މިނިވަން ދުވަހުގެ ޚާއްސަ ޕްރޮގްރާމުގެ ހާއްސަ މެހެމާނަކަށް ރައީސް މައުމޫން

10:00


މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ވަރަށް ޚާއްސަ ޕްރޮގްރާމެއް ސަންއެފްއެމުން މިރޭ ގެނެސްދިނުމަށް ހަމަޖައްސައިފި އެވެ. މިރޭ 8.30 އިން ފެށިގެން 12 އާ ހަމައަށް ވަގުތުން ގެނެސްދޭ "މިނިވަންކަމުގެ ހިޔަލުގައި" މި ޕްރޮގްރާމްގެ ހާއްސަ މެހެނާނެއްގެ ގޮތުގައި، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރާއްޖޭގެ 45 އަހަރުގެ މިނިވަންކަމާ ބެހޭ ގޮތުން ރައީސް މައުމޫން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ. އެމަނިކުފާނުގެ އިތުރުން ވެސް ވަރަށް ހާއްސަ ދެ ބޭފުޅަކު މިރޭގެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެއީ މިނިވަންކަމުގެ އެގްރިމަންޓުގައި ސިލޯނުގައި ސޮއިކުރެއްވި ރަސްމީޔާތުގައި ރައީސް އިބްރާހިމް ނާސިރުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި، ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި އިއްޒަތްތެރިއެއް ކަމަށްވާ އަބްދުއްސައްތާރު މޫސާ ދީދީ އާއި، މިނިވަންކަމުގެ އެގްރިމެންޓުގެ ވާހަކަ ރާއްޖޭގައި އިއުލާންކޮށްދެއްވި ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި އިއްޒަތްތެރިއެއް ކަމަށްވާ ސޯދު ސީނު އިބްރާހިމް ރަޝީދު ނުވަތަ ކަރަންކާ ރަޝީދެވެ. މިނިވަންކަމުގެ އެގްރިމަންޓުގައި 26 ޖުލައި 1965 ގައި ރައީސް ނާސިރު ސޮއިކުރެއްވި ޕާކަރު ގަލަންކޮޅު ނާސިރު ދެއްވައިފައި ވަނީ އަބްދުއްސައްތާރު މޫސާ ދީދީ އަށެވެ. މިރޭގެ ޕްރޮގްރާމުގައި އަބްދުއްސައްތާރު މޫސާ ދީދީ ބައިވެރިވެވަޑައިގަންނަވާނީ އެ ގަލަންކޮޅު ހިއްޕަވައިގެންނެވެ.


މިރޭގެ މި ހާއްސަ ޕްރޮގްރާމާ ބެހޭ މައުލޫމާތު އިއުލާން ކުރެއްވީ މިއަދު ހެނދުނު ސަން އެފްއެމުން ގެނެސްދިން އާފެށުމެއް ޕްރޮގްރާމުގަ އެވެ.


މުހައްމަދު ޝަހީބާއި ފަރެސް މުހައްމަދު އާމިރާއި އާދަމް ހަލީމް ހުށަހަޅުއްވައިދެއްވާ މިރޭގެ ޕްރޮގްރާމުގައި ބައިވެރިވެ، މެހެމާނުންނަށް ސުވާލު ދެންނެވުމުގެ ފުރުސަތު ވަނީ އެހުންތެރިންނަށް ހުޅުވާލައިވިފަ އެވެ.


ސަން އެފްއެމުން މިއަދު ގެނެސްދެމުން އަންނަނީ މިނިވަން ދުވަހާ ގުޅޭ ހާއްސަ ޕްރޮގްރާމްތަކެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު