ރުހިގެނެއްނޫން، މަޖުބޫރުވެގެން

ފޮޓޯ: ދި އިކޮނޮމިކް ޓައިމްސް

ވިޔަފާރީގެ ޢަޤުދެއް ކުރާއިރު ފުރިހަމަވާންޖެހޭ އަސާސީ އެއްރުކުނަކީ ދެފަރާތުގެ ރުހުމެވެ. އެއީ ރުހުމާއެކު ވިއްކުމާއި ރުހުމާއެކު ގަތުމެވެ. ﷲ ވަޙީކުރައްވާފައި ވެއެވެ. يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَأْكُلُوٓاْ أَمْوَٰلَكُم بَيْنَكُم بِٱلْبَٰطِلِ إِلَّآ أَن تَكُونَ تِجَٰرَةً عَن تَرَاضٍۢ مِّنكُمْ (ނިސާ: 29) "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ބާތިލު ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ."

މަހުން މަހަށް ބިލު ދައްކާގޮތަށް ހޯދާ ޚިދުމަތްތަކުގައި ވަރަށް ގިނަ ފަހަރަށް، ޚިދުމަތް ލިބިގަންނަ ފަރާތުގެ ރުހުން އެއީ އޮންނަންނުޖެހޭ އެއްޗެއް ފަދައެވެ. އެފަދަ ޚިދުމަތްތައް ފޯރުކޮށްދޭ ބައެއް ފަރާތްތަކުގެ އިޝްތިހާރާއި ލިޔުންތައް، ކަސްޓަމަރުން ވަރަށް ބޮޑަށް ރުހޭނެހެން ތައްޔާރުކޮށްފައި ހުރެއެވެ. ނަމަވެސް އެ ޚިދުމަތެއް ފޯރުކޮށްދޭން ފެށުމަށްފަހު ދެން ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި އުފުލަންޖެހޭ ތަކުލީފު، ފަރުބަދައެއް ކެނޑުމަށްވުރެ ވަކީން ލުޔެއްނުވާނެއެވެ. ޚިދުމަތްދޭ ފަރާތާ ނުގުޅުމެވެ. ގުޅުމަށްޓަކައި ހޭދަކުރަންޖެހޭ ވަގުތާއި ފައިސާއެވެ. ގުޅަންޖެހޭ އަދަދުގެ ގިނަކަމެވެ. ގުޅުނަސް ... މައްސަލަ ހައްލުކޮށްދެވޭނެ ފަރާތެއް، ގޮތެއް ސާފުނުވެ ދިގުލައިގެން ދިއުމެވެ. އޮޓޮމެޓިކް ޖަވާބުތަކެއް ލިބި، އިންސާނަކާ ވާހަކަ ދެއްކޭނެގޮތެއް ނުވުމެވެ. އެހެން ނަންބަރަކަށް ގުޅަން، އީމެއިލުކުރަން، އައިޑީކާޑުގެ ފޮޓޯ ފޮނުވަން.... ތަކުރާރުކޮށް މިފަދަ ކަންކަން ކުރަން ޖެއްސުމެވެ. މިފަދަ އެތައް ތަކުލީފުތަކެއް ކުރިމަތިވާކަން ޔަގީންވާއިރުވެސް، އެ ޚިދުމަތެއް ހޯދަން އެދެނީ "ރުހުމަކުން" ނޫނެވެ. މަޖުބޫރުވެގެންނެވެ. އެނޫން އެހެން ގޮތެއް ނެތީމައެވެ.

ކުކުޅު ބިސް ވިއްކާނަމަ ބިހުގެ ބޭރުގައި ނަޖިސް ހޭކިފައި ހުރެގެން ނުވާނެކަމަށާއި މުއްދަތު ހަމަވާ ތާރީޚު އެނގެން އޮންނަންވާނެކަމަށް ތަކުރާރުކޮށް އިއުލާނުކޮށްފިއެވެ. ނަމަވެސް އެބުނާ ޝަރުތު ހަމަވާ ބިސް ވިއްކަނީ ކޮންތަނަކުންހެއްޔެވެ؟ ބިހުގެ ބޭރުގައި ނަޖިސް ހުރުމެވެ. އަގާ އަޅާ ބަލާއިރު ސައިޒުގެ ކުދިކަމެވެ. ސައިޒު ކިތަންމެ ކުޑަވިޔަސް އަގު ތަފާތުކޮށްލާފައި ނުހުންނަކަމެވެ. މިފަދަ ކަންކަމާމެދު ނުރުހިގެން ހުރެ އެ ގަނެގެން ދަނީ ކިތައް ކަސްޓަމަރުންހެއްޔެވެ؟ އެހާލަތުގައި، ކަސްޓަމަރު އެވަނީ ވިޔަފާރިއާމެދު ރުހިގެން ހެއްޔެވެ؟ ނޫނީ އޭނާ އެވަނީ މަޖުބޫރީ ހާލަތުގައިނޫންހެއްޔެވެ؟

މުދާ ގަންނަ ފަރާތާއި ޚިދުމަތް ލިބިގަންނަ ފަރާތުގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ މަގު އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވެއެވެ. އަދި އާއްމު ގޮތެއްގައި ވަޟަޢީ ޤާނޫނުގައިވެސް މިކަން ކަނޑައަޅާފައި އޮވެއެވެ. މިގޮތުން، މުޢާމަލާތުގެ ފިޤުހުގައި الخيارات (options) ކިޔާ ޚާއްޞަ ބައެއް އޮވެއެވެ. މީގެ ތަފުސީލުތައް މި ލިޔުމުގައި ނުހިމަނަމެވެ. "މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތް ކުރުމުގެ ޤާނޫނު" (ނަންބަރު: 12/2020) އަށް ބަލައިލުމުން، މި ޤާނޫނާ ފުށުއަރާގޮތަށް ބައެއް ވިޔަފާރިވެރިން ކުރަމުންދާ އެތައް ކަމެއް ފާހަގަ ކުރެވޭނެއެވެ. މީގެތެރެއިންވެސް ފާހަގަކޮށްލެވޭ މުހިއްމު އެއްކަމަކީ، ބައެއް ތަންތަނުން ގަންނަ މުދާ އަނބުރާ ރައްދު ކުރުމުގެ މަގު ބަންދުކޮށްފައި އޮތުމެވެ.

އިސްވެ ދިޔަ ޤާނޫނުގައި، (ބުނާފަދަ ހާލަތެއްގައި) ގަތް މުދާ އަނބުރާ ރައްދުކުރުން ނުވަތަ އެ މުދަލެއް ގަތުމަށް ދިން އަގު ނުވަތަ ހަމަ އޭގެ މުދަލެއް ލިބިގަތުމުގެ ހައްގު ކަށަވަރުކޮށްދީފައިވެއެވެ. ނަމަވެސް މި ފުރުސަތު ބަންދުކޮށްލުމަށްޓަކައި (ހަމަ އެ ޤާނޫނުން މަގެއް ހޯދައިގެން) ހީލަތެއް ހަދައެވެ. "މި ފިހާރައިން ގަންނަ މުދާ ބަދަލުކޮށްދެވެންނެތް ވާހަކަ ދަންނަވަމެވެ. އަދި ރީފަންޑް ކޮށްދެވެންނެތް ވާހަކަވެސް ދަންނަވަމެވެ." [ޤާނޫނުގައި އޮތް އިބާރާތުގެ މަގުސަދަކީ އެ ފުރުސަތު ބަންދުކޮށްފައި ބޭއްވުމަށް މަގުފަހިކުރުންކަމަށް ނުވިޔަސް] މި ނޯޓިސް އާއްމުކޮށް ފެންނާނެހެން ހުއްޓައި، މުދާ ގަނެގެން ގެންދާނީ އެގޮތަށް ރުހިގެން ކަމަށް ބެލުމުގެ ފުރުސަތު އޮންނާނެއެވެ. ނަމަވެސް ހަގީގަތަކީ ކޮބައިހެއްޔެވެ؟ ރުހުން އޮތްކަން ބޭރުފުށުން ފެންނަން އޮތަސް، ކަސްޓަމަރުގެ ހިތުތެރޭގައި ވަނީ ނުރުހުމާއި މޮޅިވެރިކަމެވެ. ނޯޓިސްއާ މެދު ހިތްހަމަ ނުޖެހުނަސް، އެ މުދަލެއް ހޯދަން އެހެން ތަނަކަށް ދިއުމަކީ ކޮންމެ ފަހަރަކު ފަސޭހަ ކަމަކަށް ނުވާނެއެވެ. އަދި ދެން ދާ ތަނަކުން އެ ބޭނުންވާ އެތި ލިބޭނެކަމެއްވެސް ޔަގީނެއްނޫނެވެ. ވަގުތަކީވެސް ވަރަށް މުހިއްމު އެއްޗެކެވެ! މި ހުރިހައި ކަމެއް މިހެން ހުރުމުން، ހިތުގެ ނުރުހުމާއެކުވެސް، ބޭނުންވާ އެތި އެތަނުން ގަތުންނޫން އެހެން ގޮތެއް އޮންނާނެހެއްޔެވެ؟

ވިއްކާ ތަކެތީގައި، ސާފުކޮށް އެނގޭނެހެން އަގުޖަހާފައި ހުންނަންޖެހޭނެކަމަށް، ކުރިން ބުނި ޤާނޫނުގެ 16 ވަނަ މާއްދާގައި އޮވެއެވެ. މިހެން އޮތްނަމަވެސް، ވިއްކާ އެއްޗެތީގައި އަގު ޖަހާފައި ނެތުމުން ނުވަތަ ޖަހާފައި ހުންނަ އަގު ދިމާނުވެގެން، "ނުރުހުމުގައި" ތަކެތި ގަންނަން މަޖުބޫރުވާ ހާލަތު އާދެއެވެ. ގިނަ މީހުންތަކުގެ ތެރެއިން ގޮސް އެއްޗެތީގެ އަގު އަހާއިރު، އަގު ބޮޑުނަމަވެސް އެ އެއްޗެއް ނުގަނެ ދާން ލަދުވެތިވާ ފަހަރު އާދެއެވެ. އަދި ބައިވަރު އެއްޗެތި ގަންނައިރު، ފަހަރަކު އެއްޗެއް ހިފައިގެން ގޮސް އަގު ބެލުމަކީވެސް ފަސޭހަކަމެއްނޫނެވެ. ޕްރޮޑަކްޓާ ދިމާލުގައި ޖަހާފައިވާ އަގަށް ބަލައި އެހިފައިގެން ކައުންޓަރަށް ދިއުމުން، އެތަނުގައި ޖަހާފައި އެވަނީ އަދި އެހެން އެއްޗެއްގެ އަގުކަމަށްވާ ފަހަރުވެސް އާދެއެވެ. މިފަދަ ހާލަތްތަކުގައި ވިޔަފާރި އެކުރަނީ ރުހި ގަބޫލުވެގެންކަމަށް ބުނެވޭނެހެއްޔެވެ؟ ނޫނެކެވެ. ރުހިގެނެއްނޫނެވެ. މަޖުބޫރުވެގެންނެވެ!

ވަރަށް ނާދިރު ހާލަތެއްގައިނޫނީ، ގަންނަ މުދަލެއް ބަދަލުކުރަން ނުވަތަ ރީފަންޑު ހޯދަން ކަސްޓަމަރަކު ނުދާނެކަން ޔަގީނެވެ. އަދި މުދަލާއި ޚިދުމަތް ވިއްކާ ފަރާތްތަކުން، ނޭދެވޭ ކަންކަން ކުރިނަމަވެސް އެކަން ހައްލުކުރުމަށްޓަކައި ލައްކަޔަކުން މީހަކުވެސް ޤާނޫނުގެ މަގު އިޚްތިޔާރުކޮށްފާނެކަމަކަށް ނުބެލެވެއެވެ. މުދަލުގައި ޖަހާފައިވާ އަގަށްވުރެ އެއްރުފިޔާ ބޮޑުކޮށް އަގޯރާ ފިހާރައިން މުދަލެއް ވިއްކި މައްސަލައިގައި ބަދަލުގެ ގޮތުގައި އެއްރުފިޔާ ހޯދުމަށް ކަސްޓަމަރު ދައުވާ ކުރިއެވެ. އެ އެއްރުފިޔާ ދެއްކުމަށް ހުކުމްކުރީ 2010 ވަނަ އަހަރުގެ އޭޕްރީލު މަހުއެވެ. އެއީ މީގެ ބާރަ އަހަރު ކުރިއެވެ. މިފަދަ ކަންކަމުގައި މީހުން ޝަރީޢަތަށް ދާ މިންވަރު މަދުކަން މިއިންވެސް ހާމަވެއެވެ. ކަން މިހެން އޮތް އިރު، އިސްލާމީ ޝަރީޢަތާއި ޤާނޫނުންވެސް ކޮންސިއުމަރުންނަށް ލިބިދީފައިވާ ހައްގުތައް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދެމާ ހެއްޔެވެ؟ އިސްލާމްދީނުގައި އަންގަވާފައިވާފަދައިން، ވިޔަފާރީގެ މަގުސަދަކީ ފައިދާ ލިބިގަތުމާއެކު އަނެކާއަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި ދެކެމާހެއްޔެވެ؟

ގުޅޭ ޓެގު
comment ކޮމެންޓް