މަކުނުވިދުރި ޖެހިގެން ބްރެޒިލްއާއި ސްޕެއިން އިން މަރުތަކެއް

މަންކީޕޮކްސް ފަތުރާ ވައިރަސް. -- ފޮޓޯ /ގެޓީ

މަކުނު ވިދުރި ޖެގިހެން ބްރެޒިލް އާއި ސްޕެއިން އިން ފުރަތަމަ ފަހަރަށް ބަޔަކު މަރުވެއްޖެއެވެ.

އެ ބަލީގައި އެފްރިކާއިން ބޭރުން ފުރަތަމަ ފަހަރަށް މަރުވީ އުމުރުން 41 އަހަރުގެ ބްރެޒިލް ރައްޔިތެކެވެ. ސްޕެއިނުން ވަނީ އޭގެ ފަހުން ދެ މީހަކު މަރުވިކަން އިއުލާނުކޮށްފައެވެ.

މި ބަލި އާންމުކޮށް ޖެހުމުގެ ފުރުސަތު ކުޑަ ކަމަށާއި މި ބަލި ޖެހޭ ގިނަ މީހުން ހާލު ގޯސް ނުވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ވަނީ ބުނެފައެވެ.

ހުކުރު ދުވަހު ބްރެޒިލްގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އެ ބަލީގައި މަރުވި މީހާއަކީ ލިމްފޯމާ ޖެހިފައި ހުރި މީހެއް ކަމުން އޭނާގެ ދިފާއީ ނިޒާމު ބަލިކަށިވެފައިވާކަމަށެވެ.

ބްރެޒިލްގައި މިހާތަނަށް 1066 މީހުން މަކުނުވިދުރިއަށް ޕޮޒިޓިވްވެފައިވާއިރު، 513 މީހަކު ވައިރަސްއަށް ޝައްކުކުރެވޭ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ބްރެޒިލްގެ ޞިއްޙަތާބެހޭ ވުޒާރާގެ ޑޭޓާތަކުން ދައްކާގޮތުގައި ޕޮޒިޓިވްވެފައިވާ މީހުންގެ 98 ޕަސެންޓް އަށްވުރެ ގިނަ މީހުންނަކީ ފިރިހެނުންނާ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންނެވެ.

އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަކުނުވިދުރީގެ 21،148 ކޭސް ހިމެނެއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި މަކުނުވިދުރި ޖެހޭ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ވަނީ ސިއްހީ ކުއްލި ހާލަތު އިއުލާންކޮށްފައި ވަނީ މިދިޔަ ހަފުތާގައެވެ.

comment ކޮމެންޓް