ދައުލަތުގެ ދަރަނީގެ ދިރާސާތައް ކުރުމަށް މީހަކު ހޯދަނީ

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުގެ ދަރަނީގެ ދިރާސާތައް ކުރުމަށް ޑެޓް މެނޭޖްމެންޓް އެނަލިސްޓުން ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

މިދިޔަ ހޯމަ ދުވަހު ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ދައުލަތުގެ ދަރަނީގެ ދިރާސާތައް ކުރަން ހޯދާ މީހާގެ ޝަރުތަކީ އެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް ނުވަތަ އަށެއްގެ ސަނަދެއް ހާސިލްކޮށްފައިވުން ކަމަށެވެ.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ:

  1. ދައުލަތުގެ ދަރަނީގެ ޚަރަދާއި ރިސްކް ކުޑަކުރުމަށް އަމާޒުކޮށް މެދުރާސްތާ އަދި ދިގު ރާސްތާގެ ދަރަނީގެ ސްޓްރެޓަޖީ ތައްޔާރުކުރުމުގައި އެހީތެރިވުން.
  2. ދައުލަތުގެ ދަރަނީގެ ޕޯޓްފޯލިއޯ އެނަލިސިސް ހެދުމާއި ދަރަނީގެ ސަސްޓެއިނަބިލިޓީ އެނަލިސިސް ހެދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  3. ދައުލަތުގެ ދަރަންޏާ ގުޅިގެން ހަދަންޖެހޭ ރިސްކް އެނަލިސިސް ހެދުމާއި ރިސްކް މެނޭޖްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރިކޮށްދިނުން.
  4. ދައުލަތުގެ ދަރަންޏާއި ދަރަނި މެނޭޖްކުރުމަށް ބޭނުންކުރެވޭ ސްޓްރެޓެޖިކް ބެންޗްމާކްތަކަށް ރިއާޔަތްކޮށް ޑިޕާޓްމަންޓުގެ ޕާފޯމަންސް މޮނިޓަކުރުމުގައި އެހީތެރިވުން.
  5. ދައުލަތުން ގެރެންޓީ އަދި އޮން-ލެންޑް ކުރުމުގެ ޕޮލިސީ އެކުލަވާލުމުގައި އެހީތެރިވުން.
  6. ދަރަންޏާ ގުޅޭ އެނަލިޓިކަލް ރިޕޯޓްތައް ތައްޔާރުކުރުމުގައި އެހީތެރިވުން.
  7. ސެކްޝަންގެ އެންމެހާ މަސައްކަތްތައް ކުރުމުގައި އެހީތެރިވުން.

އެ ވަޒީފާގެ މުސާރައާއި ސާވިސް އެލަވަންސަކީ 8،295 ރުފިޔާއެވެ.
އެ ވަޒީފާއަށް ކުރިމަތިލެވޭނީ އަންނަ އަންގާރު ދުވަހުގެ 12:00އާ ހަމައަށެވެ.

ވަޒީފާއަށް އެދޭ އެޕްލިކޭޝަން ފޯމާއި ލިޔުންތައް މިހާރު ފިނޭންސް މިނިސްޓްރީގެ މެއިލް، [email protected]އިން ވެސް ބަލައިގަންނާނެއެވެ.

comment ކޮމެންޓް