ޖޫން 21 ވަނަ ދުވަހު ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން އިތުރު ހަތަރު މީހުން މިއަދު ދޫކޮށްލައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ހަތަރު މީހުން ވެސް ބަންދުން ދޫކޮށްލާފައި ވަނީ ޝަރުތުތަކަކާއެކު ކަމަށެވެ.
އެ މައްސަލަގައި ގިނަ ބަޔަކު ހައްޔަރު ކުރިއިރު އޭގެ ތެރެއިން ބައެއް މީހުންނާއި ދީނީ އިލްމުވެރިން މިހާރު ވަނީ ދޫކޮށްލާފައެވެ. އެގޮތުން އެ މައްސަލައިގައި ހައްޔަރުކުރި އައްޝައިޚް ފަޒްލޫން މުހައްމަދާއި އައްޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމް ވެސް މިހާރު ވަނީ ބަންދުން ދޫކޮށްލާފައެވެ.
ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނޫ މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.
ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަ ތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ.
އެކަމާ ގުޅިގެން އެ މައްސަލައާ ގުޅޭ ސީރިއަސް ތަހުގީގެއް ހިންގަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.