ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސް އޮތީ ޕެރަލައިޒްވެފައި ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް 'ސަން' އަށް ވިދާޅުވީ ބައެއް ސިޔާސީ ބޭފުޅުންނާ ޖަމްއިއްޔާ ޖަމާއަތްތަކުން ދީނީ ގޮތުން ފަތުވާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ދީނީ ގޮތުން ފަތުވާ ދިނުމަކީ އެކަކަށް ދެމީހަކަށް ކުރެވޭނެ ކަމެއްވެސް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ކަސްރަތެއްގެ ނަމުގައި ވެސް ނުވަތަ އެނޫން ނަމެއްގައި ވެސް ޔޯގާ ހެދުމާއި އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމާ މެދު ބައެއް އަމިއްލަ ޖަމާއަތްތަކާ ސިޔާސީ މީހުންގެ އިތުރުން ޕާޓީތަކުން އަންނަނީ އެކަމާމެދު އެބަޔަކަށް ފެންނަ ގޮތް ހާމަ ކުރަމުންނެވެ. ޝަހީމް ވިދާޅުވީ އެފަދަ މައްސަލަތަކުގައި ފަތުވާ ދޭން ވާނީ އެކަމަށް ޚާއްސަ މަޖިލީހުން ކަމަށެވެ.
ފަތުވާ ދޭ މަޖިލީހަކީ ގާނޫނަކުން ލާޒިމްކޮށްގެން އުފައްދާފައިވާ މަޖިލީހެއް ކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ އެއީ މީގެ ކުރިން ވަރަށް ހަރުދަނާ ކޮށް މަސައްކަތް ކުރަމުން އައި މަޖިލީހެއް ކަމަށެެވެ.
ނަމަވެސް އޭރު އައްޔަނު ކުރި މެންބަރުންގެ ދައުރު ނިމުމުން އެ ބޭފުޅުންގެ ބަދަލުގައި މެންބަރުން އައްޔަނު ކޮށްފައި ނުވާ ކަމަށާއި މުޅި މަޖިލީސް މިހާރު އޮތީ ޕެރަލައިޒްވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.
"ދީނީ ގޮތުން ވަރަށް ބޮޑެތި އޮޅުންތަކެއް އައިސްފާނެ ކަމެއް މިއީ. މިސްރުގަ ވެސް، ސައުދީ އަރަބިއްޔާގަ ވެސް ޖޯޑަންގައި ވެސް އަދި އިސްލާމީ އެހެން ގައުމުތަކުގައި އޮވޭ ކައުންސިލެއް. ދީނީ ކަންކަމުގައި ލަފާ ދޭން. ޚާއްސަކޮށް ޒަމާނީ އެފަދަ މައްސަލަތަކުގައި އެންމެ މީހަކަށް ގޮތެއް ނުނިންމޭނެ،"
ޝަހީމް ވިދާޅުވީ މިޒަމާނުގައި ބޭނުންވަނީ ޖަމާޢީ ފަތުވާ ކަމަށެވެ. އެއީ ގިނަ ބަޔަކު މަޝްވަރާކޮށްގެން ނެރޭ ފަތުވާއެއް ކަމަށާއި އޭގައި ގިނަ ބަޔަކު މަޝްވަރާ ކުރުމުން ބުރަދަނެއް ހުންނާނެ ކަމަށެވެ.
"މުޖްތަމައުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ވަރަށް މުހިއްމު ކަމެއް ފަތުވާދޭ މަޖިލީސް ހަރަކާތްތެރި ވުމަކީ. ދުނިޔޭގެ އެއްވެސް ގައުމެއްގައި ޕާޓީ ތަކާ ޖަމާއަތްތަކުން ފަތުވާއެއް ނުނެރޭނެ. ބައެއް ކަހަލަ ގައުމީ ދީނާ ގުޅުންހުރި ކަންތައްތަކުގައި ދީނީ ގޮތުން އެއްޗެއް ބުނެފާނެ. އެކަމަކު ކަންކަމުގައި މީހުން ފަތުވާ ދީ ފަތުވާ ދިނުމުގައި ވާދަވެރިވުމެއް ނޯވޭ ދިވެހިރާއްޖެ ނޫން އެހެން ގައުމުތަކުގައެއް،" ޑރ. ޝަހީމް ވިދާޅުވިއެވެ.
ރާއްޖޭގައި ދީނީ ޢިލްމުގެ ރޮގުން ވަރަށް ގާބިލް ބޭފުޅުން އެބަތިއްބެވިކަން ވެސް ޝަހީމް ފާހަގަކުރެއްވިއެވެ. އަދި ފަތުވާދޭ މަޖިލީހަށް އެފަދަ ބޭފުޅުން އައްޔަނުކޮށް އެމަޖިލީސް މިހާރަށް ވުރެ ބޮޑަށް ހަރަކާތްތެރި ވުމަކީ މި ދަނޑިވަޅުގައި ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުން ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިންގަމުންއައި ފިޤްހު އެކަޑަމީ ގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖްލިސް ގެ ނަމުގައި އޮފީހެއް އުފެއްދީ 2016 ވަނަ އަހަރުއެވެ. އެއީ މިނިސްޓަރަށް ޖަވާބުދާރީވާ މިނިސްޓްރީގެ ދަށުން ހިންގާ ދައުލަތުގެ ވަކި އިދާރާއެކެވެ.