ކިލާސް ނިމުނުގޮތަށް އަހަރެން ނުކުތީ ބޭރަށެވެ. ބައެއް ކުދިން ޔާނިޝް ވަށާލައިގެން އުޅޭތީ ފެނުނެވެ. އެއީ އަހަންނަށް ލިބުނު ރަނުގެ ފުރުސަތެކެވެ. ޔާނިޝްގެ ނަޒަރުން ސަލާމަތްވާން އަހަންނަށް ލިބޭނީ އެކަހަލަ މަދު ފުރުސަތެކޭ ހިތް ބުންޏެވެ. އަހަރެންގެ ފަހަތުން މިރާން ނުކުތް ކަން އެނގުނީ އޭނާ އަހަންނަށް ގޮވައިލުމުންނެވެ. އަހަރެން ފަސްއެނބުރި ބަލައިލިއިރު، ދާދި ގާތުގައި މިރާން ހުއްޓެވެ. އޭނާގެ އަތުގައި އޮތް އެއްޗެއް އަހަންނަށް ދިއްކޮށްލީ، ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ސިކުންތުކޮޅެއް ފާއިތުވެދިޔަ ފަހުންނެވެ.
********
"މީ ރުއާގެ އެއްޗެއް ދޯ؟... ޑެސްކު ކައިރިއަށް ވެއްޓިފަ އޮއްވާ ފެނުނީމަ ހިފައިގެން މިއައީ..." މިރާން ދިއްކޮށްލި ގަލަމުގައި ހިފުމުން އޭނާ ބުންޏެވެ.
"މީ ޖީނާގެ ޕެންއެއް..." ގަލަމުގެ ބޭރުގައި ޖަހާފައިވާ އަކުރު ދައްކައިލަމުން އަހަރެން ބުނީމެވެ.
"އޯހް... ސޮރީ..." ގަލަން އަނބުރާ ދިނުމަށް އެދޭ ފަދައިން މިރާން އަތް ދިއްކޮށްލިއެވެ.
"އަހަރެން ޖީނާއަށް ހަވާލުކޮށްދޭނަން..." އަހަރެން ވަގުތުން އެ ގަލަން ދަބަހަށް ލީމެވެ.
އެރޭ އަހަރެން ބަލާ އައީ ބައްޕައެވެ. މިރާން އާއި ވާހަކަ ދައްކަން ހުއްޓާ ފެނުމުން، ބައްޕަގެ ނަޒަރު ތަފާތުވިކަން އަހަންނަށް ފާހަގަވިއެވެ. ކުރިން އެ މޫނުން ނުފެންނަ ނުތަނަވަސްކަމެއް ފެނުނެވެ. އަހަރެން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ބައްޕަގެ ސައިކަލު ފަހަތަށް އެރީމެވެ.
ގެއަށް އާދެވެންދެންވެސް ބައްޕަ އެއްޗެއް ނުބުނެއެވެ. އަހަރެން ހީކުރީ އެ މައްސަލަ އޮބުނީ ކަމަށެވެ. ވަރަށް ހަމަޖެހިލައިގެން ހުއްޓައި، އަނެއް ދުވަހަށް އިރުއެރީ ހިތާމަވެރި ހަބަރަކައިގެންނެވެ. އަހަރެންގެ ކައިވެނި އަވަސްވީއެވެ. އެވަރުން ނިމުނީކީ ނޫނެވެ. މަންމަގެ ސުވާލުތަކާއިވެސް ކުރިމަތިލާން ޖެހުނެވެ.
"ރޭގަ ކޮލެޖު ކައިރީގަ ދަރިފުޅު ވާހަކަ ދައްކަން ހުރީ ކާކާ؟..." މަންމަގެ އަޑުގައިވީ ހިތްހަމަނުޖެހުމުގެ އަސަރެވެ. "ބައްޕަ ބުނުއްވި ކޮންމެސް ފިރިހެނަކާ ވާހަކަ ދައްކަން ހުއްޓާ ފެނުނު ވާހަކަ..."
"ކްލާސް ކުއްޖެއް އެއީ..." އޮޅުވާލާކަށް ނޫނީ، ނޭނގޭ ކަމަށް ހަދާކަށް އަހަރެން މަސައްކަތެއް ނުކުރަމެވެ.
"ދެން އޭނަޔާ ވާހަކަ ދައްކައިގެން ނުވާނެ..." މަންމަ އަމުރުކުރިއެވެ.
"ކީއްވެތޯ؟..." އަހަންނަށް އަހައިލެވުނީ ހިތަށް ކުރި އަސަރަކުންނެވެ.
"މީހުންގެ ގޮތް އެނގޭ ވަރަށްވުރެ ދަރިފުޅު އަދި މާ ހަގުވާނެ... މައިންބަފައިން ބުނީމަ ބުނާ ގޮތް ހަދައިގެން ދަރިއަކަށް ދެރަގޮތެއް ނުވާނެ... ދެން އޭނަޔާ ވާހަކަ ނުދައްކާތި..." ފަހު ބަސް އިއްވާފައި މަންމަ ދިޔައީއެވެ.
ގަބުވެފައި އެތައް އިރަކު އަހަންނަށް އިނދެވުނެވެ. މީހަކާ ވާހަކަ ދައްކައިގެން ޖެހޭނީ ކޮން މައްސަލައެއް ހެއްޔެވެ؟ އަހަންނަކީ، މަންމަމެންގެ އަބުރަށް ހުތުރުވެދާނެފަދަ ނުބައި ކަމެއް ކުރާނެ މީހެއް ނޫނެވެ. އެވަރުގެ އިތުބާރެއްވެސް މަންމަމެން އަހަންނަށް ނުކުރީތީ ދެރަވިއެވެ.
ހަވީރު ޔާނިޝް އައެވެ. އޭރު އަހަރެން ހުރީ، ކުޑަ ބުރުގާ އަކާއި، ކުރު ހެދުންކޮޅަކާއިއެކު، ދޫ ހަރުވާޅެއް ލައިގެންނެވެ. ކޮށަން ހުރި ފިޔާތަކުގެ މަތިންވެސް ހަނދާން ނެތުނެވެ. އަވަހަށް ބުރުގާ ރީތިކުރަން ހަދައިގެން ދެލޮލަށް ދިލަ އަރައިގެން ދިޔައެވެ. މަންމައަށްވުރެ ކުރިން ޔާނިޝް ދުވެފައި އައެވެ. އަހަރެން ސިންކު ކައިރިއަށް ގެންދިޔުމަށްފަހު، ފިނި ފެންފޮދަކުން ލޯ ދޮވެލަދިނެވެ. އަހަރެން ހުރީ ބިރުން ލޯ ހުޅުވައިލަންވެސް ނުކެރިފައެވެ. ޔާނިޝް އަހަރެންގެ ދެ އަތްވެސް ދޮވެލަދިނެވެ. ލޮލުން ނަގަމުންދިޔަ ދިލައިގެ ސަބަބުން އެއިން ކަމެއް މަނާކުރާނެ ހިތްވަރެއް ނުލިބުނެވެ.
"ފިޔާކޮޅު ކޮށާލަދެންތަ؟..." ޔާނިޝް ސުވާލުކުރި އަޑު އިވުނެވެ.
އަހަރެން ކުޑަކޮށް ލޯ ހުޅުވައި ބަލައިލީމެވެ. ޔާނިޝް އޭނާ ލައިގެން ހުރި އަތްދިގު ގަމީހުގެ އަތުކުރި އުޅަނބޮއްޓާއި ހަމައަށް އޮޅައިލިއެވެ. އެއަށްފަހު، ފަރިތަކަމާއިއެކު ފިޔާތައް ކޮށަން ފެށިއެވެ. މަންމަ ވަރަށް ހިނި އައިސްފައި ބަލަން ހުއްޓެވެ. ހިނދުކޮޅަކަށް ނަމަވެސް އަހަންނަށްވެސް ހުރެވުނީ އެ މަންޒަރުގެ ފުރިހަމަކަމުން، އެހެން ދިމާއަކަށް ނަޒަރު ބަދަލުކޮށްލަން ނޭނގިފައެވެ.
"މަންމަ ހިތަށް އަރާ ކައިވެނީގެ ފަހުން ދަރިފުޅު އެއްކޮށް މިގެއަށް ގެންނަންވީއޭ..." މަންމަ ބުންޏެވެ.
"މިހާރުވެސް މަންމަ ގުޅުއްވައިފިއްޔާ، ކޮންމެ ގަޑިއަކުވެސް އަންނާނަން..." ޔާނިޝް ބުންޏެވެ.
"މަންމަ އުފާވޭ މަންމަގެ ރުއާއަށް ތިކަހަލަ ކުއްޖަކު ލިބުނީމަ... ދެން ދޭ ދެކުދިން ބޭރަށް ގޮސްލަން..." މަންމަ އެދުނެވެ.
ބޭރަށް ދިޔުމުގެ ބަދަލުގައި އަހަރެން އެރީ ޓެރެސް އަށެވެ. ޔާނިޝް ގޮސް ހުއްޓިލީ ރެއިލިންގެ ކައިރީގައެވެ. ޓެރެސްގެ ވަކި ހިސާބަކަށް ހިޔާވެފައި އޮތަސް، ޔާނިޝް ހުރީ އަވީގައެވެ. އެ އަވިން އޭނާގެ ނަފުސަށް އަރާމެއް ލިބެމުންދިޔަ ފަދައެވެ.
"ކޮންމެހެން މަންމަ ކުރިމަތީގަ މާ މާތްވެގެން އުޅޭނެކަމެއް ނެތް..." އަހަރެން ހުރީ ރުޅި އައިސްފައެވެ. "ކޮންމެ ކަމެއް ކުރިޔަސް، އަހަރެންގެ ހިޔާލު ބަދަލެއް ނުވާނެ... އަހަރެން ބޭނުމެއް ނޫން މި ކައިވެނި ކުރާކަށް... ކުރުވިޔަސް، ކުރުވަން ޖެހޭނީ ގަދަކަމުން..."
އައިސްފައި ހުރި ރުޅީގައި ޔާނިޝް ހިތުގައި ޖެހޭނޭހެން ހީވާ ހުރިހާ އެއްޗެއް އަހަރެން ކީމެވެ. ފަހުން އެކަމާ ހިތާމަކުރާކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ.
"ރުއާ އަހަންނާ މެރީ ކުރަން ބޭނުން ނުވާ އެންމެ ރީޒަން އެއްވެސް ބުނެވިދާނެތަ؟..." އިރުކޮޅަކު ހިމޭނުން ހުރެފައި ޔާނިޝް އަހައިލިއެވެ. "އަހަރެން ގޯހީތަ؟... ނޫނީ ކޮން ކަމެއް ރަނގަޅު ކުރަންވީ؟..."
"ކީއްކުރަންތަ އަހަންނާ އިންނަން ތިއުޅެނީ؟..." އަހަރެން ކިތަންމެ މަޑުން ވާހަކަ ދެއްކި ނަމަވެސް ދެލޮލުން ޔާނިޝް ފިއްސާލެވޭނެނަމަ އެކަން ކުރީމުހެވެ.
"ލައިފެއް ފަށަން..." ޔާނިޝް ދިނީ ކުރު ޖަވާބެކެވެ.
"ލައިފެކޭ؟..." މަލާމާތުގެ ރާގަކަށް ހިނިގަނޑެއް ޖަހައިލަމުން އަހަރެން އަހައިލީމެވެ. "ކިތައް މީހުންނާ އިނދެގެންތަ ލައިފެއް ފެށޭވަރު ވާނީ؟... އަހަންނަކަށް އެހެން މީހެއްގެ ދަރިއެއް ނުބެލޭނެ..."
"އޭނ؟..." މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން ހުރެފައި ޔާނިޝް އަހަރެންގެ މޫނަށް ބަލައިލިއެވެ. އެ މޫނުން ފެނުނީ ހައިރާން ކަމެވެ.
"އަހަންނަށް އެނގެޔޭ ޔާނިޝްގެ ދަރިއެއްކަން އާނާއަކީ... އަހަންނަށް އޮޅުވާލަން ހިތުވެސް ނުލާތި..." އަހަރެން އަމުރު ކުރީމެވެ. " ކީއްވެގެންތަ އެކަކާ އިނދެގެން ނޫޅެވިގެން ތިއުޅެނީ؟... އާނާއަށް ދޮންމަންމައެއް ނުހޯދާ އަސްލު މަންމަ ހޯދަދީބަލަ... ތާކުން ރީތި އަންހެން ކުއްޖެއް ފެންނައިރަށް ހިތް ކިޔާ މީހުންނަށް އެކަކާ އިނދެގެންވެސް ނޫޅެވޭނެ..."
އަހަރެން އަނެއް ފަރާތަށް މޫނު އަނބުރައިލީމެވެ. ޔާނިޝްގެ މޫނަށް ވެރިވާނީ ކޮންކަހަލަ ކުލަވަރެއްތޯ ބެލުމުގެ ޝައުގުވެރިކަމެއް އަހަރެންގެ ނެތެވެ.
"އަހަރެން ރުއާއާ މެރީކުރަން މިއުޅެނީ ރުއާ ރީތިވެގެނެއް ނޫން..." ޔާނިޝް ރައްދު ދިނެވެ.
އަހަރެން ރީއްޗަށް ރަކިވިއެވެ. ބުނާނެ އެއްޗެއް ނޭނގި އަނގަ އޮޅޭގޮތްވުމުން، ދެލޯ އަޅައިލާފައި ހުރީއެވެ.
"އަހަންނާ މެރީކުރާ މީހަކު އާނާ ބަލަން ޖެހޭނެ..." ޔާނިޝް ބުނެލިއެވެ.
އަހަރެންގެ އެތެރެހަށި އަނދައިގެން ދިޔައެވެ. އެއީ އަމުރެއް ހެއްޔެވެ؟ ނޫނީ އަހަންނަށް ކުރި މަޖުބޫރެއް ހެއްޔެވެ؟ ހަމަ ރަނގަޅަށްވެސް އަހަރެން މަޅިއެއްގައި ޖެހި ހައްޔަރުވަނީ ހެއްޔެވެ؟
"ނުބަލާނަން... މެރީއެއްވެސް ނުކުރާނަން..." އައި ރުޅީގައި އަހަރެން ގޮސް އުނދޯލީގައި އިށީނީމެވެ.
ޔާނިޝް ދިއުމުން އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ. ކިތަންމެ ވަރަކަށް ރުޔަސް ކުރެވޭނެ ކަމެއް ނެތެވެ. ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން އަހަރެންގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. އެ އިމާރާތުގެ މަތިން ފުންމާލައިގެން މަރުވާންވީއެވެ. އޭރުން މަންމަމެންނަށް އަދި ޔާނިޝްއަށްވެސް އެއްޗެއް ވިސްނިދާނެއެވެ. ނޫނެކެވެ. އެއީ ކޮންފަދަ ނުބައި އަމަލެއް ހެއްޔެވެ؟ އަމިއްލައަށް މަރުވާ މީހުންނަށް ސުވަރުގޭގެ ވަސްވެސް ނުލިބޭނެ ވާހަކަ މަންމަ އޮތީ ކިޔައިދީފައެވެ. އަހަރެން ފުންމައިގެން ތެދުވީމެވެ. އަމިއްލައަށް މަރުވުމުގެ ހިޔާލު ސިކުނޑިން ނެރެ އެއްލައިލުމަށް ވުޟޫޢު ކޮށްގެން މުސްހަފު ނެގީމެވެ. ގުރުއާން ކިޔަވައިލުމުން، ހިތް ހަމައަކަށް އެޅުނެވެ. ނުބައި ވިސްނުންތަކުން ދުރުވިއެވެ.
ޖެހިގެން އައި ދުވަހު ގެއަށް ދެ ހެކިވެރިން އައެވެ. އަހަރެން ހީކުރީ އެހާ ވަރަށް އެއްޗެހި ކިޔުމުން، ޔާނިޝް އަހަންނާއި އިނުމުގެ ހިޔާލު ދޫކޮށްލާނެ ކަމަށެވެ. އެކަމަކު ކަންތައްވީ އެއާއި މުޅީން އިދިކޮޅަށެވެ. ޔާނިޝްގެ އާއިލާގެ އެންމެން ކަހަލަ ގޮތަކަށް ރަންކިޔުމުގެ ހަފުލާއަށް އައެވެ. ރަން ކިޔުމުގެ އުފަލުގައި ގޭގައި އޮތީ މެންދުރުގެ ކެއުން ހަދާފައެވެ. ރަނުގެ އަދަދާއި ބެހޭގޮތުން ހެކިވެރިން އެތައް ފަހަރަކު ސުވާލުކުރުމުންވެސް އަހަރެން އިނީ އަނގައިން ބުނަން ބޭނުން ނުވެފައެވެ.
"އެންމެން ތިބީމަ ރުއާ އެ އުޅެނީ ލަދުން..." އާއިލާ ލަދުން ސަލާމަތްކުރަން ނުކުތީ މަންމައެވެ.
މަންމަގެ އެދުމަށް ހެކިވެރިން ފިޔަވާ އެހެން އެންމެން އެތަނުން ދިޔައެވެ. އަހަންނާއި ދިމާއަށް ފާޑަކަށް ބަލައިލާފައި މަންމަވެސް ތެދުވެގެން ދިޔައެވެ. ކަންތައް ކުރަންވީގޮތް އެ ނަޒަރުން ބުނެދިން ފަދައެވެ.
"މެރީކުރަން ބޭނުން ނުވަނީތަ..." ހެކިވެރިޔަކު ސުވާލުކުރިއެވެ.
"ދެލައްކަ ރުފިޔާ..." އަހަރެން ވަގުތުން ބުނީމެވެ. "އެވަރު ދެވޭނެތަ؟..."
ކަންތައް ވީ އަހަރެން ހީކުރިގޮތާއި މުޅީން ހިލާފަށެވެ. އަހަރެން ރަނަށް ކީ އަދަދުން ހެކިވެރިން ބިރުގަތް ތަނެއް އަހަންނަކަށް ނުފެނުނެވެ. އެމީހުން ތިބީ ހަމަޖެހިފައެވެ. އަހަންނަށް އެނގިފައި އޮތް ގޮތުން، ހެކިވެރިންނަށް ތިބީ ޔާނިޝްގެ ގާތް އެކުވެރިންތަކެކެވެ. އެ އަދަދުން އެމީހުން ބިރުން އެ ކައިވެނި ހުއްޓުވާނެއެވެ.
އެ ރޭ ރަނުގެ ފައިސާ އަހަންނަށް ލިބުނެވެ. ޔާނިޝް އެ ފައިސާ ހޯދީ ކިހިނެތް، ކޮން ގޮތަކުން ކަމެއްވެސް ނޭނގެއެވެ. އެކަންތައް ބޮޑުކޮށްލައިގެން މަންމަމެން އެވާހަކަ ދައްކާނެކަމަށް އަހަރެން ހީކުރީމެވެ. އެކަމަކު، އަހަރެން ރަނަށް ކީ ކޮން އަދަދެއް ކަން މަންމަމެންނަށް ނޭނގޭކަން އެނގުނީ މަންމަ އެކަމާއި ބެހޭގޮތުން ޔާނިޝް އާއި ސުވާލު ކުރުމުންނެވެ. ޔާނިޝް އަދަދު ހާމަނުކުރީ ކީއްވެ ކަމެއް އަހަންނަކަށް ނޭނގުނެވެ.
"ރަނުގެ މައްސަލަ ބޮޑުކޮށްލައިގެން މަންމަ ކައިރީ ކުޓުވިނަމަ..." ޔާނިޝް އެކަނި ހުއްޓާ ފެނުމުން، އަހަރެން ތުން ދަމައިލީމެވެ.
ކައިވެނީގެ ދުވަސް ކައިރިވަމުން އައިއިރު، އަހަރެން ހުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ކޮލެޖަށް ދާން ފޫހިވެގެން ދުވަސްކޮޅަކަށް ދިޔުން ހުއްޓައިލީމެވެ. މަންމަމެންނަށްވެސް ރަނގަޅުވީ އެގޮތެވެ. އަހަރެން މިރާން އާއި ވާހަކަ ދައްކަފާނެކަމުގެ ބިރު މަންމަމެންގެ ހިތުގައި އުފެދުނީ ކަންނޭނގެއެވެ.
މިރާން އާއި ވާހަކަ ދެއްކުން މަނާވި ނަމަވެސް، އަހަރެންގެ ހިތް އެކަމަށް އެދެވެނީއެވެ. އަބަދު ހުޅުވައިގެން އޮވެވެނީ މިރާން އޭނާގެ ވައިބާއަށް ލާފައިވާ ތަސްވީރެވެ. ކިތަންމެ ގިނައިން ބެލިޔަސް، ބަލާ ފޫހިނުވެއެވެ. އެއް ދުވަހަކު ހަދާލެވުނު ގޮތަކުން ފެނުނީ މިރާންއަށް މެސެޖެއް ފޮނުވިފައި އޮއްވައެވެ. ސުވާލުމާކެއް ޖަހާފައި މިރާން މެސެޖެއް ފޮނުވުމުން އަހަންނަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.
"ސޮރީ އޮޅިގެން..." އަހަރެން މެސެޖެއް ފޮނުވައިލީމެވެ.
"އޮޅިގެންވެސް މެސެޖެއް ފޮނުވިކަން ހާދަ ރަނގަޅޭ..." މިރާން މެސެޖު ފޮނުވައިލީ ހިނި އައިސްފައި އިން އިމޯޖީއަކާއި އެކުގައެވެ. "އަހަރެން މިހުރީ ރުއާ ކައިރީ ވާހަކައެއް އަހާލަން ބޭނުންވެފަ... އެކަމަކު، ރުއާ އެހާ ވާހަކަ ނުދައްކާތީ އަހަން ނުކެރިފަ..."
"ކޮން ވާހަކައެއް؟..." އަހަރެންގެ ހިތް ތެޅިގަތެވެ.
(ނުނިމޭ)