އެފްއޭ ކަޕްގައި ކުލަބް ވެލެންސިއާއިން ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ބަލިކޮށް, އެ މުބާރާތުގެ ސެމީ ފައިނަލްގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.
މިރޭ ގަލޮޅު ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލްގެ މެޗު ވެލެންސިއާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ވެލެންސިއާ އާއި ދަ ގްރާންޑޭގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު އެ މެޗުގައި ދެ ޓީމުން ވެސް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސްކޮށްފައެވެ.
އެގޮތުން މެޗުގެ ކުރީ ކޮޅުގައި ވެލެންސިއާއިން ވަނީ ދެ ގޯލު ޖަހައި މެޗުގެ ލީޑުނަގައިފައެވެ. މެޗުގެ 13 ވަނަ މިނެޓުގައި އައްސަދު އަލީ (އަޑުބަރޭ) ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑުނަގައިފައެވެ.
މީގެއިތުރުން އޭގެ ހަ މިނެޓު ފަހުން ވެލެންސިއާގެ އާދަމް ސުފިއާން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ފުޅާކޮށްފައެވެ. އެ ގޯލަކީ ވެލެންސިއާއަށް ލިބުނު ކޯނަރެއް ދަ ގްރާންޑޭގެ ކުޅުންތެރިންނަށް ރަނގަޅަށް ސާފު ނުކޮށްލެވިގެން އުޅެނިކޮށް ސުފިއާން ޖެހި ގޯލެކެވެ.
ނަމަވެސް މެޗުގެ 55 ވަނަ މިނެޓުގައި ދަ ގްރާންޑޭގެ ބިދޭސީ ކުޅުންތެރިޔާ ހޫގޯ ނިކޮލަސް ވަނީ އެ ޓީމަށް ލިބުނު ކޯނަރަކުން ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
އެ ނަތީޖާއާއެކު ވެލެންސިއާ ސެމީ ފައިނަލަށް ދަތުރުކުރިއިރު، ސެމީ ފައިނަލްގެ އެ މެޗުގައި އެ ޓީމާ ދެކޮޅަށް ނިކުންނާނީ ކުލަބު އީގަލްސްއާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
މީގެއިތުރުން ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ކުލަބް ގްރީން ސްޓްރީޓްސްއެވެ. އެ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00ގައެވެ.