ތުރުކީގެ ކޮންޔާގައި މިހާރުކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެއެވެ.
އިސްލާމީ ގައުމުތަކުގެ މެދުގައި ބާއްވާ އެ މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހެނދުނު ރާއްޖޭގެ އަންހެން ޓީޓީ ޓީމު ނިކުތީ ޖިބޫޓީގެ އަންހެން ޓީމާ ދެކޮޅަށެވެ.
އެ މެޗު ރާއްޖޭން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގައި ރާއްޖޭން ކުޅުނު ސިންގަލްސް ދެ މެޗު ވެސް ކާމިޔާބުކޮށް ޑަބަލްސް މެޗު ވެސް ރާއްޖޭގެ ޓީމު ވަނީ ކާމިޔާބުކޮށްފައެވެ. ރާއްޖޭގެ ޓީމުގައި ހިމެނިފައިވަނީ ފާތިމަތު ޖުމާނާ ނިމާލް އާއި ފާތިމަތު ދީމާ އަލީއެވެ.
ފުރަތަމަ ސިންގަލްސްގައި ޖުމާނާ ކުޅެންއަރައި އޭނާ ވަނީ ތިން ސެޓުން މޮޅުވެފައެވެ. އެ މެޗުގެ ސެޓުތައް އޭނާ ގެންގޮސްފައިވަނީ 11-02، 11-09 އަދި 12-10 އިންނެވެ.
ދެވަނަ ސިންގަލްސްގެ މެޗުގައި ދީމާ ކުޅުނު މެޗު ވެސް ކާމިޔާބުކުރީ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް އޭނާ ގެންގޮސްފައިވަނީ 11-03، 11-07 އަދި 11-03 އިންނެވެ.
މީގެއިތުރުން ޑަބަލްސް މެޗުގައި ދީމާ އާއި ޖުމާނާ އެއްކޮށް ކުޅެން އަރައި އެ މެޗު ވަނީ 12-10، 11-06 އަދި 11-06 އިން ސެޓުތައް ގެންގޮސް މެޗު ކާމިޔާބުކޮށްފައެވެ.
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމު މިއަދު ވެސް ވަނީ މެޗެއް ކުޅުމަށް ހަމަޖެހިފައެވެ. އެ މެޗުގައި ރާއްޖެ ނިކުންނާނީ ތުރުކީއާ ދެކޮޅަށެވެ.
ރާއްޖޭގެ ފިރިހެން ޓީމު ވެސް މިއަދު މެޗެއް ކުޅޭނެއެވެ. އެ މެޗުގައި އެ ޓީމު ނިކުންނާނީ އިރާނާ ދެކޮޅަށެވެ.