ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމުން ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުން ބަލުވި ނަމަވެސް ރާއްޖެ ޓީމުގެ ފާތިމަތު ދީމާ އަލީގެ ފަރާތުން މޮޅު ކުޅުމެއް ފެނިއްޖެއެވެ.
ތުރުކީގެ އަންހެން ޓީޓީ ޓީމާ ދެކޮޅަށް ކުޅެ ރާއްޖެ ބަލިވީ ވާދަވެރިކުޅުމެއް ދައްކައިގެން 3-0 ސެޓުންނެވެ.
ޓީމް އިވެންޓުގެ ސިންގަލްސް ފުރަތަމަ މެޗުގައި ރާއްޖޭގެ ފާތިމަތު ޖުމާނާ ނިމާލް ކުޅުނުއިރު އޭނާ ވަނީ ތިން ސެޓުން ތުރުކީގެ އައިކާން އަތުން ބަލިވެފައެވެ. އައިކާން އެ މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ 03-11، 01-11 އަދި 03-11 އިންނެވެ.
މި ފަހަރުގެ އިސްލާމިކް ސޮލިޑާރީޓީ ގޭމްސްގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިފައިވާ ތުރުކީގެ އޮޒްގޭ ޔިލްމޭޒްއާ ދެކޮޅަށް ޓީމް އިވެންޓުގެ ސިންގަލްސް މެޗުގައި ވާދަކުރަން ޖެހިފައިވަނީ ރާއްޖޭގެ ދީމާއަށެވެ.
ނަމަވެސް ދީމާގެ ފަރާތުން އެ މެޗުގައި ފެނުނީ މޮޅު ކުޅުމެކެެވެ. އެ މެޗުގެ ފުރަތަމަ ސެޓު 11-05 އިން އޮޒްގޭ ގެންދިޔައިރު މެޗުގެ ދެ ވަނަ ސެޓާއި ތިން ވަނަ ސެޓު ވެސް އޮޒްގޭ ވަނީ ފަސޭހަކަމާއެކު 11-01ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.
ނަމަވެސް ހަތަރު ވަނަ ސެޓުގައި ދީމާގެ ކުޅުން ރަނގަޅުކޮށް އެ ސެޓު ވަނީ ކާމިޔާބުކޮށްފައެވެ. އެ ސެޓު ދީމާ ކާމިޔާބުކުރީ 1-09ގެ ނަތީޖާއަކުންނެވެ.
މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ފަހު މެޗުގެ ކުރީ ކޮޅު ދީމާ ލީޑު ނެގި ނަމަވެސް ބައިނަލްއަގްވާމީ ގިނަ މެޗުތައް ކުޅެ ލިބިފައިވާ ތަޖުރިބާގެ ބޭނުންކޮށް އޮޒްގޭ ވަނީ އެ ސެޓު ކާމިޔާބުކޮށްފައެވެ. އެ ސެޓު އޭނާ ކާމިޔާބުކުރީ 08-11ގެ ނަތީޖާއަކުންނެވެ.
އެ މެޗުން ބަލިވި ނަމަވެސް ރާއްޖެއަށް ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދިއުމުގެ އުންމީ އަދި އެބައޮތެވެ.
ތުރުކީއާއި ޔުގެންޑާގެ އިތުރުން ޖިބޫޓީ ރާއްޖެއާ އެއް ގުރޫޕުގައި ހިމެނިފައިވާއިރު ރާއްޖެ އޮތީ ޖިބޫޓީ އަތުން ލިބުނު މޮޅާއެކު ތާވަލްގެ ދެވަނައިގައެވެ. ދެ މޮޅާއެކު ގުރޫޕްގެ އެއްވަނަ ލިބެނީ ތުރުކީއަށެވެ.