ބަދުއަޚްލާގީ ވީޑިއޯތައް އާންމުނުކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅަން އެޗްއާރްސީއެމުން ގޮވާލައިފި

ހިއުމަން ރައިޓްސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެ ކޮމިޝަންގެ މެމްބަރުން -- ފޮޓޯ/ އެޗްއާރްސީއެމް

ބަދުއަޚްލާގީ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުނުކޮށް ފުލުހަށް މައްސަލަ ހުށަހަޅަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ގޮވާލައިފިއެވެ.

ބަދުއަޚުލާގީ އަމަލުތައް ދައްކުވައިދޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުކުރާ މައްސަލައާ ގުޅިގެން އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ބުނީ އެފަދަ އެއްވެސް ވީޑިއޯއެއް ނުވަތަ އެފަދަ ކަމެއްގެ މައުލޫމާތު ލިބިއްޖެނަމަ، ސޯޝަލް މީޑިއާގައި އާންމުކުރުމުގެ ބަދަލުގައި ކަންކަން ބަލާ ތަހުގީގުކުރުމުގެ ބާރު އޮންނަ އިދާރާތަކާ އެ މައުލޫމާތު ހިއްސާކުރުމަށް ގޮވާލާ ކަމަށެވެ.

މިފަދަ ވީޑިއޯތައް ސޯޝަލް މީޑީއާގައި އާންމުކުރުމަކީ ބައެއްގެ އަބުރާއި ކަރާމާތަށް އަރައިގަތުމުގެ އަމަލެއްކަމަށް އެ ބަޔާނުގައި ވެއެވެ. އަދި އެއީ ޖިނާއީ ކުށެއްކަން އެ ކޮމިޝަނުން ހަނދާންކޮށްދިނެވެ.

"އަދި މިފަދަ އަމަލުތަކުގެ ސަބަބުން، އަދުލު އިންސާފު ގާއިކުރުމުގައިވެސް ހުރަސްތަކަކާ ކުރިމަތިވާނެ ކަމަށް ޤަބޫލުކުރެވުމުގެ އިތުރުން، މިފަދަ ކަންކަމަކީ އާއިލާތަކާއި މުޖުތަމައުގެ މެދުގައި ހަމަނުޖެހުމާއި، ފިތުނަ ފަސާދަ އުފެދި
އާއިލާތައް ރޫޅި ދިއުމުގެ ބިރު ވަރަށް ބޮޑަށް އޮތް ކަމެކެވެ،" އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ސޯޝަލް މީޑިއާގައި ވީޑިއޯތައް ލީކުކުރުމުގެ ސަބަބުން އުމުރާ ނުގުޅޭ ފާހިޝް އަމަލުތައް ދައްކުވައިދޭ ވީޑިއޯތައް ކުޑަކުދިންނަށް ފެނި، އެކަމުގެ ސަބަބުން ރައްކާތެރިމަކާއެކު ހެދިބޮޑުވުމުގެ ހައްގަށް ހުރަސްއެޅޭކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ވީޑިއޯތައް އާންމުކުރާ މައްސަލަ ފުލުހުން ނުބަލާ ކަމަށް ބުނެ ބައެއް މީހުންގެ ފާޑުކިޔުން ވަނީ ފުލުހުންނަށް އަމާޒުވެފައެވެ.

comment ކޮމެންޓް