ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމް ހަދީސްކުރެއްވިއެވެ." ހަމަކަށަވަރުން ކޮންމެ އުއްމަތަކަށްވެސް ފިތުނައެއް ވެއެވެ. އަދި ތިމަންކަލޭގެފާނުގެ އުއްމަތުގެ ފިތުނައަކީ މުދަލެވެ."

***

"އަހަންނަކީ ޔަތީމުކުއްޖެއް..."އަލްވާ ތުންފަތުގައި ދަތްއަޅައިލިއެވެ. ނާކިއާއާއި މިވާހަކަ ހިއްސާކުރުން ރަގަޅުބާވައެވެ. "ކުޑައިރުގެ ހަނދާންތައް ފްލޭޝްބެކްގޮތަށް ފެނޭ. ކޮންމެ ފަހަރަކު އަހަންނަށް އަހަރެން ފެންނަނީ ވަރަށް ޅައިރު...ކޮންމެ ފަހަރަކު އަހަރެންގެ އަތުގައި ލޭ ހުރޭ......"

"ތިބުނީ ކީކޭތަ އަލްވާ؟" ނާކިއާގެ ލޮލުން ފެނުނީ ދިރާސާކުރާފަދަ ނަޒަރެކެވެ.

"ކުޑައިރުގެ ހަނދާންތައް މުޅިން އަދި ސިކުނޑިއަކަށް ނާދޭ އެކަމަކު އަހަންނަށް ހީވަނީ......ކޮންމެވެސް ގޯސްކަމެއް ކުރެވިފައިވާހެން..."އަލްވާ މަޑުމައިތިރިކަމާއެކު ބުނެލީ އަތްތިލައިގެ އިނގިލިތައް އެކި ގޮތްގޮތަށް އަނބުރަމުން ހާސްވެފައިވާފަދަ ގޮތަކަށެވެ. ހަގީގަތަކީ އޭނަގެ ބޮލުގައި ރިއްސަން ފެށީ ދާދި ފަހުންނެވެ.އަދި ޔަތީމުޚާނާއަށް ދިޔަފަހުން ބޮލުގައި ރިއްސާފައި ހަނދާނަށް އަންނަނީ ކުޑައިރުގެ އަލްވާފަދަ ކުއްޖެކެވެ. އެކުޑަ ދެއަތްތިލައިގާ ވަނީ ލެޔެވެ. އެކުއްޖާ ލައިގެން ހުންނަނީ ހުދު ހެދުމެކެވެ. ހުދު އިމާރާތެކެވެ. ހުދު ފާރުތަކާއި ތަޅުންމައްޗެވެ. ދެން ބަދަލުވަނީ މަގުމަތީގެ މަންޒަރަކަށެވެ. މަގުމައްޗަށް ލޭ އޮހެމުންދާތަނެވެ. އޭނަވެސް އެތާ ހުންނަތަން ފެނެއެވެ. އެކަމަކު އެކަންޏެއް ނޫނެވެ. އެހެން މީހަކު މަގުމަތީގައި އޮވެއެވެ. އޭނައަށް އެއީ ކާކުކަމެއް ނޫނީ ކޯންޗެއްކަމެއް ޔަގީނެއް ނޫނެވެ. އެހިސާބުން މާޒީގެ ފިލްމު ނިއުޅެމުންގޮސް ކުއްލިއަކަށް ނިމިދެއެވެ. އޭނަ ބޮލަށް އެނބުރުން އަަރާގޮތްވެއެވެ.

ނާކިއާ އަލްވާގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ." އޭރު ކުޑަކުއްޖެއްނު. ކޮންމެ ކަމެއްކުރިޔަސް އެއީ ފަރުވާލެއް ހުރި ކަމެއްނޫން. މާޒީއަކީ އެއްވެސް މީހެއްގެ ކުރިމަގަށް ނުފޫޒު ފޯރުވާ އަމިއްލަ ޝަޚުސް ބިނާ ކުރާ އެއްޗެއްނޫން. މިސާލަކަށް ފާފަވެރިއެއް ނަގަމާ ހިނގާ. އެކަމަކު އޭނަ ތައުބާވުމަށްފަހު ކުރީގެ ފާފަތައް ހުއްޓޭ ކިޔާފައި ﷲ ސުބުހާނަހޫ ވަތައާލާގެ ހަޟުރަތަށް އެކުރިމަތިލާ ދަތުރު ނުހުއްޓުވޭ. އޭނައަކީ ބަދަލުވެފައިވާ މީހެއްކަން އަހަރެމެންވެސް ގަބޫލުކުރަން ޖެހޭނެ އެފަދަ ފާފައަކަށް އަލުން އަރައިނުގެންފިއްޔާ..."ނާކިއާ ހިނިތުންވެލިއެވެ." ކުޑައިރު ކޮށްފައި އޮތް ކުށަކަށް އަދަބެއް ނުވެސް ލިބޭނެ. ﷲއަކީ އެންމެ އިންސާފުވެރި އެންމެ ރަހީމްވަންތަ ފަރާތް....."

"ހިތަށް އަރަނީ މާޒީ އެނބުރި އައިސް އަނެއްކާ އަހަރެންގެ ދިރިއުޅުން ބަދަލުކޮށްފާނެއޭ...ގޯސްގޮތަކަށް. ހީވަނީ ކުޑައިރު ރަގަޅުގޮތަކަށް ނޫންހެން އުޅެވުނީ...." އަލްވާ ބިރުގެންފައިވާގޮތަކަށް ވައިއަޑަކުން ބުނެލިއެވެ.

" ޝައްކުކުރާ ކަންތައް ސިކުނޑިން ނެރެލާ. އަދި ޒިކުރު ގިނަކުރޭ އަލްވާ. ﷲ ސުބުހާނަހޫ ވަތައާލާ އެހީތެރިވެވޮޑިގަންނަވާނެ. އަސުރު ނަމާދުކޮށްފިންތަ؟"

"ނަމާދަށް ދަނިކޮށް މި ޚިޔާލުތައް އުދަގޫކުރަން ފެށުމުން ހަނދާން ނެތިފައި މީނީ.."

"އެގޮތަށް ޝައްކު ކުރުމާއި ޔަގީންކަމެއްނެތުން. މިއީ ޝައިތާނާގެ ވަސްވާސް. އޭރުން ދިރިއުޅުން ބުރައަކަށްވެދާނެ. އުދަގޫތައް މެދުވެރިވާނެ. ހުވާ ކުރަން ކެރޭވަރަށް ކަމެއް ޔަގީން ނުވަންޏާ އެކަން ހަނދާން ނައްތާލަން ވާނީ. ރަގަޅުކަންތަކާއިގެން އުޅެންޏާ ޝައިތާނާ ވަސްވާސްދިނުން ގިނަކުރޭ. އެކަމަކު އަހަރެމެންގެ ދީން ދަސްކޮށްދެނީ ޝައިތާންގެ ވަސްވާސްތަކުން ރައްކާތެރިކަން ހޯދަން. އެހެންވީމަ ނުބައި ޚިޔާލުތަކުގެ ސަބަބުން ނަމާދާއި ޒިކުރުތަކާއި ދުރު ނުވައްޗޭ..."

"ނާކިއާ.ވަރަށް ބޮޑަށް ޝުކުރުވެރިވަން. ނާކިއާއާއި ވާހަކަދައްކައިލީމަ ހިތަށް ވަރަށް ލުއިވެއްޖެ..." އަލްވާ ކަރުނަތިކިތައް ފޮހެލުމާއެކު ހިނިތުންވުން އެނބުރިއައެވެ.

އަލްވާ ނަމާދުކުރުމަށްފަހު މުސައްލާމަތީ އިނީ ކުޑަދޮރުން ބޭރަށް ނޫ އުޑާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ހުރިހާ ހިތާމަތަކާއި ފިކުރުތަކެއް ލަސްލަހުން އޭނަގެ ސިކުނޑިއާއި ދުރުވަމުންގޮސް އެންމެފަހުން ހަމަޖެހުމާއި އަމާންކަން އިހުސާސްވިއެވެ.

ނަމާދަށްފަހު އަލްވާ ނާކިއާއާއި މެހެކްގާތަށްގޮސް ފުރަތަމަ ފަހަރަށް ސަޔާރާ އަތުތެރެއަށްލިއެވެ. ވިދާ އަޅި ލޮލުން އަލްވާގެ މޫނަށް ބަލައިލަމުން ހީލާފައި އެކި އަޑުލައްވަންފެށުމުން އަލްވާގެ ލޮލުން ކަރުނަ ހިލުނެވެ."ކޮންފަދަ ލޯބި.." އަލްވާ އެކުއްޖާ މޮޑެލިއެވެ.

"ނާކިއާއާއި ތަފާތެއް ނެތް ދޯ. އަލްވާ؟"މެހެކް ހީލުމުން އަލްވާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

"އެހެންތަ؟ އެކަމަކު ބޮޑަށް ހީވަނީ އަހަރެންގެ މަންމައާއި ދަރިފުޅު ވައްތަރުހެން.." ނާކިއާ އިނީ ސަޔާރާގެ ކުޑަ ހެދުންތައް ފައްޖަހަން އެނދުމަތީ އިށީދެލައިގެންނެވެ. ނާކިއާގެ ވަށް ކަޅުކުލައިގެ ދެލޯ ހުރިއިރު ނާކިއާގެ މަންމަގެ ހުންނަނީ އަޅި ކޮރެއަން ފާޑަށް ހުންނަ ލޮލެކެވެ. ސަޔާރާ ރޯންފެށުމުން އަލްވާ ދަރިފުޅު ނާކިއާގެ އަތަށް ދިއްކޮށްލިއެވެ. ނާކިއާ ސަޔާރާގެ ބޮލުގައި މަޑުމަޑުން ފިރުމަން ފެށުމުން ކުޑަކޮށް ހީލައިފިއެވެ."އެކަމަކު ހީވަނީ މިކުއްޖާގެ ބަައްޕަގެ އިސްތަށިގަނޑުގެ ކުލަހެން..."

"ސަޔާރާގެ ބައްޕަ ކޮބައިތަ؟ އޭނަ ސަޔާރާއާއި ބެހޭގޮތުން އެނގެން ބޭނުމެއްނުވާނެތަ؟" އަލްވާ ކުއްލިއަކަށް އެހިއެވެ.

"ޔަގީނުންވެސް އެނގެން ބޭނުންވާނެ. އެކަމަކު ވަރިވިފަހުން އަދި އޭނައާއި އެއްވެސް ކަހަލަ ގުޅުމެއް ނެތް."ނާކިއާ ބުނެލިއެވެ." މިހާރު ސަޔާރާ ގޮވައިގެން މިސްރަށްދާން އެބަ ވިސްނަން. ދަރިފުޅުގެ ބައްޕައާއި ބައްދަލުވުމުގެ ހައްގު އޮންނަންވާނެތާ..."

"ހެދުންތަކާއި އެއްޗެހި ޕެކްކުރަނީ އެހެންވެތަ؟" ހެދުންތައް ރީތިކޮށް ފައްޖަހާފައި ބޮޑު ދަބަހަކަށްލާތީ ސުވާލުކުރުމުން ނާކިއާ ވަގުތުން އެއްބަސްވިއެވެ.

"އަދި އެނބުރި އަންނާނަންތަ؟"އަލްވާ އެހިއެވެ.

"ސަޔާރާގެ ބައްޕަ ވަރަށް އުފާކުރާނެ އަދި ނާކިއާ ބަނޑުބޮޑުވި ދުވަސްވަރު ގާތުގައި ނުހުރެވުނީމަ އަމިއްލަ ކުށްވެސް އިހުސާސްކުރެވޭނެ. ޔަގީނުންވެސް އަދި އަލުން ކައިވެނި ކުރަން އަހާނެ..." މެހެކް ހުވަފެނީގޮތަކަށް ބުނެލިއެވެ. ނާކިއާވެސް ކުޑަކޮށް ހުނެވެ. ނަމަވެސް ސަޔާރާގެ ބައްޕައަކީ ގޮތްނޭގޭ މީހެކެވެ. ފުރަތަމަ ސަޔާރާއަކީ އޭނަގެ ދަރިފުޅުކަމަށް ގަބޫލުކުރަންވެސް ދަތިވާނެއެވެ.

"އެހެންވީމަ ނާކިއާއާއި ސާޔާ ގާތަށް މިސްރަށް އަހަރެމެން ދާން ޖެހޭނީ ދޯ...ނޫންތަ މެހެކް؟"އަލްވާ އުފާވިއެވެ.

އެވަގުތު އެންމެން ސިއްސުވައިލީ މާ ބާރަށް ދޮރުގައި ޓަކިދޭން ފެށުމުންނެވެ. އެންމެނަށް އެއްފަހަރާ އެދިމާލަށް ބަލައިލެވުނެވެ. އަލްވާ ގޮސް ދޮރު ހުޅުވާލުމާއެކު އެލީސާ ކަރު ދަމާފައި އެތެރޭގައި ތިބީ ކޮންބަޔެއްކަން ބަލައިލިއެވެ. އަލްވާއާއި މެހެކް އެތާ ތިބުމުން ރުޅިއަންނަގޮތްވިއެވެ. އެންމެން އައިއިރު އޭނައަށް ދައުވަތު ނުލިބުނީ ކީއްވެހެއްޔެވެ؟

"ކޮންކަމެއް؟ މިވަގުތު ސަޔާރާ ނުނެގޭނެ އިނގޭ. ނާކިއާ ކޮއްކޮ ނިންދަވަނީ...."އެލީސާ އެއްޗެއް ބުނަން އަނގަ ހުޅުވައިލިތަނާ އަލްވާ ބުނެލިއެވެ. އަގް...އެލީސާއަށް އަނގަ ހަދައިލެވުނެވެ. އޭނަ ނުބުނަނީސް ސިކުނޑީގައި ހުރި އެއްޗެއް އަލްވާ ދެނެގަތީ ކިހިނެއްހެއްޔެވެ؟އެލީސާ އަބަދުވެސް ސަޔާރާ ނަގާހަދައެވެ. އެކަމާ ނާކިއާވެސް މައްސަލައެއް ނުޖައްސައެވެ. އެހެން އެންމެން ބުނާނީ އަށް އަހަރުގެ ކުއްޖަކު ގެންގުޅޭވަރަށްވުރެ ސަޔާރާ މާ ކުޑަކަމުގައެވެ. އެލީސާ މިތަނަށް އައި ހަމައެކަނި ސަބަބަކީ އެއީއެއް ނޫނެވެ.

"މުސްކުޅި ފިރިހެނަކު އަލްވާއާއި ބައްދަލުކުރަން އައިސް އެބައިން. ބައްޕަ އޭނައާއި ވާހަކަދައްކަން އިނީ. އަހަންނަށް ހީވަނީ އަލްވާ ވަރަށްބޮޑު މަައްސަލައަކާއި ކުރިމަތިވާން އުޅޭހެން..."އެލީސާ އަނގަޔާއި ނޭފަތަށް ވައްތަރެއް ޖައްސައިލަމުން ކުއްލިއަކަށް އެނބުރުނެވެ." ސަލާމަތްވާން ބޭނުމިއްޔާ ވަގުތުން މަގޭ ފަހަތުން އާދޭ..."

"ކޮން މުސްކުޅި ފިރިހެނެއްތަ؟" އަލްވާ ސުވާލުކުރިއެވެ.

"އޭނަ މިހާ އިސްކޮޅުން ދިގު.." އެލީސާ އޭނަގެ އަތް ހިއްލައިލެވޭނެ އެންމެ މައްޗަށް ހިއްލިއެވެ."އަދި އިސްތަށިގަނޑުގައި ހުރީ އަލިފާން ކުލަ. ލޮލުގައި އެއްވެސް ކުލައެއްނެތް. ކަލަރލެސް..." އެލީސާ ގޮތްބޮޑުކޮށްފައި ސިފަތައް ކިޔާދިނަސް އަލްވާގެ ސިކުނޑިއަށް މީހެއްގެ ތަސައްވަރު ވެރިވިއެވެ. އޭނައަވަހަށް އެލީސާއަށްވުރެ ކުރި އަރައިގެން ދިޔައެވެ.

އަލްވާއަށް ހީކުރެވުނީ ރަގަޅަށެވެ. އެމީހަކީ ސުފިޔާންއެވެ. އޭނަ މިފެނުނީ ހާދަ ދުވަހެއްކޮށްލާފައެވެ. ބައްޕައާއި ދެމީހުން ސޯފާގައި އިށީދެލައިގެން ވާހަކައެއްގައި ތިއްބެވެ. އަލްވާ ސްކޫލުން ނިމުމުން އާއިލާއާއި ބައްދަލުކުރަން އަންނާނެކަމުގައި ސުފިޔާން ވައުދުވިއެވެ. އެވައުދު އޭނަ ހަނދާން ނައްތައެއްނުލިއެވެ. އެދެމީހުން ދައްކަނީ ކޮންވާހަކައެއް ހެއްޔެވެ؟އަލްވާގެ ހިތް ބާރުބާރަށް ތެޅިގަތުމާއެކު އޭނަ ބޮޑުވާއިނގިލި ކުރި ޖައްސަމުން ބޮދަމުންގޮސް ކޮޓަރިއަށް ވަނީ ސުފިޔާންއަށް ނުފެނި ދިޔުމަށެވެ. އެލީސާ ހުރީ ފަހަތުގައި ޖައްސާފައެވެ.

"އެއީ ކާކު އަލްވާ؟ އަލްވާގެ...ބޯއިފެރްންޑް؟" އެލީސާ ވައި އަޑަކުން ކިޔަލިއެވެ. އެންމެ ފަހު ލަފުޒާއެކު އޭނަ ހިނިގަނޑެއް ޖަހައިލީ މަޖާވެފައެވެ. އަލްވާގެ މޫނުން ރަތްކުލަ ފާއްދައިލިއެވެ."އެލީސާ. ތި ބަސް ބުނަން އެނގުނީ ކިހިނެއް؟ ކާކު ދަސްކޮށްދިނީ؟ ބޯއިފްރެންޑުންނަކީ އުޅޭ ބަޔެއްނޫން.."އަލްވާ އަވަސްއަވަހަށް ކިޔާލައިފިއެވެ. އެވަގުތު އަމީރާ ކޮޓަރިއަށް ވަދެފައި އަލްވާގެ ކޮނޑުގައި ހިފަހައްޓައިލިއެވެ.

"އަލްވާ.އަވަހަށް ހެދުން ބަދަލުކޮށްބަލަ. ތަންކޮޅެއް ޑީސެންޓް ހެދުމެއް ލާތި..." އެލީސާ ފެނުމުން އަމީރާ އިތުރަށް ވާހަކަ ކުރިއަށް ނުގެންގޮސް އެލީސާއަށް ނަޒަރު ހުއްޓައިލިއެވެ." އެލީސާ. ކޭކު ފިހުނުތޯ ބަލައިލަބަލަ.."

މަންމަމެން ދައްކަން އުޅޭ ވާހަކަ އަހަން ޝައުގުވެރިވެފައި ހުރި އެލީސާ އަޑެއް ލައްވާލާފައިވެސް މަންމައަށް ކިޔަމަންތެރިވިއެވެ.

"އަލްވާގެ ކައިވެންޏަށް ޒުވާނަކު އަހައިފި.." އަމީރާގެ މޫނު ވިދަމުން ދިޔައީ ލިބިފައިވި އުފަލެއްގެ ބޮޑުކަމުންނެވެ."އެއީ މަޝްހޫރު ބޮޑު ކައްކާ ޝަހްނާޒްގެ ފިރިހެންދަރިފުޅު. އެއީ ވަރަށް މޮޅު އާއިލާއެއް. އަލްވާ ވަޒީފާ އަދާކުރިތަނުގެ ވެރިޔާ. އޭރު އޭނަގެ ލޮލުގައި އަލްވާ އަޅައިގަތީކަމަށް ވާނީ.."

ކައިވެނި އެލަފުޒު އަހާފައި އަލްވާ އަރި އަޅައިނުލީ ހަމަ ކިރިޔާއެވެ. އޭނައަށް އިވުނީ ހަމަ ރަގަޅަށް ހެއްޔެވެ؟ސުފިޔާން ހަގީގަތުގައިވެސް އޭނައާއި ކައިވެނި ކުރަން ބޭނުންވީހެއްޔެވެ؟ އަމީރާ އަލްވާ ރީތި ހެދުމެއް ލައްވާދިނެވެ. ކަކުލާއި ހަމަޔަށް ފޯރާވަރުގެ އަތް ދިގު ހެދުމެކެވެ. އެއީ އެއް އިރެއްގައި އަމީރާ ލީ ހެދުމެކެވެ. އަލްވާ ޖިންސެއްވެސް ލިއެވެ. ކުއްލިއަކަށް އޭނަގެ ޚިޔާލަށް އެހެން ކަމެއް އައި ސަބަބެއް ނުވިސްނުނެވެ. އަލްވާ އެދުނީ އިސްތަށިގަނޑު ފޮރުވަން ބުރުގާއެއް ގެނެސްދިނުމަށެވެ. ދަރިފުޅާއިމެދު އަމީރާ ފަޚުރުވެރިވިއެވެ.

"ރަގަޅު ނިންމުމެއް.."އަމީރާ ތައުރީފުކުރިއެވެ.

ހަޔާތުގެ އާ ބާބު ފަށަން އަލްވާ ބޭނުންވީ ﷲގެ ރަހުމަތާއެކުގައެވެ. ހުރިހާކަމެއްވެސް ދީނުގައި އަންގަވާފައިވާގޮތަށް ކުރަން އޭނަ ބޭނުންވިއެވެ. އަލްވާ އޭނަގެ މަންމައާއެކު ބޭރަށް ނިކުމެ އިށީނީ މަންމައާއި ބައްޕަގެ ގާތު ސޯފާގައެވެ. ސުފިޔާން އިނީ ވަކިން ހުރި ސޯފާގައެވެ. އަމިއްލަ ނަފުސަށް އިތުބާރު އޮތްވަރާއި ޖެހިލުންކުޑަކަން އަދި ވާހަކަދެއްކުމުގައިވެސް ކެރޭގޮތް ހުއްޓެވެ.

"ހެލޯ އަލްވާ..."ސުފިޔާން ހިނިތުންވެލިއެވެ. އަލްވާ ލަދުވެތި ހިނިތުންވުމަކާއެކު ކުޑަކޮށް ނިތް އަރުވާލިއެވެ. ސުފިޔާން ދެވަނަފަހަރަށް އަލްވާގެ މޫނަށް ބަލައިލުމެއްނެތި ހާމިދުއަށް ސަމާލުކަން ދިނެވެ. އޭނަ ދެއްކީ ވިޔަފާރީގެ ވާހަކައެވެ. އޭނަ އަލްވާއާއި ކައިވެނި ކުރުމަށްފަހު އަލްވާ ބޭނުން ކޮލެޖަކުން ކިޔެވުމުގެ ފުރުސަތު ދޭނެކަމުގައެވެ. އަދި ފޮތްތަކާއި ލިޔުންތެރިކަމަށް އަލްވާގެ ޝައުގު ހުންނަކަން އެނގޭކަމުގައިވެސް ބުނެލިއެވެ.

ކޮންމެވެސް މީހަކު ދޮރުގައި ޓަކިދިނުމުން ސުފިޔާން ތެދުވުނެވެ."އަޅުގަނޑު ބައްޕައަށް ގުޅިން. ބައްޕަ ދުރުވީކަން ނޭގޭ.."

ހާމިދު ދޮރު ހުޅުވާލާފައި އުސްމާން ވަންނަން ތަންދެއްކިއެވެ. އުސްމާން އެ އާއިލާއަށް ސަލާމްކޮށްލީ ހިނިތުންވުމާއެކުގައެވެ. އަލްވާ އަށް އުސްމާންއާއި ބައްދަލުވީ އަލަށް ކަމުން އޭނަ ވަކިންބޮޑަށް ލަދުގަތެވެ. އެއާއިލާއިން ސޭލް އަޅުވާފައިވަނިކޮށް ގަތް ދުވަސްވީ ސޯފާއެއްގައި ދެބަފައިން ތިބިތަން ފެނި އަލްވާއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. އޭނައަށް ހީކުރެވުނީ މިއުޅެވެނީ ހުވަފެނެއްގައި ކަމުގައެވެ. އަގުބޮޑު ރީތިކޮށް އިސްތިރިކޮށްފައިވާ ސޫޓުތަކާއި ވިދާ ބޫޓުތައް ލައިގެން އެމީހުންގެ އާދައިގެ ގެއެއްގެތެރޭގައި ތިބުމަކީ ހަމަ ހުވަފެނެކެވެ.

"އަޅުގަނޑުގެ ދަރިފުޅު ދުވަހެއްގައިވެސް އަދި އަންހެންކުއްޖެއްގެ ވާހަކަ ދައްކާފައެއްނުވޭ. ނަ އަޅުގަނޑުގެ އަންހެނުން ދަރިފުޅަށް އަންބަކު ހޯދަން ވަރަށް މަސައްކަތްކުރި. ސުފިޔާން ޝައުގުވެރިވާފަދަ އަންހެންކުއްޖެއްގެ ވާހަކަ އަލަށް ދެއްކީ..." އުސްމާން އަލްވާގެ މޫނަށް ބަލައިލިއެވެ." މުސްލިމް އާއިލާއަކުން ރަގަޅުގޮތުގައި ތަރުބިއްޔަތުކޮށްފައި ހުރި ކުއްޖަކަށްވީމަ އަޅުގަނޑުގެ އިއުތިރާޟެއް ނެތް.."

އުސްމާން އޭނަގެ އަންހެނުންގެ ވާހަކަވެސް ދެއްކިއެވެ. ސުފިޔާންގެ މަންމަ އެކްސިޑެންޓަކަށްފަހު އަދިވެސް އޮތީ ކޯމާއެއްގައެވެ.

ފިރިހެންވެރިން ވާހަކަައިގަ ތިއްބާ އަމީރާ އަލްވާ ގޮވައިގެން ބަދިގެއަށް ދިޔައީ މެހުމާނުންނަށް ސައި ތައްޔާރުކުރުމަށެވެ. އަލްވާ ފުންނޭވާއެއް ދޫކޮށްލިއެވެ. ސައިތަށިތައް އަތުރާފައި ހުރި ތަބައް ހިފައިގެން ނުކުތްއިރު ސުފިޔާންގެ ލޯ އޭނައަށް ހުއްޓުނުކަން އެނގުނެވެ. ނަމަވެސް ލަދުގަތްވަރުން އެދިމާލަށް ނަޒަރު ހުއްޓައިލާކަށް ނުކެރުނެވެ. އެލީސާ ބޭނުންވީ ކޭކު ތަބައް ގެންދިޔުމަށެވެ. ސިއްރުސިއްރުން ބޮޑު ދެކޭކު ފޮތި ކައިލުމުން އަނގަމަތީ ޗޮކްލެޓް ހޭކިފައި ހުއްޓެވެ. ފިރިހެންވެރިން ތިބި ހިސާބާއި އަރާ ހަމަވެފައި އޭނަގެ އަތުން ތަބައް ދޫވެ ބިންމަތީގައި ޖެހުމާއެކު ތަށިތައް ތަޅައިގެން ދިޔަ އަޑު ތަނުގައި ހަރުލިއެވެ. ގަތްލަދެއްގެ ބޮޑުކަމުން ނޫނީ ހާސްވިވަރުން ކަމެއް ނޭގުނެވެ. އެލީސާ ވޫސްލާފައި ބޭރަށް ދުއްވައިގަތްއިރު އަމީރާ މާފަށް އެދުނެވެ. އަލްވާ އަވަސްވެގަތީ ތަޅުންމަތި ސާފުކުރުމަށެވެ. ސުފިޔާންއާއި އުސްމާން ސަޔަށްފަހު ދާންވެގެން ތެދުވުނެވެ. އެދެމީހުން ތެދުވުމުން އެގެވެސް ކުޑަކަމުގައި އިހުސާސްވިއެވެ. އެދެމީހުންގެ ބޯ ސީލިންގައި ކިރިޔާ ނުޖެހޭކަމެވެ.

"އަޅުގަނޑުމެން ދެން ގޮސްލާނަން. ދެން ފަހަރަކުން އެންމެން އެގެއަށް ދާންވާނީ. ދެން ބާކީ އޮތީ ކައިވެނީގެ ތާރީޚު ހަމަޖެއްސުން. އަލްވާ ބޭނުން ދުވަހެއް ރަގަޅުވާނެ.."އުސްމާން ހާމިދުއާއި ސަލާމްކޮށްލިއެވެ.

"ސައި ވަރަށް މީރު. ޝުކުރުވެރިވަން.މިސިޒް އަމިރާ.." ސުފިޔާން ދިޔުމުގެ ކުރިން ބުނެލިއެވެ. ސުފިޔާން ލޮލުން ކުރި އިޝާރާތް އަލްވާއަށް ދޭހަވިއެވެ. އޭނަ ބޭނުންވީ އަލްވާ ބޭރަށް ނުކުތުމަށެވެ.

"އަހް.....މަންމާ. އަޅުގަނޑު އެލީސާ ދިޔަތަނެއް ބަލާލާފައި އެބަ އަންނަން..."އަލްވާ ބަހަނާއެއް ދައްކާފައި އަވަހަށް ބޭރަށް ދެމިގަތެވެ. އުސްމާނުގެ ކާރު ނައްޓާލިއިރު ސުފިޔާންގެ ކާރަށް ލެނގިލައިގެން އޭނަ ހުއްޓެވެ.

"އަލްވާ. މިހާ ދުވަސްވީތީ މާފަށް އެދެން. ހާމިދުއާއި އަމީރާގެ އަންހެން ދަރިފުޅާއި ބެހޭ މައުލޫމާތު ހޯދަން އެދުނީމެއްނު. އެކުއްޖާގެ ނަމަކީ ރިވާ. ރިވާ ހާމިދު....."ސުފިޔާންގެ ޖުމްލައާއެކު އަލްވާގެ މޫނުމަތީގައި ވި ހިނިތުންވުން ގެއްލުނެވެ. އަލްވާ ހީކުރީ ސުފިޔާން ކައިވެނީގެ ވާހަކަދައްކާނެ ކަމަށެވެ."މިއީ އެކުއްޖާގެ ތަސްވީރެއް. ކަޅާއި ހުދުން..އޭރު ކުލަ ތަސްވީރުތައް އަގުބޮޑުވީމަކަން ނޭގޭ..ފުލުހުންގެ އަތުގައިއޮތް ހަމައެކަނި ތަސްވީރަކީ މިއީ..." ސުފިޔާންގެ އަތުގައި އޮތް ފޮޓޯއެއް ދައްކައިލުމާއެކު އަލްވާ ހުއްޓުންއެރިއެވެ. ދެފަރާތަށް އިސްތަށިގަނޑު ގަތާލާފައިވާއިރު ހިނިތުންވެލައިގެން ހުރިއިރު ބައެއް ދަތްތައް މަދެވެ. އެދުވަހާއި ހަމަޔަށް އަލްވާގެ ހަނދާން ދަތުރުކުރިއެވެ. އަލްވާ އަތުގައި ލޭ އުނގުޅާލައިގެން ހުރިއިރު އޭނަގެ ފައިތިލަ ކައިރީ ފިޔޮއްސެއް އޮތެވެ. އަދި އޭނަގެ ކުރިމަތީގައި އޮތީ އިސްތަށިގަނޑު ގަތާލާފައި އޮތް އަންހެންކުއްޖާއެވެ. ހެދުން ލެއިން ކަޅިވެފައެވެ.

"ރިވާގެ ގަޔަށް ވަޅި ހަރާ މަރައިލިކަމަށްވަނީ ކުޑަކުއްޖެއް. އެކަމަކު ފުލުހުން އެކުއްޖާގެ ނަން ހާމަކުރާކަށް ބޭނުމެއްނުވި. ސަބަބަކީ އުމުރުން ހަނގު ކުއްޖަކަށްވީމައާއި އެހާ ޅައިރު ކުރާ ކަންތައްތަކުން އަދަބެއްދޭން ގާނޫނުގައި ނެތީމަ..."ސުފިޔާންގެ އަޑު އޭނައަށް އިވެނީ އެއްޗެއް ބަލައިގެން ކިޔާހެންނެވެ. ނޫނީ އޭނަގެ ހަނދާނުގެ އެބައި މޫވީއެއްގެ މަންޒަރެއްހެން ފެންނައިރު އެ ބައި ކިޔާދޭހެންނެވެ.

"އަހަރެންގެ މައިންބަފައިންނަށް.....ރިވާގެ މައިންބަފައިންނަށް އެމީހުންގެ ދަރިފުޅު މަރައިލީ ކޮންކުއްޖެއްކަން އެނގޭތަ؟ އެކަން ވީގޮތުގެ ތަފްސީލު އެމީހުންނަށް އެނގޭތަ؟" އަލްވާ ހީވީ ހުވަފެނެއްގައި ހުރި ކުއްޖެއްހެންނެވެ.

"އާނ...ޑިޓެންޝަން ސެންޓަރަކަށް ދިޔަނުދީ އެކުއްޖާ ސަލާމަތްކުރީ އެމީހުން. އޭގެ ބަދަލުގައި އެކުއްޖާ ފޮނުވައިލީ ޔަތީމްޚާނާއަކަށް.."

"އެކުއްޖާ....އެއީ އަހަރެން...." އަލްވާގެ ސިކުނޑު ހަޅޭއްލަވައިގަތް ނަމަވެސް އޭނަގެ ތުންފަތް ހަރަކާތެއް ނުކުރިއެވެ.

"ސުފިޔާން. އަހަރެން ދާންވެއްޖެ.."އަލްވާ ކުއްލިއަކަށް އެނބުރިލާފައި ދުއްވައިގަތީ ކުއްލިއަކަށެވެ.

"ކޮންތަނަކަށް...."ސުފިޔާންގެ ޖުމްލަ މެދުކެނޑުނެވެ. އަލްވާ ގެވެސް ފަހަނަޅާ ދުވަމުންގޮސް ގޯޅިއަކަށްވަދެ ލޯމަތިން ގެއްލުނެވެ.

***

"އެލީސާ ކިހިނެއްވީތަ؟" ނާކިއާގެ ކޮޓަރީގެ ދޮރު ހުޅުވައިލަމުން މެހެކް އެހިއެވެ. ކަންބޮޑުވެ ހާސްވެފައިވާ މޫނެކެވެ. އެލީސާ ރޫރޫއަޅަމުން ދިޔައެވެ."ކިހިނެއްވީ؟ ކާކު ބިރުގަންނަވައިލީ؟"

"އޯ...ކިހިނެއްވެފައި ތިހިރީ ސްވީޓްހާޓް؟ އިށީދެ ހަމަޖެހިގެން ބުނެބަލަ.." ނާކިއާ އެލީސާގެ ހަށިގަނޑުގައި އަތް ވަށައިލަމުން މަސަލަސްކުރަން އުޅުނެވެ.

"އެއީ އެފިރިހެނާ..."އެލީސާގެ ތުންފަތްވެސް ތުރުތުރުލިއެވެ. އަދި މެހެކްގެ އަތުގައި ހިފައިގަތްލެއް ބާރުކަމުން އޭނަގެ އަތަށްވެސް ތަދުވިއެވެ."މެހެކް ހަނދާން އެބަހުރި ދޯ..އަހަރެން ބުނަމެއްނު މަގޭ ލޮލުން ބަލައިލީމަ މީހުން މަރުވެއޭ.."

"އާނ. އާނ އެހެންވެ އެލީސާ އައިނު އަޅަނީ. އެކަމު އެލީސާއަށް އެއީ ތެދެއް ނޫންކަން އެނގެއެއްނު..." މެހެކް އެލީސާގެ އިނގިލިތައް އޭނަގެ އަތުން ނައްޓުވަން މަސައްކަތްކުރިއެވެ.

"ނޫން ..އަހަންނަށްވެސް އެނގިއްޖެ.މަގޭ ލޮލަކުން ނޫން. ހަނދާންވެއްޖެ މެހެކް. އެއީ އެ ފިރިހެނާ. އޭނަ އަހަރެމެންގެ ގެއަށް އައީ..އޭނަ ފެނުނުކަމަށް ނަހަދަންޏާ އަހަރެން ސަލާމަތްވާނެކަމަށް ހީކުރީ. އެކަމަކު އޭނަ ގެއަށް އަތުވެއްޖެ. އޭނަ އަހަރެންގެ އުމުރުގެ ކުއްޖެއް މަރާލާފައި އަހަރެން ހޯދަން އައީ...." އެލީސާ ރޮމުން ދިޔައެވެ. ކޯތާފަތްމަތިން ތިރިއަށް ދެމެމުން ދިޔައީ ކަރުނައެވެ. އެލީސާ އައިނުވެސް އެއްލައިލީ އޭގެ ބޭނުމެއްނެތީމައެވެ.

"ކޮން ފިރިހެނެއްތަ އެލީސާ ޑިއަރ؟ ތިދައްކަނީ ކޮން ވާހަކައެއްތަ؟"ނާކިއާވެސް ހައިރާންވިއެވެ. ކާރެއްގެ އަޑު ކަންފަތުގައި ޖެހުމުން ތެދުވެގެންގޮސް ފަރުދާތައް ކަހާލާފައި އެލީސާމެންގެ ގެއާއި ދިމާލަށް ބަލައިލީ އެލީސާ އެވަރަށް ބިރުގަންނަވައިލީ ކާކުކަން ހޯދުމަށެވެ. އެލީސާއާއި މެހެކްވެސް ނާކިއާގެ ގާތުގައި ހުއްޓި ބޭރަށް ބަލަންފެށިއެވެ.

................

"އެއީ އެމީހާއެއް ނޫން.. އަހަރެން މިބުނާ މީހާއަކީ މި ފިރިހެނާގެ ބައްޕަ....އެއީ ޝައިތާނީ މީހެއް.."

"ނާކިއާ ރަގަޅުތަ؟" މެހެކް ކަންބޮޑުވީ ނާކިއާ ފަހަތަށް އަރިއަޅާލިތަން ފެނިފައެވެ. އޭނަ ދާދި އަވަހަށް ހަމަޖެހިލާފައި އަނެއްކާވެސް ކުޑަދޮރުން ބޭރަށް ބަލަންފެށީ ލޯ ބޮޑުކޮށްލަމުން ޝޮކެއްގައި ހުރެއެވެ.

"ނާކިއާ. އެއީއެއްނޫނޭ މި ބުނާ މީހާ.. އަހަރެން މިބުނީނު މީނާއެއްނޫނޭ...އެ އީވިލް މީހާ ކާރުގައި ކުރިން ގޮސްފި..." އެލީސާގެ އަޑު ނާކިއާގެ ކަންފަތާއި ހަމަޔަށް ފޯރިހެނެއް ހިޔެއްނުވެއެވެ. އޭނަ ގެ މޫނު ހުދުވެ ޝޮކެއްގައި ހުރީ އެސްފިޔަވެސް ޖަހައިލަން ނޭގިފައެވެ.

"ސާމީ....؟ އޭނަ މިތާ ކީއްކުރަނީހެއްޔެވެ؟"

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު