އެކި ނަންނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުން އިތުރުވާތީ ސަމާލުވުމަށް ބީއެމްއެލްއިން އިލްތިމާސްކޮށްފި

އެކި ނަންނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުން އިތުރުވަމުންދާތީ އެކަމަށް އިތުރަށް ސަމާލުވުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފަ -- ފޮޓޯ/ ބީއެމްއެލް

އެކި ނަންނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުން އިތުރުވަމުންދާތީ އެކަމަށް އިތުރަށް ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިލްތިމާސްކޮށްފިއެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ އެކި ގޮތްގޮތަށް ކަސްޓަމަރުންނަށް އޮޅުވާލައިގެން މައުލޫމާތު ހޯދައި، އެ މައުލޫމާތު ބޭނުންކޮށްގެން އެކައުންޓުން ފައިސާގެ މުއާމަލާތްތައް ހިންގަމުންދާ ކަމަށެވެ.

ކަސްޓަމަރުންގެ އަތުން އެކި މައުލޫމާތުތައް ހޯދާ

"ކަސްޓަމަރުންނަށް އޮޅުވާލައިގެން ފޯނުން ގުޅައިގެންނާއީ އީމެއިލް މެދުވެރިކޮށް ލިންކު ފޮނުވައިގެން އިންޓަނެޓް ބޭންކިން ޔޫސަނޭމް އާއި ޕާސްވޯޑް އަދި އީމެއިލް އައިޑީވެސް އެބަހޯދާ. އަދި ފޯނަށް އަންނަ ޓޫފެކްޓާ އޯތެންޓިކޭޝަން ކޯޑާއި އޯޓީޕީވެސް ހޯދާ. އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް އީމެއިލް ބޭނުންކުރެވޭ. މި މައުލޫމާތު ބޭނުންކޮށްގެން އެކައުންޓުން ފައިސާގެ މުއާމަލާތްތައް ކުރުމުގެ ފުރުސަތު އެ ފަރާތްތަކަށް ލިބިގެންދޭ. އެހެންކަމުން މިފަދަ އެއްވެސް ޒާތީ މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން."

ފްލެޓެއް ލިބުނުކަމަށް ބުނެ އޮޅުވާލައިގެން ފޯނު ކުރޭ

"މިހާރަކަށް އައިސް ފްލެޓް ނުވަތަ ރޯހައުސް އެއް ލިބިފައިވާ ކަމަށް ބުނެ އެކި އިދާރާތަކުގެ ނަމުގައި އޮޅުވާލައިގެން ކަސްޓަމަރުންނަށް ގުޅަމުންދާ މައްސަލަތައް ހުށަހެޅޭ. މިފަދަ މައްސަލަތަކަށް ބަލާއިރުވެސް އަޅުގަނޑުމެންނަށް ފާހަނގަކުރެވެނީ އީމެއިލްއަށް ވަނުމަށް ބޭނުންކުރާ ކޯޑުތައް ހިއްސާކޮށްފައި ހުންނަކަން. އަދި ބައެއް ފަހަރު އެ ފަރާތްތަކުން އެދޭ ގޮތަށް ފައިސާގެ މުއާމަލާތްވެސް ކޮށްފައި ހުންނަކަން ފާހަގަކުރެވޭ.
އަޅުގަނޑުމެން އެދެނީ މިފަދަ ފަރާތްތަކުން އެދޭ ގޮތަށް ފައިސާގެ އެއްވެސް މުއާމަލާތްނުކުރުން. އަދި ޒާތީ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުން."

ސަމާލުކަންދޭންވީ އެއްވެސް މައުލޫމާތެއް ނުދިނުމަށް

"އެކި ނަންނަމުގައި ގުޅައިގެން ކަސްޓަމަރުގެ ޒާތީ މައުލޫމާތު ހޯދަން ގުޅާ ފަރާތްތަކުން އެދޭ އެއްވެސް މައުލޫމާތެއް ނުދިނުމަކީ ކަސްޓަމަރުންނަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅު. މިފަދަ ފަރާތްތަކުން ވާހަކަ ދައްކަނީ ވަރަށްވެސް ގަބޫލުކުރެވޭ ފަދަ ގޮތަކަށް ވީނަމަވެސް އިންޓަނެޓް ބޭންކިންއަށް ވަނުމަށް ބޭނުންކުރާ މައުލުމާތުތަކާއި، އައިޑީކާޑު ނަންބަރު، އޯޓީޕީ، އީމެއިލްގެ އިތުރުން އެއްވެސް ކޯޑެއް ހޯދުމަށް އިދާރާއަކުން ނުގުޅާނެކަން ހަނދާނުގައި ބެހެއްޓުން ވަރަށް މުހިންމު. ކަސްޓަމަރުގެ އީމެއިލްއަކީ އިންޓަނެޓް ބޭންކިން އާއި އަމިއްލަ އެކި ބޭނުންތަކުގައި ބޭނުންކުރާ ވަސީލަތަކަށް ވީހިނދު، ސެކިއުރިޓީ ގޮތުން ވަރުގަދަކުރުމާއި ފޯނަށް އަންނަ އެއްވެސް ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަކީވެސް ރައްކާތެރިކަން ހޯދޭނެ ގޮތްތަކެއް."

މީގެ އިތުރުން ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކާއެކު ފައިސާގެ މުއާމަލާތްކުރުމުގައި އިތުރަށް ސަމާލުވެ، ވީހާވެސް ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ހިންގުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް