ކުރިއަށް އޮތް ހަފުތާގައި ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ މެންދުރު ފަހުން ފަށައިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިގަދަވާނެ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ކުރިއަށް އޮތް ހަފުތާގެ ހޮނިހިރު ދުވަހުން ފަށައިގެން ހޯމަ، ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި މި ތިން ދުވަހު، ކަނޑާއި ވައި އިތުރަށް ގަދަވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ސަރަހައްދު ތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭއިރު، ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ.
"ފެށޭ ހަފްތާގެ ހޮނިހިރު، އާދިއްތަ، ހޯމަ، އަންގާރަ، ބުދަ ގޮސް އެ ހަފްތާގެ ހުކުރާ ހަމައަށް ވެސް މޫސުން ދައްކަނީ ވަރަށް ގަދަކޮށް. ދެން އޭގެ ފަހުން މަޑުވުން އެކަށީގެންވޭ،" އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ ކުރިއަށް އޮތް ހަފުތާގައި ގަދަވުމާއެކު، ރާއްޖޭގެ އެކި ސަރަހައްދު ތަކަށް އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
މެޓް އޮފީހުން ވަނީ މިއަދު 11:00 އިން 17:00އާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަށް ވައިޓް އެލާޓް ނެރެފައެވެ. އެ ވަގުތު ތަކުގައި އެ ސަރަހައްދު ތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް އެ އޮފީހުން ލަފާ ކުރެއެވެ.
ކުރިއަށް އޮތް ހަފްތާގައި ރާއްޖޭގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ކަނޑުމަގުން ދަތުރުކުރާ ހުރިހާ ފަަރާތްތަކުން، މޫސުމަށް ސަމާލު ކަން ދީގެން ދަތުރުތައް ރޭވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.
މިއަހަރުގެ ސްކޫލް ބަންދު ނިމެން ކައިރިވާއިރު މާލެ އައުމަށާއި މާލެއިން ރަށަށް ދިއުމަށް ގިނަ ބަޔަކު އަންނަނީ ދަތުރުތައް ކުރަމުންނެވެ. ސްކޫލްތަކުގެ ބޮޑު ބަންދާ، ހުޅަނގު މޫސުމުގެ ވިއްސާރައާ ދިމާވާތީ ގިނަ ބެލެނިވެރިންތަކެއް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.