އަނިޔާވެރި ބަސްތަކާ އަމަލުން ރައްދު ދިން އެންމެނަށްވެސް މައާފްކޮށްފިން: ރައީސް ވަހީދު

ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޑރ. ވަހީދު-- ފޮޓޯ: ރައީސް އޮފީސް

އަނިޔާވެރި ބަސްތަކާއި އަމަލުތަކުން އަނިޔާވެރިވި ހުރިހާ ފަރާތްތަކަށްވެސް މައާފް ކޮށްފިން ކަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެއެވެ.

ޑރ. ވަހީދު އެހެން ވިދާޅުވީ މީހަކު ކުރި ޓުވީޓަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން އެމީހާގެ ޓުވީޓުގައި ރައީސް މުޙައްމަދު ނަޝީދު ފަދަ ބޭފުޅަކާއެކު ވެރިކަން ކުރަން ޖެހުމުން ވާނެ އުނދަގޫ މިހާރު އިހުސާސުވާ ކަމަށް ބުނެފައިވެއެވެ.

ހަމައެއާއެކު، މިހާރު ރައީސް ނަޝީދުގެ ފެންވަރު އެނގޭ ކަމަށާއި ކުރިން ޑރ. ވަހީދަށް ބާޣީއަށް ގޮވުމުން އެކަމަށް މައާފަށްވެސް އެ މީހާގެ ޓުވީޓުގައި އެދިފައިވެއެވެ.

އެ ޓްވީޓަށް ޖަވާބު ދެއްވަމުން ޑރ. ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް ނަޝީދު ވެރިކަަމުން އިސްތިއުފާދެއްވުމަށްފަހު ދެއްކެވި ދޮގު ވާހަކަތައް ގަބޫލުކޮށް އެ މަނިކުފާނަށާއި އާއިލާއަށް އަނިޔާވެރި ބަސްތަކާއި އަމަލުތަކުން ރައްދު ދިން އެންމެނަށްވެސް މައާފްކޮށްފިން ކަމަށެވެ.

"އަދި އަޅުގަނޑުގެ ރައީސް ކަމުގައި އެއްވެސް ފަރާތަކަށް ނުހައްގުން އަނިޔާއެއް ލިބުނު ނަމަ މައާފުކުރެއްވުން އެދެމެވެ،" އެ ޓުވީޓުގައިވެއެވެ.

ރައީސް ނަޝީދު ދައުރުގެ މެދުތެރެއިން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ރާއްޖޭގެ ރައީސްކަމުން އިސްތިއުފާ ދެއްވުމާއެކު ޑރ. ވަހީދުވަނީ ވެރިކަމާ ހަވާލުވެވަޑައިގެންފައެވެ.

އޭގެ ފަހުން އެމްޑީޕީއަށް ނިސްބަތްވާ ގިނަ ފަރާތްތަކެއް އެކަމާ ނުރުހުން ފާޅުކޮށް ޑރ. ވަހީދަށާއި އެމަނިކުފާނުގެ އާއިލާއަށް އެކި ގޮތްގޮތުން ފާޑުކިޔުންތަކާއި ނުރުހުމުގެ ބަސްތައް އަމާޒުކުރަމުން ގެންދިއެވެ. ނަޝީދާއި އެމްޑީޕީން ތުހުމަތު ކުރީ އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން ޑރ. ވަހީދު ބަގާވާތް ކުރެއްވި ކަމަށެވެ.

ނަޝީދުގެ ވެރިކަން ބަދަލުވިގޮތް ތަހުގީގު ކުރުމަށް އެކުލަވާލި އެންކުއަރީން އެ މައްސަލަ ބެލުމަށް ފަހު ނިންމީ ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަފުޅަށް ކަމަށެވެ. އަދި ޑރ. ވަހީދު ބަގާވާތް ނުކުރައްވާ ކަމަށެވެ.

comment ކޮމެންޓް