ބޭނުންކޮށްލަން ލިބިދާނެތަ؟

ކޮންކްރީޓުގަނޑެއްގައި ޑިމޮލިޝަން ހެމަރ އެއް ޖައްސަނީ --- ފޮޓޯ: ހިލްޓީ.ކޮމް

ކަމެއް ކުރަން ބޭނުންވާ ހިނދު އެކަމަކަށް ބޭނުންވާ އާލާތެއް އަތުގައި ނެތް ކޮންމެ ފަހަރަކު، ބާޒާރުން އެ އެއްޗެއް ގަތުމަކީ އެންމެންނަށް ކުޅަދާނަވެގެންވާ ކަމެއްނޫނެވެ. އަދި އެ އާލާތެއް ނެތުމުގެ ސަބަބުން އެ މަސައްކަތް ނުކޮށް ހުރުމަކީވެސް ހައްލެއްނޫނެވެ. މިފަދަ ވަގުތެއްގައި އަމަލު ކުރެވިދާނެ ދެގޮތެއް އޮވެއެވެ. އެއީ ބޭނުންވެގެން އުޅޭ އެތި ކުއްޔަށް ހިފުން ނުވަތަ ބޭނުންކޮށްލާފައި ރައްދު ކުރާ ގޮތަށް، ހިލޭ ސާބަހަށް މީހަކު އަތުން ގެންދިއުމެވެ. ފަހުން މިބުނި ގޮތަށް އެއްޗެއް ގެންދިއުމަށް އިސްލާމީ ފިޤުހުގައި ކިޔަނީ ޢާރިޔާ (ނުވަތަ އިސްތިޢާރާ) އެވެ.

ދިރިއުޅުމުގެ ޖާއިޒު ބޭނުމެއް ފުއްދުމުގައި މީހަކު އެހީތެރިކަމަށް އެދިއްޖެނަމަ، ވީ ވަރަކުން އެކަމެއްގައި އެހީތެރިވެ ދިނުމަށް އިސްލާމްދީނުގައި ބާރު އަޅުއްވާފައިވެއެވެ. ﷲ ވަޙީކުރައްވާފައި ވެއެވެ. وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى (މާއިދާ: 2) '... އަދި ހެޔޮ ކަންތައް ކުޅައުމާއި، ތަޤުވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ ވާގިވެރިވާށެވެ!' އެ ބައެއްގެ މައްޗަށް ގެއްލުމާއި ހަލާކު ހުރި ބައެއްގެ ވާހަކަ ޒިކުރު ކުރެއްވި އިރު، 'ހިފައި ގެންގުޅޭ ތަކެތި މީހުންނަށް ނުދީ، މަނާކުރާ މީހުން' އޭގެތެރޭގައި ވެއެވެ.(މާޢޫން: 1-7) މިހެން އަންގަވާފައި އޮތުމުން، އެކަމަށް އެދިއްޖެނަމަ ޢާރިޔާގެ ގޮތުގައި އެއްޗެތި ދިނުމަކީ ވާޖިބެއް ކަމަށް ބައެއް އިލްމުވެރިން ވިދާޅުވެއެވެ. ނަމަވެސް ދަލީލުތަކުން ޙުކުމް ނެގުމުގައި ބަލަންޖެހޭ ކަންކަމަށް ރިޢާޔަތް ކުރެއްވުމަށްފަހު ޖުމްހޫރުން ވިދާޅުވަނީ އެއީ މަންދޫބު (އެބަހީ: ސުންނަތް) ކަމެއް ކަމަށެވެ.

އިބުނު ޢުޘައިމީން - ރަޙިމަހުﷲ - ވިދާޅުވެފައި ވެއެވެ. ޢާރިޔާގެ ގޮތުގައި އެއްޗެއް ނުދީ ހިފެހެއްޓުމުން، އެކަން ކުރި މީހާ ފާފަވެރިވާ ހާލަތާއި ފާފަވެރިނުވާ ހާލަތު ވެއެވެ. އެގޮތުން، ޒަރޫރީ ހާލަތުގައިވާ މީހާ އެއްޗަކަށް އެދުމުން އެ އެއްޗެއް ނުދީ ހިފަހައްޓާނަމަ އޭނާ ފާފަވެރިވާނެއެވެ. މިސާލަކަށް؛ އެއްޗެއް ބުއިމަށްޓަކައި އެ އަޅާނެ ކަންވާރަކަށް މީހަކު އެދުނެވެ. އަދި އެ ކަންވާރު ނުލިބިއްޖެނަމަ އޭނާ މަރުވެދާނެކަމަށް ބުންޏެވެ. މިހާލަތުގައި އޭނާ އެ އެދުނު ކަންވާރު އޭނާއަށް (ޢާރިޔާގެ ގޮތުގައި) ދިނުން ވާޖިބުވާނެއެވެ. ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި، އެ ކަންވާރު ނުލިބުމުގެ ސަބަބުން އޭނާ މަރުވެއްޖެނަމަ އެ ކަންވާރު ނުދިން މީހާގެ ކިބައިން މަރުގެ ދިޔަ ނެގޭނެއެވެ. އެއީ އެމީހާ މަރުވުމުގެ ސަބަބަކަށް އޭނާ ވީމައެވެ. މިއާ ގުޅޭ މިޒަމާނުގެ މިސާލަކަށް ބަލައިލަމާ ހިނގާށެވެ. އެކްސިޑެންޓެއް ހިނގައިގެން އުޅޭއިރު، ސީރިއަސް ހާލަތުގައިވާ މީހާ ފަރުވާއަށް ގެންދިއުމަށްޓަކައި އުޅަނދެއް ހޯދުމަށް އެދިއްޖެނަމަ (އެކަމަށް ކުޅަދާނަކަން ލިބިފައިވާ މީހާ) ލަސްނުކޮށް އެ އުޅަނދެއް ފޯރުކޮށްދިނުން ވާޖިބުވާނެއެވެ.

މީހަކު އެދުނު އެއްޗެއް ޢާރިޔާގެ ގޮތުގައި ނުދިންނަމަވެސް ފާފަވެރިނުވާނީ، ޒަރޫރީ ހާލަތެއް ނެތް މީހަކު އެއްޗަކަށް އެދޭ ނަމައެވެ. އެ ހާލަތުގައި އޭނާ އެދުނު އެތި ދިނުމާއި ނުދިނުމުގެ އިޚްތިޔާރު އޮންނާނެއެވެ. އެހެނަސް މިފަދަ ވަގުތުގައިވެސް އެ އެއްޗެއް ނުދިނުމަކީ ބުރައަކާނުލައި ހޯދެން އޮތް ސަވާބުތަކަކުން މަހުރޫމުވުމެވެ. 'ކޮންމެ ހެޔޮ އަމަލަކީ ޞަދަޤާތެއް' ކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސް ކުރައްވާފައިވެއެވެ.(ބުޚާރީ އާއި މުސްލިމް) ހަމަ މިއާއެކު، ޢާރިޔާގެ ގޮތުގައި ގެންދާ އެއްޗަށް ރައްކާތެރިނުވާނެކަން ނުވަތަ އޭގެ އަސްލު ގޮތުގައި އެ އަނބުރާ ރައްދުނުކުރާނެކަން އެނގޭނަމަ، އެގޮތަށް ތަކެތި ދިނުން ލާޒިމު ނުވާނެކަމަށް އިލްމުވެރިން ވިދާޅުވެއެވެ.

ބޭނުންކޮށްލާފައި އަނބުރާ ރައްދުކުރާ ގޮތަށް ތަކެތި ގެންދިއުމުގައި ދިމާވާ ބައެއް މައްސަލަ

އަނބުރާ ރައްދު ނުކުރުން: ބޭނުންކޮށްލާފައި ރައްދުކުރާގޮތަށް ގެންދާ ތަކެތި ކިތަންމެ ދުވަހެއްވެގެން ދާއިރުވެސް އޭގެ ވެރިފަރާތަށް ރައްދުނުކުރުމީ އާއްމު ކަމެކެވެ. ކަރަންޓު ބުރުމާއާއި ކީހާއި އެނޫންވެސް އަގު ބޮޑެތި އާލާތްތައް ގެންދިއުމަށްފަހު އަނބުރާ ނުގެނެސްދޭކަމުގެ ޝަކުވާތައް ވަރަށް ގިނައިން އިވެއެވެ. އަގު ބޮޑަސް ނުވަތަ ހެވަސް ކޮންމެ މީހަކުވެސް ތަކެތި ހޯދާނީ އޭނާވެސް އޭގެ ބޭނުން ކުރުމަށްޓަކައެވެ. އެގޮތަށް ހޯދާފައިވާ ތަކެތި ގެންދިއުމަށްފަހު އަނބުރާ ރައްދު ނުކުރާނަމަ އޭގެ ވެރި ފަރާތަށް ގެއްލުންވާނެއެވެ. އަނބުރާ ރައްދުކުރާ ގޮތަށް މީހުންގެ އަތުން ގެންދާ ތަކެއްޗާމެދު ސަމާލުވާންޖެހޭ އަނެއް ސަބަބަކީ އެއީ ތިމާއާ ހަވާލުވާ އަމާނާތަކަށް ވުމެވެ. 'އަމާނާތްތައް އޭގެ އަހުލުވެރިންނަށް އަދާކުރުމަށް ﷲ ވަނީ އަމުރުކުރައްވާފައެވެ.'(ނިސާ: 58) ހަމަ މިއާއެކު، ޢާރިޔާގެ ގޮތުގައި ގެންދާ ތަކެއްޗަކީ އޭގެ ވެރި ފަރާތަށް އަނބުރާ ރައްދުކުރަންޖެހޭނެ އެއްޗެއްކަމަށް ހަދީސްގައި ވެއެވެ.(އަބޫދާއޫދާއި ނަސާއީ)

އަމިއްލަ އެއްޗަކަށް ހެދުން: މިއީ ބޭނުންކޮށްލާފައި ގެންނަން ގެންދާ އެތި އެއީ އެ ގެންދިޔަ މީހާގެ އަމިއްލަ އެއްޗެއްކަމަށް ހަދައިގެން އުޅުމެވެ. މަދުން ނަމަވެސް މިގޮތަށް ދިމާވާ ކަމުގެ މައުލޫމާތު ލިބިފައިވެއެވެ. ޢާރިޔާއަކީ އެއްވެސް ހާލެއްގައި މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުކޮށްދިނުމެއްނޫނެވެ. އެއީ އެއްޗަކުން މަންފާއެއް ލިބިގަތުމުގެ ހުއްދަ ދިނުމެވެ. ވަގުތު ކަނޑައަޅައިގެން ނުވަތަ ވަކި ވަގުތެއް ކަނޑަނާޅައި ގެންދިޔަނަމަވެސް، ޢާރިޔާގެ ގޮތުގައި ގެންދާ އެއްޗެއް އެއީ ތިމާގެ އަމިއްލަ މިލްކެއް ކަމުގައި ދެކިގެން ނުވާނެއެވެ.

ގެންދިޔަ ފަހުން ލިބުނު ގެއްލުމަކަށް ޒިންމާ ނުވުން: ޢާރިޔާގެ ގޮތުގައި ގެންދާ އެއްޗަކަށް ލިބޭ ގެއްލުމަށް، އެ ގެންދިޔަ ފަރާތުން ޒިންމާވުމާމެދު އިލްމުވެރިންގެ ރައުޔު ތަފާތު ވެފައިވެއެވެ. އެއްރައުޔެއްގައިވާ ގޮތުން، ޒިންމާވާން ޖެހޭނީ ގެންދިޔަ ފަރާތުގެ އިހުމާލުން ލިބޭ ގެއްލުމަށް އެކަންޏެވެ. އަދި އަނެއް ރައުޔުގައިވާ ގޮތުން، އިހުމާލުން ނުވަތަ އިހުމާލަކާ ނުލައި ލިބޭ ގެއްލުމުގެ ޒިންމާވެސް ނަގަންޖެހޭނެއެވެ. ޣައްޒާ ޔުނިވާސިޓީގެ މުދައްރިސެއްކަމަށްވާ ޑރ. މުޙައްމަދު ސުލައިމާނު އަލްފަރާގެ ދިރާސާއެއްގައި ވިދާޅުވެފައިވަނީ 'މީގެތެރެއިން އެންމެ ރަނގަޅުކަމަށް ބުރަވެވެނީ ފަހުން މި ބުނި ރައުޔަށެވެ.' މަސްލަހަތަށް ބަލާއިރުވެސް ބޮޑަށް ރަނގަޅުކަމަށް ފެންނަނީ މި ރައުޔެވެ.

ޢާރިޔާގެ ގޮތުގައި ގެންދެވޭ ތަކެއްޗާމެދު ފަރުވާތެރި ނުވުމުގެ ސަބަބުން، ގާތް ރައްޓެހިން ނުވަތަ އާއިލީ ގުޅުން އޮންނަ މީހުންގެ މެދުގައިވެސް މައްސަލަ ޖެހި ގުޅުން ގޯސްވާތަން އާދެއެވެ. އެހެންނަމަވެސް މިއީ އެއްވެސް ހާލެއްގައި ކަންތައް ވެގެންވާނެ ގޮތެއްނޫނެވެ. އިސްލާމީ ޝަރީޢަތުގައި ޢާރިޔާ ޝަރަޢަކުރައްވާފައިވަނީ ވަރަށް މާތް މަގުސަދަކަށްޓަކައެވެ. އެއީ އެކަކު އަނެކަށް އެހީތެރިވެދީ އިޙުސާންތެރިވުމުން ސަވާބު ހޯދޭނެ މަގެކެވެ. މުސްލިމުންގެ މެދުގައި އޮންނަ އަޚުވަންތަކަން ދަމަހައްޓައިދޭ ޝިޢާރެކެވެ. މުސްލިމުންނާ އެނޫންމީހުންނާ ދެމެދުގައި ރަހުމަތްތެރިކަމާއި އިންސާނީވަންތަކަމުގެ ގުޅުން އޮތްކަން ދޭހަކޮށްދޭ އަލާމާތެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް