ޝައިޚު ނިޝާން ހިމެނޭހެން ޔޯގާ ހައްޔަރީން، ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި

އައްޝައިޚް އާދަމް ނިޝާން: އޭނާ ހިމެނޭހެން ޔޯގާ ދުވަހުގެ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުން ވަނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފަށާފައި --- ފޮޓޯ/ އަވަސް

ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ދޫނިދޫ ޖަލުގައި ހައްޔަރުކޮށްފައި ތިބި މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފިއެވެ.

އެ މައްސަލާގައި ހައްޔަރުކުރުމަށްފަހު ޝަރުތުތަކާއެކު މިހާރު މިނިވަންކޮށްފައިވާ އައްޝައިޚް ފަޒްލޫން މުޙައްމަދު "ސަން"އަށް ވިދާޅުވީ ޖަލުގައި ތިބި މީހުންނަށް ލިބެންޖެހޭ ގިނަ ހައްގުތަކަކުން މަހުރޫމް ކޮށްފައިވާތީ މިއަދު ހަވީރުން ފަށައިގެން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިވާ ކަމަށެވެ.

ޝައިޚު ވިދާޅުވީ ދޫނިދޫ ޖަލުގައި ތިބި މީހުންގެ އާއިލާ ބައްދަލުވުމަށް ހުރަސް އެޅުމާއި ބަލިވެގެން ޑޮކްޓަރަށް ދެއްކުމަށް ދަތި ކުރުމާއި މުއްދަތު މަޖިލީހުން ދޭ އަމުރު ނުދީ ހިފެހެއްޓުމުގެ އިތުރުން ގޮޅީގެ ފަންކާ ރަނގަޅު ކޮށްދޭން އެކި ފަހަރު މަތިން އެދުމުން އެކަންކަން ވެސް ނުކޮށްދީ ޖެއްސުން ކުރަމުން އަންނަ ކަމަށެވެ.

"ތިން ހަފްތާ ވެގެންދާއިރު އާއިލީ ބައްދަލުވުން ނުލިބޭ. ބަންދުގެ މުއްދަތު އިތުރުކުރި ލިޔުން ނުދީ ހިފަހައްޓައިގެން އުޅޭތީ އިސްތިއުނާފު ކުރުމުގެ ހައްގުން ވަނީ މަހުރޫމުވެފައި. ބޭސްފަރުވާގެ ކަންތަކުގައި ވެސް ދަތި ކުރަނީ. ދެން އަނެއް ކަމަކީ ގޮޅީގައި އިންނަ ފަންކާ ރަނގަޅުކޮށްދިނުމަށް އެންމެ ފުރަތަމަ ދުވަހުން ފަށައިގެން އެދިގެން މިއަދާ ހަމައަށް ވެސް ހައްލެއް ނުލިބުނު. ގޮޅި ތެރެ ވަރަށް ހޫނު ގަދަ," ޝައިޚު ފަޒްލޫން ވިދާޅުވިއެވެ.

ފުލުހުންގެ ތަހުގީގީ ޖަލު ހިންގާ ދޫނިދޫ-- ފޮޓޯ/ އޭޕީ

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރު ކުރި 21 މީހުންގެ ތެރެއިން ޝައިޚް ފަޒްލޫން އާއި އިތުރު ބަޔަކު މިހާރު ވަނީ ދޫކޮށްލާފައެވެ. އެ މައްސަލައާ ގުޅިގެން ޝައިޚް ނިޝާންގެ ބަންދަށް 16 ދުވަސް އިތުރުކޮށްފައިވާއިރު، ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު އިސްމާއީލްގެ ބަންދަށް ވަނީ 30 ދުވަސް އިތުރުކޮށްފައެވެ.

ޝައިޚް ނިޝާންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އެކި ފަހަރު މަތިން އިތުރުކޮށްފައެވެ.

އެ ހާދިސާ ހިނގިފަހުން ނެރުއްވި ބަޔާނެއްގައި ޝައިޚް ނިޝާން ވިދާޅުވީ ގަލޮލު ދަނޑު ކައިރީ ބޭއްވި އެއްވުމަށް ދިޔުމަށް އޭނާ އެއްބަސްވީ ސުލްހަވެރިކަމާއެކު އެކަން ކުރާނެ ކަމުގެ ޔަގީންކަން އެއްވުން އިންތިޒާމްކުރި މީހުން ދިނުމުން ކަމަށެވެ. ނަމަވެސް އެއްވުން ކުރިއަށްދަނިކޮށް ވަކި ހިސާބަކުން ޒުވާނުންގެ ލޭކެކި ގަލޮޅު ދަނޑުގެ ތެރެއަށް ވަނުމުން އެއްވުން ނިމުނީ ކަމަށް އިއުލާންކޮށް އެ ސަރަހައްދު ދޫކޮށް އޭނާ ވަޑައިގެންނެވި ކަމަށް ޝައިޚް ނިޝާން ވިދާޅުވިއެވެ.

ޝައިޚް ނިޝާންގެ ގާނޫނީ ވަކީލު އަޙްމަދު ސިއްދީގު ވިދާޅުވީ އެ ދުވަހު ޝައިޚް މަސައްކަތް ކުރެއްވީ ޔޯގާ އަކީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއްކަން ރައްޔިތުންނަށް ބަޔާންކޮށްދެއްވަން ކަމަށެވެ. އަދި ހަމަނުޖެހުން ހިންގުމަށް ހިތްވަރުދިނުމުގެ ގޮތުން އެއްވެސް ވާހަކައެއް ޝައިޚް ވިދާޅުވެފައިނުވާ ކަމަށް ވެސް ސިއްދީގު ވިދާޅުވިއެވެ.

ދައުލަތުން ބުނަނީ ޝައިޚް ނިޝާނާ ދެކޮޅަށް ހެކި އެބަހުރި ކަމަށެވެ. ދައުލަތުން ބުނާ ހެއްކަކީ އޭނާ އެތަނުގައި ހުރެ ކިޔައިދެއްވި ހަދީސެއް ކަމަށް ޝައިޚް ވަނީ މުއްދަތު މަޖިލީހުގައި ވިދާޅުވެފައެވެ.

އެ ހަދީސްގައި ވަނީ ހަރާމް ކަމެއް އަތުން މަނާ ކުރުމުގެ ކުޅަދާނަކަން އޮތް މީހަކު އެ ގޮތަށް މަނާކުރަން ވާނެ ކަމަށާއި އަދި އެ ވަރު ކުޅަދާނަ ނޫން މީހުން ދުލުން އަދި އެ ވަރުން ކުޅަދާނަކަން ލިބިގެންނުވާ މީހުން ހިތުން އެ ކަމެއް މަނާ ކުރަން ވާނެ ކަމަށެވެ.

ހެއްކެއް ކަމަށް ދައުލަތުން ބުނަނީ އަތުން މަނާކުރުމާ ގުޅޭގޮތުން އެ ހަދީސްގައިވާ އިބާރާތަށެވެ.

comment ކޮމެންޓް