"ﷲ ސުބުހާނަހޫ ވަތައާލާގެ ހަޟުރަތަށް ކުއްތަންވާން ބޭނުންވާ މީހާއަށް ފަތިސް ނަމާދަކީ އެންމެ ރަގަޅު އެއް ވަސީލަތެވެ."

***

މިހާ ޅަ ކުދިން މަތީ މަގާމުގައި ތިބި މީހުން މަރައިލަނީ ކީއްވެހެއްޔެވެ؟ ޚަބަރުގައި އޮތީ ހަމައެކަނި އެ ވާހަކައެއް ނޫނެވެ.ފާއިތުވެގެން ދިޔަ އަހަރުތަކުގައި އެފަދަ އިތުރު ކޭސްތައް ފެނިފައިވެއެވެ. އެކުދިން ލައްވާ އެ މަސައްކަތްކުރުވަނީ ބޮޑެތި މީހުންނެވެ. ޚަބަރުން އެނގުނު އެއްޗަކުން ނަވޫދު ގޮނޑީގައި ހަށިގަނޑު ސީދާކޮށްލިއެވެ. ޔަތީމުޚާނާގެ ނަން ދަންނަތަނެއްހެން ހީވީއެވެ. އާއެކެވެ. އެއީ އަލްވާއާއި އެހެން މީހުން މިފަހުން ޒިޔާރަތްކުރި ތަނުގެ ނަމެވެ.

ދޮރުގައި ޓަކި ދޭން ފެށުމުން ނަވޫދު ހިނގައިގަތެވެ. މިހާ ހެދުނާ މިގެއަށް އައީ ކާކުހެއްޔެވެ؟ އޭނަ ދޮރު ހުޅުވަން ހިނގައިގަތީ ބަގީޗާގެ މަސައްކަތުގައި އުޅޭއިރު އަތަށް ލައްވާ އަންގިއާއި ފަކީރުވެސް ހިފައިގެންނެވެ. ބައެއްދުވަހު ހެދުނުގެ ވަގުތުތައް އޭނަ ހޭދަކޮށްލަނީ ތޮނަތައް ނޮޅުމުގައެވެ. ނަވޫދު މަސައްކަތު ދިޔުމުން ނަމްރާ ބޭރުގައި ވަގުތުހޭދަކުރާކަން އޭނަ ދަނެއެވެ. ނަމްރާ ދެމިފައި ދިޔުމުން އަތާއި ފައި މެށި ކެނޑިފައި ހުންނަނީ ތޫނު ވިނަތަކުގެ ސަބަބުންނެވެ.

ނަވޫދުއާއި ނަމްރާގެ ކުޑަކުޑަ ގޭގެ ބޭރުގައި އަލްވާ މަޑުކޮށްލައިގެން ހުރިއިރު ކޮނޑުގައި އަޅުވާފައިވާ ދަބަހުގައި އަނެއް އަތުން ހިފަހައްޓައިގެން ހުރީ ދަބަސް ބަރުކަމުންނެވެ. އަލްވާއަކީ "ކްލީންފްރީކް"އެއް ކަމުން އަލަމާރީގައި ހުރި ހުރިހާ ހެދުންތައްހެން ޕެކްކުރިއެވެ. އޭނަ އެތާ މަޑުކޮށްލައިގެން ހުރި ކޮންމެ ސިކުންތުކޮޅެއް އެތައް މިނިޓްތަކަށް ދެމިގެން ދިޔަހެން ހީވިއެވެ. ހިތްވެސް ހައްތާ ބޮޑަށް ހަލަބޮލިވަނީއެވެ. އޭނަގެ މި ނިންމުން އެންމެ ރަގަޅުތޯ ސުވާލު އުފެދުނެވެ.

ހިތާމައާއި ބިރުވެރިކަން އަލްވާއަށް އުދަގޫކުރަމުން ދިޔައެވެ. ނަމަވެސް ނަވޫދު ފެނުމާއެކު އެހރިހާ އިހުސާސްތައް ފަނޑުވެގެން ދިޔައެވެ. ކޮންމެވެސް ސަބަބަކާއިހުރެ އޭނަގެ ހިތުގައި ނަވޫދުއަށްޓަކާ އިތުބާރު އުފެދުނެވެ. އީދު ދުވަހު ނަވޫދުއާއިއެކު ސުފިޔާންމެން ބޭއްވި އީދު ހަފްލާއަށް އެކަނި ދާންވީމަ ބިރުން އުޅުމުން ނަވޫދު އޭނައާއިއެކު ހިނގާފައި ދިޔަ ހިސާބުން ފެށިގެންވެސް އޭނަގެ ހިތުގައި އެފަދަ އިހުސާސްތައް ހޭލައިގަތެވެ. އަދި އެއްމާބަނޑު ކޮއްކޮ ނަމްރާއާއިމެދު އަމަލުތައް ބަހައްޓާގޮތުން އިތުބާރާއިއެކު ތައުރީފުވެސް ހިތުގައި ބޮޑުވަމުން އައެވެ.

އަލްވާއަށް ނޭގިނަމަވެސް ނަވޫދުއާއިމެދު ހިތުގައި ކުލުނު އުފެދުނެވެ. ދެމީހުންނަށް ކިރިޔާ ދަންނަކަމާއި އަދި ދެމީހުންގެ އަމާޒަކީ އެއް ކަމަކަމަށްވުމުގެ އިތުރުން އެ ގުޅުމުގައި އިތުރު އެހެން އެއްވެސް މާނައެއް އޮތީއެއްނޫނެވެ. އަމާޒަކީ ޔަތީމުންގެ މަރު ހައްލު ކުރުމެވެ. އަލްވާވެސް ގަބޫލުކުރާ ހަގީގަތަކީ ނަވޫދްއަކީ ގިނަ މީހުންނަށްވުރެ އިތުބާރުހިފެވޭ އަޚުލާގު ރަގަޅު ޒުވާނެއްކަމެވެ. ފަހަރެއްގައި އެއީ ނަވޫދުގެ ބެލުން ތިރިކުރާގޮތުގައި ކަމުގައިވެދާނެއެވެ. މިފަހަރުވެސް ނަވޫދުއަށް އަލްވާ ފެނުމާއެކު ނަޒަރު ހުއްޓައިލީ އަލްވާގެ އަތުގައި އަޅުވައިގެން ހުރި ދަބަހަށެވެ.

ހަގީގަތުގައި ދޮރުމަތީގައި ހުރި އަންހެންކުއްޖާ ދެނެގަންނަން އިރުގަނޑެއްވެސް ނެގިއެވެ. ސަބަބަކީ ބުރުގާއަކުން އަލްވާގެ އިސްތަށިގަނޑު ނިވާކޮށްފައި ހުރުމުންނެވެ.

"ނަމްރާ އެބައުޅޭތަ؟" އަލްވާ ކަރު ދަމަ ދަމާފައި އެތެރެއަށް ބަލަން މަަސައްކަތްކުރިއެވެ. ނަވޫދު އެއްފަރާތަކަށް ޖެހިލީ ނަމްރާ ނެތްކަން އެންގުމަށެވެ.

"ނަމްރާ އޮތީ ނިދާފައި.. މިހާ ހެދުނާއި މިތަނަށް ގެނުވީ ކޮންކަމަކާއިތަ؟"

"އަހަރެން...އަހަރެން މިއައީ އަހަންނަށް އެހީވެވެން ނެތް ވާހަކަ ނަމްރާ ގާތު ބުނެލަން... ޔަތީމް ކުދިންގެ މިޝަން..."

"އެންމެ ރަގަޅު..."ނަވޫދު ބުމަ އަރުވައިލީ އެންމެ ބޮޑަށް އެކޭސްއަށް ވަދެ ގަޔާވެގެން އުޅުނު އަލްވާ އެހެން ބުނުމުން ހައިރާންވިވަރުންނެވެ. އެކަމަކު ދެން ނަމްރާ އޭނަ ގާތު ބުނެފައިވާ ގޮތުން އަލްވާވެސް އެ ޔަތީމު ޚާނާގައި އުޅުނުކަން އެނގި އެކަމާއި ބިރުގަތެވެ.

"އޯކޭ. މިތަނަށް މަޑުކޮށްލި ހަމައެކަނި ސަބަބަކީ އެއީ. ޕްލީޒް އޭނަ ގާތު ބުނައްޗޭ ސޮރީއޭ..." އަލްވާ އެއްފައިން އަނެއް ފަޔަށް ބުރަވަމުން ދިޔައީ ދަބަސް ބަރުކަމުންނެވެ. ބައެއް ފޮތްތަކާއި ހެދުންތައް ގޭގައި ބަހައްޓާފައި އާދެވުނުނަމައޭވެސް ހިތަށް އެރިއެވެ.

"ހޭލީމަ ބުނާނަން. އުއްމީދުކުރަނީ އެކުއްޖާވެސް ގާތިލު ހޯދަން ކުރާ ޚިޔާލު ދޫކޮށްލާނެކަމަށް..." ނަވޫދު ހިނގައިގަތީ ވިނަތައް ހުރި ދިމާލަށެވެ. ނަވޫދުގެ ބުޅާ އައިނައި ދިމާލެއް ނޭގުނެވެ. ކުއްލިއަކަށް ފެނުނީ ކަންނެތްގޮތަކަށް އާފުރެމުން ނަވޫދުގެ ފަހަތުން ހިނގައިގަތްތަނެވެ. މިހާ ހެދުނާ ސާހިބާ ދާތަނަކާއިމެދު އެސޮރުވެސް ވިސްނާފަދައެވެ. އެއީ އެއަށް އަނިޔާކުރިކަމަށް އަލްވާ ތުހުމަތު ކުރި ބުޅަލެވެ. އެކަމުން އޭނައަށް ފިލާވަޅެއް ދަސްވިއެވެ. ފެންނަ ކަމަކަށް ވަގުތުން ގޮތެއް ނުނިންމުމަށެވެ. އަދި ބަހެއް ބުނުމުގެ ކުރިން ހާސްފަހަރު ވިސްނުމަށެވެ. އަލްވާ ބަލަން ހުރެފައި ދާންވެގެން އެނބުރުނެވެ."ގުޑް ބައި ނަވޫދު...." އަމިއްލަ ނަފުސަށް އެހެން ބުނެލެވުނީ ދުވަހަކުވެސް ދެން ނަވޫދު ނުފެންނާނެކަން ޔަގީންވުމުންނެވެ. ކޮންމެވެސް ތާކު ޖެހިފަދަ އަޑެއް އިވުމުން ބަލާހިތުން ނުހުރެވިގެން އެނބުރި ބަލައިލެވުނެވެ. ބަގީޗާގެ ސާމާނުތައް ހިފައިގެން ނަވޫދު ކުރާކަމެއް ބަލަން ޝައުގުވެރިވީއެވެ. އޭނަ ކުރަން އުޅެނީ ކޮންކަމެއްހެއްޔެވެ؟ އޭނައަކީ ބަގީޗާ ހައްދާ މީހެއްހެއްޔެވެ؟

"ތިއީ ތޮނައެއް ނޫނޭ....." ނަވޫދު ކުޑަ މާ ގޮފިކޮޅެއް އުފުރުމުން އަލްވާއަށް ބުނެވުނެވެ. ނަވޫދު ފަހަތަށް އެނބުރުނެވެ."އަދިވެސް ތިހިރީ މިތާގައި؟"

"ތޮނަ ނަގަން މަސައްކަތްކުރަންޏާ ތިއީ ތޮނައެއްނޫން............"އަލްވާ އެދިމާލަށް އިޝާރަތްކޮށްލިއެވެ."މިއީ މާ އަޅާ ގަސްތައް. މިގަހުގައި ހަޔަސިންތް ކިޔާ މަލެއް ފޮޅޭ.."

އަލްވާއަށް ކޮންމެވެސް ވަރަކަށް މަލާއި ބެހޭ މައުލޫމާތް އެނގިފައިވަނީ ބަދަރުކައިރީ ހުންނަ މާ ވިއްކާ ފިހާރައިގާ އުޅޭ މާވިއްކާ ކުއްޖާއާއި އެކުވެރިވީމައެވެ.

"އަހަންނަށް އެނގޭ..."ނަވޫދު ބުނެލިއެވެ."އެހެންވެ އުފުރައިލަނީ. މި އަސްލު މާ އަޅަން ޖެހެނީ ބަހާރުމޫސުމްގައި އެކަމަކު ހޫނު މޫސުމްގެ ފަހުކޮޅު މާ އެޅީމަ ވަރަށް އަޖައިބު......."

"އެކަމަކު ކީއްވެތަ؟ ނޫކުލައިގެހަޔަސިންތް މާ ކިހާ ރީތި." އަލްވާ ދެކޮޅުވެރިކަން ފަށައިގަތީ ދުނިޔޭގައިވިހާ މާތައް ހިމާޔަތްކުރަން މަސައްކަތްކުރާ ވަކީލެއްފަދައިންނެވެ.

" ބަލައިލަން ރީއްޗަސް ވިހަކަން ގަދަ އެއްޗެއް..." ނަވޫދު ހަޔަސިންތް ގަސްކޮޅެއް ކޮށައިލިއެވެ. އޮޅިގެންވެސް މި ހަމުގައި ޖެހިއްޖެއްޔާ ނަމްރާގެ ހަންގަނޑު ހަލާކުވެދާނެއެވެ. އެ އާ މައުލޫމާތުން އަލްވާ އަންތަރީސްވިއެވެ. މިއީ ވިހަ ގަހެއްކަމެއް އޭނަ ނުދަނެއެވެ.

"އޯކޭ. އުދަގޫކުރެވުނީތީ މާފަށް އެދެން. އެހެންވީމަ ދެން އަހަރެން މިދިޔައީ..."

ނަވޫދު ޖެހިލުންވެފައިވެސް ސުވާލުކުރިއެވެ."ތަނަކަށް ދަނީތަ؟"

ސުވާލަށްފަހު ނަވޫދު ބުރުތައް ކޮށުމުގެ މަސައްކަތްފެށިއެވެ.

"އާނ. މިތަނާއި ދުރުތަނަކަށް މިދަނީ. ދެން ފެންނާނެހެން ހިޔެއްނުވޭ.." އަލްވާ ގުދުވެ ބުޅަލުގެ ބޮލުގައި ފިރުމައިލުމުން އެސޮރު ރުޅިވެރިގޮތަކަށް ބަލާލާފައިވެސް އަލްވާގެ އެ އަމަލު ހުއްޓުވާކަށް ނޫޅުނެވެ.

ނަވޫދު އެއްޗެކޭ ބުނަން އުޅެފައިވެސް ބުނެލީ އެންމެ ލަފުޒެކެވެ."އަހް...އައި ސީ......"

ދެން ނަވޫދު އެނބުރި ބަލައިލިއިރު އަލްވާ ފެންނާކަށް ނެތެވެ.

***

ސުފިޔާންގެ ގެ ހުރިތަން ހޯދަން އަލްވާއަށް ވަގުތުނެގިއެވެ. އެ ގަޑުވަރު ބޮޑުވެފައި އަލްވާ ދުވަހަކު ނުދެކޭފަދަ ވަރުގަދަ ތަނެކެވެ. އެކަމަކު ސުފިޔާންއަކީ ކާކުކަން އެނގިފައިވާތީ އެހާ ހައިރާނެއްވެސް ނުވިއެވެ. ބްލޫބެލް ގަސްތައް ވަށައިގެންވީއިރު މާ އަޅާފައެއްނެތެވެ. ވައިގާ ފިނިކަން ހިފާފައިވިއެވެ. ހޫނު މޫސުމް ނިމެނީއެވެ. މާތައްވެސް ވަކަވެ ޚަރީފު މޫސުމަށް މަރުހަބާ ކިޔަން ތައްޔާރުވަނީއެވެ. އަލްވާ ގަސްތަކަށް ވިސްނުންތެރިކަމާއެކު ބަލައިލީ އެންމެ ފަތެއްނަމަވެސް ރަންކުލަ އަރާތޯއެވެ. ދިގު އޯކް ގަހުން ދެތިން ފަތެއް ފެނުނެވެ."އެންމެ ފަހުން ޚަރީފު. ސާފު ނޫ އުދަރެހަށް ވަދާއު ކިޔާ ވަގުތު ކައިރިވީ.."

ސިކުނޑި ބަނަކޮށްފައިވާ ޚިޔާލުތަކުން މޮޔަވާވަރުވެފައި ހުއްޓާ ނަވޫދުއާއި ބައްދަލުވުމުން ކޮންމެވެސް ވަރަކަށް އޭނަ ހަމަޔަކަށް އެޅިއްޖެއެވެ. އޭނަ ފުން ނޭވާއެއް ދޫކޮށްލީ ރަގަބީލު ޖެހުމުގެ ކުރިން ތައްޔާރުވެލުމަށެވެ. "ޑިންގް ޑޮންގް"ގެ ބާރު އަޑުން ހިމޭންކަން މުގުރާލައިފިއެވެ. އަލްވާ ދިގު އިންތިޒާރެއްކުރިއެވެ. ސުފިޔާން ގޭގައި ހުރިކަމެއް ނުވަތަ ނޫންކަމެއް ޔަގީނެއް ނޫނެވެ. ވަޒީފާއަށް ދިޔައީހެއްޔެވެ؟ ގޭގައި ނޫޅެނީކަމަށް ވެދާނެއެވެ. އެންމެފަހުން އަލްވާ ނިންމީ އެތަނުން ދިޔުމަށެވެ.

"އަލްވާ...."ސުފިޔާންގެ އަޑު އިވުމުން އަލްވާ އެނބުރި ބަލާލައިފިއެވެ."ކޮންފަދަ ސަޕްރައިޒެއް...."

"ގުޑް މޯނިން. އުދަގޫކުރެވުނީތީ މާފަށް އެދެން. އެކަމަކު މިއައީ ސުފިޔާންގެ ކައިވެނީގެ ހުށަހެޅުން ގަބޫލުކުރެވެން ނެތް ވާހަކަ ބުނެލަން.."އަލްވާ ސީދާ މައުޟޫއަށް ދިޔައެވެ. ހިތް ބަދަލުވެގެން ދެވަނަ ވިސްނުމަކަށް ދާކަށް އޭނަ ބޭނުމެއްނޫނެވެ.

"އެއީ ކީއްވެތަ؟" ސުފިޔާން ކުޑަކޮށް ހައިރާންވިއެވެ."އަހަންނަށް ގޯހެއް ހެދުނީތަ؟ މާ އަވަހީތަ؟"

"ނޫން ނޫން. އެހެނެއްނޫން. އެކަމަކު ހަޔާތުގެ އާ ބާބެއް ހުޅުވަން އަދި ތައްުޔާރެއްނޫން.."އަލްވާ ލައިގެން ހުރި ބޫޓަށް ނަޒަރު ހުއްޓައިލިއެވެ." ވިސްނަން ޖެހޭ ބައިވަރު ކަންތައް އެބަހުރި. ރަގަޅުކުރަން ޖެހޭ ގިނަ ކަންތައް.އަމިއްލަ ޒާތީކަންތައް އަމިއްލައަށް ނިންމަން ޖެހޭ. ކައިވެނިކޮށްގެން އެ ހުރިހާ ޖަޒުބާތުތަކާއި ނެގެޓިވިޓީއެއް ސުފިޔާންގެ ދިރިއުޅުމަށް ގެންނާކަށް ބޭނުމެއްނޫން."

އަލްވާ އޭނަގެ ވާހަކަތައް ކޮންމެވެސް ވަރަކަށް ހިއްސާކުރިއެވެ. ސުފިޔާން އަލްވާގެ ވާހަކަދައް އަހަން ހުރިއިރު އަލްވާ މިހާ ހަލުވިކޮށް ހަރު ޒިންމާދާރު ކުއްޖަކަށް ވީ ކިހިނެއްހެއްޔޭ ހިތަށް އެރިއެވެ. އަޑުގައި ހުންނަ ޅަ ޖޯޝާއި ފޯރި ގޮސް ބޮޑުމީހެއްގެ ވާހަކަ ހުންނަގޮތަށް މަޑުމައިތިރިކަމާއެކު އަޑު އެއްވަރަކަށް ހިފެހެއްޓިފައެވެ.

"އަހަންނަށްވެސް އެހީވެވިދާނެ.."ސުފިޔާން ޔަގީންކަން ދިނެވެ."އަލްވާއަށް ތި އުދަގޫކުރާ މައްސަލަތައް އެހެން މީހަކާއި ހިއްސާކުރުމުން އެކަނިވެރިއެއްނުވާނެ. އަހަރެން އެހީވިޔަދީ އަލްވާ.."

އެވަގުތުކޮޅު އަލްވާއަށް ބަލައިލެވުނީ ސީދާ ސުފިޔާންގެ ލޮލަށެވެ. އެ ލޮލު ތެރެއިން އެއްޗެއް ހޯދަން އުޅޭފަދަ ގޮތަކަށެވެ. އެހާ އަވަހަށް ދުރު ބަލައިލެވުނެވެ. ސަބަބަކީ ސުފިޔާން ބުނި އެއްޗަކުންއޭނަގެ ހިތުގެ ވިންދާއި ނުކުޅެވުނުތާގައި އުފަލެއްވެސް ނުދެވުނެވެ. އޭގެ ބަދަލުގައި އަލްވާ ބޭނުންވީ އަމިއްލަ ނަފުސް ދިފާއުކުރުމަށެވެ.

"އަހަރެން އެކަނިވެރިއެއްނުވޭ. އަހަންނާއެކު ﷲ ވޮޑިގެންވޭ.." އޭނަ ބުނަން ބޭނުންވިއެވެ.

ގުރުއާނުގެ އައްތަލާގު ސޫރަތުގެ ތިންވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވަނީ" އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒުގު ދެއްވާނެތެވެ. އަދިﷲ އަށް ވަކީލު ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲ އީ، އެކަލާނގެ އަމުރުފުޅު ހިންގަވައި ، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ."

މި އާޔަތުންވެސް ބަޔާންވަނީ އަބަދުވެސް ﷲއަށް އިތުބާރުކޮށް ބަރޯސާވުމަށެވެ. ހުރިހާ ދަތިތަކާއި މުސީބާތްތަކުން ސަލާމަތްކޮށްދެއްވާ ރިޒުގުދެއްވާ ހެޔޮ މަގުވެސް ދައްކުވާނެއެވެ. އަދި އަހަރެމެން ރައްކާތެރިކޮށްދެއްވާނެއެވެ.

އަލްވާ ސުފިޔާންއާއި ކުރަން ބޭނުންވި އެހެން ސުވާލެއްއޮތަސް އެ ޚިޔާލު ދޫކޮށްލިއެވެ. އޭނަގެ މިހާރުގެ ހާލަތުން ބުނަން ބޭނުންވާ އެއްވެސް ވާހަކައެއް ދެއްކޭނެ ގޮތެއް އަދި ސުފިޔާންގެ ކައިރިން ސުވާލެއްކުރާނެ ހައްގެއްވެސް ނެތެވެ. އިތުރަށް މަޑުކުރާކަށް ބޭނުންނުވުމުން އޭނަވެސް ބޭނުންވީ ވާހަކަތައް ކުރުކޮށްފައި ނިންމާލާށެވެ.

ސުފިޔާންގެ ހިތުގައި އޭނަފަދަ ކުއްޖަކަށްޓަކާ ޖާގައެއް އޮތްކަމީ ލަދުގަންނަކަހަލަ ކަމެކެވެ. އަލްވާ އުއްމީދުކުރަނީ ސުފިޔާންގެ ހަޔާތަށް އޭނަ އައި ދުވަސްކޮޅު ހަނދާންނައްތާލާފައި ސުފިޔާންގެ ދިރިއުޅުމާއިގެން ކުރިއަށް ދިޔުމަށެވެ.

"އަހަރެން މި ގައުމު ދޫކޮށްދަނީ. އެހެންވީމަ އަހަރެންގެ މަތިން ހަނދާންނައްތާލާ. ޕްލީޒް."އަލްވާ ބުނެލިއެވެ."ނެދަރލޭންޑްސްގެ މި ދިރިއުޅުމަކީ އަހަންނަށްޓަކާ ވާ އެއްޗެއްނޫން. ދުރު އެހެން ތަނަކަށް ދާން ބޭނުމީ. ސިޓީއެއްގެ ޒަރީއާއިން އާއިލާއަށްވެސް އަންގައިފިން. އަދި އެމީހުން އަހަރެން ހޯދަން މަސައްކަތްކޮށްފާނެ. ސުފިޔާން ބޭނުމިއްޔާ އަހަރެން ހޯދަން ބޭނުންވާ ވަސީލަތްތައް ހުރެދާނެކަން އެނގޭ. އެހެންވީމަ އާއިލާއިން އެދުނަސް އުއްމީދަކީ އެހީނުވާނެކަމަށް. ޕްލީޒް..."

"ފިލައިގެން ތިދަނީ؟"

"ފިލައިގެން ދަނީއެއްނޫން. އަހަރެންގެ ތަނަކަށް ނުވާތީ އެތަން ދޫކޮށްދަނީ. އެއީ އެމީހުންނަށްވެސް އެންމެ ރަގަޅުގޮތްކަމަށް ގަބޫލުކުރެވޭތީ.."

"އެހެންވީމަ އަލްވާ ގެއްލިއްޖެއްޔާ އަހަރެން އަލްވާ ހޯދަން މަސައްކަތްކުރާނެކަން އެނގޭ ދޯ."ސުފިޔާން އޭނަގެ އިސްތަށިގަނޑުގައި އަތް ހިންގައިލީ ހަދަންވީ ގޮތެއް ނޭގިގެން ކަހަލަ ގޮތަކަށެވެ."އެންމެ ރަގަޅު ޗޮއިސްއަކީ ހަމަ ތިއީތަ އަލްވާ؟ ޔަގީންތަ؟"

"އާނ..ޕްލީޒް. އަހަރެން ހޯދަން ނޫޅޭތި..."އަލްވާގެ އެ ޖުމްލައިން ސުފިޔާން ހިމޭންވިއެވެ.

"އުދަގޫކަމަކާއި ކުރިމަތިވެއްޖެއްޔާ އަހަންނަށް ގުޅާތި. އަހަރެންގެ ފޯނު ނަމްބަރު ދޭނަން. އެހެންވީމަ އަހަންނަށް ގުޅާނެކަމަށް ވައުދުވޭ..."ސުފިޔާން އޭނަގެ ނަމްބަރު ގަނޑުކޮޅެއްގައި ލިޔެފައި އަލްވާގެ އަތަށް ދިނެވެ.

"ޝުކުރިއްޔާ..."އަލްވާ ބޯ ޖަހައިލުމަށްފަހު އެ ގަނޑުކޮޅު އަތުލަމުން ތުންތަޅުވައިލިއެވެ. އެކަމަކު އަލްވާއަށް ޔަގީންވަނީ މި ނަމްބަރު އޭނަ ބޭނުންނުވާކަމެވެ. ސަބަބަކީ އޭނަގެ ހިތުގައި ސުފިޔާން އަދި އެހެން މީހަކަށް ގުޅާ އެހީތެރިކަމަށް އެދުމުގެ އެއްވެސް ނިޔަތެއް ނެތެވެ. އެކަމަކު މި ނަމްބަރު ބޭނުންވާ އެހެން މީހެއް ހުރިކަން އޭނައަށް އެނގެއެވެ.

އަލްވާ ނެދަލޭންޑްސް ދޫކޮށްލަން ތައްޔާރުވީ އެގޮތަށެވެ. ނެދަލޭންޑްގެ މާކެން ކިޔާ އެކުޑަ ޝަހަރެވެ. ދުނިޔޭގައިވި އެންމެ ރީތި ބަދަރެވެ. އެއީ އޭނަ އުޅެ ބޮޑުވިތަނެވެ. އަލްވާއަށް ފޮތް ފިހާރައިން ލިބުނު މުސާރައިން ޓިކެޓް ގަނެގެން ރޭލަށް އެރިއިރު ލޮލުގައި ކަރުނަ ގިނަވެގަތެވެ. އޭނަ އަމީރާގެ މަތިން ހަނދާންވިއެވެ. އެއީ އޭނަގެ މަންމައެވެ. އެތައް ހަނދާންތަކެއް އޭނަ ގެ ސިކުނޑި ހަލަބޮލި ކުރުވަމުން ހިތް ރޮއްވަމުން ދިޔައެވެ. އޭނަގެ އާއިލާއެވެ. އެކުވެރިންނެވެ.ކަނޑުގެ ވަހާއި ބޯޓުތަކުގެ އަޑު ކަންފަތުގައި ހަރުލާ އެ ބަދަރެވެ. މަސްވެރިން ކިޔައިދޭ ވާހަކަތަކެވެ. އަދި ކުއްލިއަކަށް ކުޑަ ސަޔާރާ އަތުތެރެއަށް ލުމުން އެ ހަށިގަނޑުގެ ހޫނުކަން އިހުސާސްކުރެވޭގޮތެވެ. މާކެންގެ ދިރިއުޅުން މިހާ އަވަހަށް އޭނަގެ ހަނދާންވާންފެށީ ކެތްނުކުރެވޭ ވަރަށެވެ. އެކަމަކު މިހާރު ހުރިހާ އެއްޗެއް ދޫކޮށްލުމުގެ ވަގުތު ޖެހުނީއެވެ.

***

ހަފްތާއެއް ފާއިތުވެގެން ދިޔައީ ހީވެސް ނުކުރާހާއަވަހަށެވެ. ޚަރީފު މޫސުމް އައީ ރަންކުލައިގެ ފަތްތަކާއި ފިނި ވައިރޯޅިތައް ހިފައިގެންނެވެ. އަމީރާ ދޮރު ހުޅުވައިލީ ޓަކިދިން އަޑަށެވެ. އޭނަ ހުރީ ބޭގަރާރުވެފައި ކަހަލަ ގޮތަކަށެވެ. އެއިން ކޮންމެ އަޑަކާއެކު ހީކުރެވެނީ ދަރިފުޅު އަލްވާ އެނބުރި އައީކަމުގައެވެ. އެކަމަކު އެހެނެއްނުވިއެވެ. ދޮރުމަތީގައި ހުރީ ސުފިޔާންއެވެ. އަމީރާގެ މޮޅިވެރި މޫނު ފެނުމުން ސުފިޔާންވެސް ހިތާމަވެރިގޮތަކަށް ނޭވާއެއް ދޫކޮށްލިއެވެ.

"އަދިވެސް އަލްވާގެ ޚަބަރެއްނުވޭ..."

އަމީރާއަށް ތިރިއަށް ބަލައިލެވުނެވެ.

"މަސައްކަތް މިކުރަނީ އަލްވާ ފެނޭތޯ..ހިތްވަރުކުރައްވާތި.." ސުފިޔާން ގެ އަޑުގައި ޔަގީންކަންވިއެވެ.

"ސުފިޔާން. ކޮއިފުޅ،ު ދެން މިހާރު ތި މަސައްކަތް ހުއްޓާލާ. އެކުއްޖާ ހޯދަން ވަރަކަށް ފައިސާ ޚަރަދުކޮށްފިން. އަލްވާ އޭނަ ހޯދަން ނޫޅޭށޭ ސުފިޔާން ގާތުގައި ބުނީމެއްނު. އަލްވާ އެނބުރި އައުމަށްފަހު ސުފިޔާން ވައުދު ނުފުއްދިކަން އެނގި ހިތްހަމަނުޖެހުނިއްޔާ؟"އަމީރާ ބުނެލިއެވެ. ނުނިދާ ހުރުމުގެ ސަބަބުން ލޯ ވަޅުވަދެ ހިތާމައާއި މޮޅިވެރިކަން އޭނަ ވަރަށް ޟައީފުކޮށްލައިފިއެވެ. އެހާ ހިއްކެވެ.

"އަލްވާ. އެކުއްޖާ ފިލަން ވަރަށް މޮޅު. އޭނަ އެނބުރި އަންނާނެކަމާއިމެދު ޝައްކެއްނެތް. އަދި ރިވާއާއި ބެހޭގޮތުން..ކޮންމެވެސް ދުވަހަކުން އަލްވާއަށް އެކަން އެނގޭނެކަން ދެނެހުރިން. އެއީ އެކުއްޖާއަށް ލިބުނު ޝޮކަކަށްވާނީ. އެކަމަކު އަލްވާ އެނބުރި އަންނާނެ އިންޝާﷲ. ސުފިޔާން. އެދަރިފުޅު ހަމަޔަކަށް އެޅުނީމަ އަންނާނެކަން ޔަގީން ސުފިޔާން..."

"އަހަރެމެން އޭނަ ހޯދާނަން. އަހަންނަކީ އެކުއްޖާގެ މަންމަ. އޭނަވާނީ ކޮންތަނެއްގައިކަން އެނގޭ. ކަންބޮޑުނުވޭ ސުފިޔާން."އަމީރާ ދޮރުކަނީގައި ހިފަހައްޓައިގެން ހުރިއިރު އެ ތުންފަތަށް ކުޑަ ކުޑަ ހިނިތުންވުމެއްވެރިވިއެވެ. އުއްމީދުގެ ހިނިތުންވުމުން ދެލޮލުގެ ވިދުންވެސް ގަދަވިއެވެ. ހިދުކޮޅަކަށެވެ. ދެން މާ ދުރަށް ބަލަން ހުރީ ގެއްލިފައެވެ."އަނެއްކާވެސް ހުވަފެނުގައި އަލްވާ ފެނުނު. އަހަންނަށް ޔަގީން. އެކުއްޖާވަނީ ކައިރީގައި. ވަރަށް ކައިރީގައި.."

ބައެއްފަހަރު އަމީރާ އަލްވާއަށް ގޮވާ ހަޅޭއްލަވައެވެ. އަދި ބއެއްފަހަރު އަލްވާ މަގުމަތިން ފެނުނުކަމަށް ބުނެ ހުވާކުރެއެވެ. އަލްވާ ގެއިން ދިޔުމުން އަމީރާ މޮޔަވީކަމުގައިވެސް ބައެއްފަހަރު ހާމިދުއަށް ހީކުރެވެއެވެ.

"އަހަރެން ޚަބަރެއްވާނަން އަމީރާ އާންޓީ...."ސުފިޔާން އަދަބުވެރިކަމާއެކު ދިޔުމުގެ ހުއްދައަށް އެދުނެވެ.

***

"ހެލޯ....އާ، ޖަރމަނީގެ އެއާޕޯޓަށް ގުޅިންތަ؟އެމީހުން ބުނީ ކީކޭ؟"ސުފިޔާން ފޯނު ނަގައިގެން ހުރެ ސުވާލުކުރިއެވެ. އަދި ވާހަކަދައްކަމުން ކާރު ދުއްވާލައިފިއެވެ. އަލްވާގެ ސިފަ ހުރި ކުއްޖަކު މަސައްކަތު މީހުންނަށް ޖަރމަނީގެ އެއާޕޯޓަކުން ފެނުނީއެވެ. އެކޮޅުން ވާހަކަދެއްކިމީހާ އެއާޕޯޓުން ފެނުނީ އަލްވާކަން ޔަގީންކޮށްދިނެވެ.

"ހަމަ ޔަގީންތަ އޭނަކަން؟"ސުފިޔާން އެއް ބުމަ އަރުވައިލިއިރު ތުންފަތަށް ކުޑަ ހިނިތުންވުމެއްވެރިވިއެވެ. ކުޑަކޮށް މަލާމާތުގެ އަސަރު ހުރިގޮތަކަށެވެ.

***

ހުދު ސިޑިބަރި ކަޑައްތުކޮށް ތިރިއަށް ފޭބި ސުފިޔާން ވިދާ ޕޯސެލިން ޖަހާފައި ހުރި ތަޅުންމަތީގައި ބޫޓުން އަޑުގޮއްވަމުން އައެވެ. ހުދު ކޯޓުތަކުގައި ތިބި މުވައްޒަފުން އޭނަ ފެނުމުން އަދަބުވެރިކަމާއެކު ބޯ ގުދުކޮށްލިއެވެ. އޭނަ ޖީބުން ނެގި ތަޅުދަނޑިއަކުން ދަގަނޑު ދޮރެއް ހުޅުވާލާފައި ވަނެވެ. އެކޮޓަރީގެ ސީލިންއާއި ފާރުތައް އަދި ތަޅުންމަތިވެސް ވަނީ ހުދުކުލައިގައެވެ. އަލިގަދަ ކޮޓަރީގެ މެދުގައި ހުރި ގޮނޑިއެއްގައި ހިލިހިލާ ޖަހާފައި އަންހެންކުއްޖަކު ހައްޔަރުކޮށްފައި އިނެވެ. ހުދު ފޮތީގެ ހޮސްޕިޓަލް ގައުނެއްލައިގެން ހުރި އެކުއްޖާގެ އިސްތަށިގަނޑުވަނީ ކަންފަތާއި ހަމަޔަށް ކޮށާލާފައެވެ.

"ތިއީ މޮންސްޓާރއެއް...."އަންހެންކުއްޖަކު ތޫނުކޮށް ހަޅޭއްލަވައިގަތެވެ.

"ޝްޝްޝް އަލްވާ. ދެޓްސް ރޫޑް..."ސުފިޔާން ގޮނޑިއެއް ގެނެސް އަލްވާގެ ކުރިމަތީގައި ބެހެއްޓިއެވެ. އަދި އެއްފައި މައްޗަށް އަނެއްފައި ލަމުން ވަރަށް ޝާހީކޮށް އިށީދެ ކުޑަކޮށް ގުދުވެލަމުން އަލްވާގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. އަދި ހިނިތުންވެލިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު