ރިޔާސީ ނިޒާމު ކަމުނުގޮސްގެން އުޅުއްވަނީ ހަމައެކަނި ރައީސް ނަޝީދަށް: ޑރ. ހަސަން

19:00


ރިޔާސީ ނިޒާމު ކަމުނުގޮސްގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނޫޅުއްވާ ކަމަށާއި އެ ނިޒާމް ކަމުނުގޮސްގެން އުޅުއްވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކަމަށް ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.


ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ދެއްވުމަށް މިދިޔަ ހަފްތާގައި އެ ގައުމަށް ކުރެއްވި ދަތުރަށްފަހު ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑރ. ހަސަން ވިދާޅުވީ، ރާއްޖޭގައި މި ވަގުތު ސައްހަ ވަޒީރުންގެ މަޖިލީހެއް ނެތް ކަމާއި އަދި ރައްޔިތުންގެ މަޖިލިސް ވެސް ހުއްޓިފައިވާ ކަމަށެވެ. މިފަދަ ދަނޑިވަޅެއްގައި ވެސް ސަރުކާރުން ވިސްނަނީ، 80 ނުވަތަ 100 މިލިއަން ރުފިޔާ ހޭދަކޮށްގެން ނިޒާމް ބަދަލުކުރުމަށް ކަމަށް ޑރ.ހަސަން ވިދާޅުވި އެވެ.


ރައީސް ނަޝީދުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމު ފުރުއްވުމަށްފަހު އިސްތިއުފާ ދެއްވި ޑރ.ހަސަން ސައީދު ރޭ ވިދާޅުވީ، ދުނިޔޭގެ މާލީ ހާލަތު ގޯސްވެ، ރާއްޖޭގެ އެތައް ބަޔެއްގެ ވަޒީފާ ގެއްލި، ބޭސްފަރުވާ ނުކުރެވިގެން އުޅޭ މި ދަނޑިވަޅުގައި އަނެއްކާ ވެސް ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމުގެ ވާހަކަ ރައީސް ނަޝީދު ދައްކަވާތީ ސުވާލު އުފެދޭ ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވަނީ އިންފާރުން ވަކިވެފައިވާ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުންގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ކަނޑައަޅާފައިވާކަން ފާހަގަކުރައްވާ ޑރ.ހަސަން ވިދާޅުވީ، ރިޔާސީ ނިޒާމެއްގައި ސަރުކާރުން ބުނާހާ ގޮތަކަށް ރައްޔިތުންގެ މަޖިލީހުން އަމަލުކުރަން ނުޖެހޭނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު