އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގައި އަޅުގަނޑުގެ ރޯލެއް ނެތް: އަފީފް

ކްރިމިނަލް ކޯޓުގެ އިސް ޣާޒީ ރ. ހުޅުދުއްފާރު ބަހާރުގޭ، އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގެ މައްސަލަ ހޯމް މިނިސްޓްރީން ޑިފެންސް މިނިސްޓްރީއަށް ހުށަހެޅީ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަންތައްތަކެއް ހުރިކަން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ފާހަގަކުރެވިގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފު ވިދާޅުވެއްޖެ އެވެ.

އަފީފް މިހެން ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ގާނޫނާ ހިލާފަށް އަބްދުﷲ ގާޒީ ހައްޔަރުކޮށް، ދޫނިދޫއަށް ގެންދިޔަ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް މިރޭ 9:30 ގައި ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގެން، ބަޔާނެއް ދެއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ.

އަފީފް ވިދާޅުވީ ފުލުހުން ސުވާލުކުރީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައާ ގުޅިގެން ކަމަށާއި ނަމަވެސް އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގައި އޭނާގެ އެއްވެސް ރޯލެއް ނޯންނާނެ ކަމަށެވެ. ނަމަވެސް އަބްދުﷲ ގާޒީގެ މައްސަލައާ ގުޅިގެން އޭރު ފުލުހުން ބަލަމުން ދިޔަ މައްސަލައެއްގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންތައްތަކެއް ހުރިކަން ފުލުހުންގެ އިދާރާއަށް ފާހަގަކުރެވޭތީ އެކަންތައްތައް ބަޔާންކޮށް ޑިފެންސް މިނިސްޓްރީއަށް ހުށަހަޅާފައިވާނީ ހޯމް މިނިސްޓްރީން ކަމަށް އަފީފް ވިދާޅުވި އެވެ.

" އެސިޓީ ލިޔުނީ ހޯމް މިނިސްޓްރީގެ ނަމުގައި ވިޔަސް އެ ސިޓީ ފައިލް ކުރެވިފައި އޮންނާނީ ވެސް ފުލުހުންގެ އިދާރާގަ،" އަފީފް ވިދާޅުވި އެވެ.

އަބްދުﷲ ގާޒީގެ މައްސަލާގައި ހޯމް މިނިސްޓްރީން ޑިފެންސް މިނިސްޓްރީއަށް ފޮނުވި ސިޓީގައި އަބްދުﷲ ގާޒީ ގައުމީ ސަލާމަތަށް ނުރައްކާވާ ސަބަބުތައް ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައިވާނެ ކަމަށާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ވުމުން އެކަމުގެ ތަފްސީލް މީޑިއާއަށް ހާމަކުރެއްވެން ނެތް ކަމަށް ވެސް އަފީފު ވިދާޅުވި އެވެ.

"އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގަ އަޅުގަނޑު ރޯލެއް ނޯންނާނެ. ނަމަވެސް އަބްދުﷲ މުހައްމަދު މައްސަލާގައި ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަންތައްތަކެއް ހުރިކަން މޯލްޑިވްސް ޕޮލިސް ސާވިސް އިން ފާހަގަކުރުމުން އެކަންތައްތައް ބަޔާންކޮށް ހޯމް މިނިސްޓްރީން ޑިފެންސް މިނިސްޓްރީއަށް ވާނީ ހުށަހަޅާފަ،" ކުރީގެ ހޯމް މިނިސްޓާރު އަފީފު ވިދާޅުވި އެވެ.

ކުރީގެ ހޯމް މިނިސްޓަރުގެ އިތުރުން އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގަ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ވެސް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފަ އެވެ. ނަމަވެސް އެމައްސަލާގައި އޭނާ ވަނީ ހަނު ހުރުމުގެ ބޭނުން ކުރައްވާފަ އެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައާ ގުޅިގެން ހިއުމަން ރައިސްޓް ކޮމިޝަނުން ކުރިއަށް ގެންދާ ތަހްގީގަށް ރައީސް ނަޝީދު ވަނީ ބަޔާނެއް ދެއްވާފަ އެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާގެ ނިންމުމެއް ނޫން ކަމަށާއި އެއީ ޑިފެންސް މިނިސްޓްރީގެ ނިންމުމެއް ކަމުގައި ރައީސް ނަޝީދުގެ އެބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ. އަބްދުﷲ ގާޒީގެ މައްސަލާގައި ކުރީގެ ހޯމް މިނިސްޓަރާއި ޑިފެންސް މިނިސްޓަރުވެސް ވަނީ އެޗްއާރުސީއެމަށް ހާޒިރުކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު