މޫސުން ގޯސްވެ، ހއ އަތޮޅުން ފެށިގެން އދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު އާންމުކުރި މައުލޫމާތުގައި ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް މިއަދު މެންދުރު 12:30 އިން ހަވީރު 04:30 އަށް ރީނދޫ ސަމާލުނެރެފައެވެ.
މެޓުން ބުނީ އެ ހިސާބުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭނެ ކަމަށެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކޮށްފައިވެއެވެ.
ރާޅުގެ އުސްމިނުގައި 4 ފޫޓާއި 7 ފޫޓު ހުންނާނެ ކަން ފާހަގަކޮށް މެޓް އޮފީހުން ބުނީ ހުރިހާ ފަރާތްތަކުން ވެސް ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް އިލްތިމާސް ކޮށްފައިވެއެވެ.
މެޓުން ބުނީ ގަދަ ވިއްސާރައާއެކު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އުދަ އެރުން އެކަށީގެންވާ ކަމަށެވެ.
ރީނދޫ އެލާޓު މިއަދު ނެރެފައިވާއިރު މެޓު އޮފީހުން ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށެވެ.
މި ފަހުން ވެސް ރާއްޖޭގެ ގިނަ ރަށްތަކަކަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއްވިއެވެ. އެގޮތުން ބައެއް ރަށްރަށުގެ ގެތަކަށް ފެންވަދެ ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުންވިއެވެ.