ހުއްދަ ކަންތައްތަކާއި ހަރާމް ކަންތައް ކަނޑައަޅުއްވާ ފަރާތަކީ ﷲ ކަމަށް ކުރީގެ ރައީސް އަދި މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އިޖުތިމާއީ އެކިއެކި ހަރަކާތްތަކާއި އިސްލާމްދީނާ ގުޅުވާ ރައްޔިތުންގެ މެދުގައި ފަތުރާ ބައެއް ރަޢުޔުތަކާ ގުޅިގެން މައުމޫނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ހަރާމް ކަމެއްކަން ސާބިތު ނުވާކަމެއް، ހަރާމް ކަމެއްކަމަށް ބުނުމުގެ ހައްގު އިންސާނުންނަކަށް ނޯންނާނެކަމަށެވެ.
އެގޮތުން ހަރާމް ކަންކަން އެނގޭނެ ދެ ގޮތެއް ވާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއީ ޤުރުއާނުގެ އާޔަތަކުން ނުވަތަ ރަސޫލާގެ ބަސްފުޅަކުން ސަރީޙަކޮށް އެކަން އެނގެން އޮތުން ކަމަށެވެ.
"އެކަމަކީ ﷲ މުޅިން މަނާކުރަށްވާފައިވާ ކަމެއްކަން އެނގޭނެ އަނެއް ގޮތަކީ ޤަރީނާއަކުން އެކަން އެނގުމެވެ. މިސާލަކަށް ކަމެއް ނުކުރުމަށް ނުވަތަ އެކަމަކުން ދުރުހެލިވުމަށް މާތްﷲ އެންގަވާފައިވާ އެންގެވުމާ ގުޅިގެނެވެ. އެކަމަކީ ފާފައެއް ނުވަތަ ޝައިޞާނީ އަމަލެއްކަމުގައި އަންގަވާފައިވުމެވެ،" އެ ބަޔާނުގައިވެއެވެ.
އަދި ކަމެއް ކުރާ މީހަކަށް ކަނޑައަޅުއްވާފައިވާ އުގޫބާތް ކަނޑައަޅުއްވާފައިވުމަކީ ވެސް ހަރާމްކަމެއްކަން އެނގޭ ވަރަށް ވަރުގަދަ ގަރީނާއެއްކަމަށް އޭނާ ވިދާޅުވިއެވެ.
އެ ބަޔާނުގައި ވަނީ ހަރާމް ނުކުރައްވާ ކޮންމެ ކަމަކީ ހުއްދަ ކަމެއްކަމުގައެވެ. އެގޮތުން އެކަމާ ގުޅިގެން މުފްތީއެއް ގާތު ސުވާލުކޮށްފިނަމަ، މުފްތީއަށް އޮންނާނީ އެކަމަކީ ހުއްދަ ކަމެއްކަމުގައި ވިދާޅުވުންކަމަށް އެ ބަޔާނުގައި ވެއެވެ.
"އެހެންކަމުން، ގައުމީ ނުވަތަ އިޖްތިމާޢީ މުނާސަބަތުތައް ފާހަގަކުރުމާއި، އިންސާނީ ގުޅުންތައް ބަދަހިކުރުމަށް ކުރެވޭ ކަންކަމާއި، އުފަންދުވަސް ފާހަގަކުރުމާއި، އެކިއެކި ކުޅިވަރު ކުޅުމާއި، މުނިފޫހި ފިލުވުމަށް ކުރާ ކަންކަމާއި، އިސްލާމްދީނުގެ އުސޫލުތަކަށް ފުށުނާރާ ގޮތުގެ މަތީން، ޔޯގާ ފަދަ ސިއްހީ ނުވަތަ ނަފުސާނީ ދުޅަހެޔޮކަން ބަދަހިކޮށް ވަރުގަދަ ކުރުމަށް ކުރާ ކަސްރަތުތަކާއި، ލަވަކިއުމާއި، މިއުޒިކްކުޅުން ފަދަ ކަންކަމަކީ ހަރާމް ކަންކަމޭ ބުނާނެ ތަނެއް ނެތެވެ." އެ ބަޔާނުގައިވެއެވެ.
ދާދިފަހުން އަދާލަތު ޕާޓީން ވަނީ ޔޯގާ އަކީ ހަރާމް ކަމެއް ކަމެއް ކަމަށް ބަޔާންކޮށް ވަރަށް ތަފްސީލީ ފަތުވާއެއް ނެރެފައެވެ. އަދި ރާއްޖޭގެ 100 އަސް ވުރެ ގިނަ އިލްމުވެރިން އިއްތިފާގުވެ ޔޯގާ އަކީ ހަރާކް ކަމެއް ކަމަށް ބަޔާންކޮށް އިއްޔެ ފަތުވާއެއް ވަނީ ނެރެފައެވެ.