ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ފުރުސަތު ދުވުންތެރިޔާ އައިޝަތު ހިމްނާ ހުސައިންއާއި ބާސްކެޓްބޯޅަ ކުޅުންތެރިޔާ އިސްމާއީލް ވިލްދާން އަށް ދިނުމަށް ނިންމައިފިއެވެ.
ދިދަ ހަވާލުކޮށްދެއްވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ދިދަ ހަވާލުކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް އާއި އޮލިމްޕިކް ކޮމިޓީގެ ރައީސް، މުހައްމަދު އަބްދުއްސައްތާރެވެ.
ތުރުކީގެ ކޮންޏާގައި މިހާރު ވެސް ކުރިއަދާ ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވަނީ މިރޭގައެވެ.
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރުމުގެ ކުރިން ހިމްނާ ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް އިނގިރޭސި ވިލާތުގެ ބާމިންހަމްގައި ކުރިއަށް ދިޔަ ކޮމަންވެލްތު ގޭމްގައި ރާއްޖެ ތަމްސީލުކޮށްފައެވެ.
އެ ރިކޯޑަކީ ރާއްޖޭގެ ސަމްހާ އަހުމަދު 2001 ވަނަ އަހަރު ހަދައިފައިވާ ރިކޯޑެކެވެ. އެ އަހަރު ކެނެޑާގައި ބޭއްވި ވޯލްޑު ޗެމްޕިއަންޝިޕްގައި އޭނާ 100 މީޓަރުގެ ދުވުން ފުރިހަމަކޮށްފައިވަނީ 12.27 ސިކުންތުންނެވެ.
ނަމަވެސް ކޮމަންވެލްތު ގޭމްސްގައި ހިމްނާ ވަނީ ސަމްހާއަށްވުރެ 10 މިލި ސިކުންތު އަވަހަށް ނިންމައިގެން އާ ރިކޯޑެއް ހަދައިފައެވެ. މިދިޔަ އަންގާރަ ދުވަހު ކުރިއަށްދިޔަ އެތުލެޓިކްސް އިވެންޓުގައި ވާދަކޮށް ހިމްނާ ރޭސް ނިންމީ 12.17 ސިކުންތުންނެވެ.
ޒުވާން ދުވުންތެރިޔާ ހިމްނާ އެންމެ ފާހަގަކުރެވިފައިވަނީ 400 މީޓަރު ދުވުމުންނެވެ. އޭނާ ވަނީ އެތައް ފަހަރެއްގެ މަތިން އެ ދުވުމުގެ ރިކޯޑު އާކޮށްފައެވެ. އެގޮތުން ހިމްނާ ވަނީ 2018، 2019، 2021 އަދި މި އަހަރުގެ ޖޫން މަހުގައި 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު އާކޮށްފައެވެ.
ހިމްނާ މިހާރު ވެސް ވަނީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ 400 މީޓަރުގެ ފައިނަލުން ޖާގަ ހޯދައިފައެވެ.
ބާސެކްޓްބޯޅަ ޓީމަށް ވެސް ކުޅޭ ވިލްދާން ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާނީ ތްރީ އޮން ތްރީ ބާސްކެޓްބޯޅަ ޓީމުގައެވެ. ޓީރެކްސް ބާސްކެޓް ބޯޅަ ކްލަބަށް ވެސް ކުޅޭ ވިލްދާން ވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހު ބޭއްވި ސާބާ ޗެމްޕިއަންޝިޕްގައި ވާދަ ކުރި ގައުމީ ޓީމުގައި ވެސް ހިމެނިފައެވެ.
މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ތުރުކީގައި ކުރިއަށްދާ އެ މުބާރާތުގައި 54 ގައުމަކުން 4200 ކުޅުންތެރިން ބައިވެރިވާނެއެވެ. އެ މުބާރާތުގައި ރާއްޖޭން ވާާދަކުރަނީ 51 ކުޅުންތެރިންނާއި އޮފިޝަލުންނެވެ.