ބޭއްވެވި ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މި ރާއްޖޭގެ މުސްތަޤްބަލަށްޓަކައި އަދި މި ރާއްޖޭގެ ދަރީންނާއި ދަރީންގެ ދަރީންނަށްޓަކައި މިޤައުމާއި މިދައުލަތް ކޮރަޕްޝަނާއި ފަސާދައިގެ ހުތުރު އަޅުވެތިކަމުން ސަލާމަތް ކުރުމުގައި، މުރާލިކަމާއެކު އަލުގަނޑުމެން ދެމިތިބޭނެ އެވެ.


2008 ވަނަ އަހަރު ވެރިކަން ބަދަލުވުމާ ގުޅިގެން، ކުރީގެ ވެރިކަމާ ގުޅިވަޑައިގެންފައި ތިއްބެވި ބޭފުޅުންގެ މުޅި ބާރުވެރިކަމެއް މިފަހަރަކު ނުގެއްލޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. އަދި ކުރީ ސަރުކާރުގެ ވެރިން، ވެރިކަމުގައި ތިއްބެވިއިރު، އެބޭފުޅުންނާއި އަދި ޝަރީޢަތާއި ޤާނޫނު ހެދުމުގެ ބާރާ ގުޅިފައިވާ މިންވަރަށް މިފަހުން ބަދަލެއް އައިނަމަ، އައީ ވަރަށްކުޑަ ބަދަލެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިކުޑަބަދަލު އެގޮތަށް ގެންނެވުމަށް ސަރުކާރުން ނިންމީ، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށާއި، ރާއްޖެއަށްޓަކައި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި މި ސަރުކާރުން ގަބޫލު ކުރާ ވެރިކަމުގެ ބާރަކީ ރައްޔިތުންނަށް ޚިދްމަތް ދިނުން ކަމަށާއި، އިޖްތިމާޢީ ރައްކާތެރިކަމުގެ ފުރިހަމަ ނިޒާމެއް ޤާއިމުކޮށް، ރައްޔިތުންނަށް ބޭނުންވާ ޟަރޫރީ މުހުތާދުތައް ފުއްދައިދީ، ބޭސްފަރުވާ ލިބިނުދެވޭނަމަ، އެ ވެރިކަމުގައި އާރެއް ނުލާނެ ކަމުގައި ވިދާޅުވި އެވެ. އަދި ލާމެހިފައިވާ ދަތުރުފަތުރުގެ ނިޒާމަކުން މެނުވީ، ވެރިކަން ބަދަހިވެ، ލާމެހިގެނެއް ނުދާނެކަންވެސް އެމަނިކުފާނު ހާމަކުރެއްވި އެވެ. މިމޭރުމުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މިމަޤްޞަދުތައް ކާމިޔާބު ކުރެއްވޭ ކަމަށާއި، ޤައުމުގެ ތަރައްޤީގެ ދުވެލި މިދަނީ ކުރިއަށް ކަމުގައި ވިދާޅުވި އެވެ.


މިހާރު ޢަމަލުކުރަމުންމިދާ ޤާނޫނުއަސާސީގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ތަޞްދީޤު ކުރެވިފައިމިވާ ދުސްތޫރަކީ ރިޔާސީ ނިޒާމުގެ ސިފަތައް ހާވިޔާވެ، އަދި ބަރްލަމާނީ އުޞޫލުތަކަށްވެސް ނުފެތި، ފުށުއަރާފައިވާ ޙާލަތުތައް ވަރަށްގިނަ ދުސްތޫރެއް ކަމުގައި ވިދާޅުވި އެވެ. އެހެންކަމުން، މިއަދު އަޅުގަނޑުމެންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރާން ވެއްޖެނަމަ، މިދުސްތޫރުގެ ބައެއް މާއްދާތަކަށް ބަދަލު ގެންނަން އެބަޖެހޭ ކަމަށް ވިދާޅުވެ، އެބަދަލުތައް ގެނައުމަށް ބޭނުންވާނެ ހުރިހާ އިންތިޚާބަކަށް ފުރްޞަތު ދެއްވުމަށް ތައްޔާރަށް ހުންނެވިކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. "ރައްޔިތުންގެ ކުރިމައްޗަށް ހުއްޓި، އެމީހުން އެދޭގޮތަކީ ކޮބައިތޯ އެހުމަށް އަޅުގަނޑު ފަސްޖެހޭނެ އެއްވެސް ދަނޑިވަޅެއް އިރާދަކުރެއްވިއްޔާ ނާންނާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ޤައުމިއްޔަތާއި ދިވެހިވަންތަކަމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކުގައި، ޤައުމިއްޔަތު ބިނާވެފައިމިވަނީ ހަމައެކަނި ބަހާއި ދީނުގެ މައްޗަށް ކަމަށް އިވޭ ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް، އަހަންނަކީ ދިވެއްސެކޭ ބުނާ ބަހުގައި، އަހަރެންނަކީ ދިވެހި ބިމުން ކިތަންމެ ކުޑަތަންކޮޅެއްގެ ނަމަވެސް މިލްކުވެރިއެކޭ ނުބުނެވޭ ކަމުގައިވަނީނަމަ، ދިވެހި ޤައުމިއްޔަތުގެ ޙިމާޔަތުގައި އެމީހާ އުޅޭ މިންވަރު ކުޑަވާނެ ކަމަށާއި، އެއިޙްސާސް އޭނާގެ ހިތުގައި ފަނޑުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ދިވެހިންގެ ވަކި ފަރުދުންނަށް ނުވަތަ ރައްޔިތު މީހާއަށް ބިންވެރި ކުރެވޭނެގޮތްވުމަކީ، ދިވެހިވަންތަކަން ވަރުގަދަވެ، ޤައުމިއްޔަތު ފުރިހަމަވާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ދިވެހި ރައްޔިތު މީހާއަށް ބިންވެރިކުރެވޭނެ ގޮތްތައް ހޯއްދަވައި، ރާއްޖޭގައި ގެދޮރު ގަނެ ވިއްކުމުގެ ފުރިހަމަ ބާޒާރެއް އުފެއްދެވުމަކީ މިސަރުކާރުގެ އަމާޒެއްކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވި އެވެ. އަދި ރަށްރަށާއި، ފިނޮޅު، ހުރާފަދަ ތަންތަނާއި، ފަޅު ފަރުފަދަ ތަންތަންވެސް ބެލެހެއްޓުމަށް އެކިއެކި ފަރާތްތަކާ ޙަވާލުކުރުމަކީ ދިވެހިރާއްޖެ އަލުން އަނބުރާ ދިވެހި ރައްޔިތުންނަށް ރައްދުވުމަށް އެޅޭނެ ބާރެއް ކަމަށް ވިދާޅުވެ، މިރާއްޖޭގެ ތަރައްޤީގެ ޗާލޫވި ބޮޑު މަންޒަރުގެ ޗާޓް އެބަ ފެނިވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


ޖުމްހޫރީ މައިދާނުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ މުޙަންމަދު ނަޝީދެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު