ވާރޭގައިވި ހިޔަނިތައް 4

"ސޯޝަލްމީޑިއާއަށް ވުރެ ގިނަ ވަގުތު ތިބާ ހެއްދެވި ފަރާތަށް އަޅުކަން ކުރުމުގައި ހޭދަކުރުމުން ފަހުން ހިތާމަކުރުމުގެ ފުރުސަތު ކުޑަވާނެއެވެ. މަރަކީ ތިބާއާއި ދާދިގާތުގައިވާ އެއްޗެއްކަން އަބަދު ހަނދާނުގައި ބަހައްޓަންވާނެއެވެ."

***

އެމާގެ ސައުވީސްގަޑިއިރުގެ މަސައްކަތަކީ ޑްރާމާބެލުމެވެ. އޯ ލެވެލް ހަދާ ނިމެންދެން އޭނަ ހުރީ ކެތްތެރިވެލައިގެންނެވެ. މަންމަގެ ސަބަބުން މަޖުބޫރުވެގެން އަބަދު ކިޔަވަން ޖެހޭތީ އެހެން ކަމެއްކުރާނެ ފުރުސަތެއް އޭރު ނުލިބެއެވެ. ސްކޫލް ނިމިގެން އަންނަގޮތަށް ޓިއުޝަނުގައެވެ. ދެންފިލާވަޅު ދަސްކުރުމުގައެވެ. މާއްދާއަކުން ބީއެއް ލިބުނަސް މަންމަ ޓީޗަރާއި ހަމަޔަށްގޮސް އެ މައްސަލަ ބަލުވައެވެ. ބީއެއް ލިބެން ޖެހޭނެކަމަކަށް ރޯޒަލީ ގަބޫލެއްނުކުރެއެވެ. ވައިފައި ހުރުމުން ހަތަރުމަދު އެމަސައްކަތުގައި އޮތަސް މަންމައަކަށް އޭނަ ކުރާކަމެއް ނޭގޭނެއެވެ. މަންމަ ޓަކިދޭއިރަށް އޭނަ ދޮރު ހުޅުވައިލާއިރު އަތުގައި އޮންނަނީ ފޮތެކެވެ.

ކާރެއްގެ އަޑު އިވުމުން ނިކުމެ ބަލައިލިއިރު ހައިސަމް ސިޓިން ރޫމްގެ ސޯފާގައި އިންތަން ފެނުމުން ލަދުގަންނަގޮތްވިއެވެ.

"އެމާ...ކޮއްކޯ އާދެބަލަ..."

އަޑު ނީވުނުކަމަށް ހަދާފައި ހިނގައިގަތުމުން ހައިސަމް ފަހަތުން އައެވެ. ފިޔަވަޅުތަކުގެ އަޑު ރީއްޗަށް އިވުނެވެ. އެމާ ދޮރާއި އަރާ ހަމަވެފައި ބަލައިލީ އަތުން ކަނދުރާއިން ހީބިހި ހަލުވައިލުމުންނެވެ. ފަނޑު އަލީގެ ތެރެއިން އޭނައަށް ފެނުނީ އޭނައާއި ދިމާލަށް ބަލަހައްޓައިގެން ހުރި ލައިލާއެވެ. އެމާގެ ހިތް ތުރުތުރުލައިގެން ދިޔައެވެ.

"ލައިލާ....ލައިލާ. ލައިލާ...ދެކުނިންތަ؟ ދެންމެ....." އެމާ ވޫސްލާފައި އައިގޮތަށް ލައިލާގެ ކުރިމަތީގައި ހުއްޓުނެވެ."ހައިސަމް.......ދޮންބެ މަގޭ ފަހަތުން އައިތަ؟"

ލައިލާވެސް ހުރީ ލޯ ބޮޑުކޮށްލައިގެންނެވެ.

"އާނ...މިހާރު ހިނގައްޖެ.."

"އެހާ އަވަހަށްތަ؟"

ލައިލާ އަވަސްއަވަހަށް އެސްފިޔަ ޖަހައިލަމުން ކާބަޔާއި ދިމާލަށް ހިނގައިގަތެވެ.

"ލައިލާ. ދޮންބެ ގޮވި އަޑުވެސް އިވުނު؟"

"ލައްބަ..."

"ދެން ކީއްވެ ބިރުން ތިހިރީ؟ލޯ ބޮޑުކޮށްގެން......އަހަންނަށް ދޮގުހަދަނީތަ؟" އޭރުވެސް އެމާ ޝައްކާއި ވަސްވާހުން ފުރިގެންވާގޮތަކަށް ވަށައިގެން ހޯދާ ބަލަމުން ދިޔައެވެ.

"އާނ..ގުގުރީގެ އަޑުއިވުނީމަ. އެހެންވެ އެކަނި އިންނަން ނުކެރިގެން މިފަރާތަށް އައީ.އެކަމަކު އަހަންނަށް ހީވަނީ ޑޮކްޓަރ ހަޒަލްވެސް ދުރުވެއްޖެހެން. ކާއެއްޗެހި ހޫނުކޮށްލަން މިދަނީ...."ލައިލާ ބާރުބާރަށް ހިނގާފައިގޮސް ބަދިގެއަށް ވަނުމުން އެމާވެސް މިސްރާބުޖެހީ ސިޓިންރޫމާއި ދިމާލަށެވެ.

***

ޚާތޫނުގެ ޓެކްސީއެއްގައި ދިޔަތަނާހެން ވާރޭ ހުއްޓާލި ނަމަވެސް ބާރު ވަޔާއި ވިދުވަރު އަދި ގުގުރީގެ ސަބަބުން މާހައުލުގައި ރުޅިވެރިކަން އުފައްދާފައިވީ ހިތްތައްވެސް ގުޑާފަދަ ގޮތަކަށެވެ. ދުނިޔެވެސް ރުޅި ހަދާފައިވާފަދައެވެ. ކަޅުކުލައިގެ ކާރެއް އެގޭ ދޮރުމައްޗަށް މަޑުކޮށްލުމުން ރޯޒަލީއަށް އެދިމާލަށް ދުއްވައިގަނެވުނެވެ. ހައިސަމްއަށް ބޮލުގައި އަތް އަޅައިލެވުނެވެ. މަންމައަށް ކޮށްފާނެ އަސަރަކާއިމެދު ބިރުގަތެވެ. މަންމަ އެހާ އުފަލުން ހުއްޓާ ލިބިދާނެ ޝޮކެއް އެނގެނީއެއް ނޫނެވެ. އޭނަ ފިރިހެނަކަށްވެހުރެ ވެސް އެހާ ހިތްވަރެއްކޮށްލަން ނުކެރުނެވެ. ހަޒަލް އެއައީ ފިރިމީހާއާއި ދަރިފުޅު ގޮވައިގެންނެވެ. ގޭގައި ގޮއްވައިލެވޭ ނިއުކްލިއާ ބޮމަކަށް ނުވެއްޖެއްޔާ ރަގަޅެވެ. ނަމަވެސް ހަޒަލްގެ ފިރިމީހާއާއި ދަރިފުޅު ދެކޭހިތުން ހައިސަމްގެ ހިތުގެ ވިންދުވެސް އަވަސްވެލިއެވެ.

އެންމެ ކުރިން ކާރުން ފޭބީ ހަޒަލްއެވެ. ރޯޒަލީ އަވަހަށް ދަރިފުޅު ގެނެސް މޭގައި ޖައްސާ ބާރުކޮށްލިއެވެ. ބާރު ވަޔާއެކު ރޯޒަލީގެ ބޮލުގައި އަޅައިގެން ހުރި ދޯޕައްޓާވެސް އުދުހިގަތުމުން ހަޒަލް ހިފެހެއްޓިއެވެ.

އޭރު ކައިދަންވެސް ކާރުގެ އިންޖީނު ނިވާލާފައި ދަރިފުޅު އުރާލައިގެން ހުރެ ކާރުން ފޭބިއެވެ. ދަރިފުޅުގެ މައުސޫމްކަމުން ފުރިގެންވި ލޯބި މޫނުކޮޅު ފެނިފައި ހިލަހިތެއްވެސް މަޑުވާނެއެވެ. ބޮޑު ބޮޑު ދެލޮލުގެ މަޑު ނޫކަޅިއާއެކު ރަންކޮޅެއްފަދަ އިސްތަށިކޮޅާއި ރަތްމަލެއްފަދަ ތުންފަތާއެކު ލިބިފައިވަނީ ކިރުފޮދެއްފަދަ ހުދު ދޮންކަމެކެވެ. އަދި މާމަމެން ފުރަތަމަފަހަރަށް ފެނިލުމުންވެސް އެ ހީލީ ހިތްތައް ލޯބިން ފުރިގެންވާފަދަ ގޮތަކަށެވެ. ބޭބީ ބަހުރުވައިން އަޑެއް ލައްވައިލަމުން ރޯޒަލީއާއި ދިމާލަށް އަތްވެސް ދިއްކޮށްލިއެވެ.

"މިއީ ކޮންބަޔެއް؟" ރޯޒަލީ ސުވާލުގެ ނަޒަރަކުން ބަލައިލީ ހަޒަލްއަށެވެ.

"މަންމާ. އަޅުގަނޑު މިއައީ ދަރިފުޅާއި......ފިރިމީހާ...."

ކާރުގެ އަލީގައިވެސް ރޯޒަލީގެ މޫނަށް ވެރިވި ހުދުކުލަ ފެނި ހަޒަލްވެސް ހާސްވިއެވެ. ހައިސަމްއަށްވެސް އޭނަގެ މަންމަގެ ގާތަށް އައިސް ހިފަހައްޓައިލެވުނެވެ.

"މަންމާ. މާފުކޮށްދީ. އެހާ މުހިއްމު ނިންމުމެއް ނިންމިއިރު ނުބުނެވި އޮތީމަ.....މިހިރީ ފިރިމީހާ ކައިދަން އަދި ދަރިފުޅު ސޫފީ...." ހަޒަލް ނުތަނަވަސްވެފައި ހުރެވެސް ކައިދަންއަށް ހައިސަމްއާއި ރޯޒަލީ ތައާރަފުކޮށްދިނެވެ. ކައިދަންގެ މިޒާޖުގައި އެކަނިވެރިގޮތަކާއި ލަދުރަކިގޮތެއް ހުރުމުން އޭނަ ހަމައެކަނި ހީލުމަކުން ފުއްދައިލީއެވެ. ރޯޒަލީ މަރުހަބާ ނުކިޔާކަން އެމޫނުގެ ކުލަވަރުން ދެނެގެން ކައިދަން ދުރަށް ބަލަންފެށިއެވެ.

ރޯޒަލީގެ އަތް ވައިގެ ތެރޭގައި ހޫރިގެން ދިޔުމާއެކު ހަޒަލްގެ މޫނަށް ދިލަ ތަދެއްވެ އަތް އަޅައިލެވުނެވެ. އެންމެންގެ ކުރިމަތީގައި މަންމަ އެގޮތަށް މޫނަށް ބޭލި އެތިފަހަރުން ލަދާއި އެއްވަރަށް ދެރަވެ ލޮލުން ކަރުނަތިއްކެއް ވެއްޓުނެވެ. ރޯޒަލީ އަނގައިން ބުނުމެއްނެތި ބާރު ހިނގުމެއްގައިގޮސް ބަންލާފައި ދޮރު ޖެހިއަޑު ގުގުރީގެ އަޑާއެކުވިއެވެ. ހަޒަލް ކޯތާފަތް ފޮހެލިއެވެ.

"މަންމަ ރުޅިއައީ ދޯ. އެކަމަކު އިރާދަކުރެއްވިއްޔާ ރުޅިއައިގޮތަށް ރުޅި ފިލާނެ. ކޭޑް. ނޯ ވޮރީސް. އައި ނޯ ކޭޑް އާއި ދޮންބެގެ މިކަހަލަ ގަޓެއް ނުހުންނާނެކަން. އަހަންނަށްވެސް މަންމަ ގާތުގައި ނުބުނެވުނުކަމީ ކުށެއް. އިންސާނުންނަށް ކުށްކުރެވޭނެ. މަންމަގެ ހިތް އެހާ ބަލިކަށިނޫންކަން އެނގޭ. އެހެންވެ މިގޮތަށް މަންމަ ގާތަށް އާއިލާ ގެނައީ........."ހޭޒަލްގެ ހިތުގައި ކުށްވެރި އިހުސާސްތައް ހިނގައިގަތަސް އެކުށް ދިފާއުކުރަންވެސް މަސައްކަތްކުރިއެވެ.

ހައިސަމްގެ މޫނުމަތިންވެސް އުފާވެރިކަމެއް ނުފެނުނެވެ. އޭނަ ފުން ނޭވާއެއް ދޫކޮށްލި ގޮތުން ހީވީ އެހުރިހާ އިރުވަންދެން ނޭވާ ހިފަހައްޓައިގެން ހުރިހެންނެވެ.

"ހަޒަލް. ތިކުރީ ރަގަޅުކަމެއްނޫން..ކުރިން ބުނިނަމަ.."

"އައިމް ސޮރީ ދޮންބެ."ހަޒަލް މާޔޫސްވާގޮތްވިއެވެ."ދެން މިއީ ކުށަކަށްވިޔަސް މިކަން ކުރެވިއްޖެ. ކިހިނެއް ދެން ހަދަންވީ؟ ކޭޑް؟ދޮންބެ؟"

ހަޒަލް އޭނަގެ ބޭބެއާއި ފިރިމީހާއަށް ބަލައިލަމުން ކޮނޑު އަރުވައިލިއެވެ. ކައިދަން ލަގެޖްތައް ސިޓިންރޫމަށް ލާފައި ނުކުމެގެން އައިސް ދަރިފުޅު ހަޒަލްގެ އަތަށް ދިނެވެ." މާމަ ހުންނާނީ އަހަރެން ލަސްވެގެންކަން ނޭގޭ. ހުރިހާކަމެއް ހަމަޔަކަށް އެޅުނީމަ ދެން ހަދަންވީގޮތް ވިސްނާނީ. މިހާރު އެންމެ ރަގަޅުގޮތަކަށް ފެންނަނީ ހަޒަލް މިގޭގައި މަޑުކޮށްލުން......"

ކައިދަން ސޫފީގެ މޫނަށް ބޮސްދިނުމަށްފަހު ދާން ހިނގައިގަތުމުން ތުންކޮޅު ދަމާލަ ދަމާލާ އިނުމަށްފަހު ކުއްލިއަކަށް ހަޒަލްގެ އަތުން ސޮއްސާލައިގެން ބިންމައްޗަށް އެރިގެން ދުއްވައިގަތީ ކައިދަންއާއި ދިމާލަށެވެ.

"ޕާޕާ........"

ކައިދަންގެ ފިޔަވަޅުތައް ހުއްޓުނެވެ. ހަޒަލްއަށްވެސް އަނގަމަތީގައި އަތްއެޅުނެވެ. ހައިސަމް ބުމަ އަރުވައިލަމުން ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ.

"ފުރަތަމަ ފަހަރަށް ސޫފީ އެއްޗެއް އެބުނީ. ފުރަތަމަވެސް އެގޮވީ ސޫފީގެ ބައްޕައަށް..އެކިގޮތްގޮތުން މަސައްކަތްކޮށްކޮށް އަޑުލެއްވުން ނޫންގޮތަކަށް ދަރިފުޅު އަނގައިން ނުބުނޭ....އަލްހަމްދުލިﷲ....."

ކައިދަންވެސް ދަރިފުޅު އުރައިލަމުން މޫނާއި މޫނު ޖައްސައިލިއިރު ލޮލުން އައި ކަރުނަ ތިކިތައް ހަޒަލްއާއި ހައިސަމްއަށްވެސް ފެނުނެވެ. ކައިދަން ދަރިފުޅުދެކެ ވަނީ މަތިވެރި ލޯތްބެކެވެ. އެދަރިފުޅާއި ދުރުވެ ވަކިވާންޖެހުމަކީ ކައިދަންއަށް ކުޅަދާނަކަމެއްނޫނެވެ. ނަމަވެސް ހާލަތު މަޖުބޫރުކުރުވުމުގެ ސަބަބުންނާއި އިމްތިހާންތަކަށް ކެތްކުރަންވެސް ޖެހޭނެކަމަށް އޭނަ ގަބޫލުކުރެއެވެ.

"ޕާޕާ.....ޕާޕާ..."ސޫފީ ލޯބިކޮށް ގޮވަންފެށުމުން ހަޒަލްއަށްވެސް ހެވުނެވެ. އަދިގޮސް ދެބަފައިންގެ ގާތަށް ހުއްޓުނެވެ."ކޭޑް. ދަރިފުޅު ނިދަންދެން ސިޓިންރޫމްގައި މަޑުކޮށްލަންވީނު. ނޫނީ ވަރަށް ދެރަވާނެ. ދަރިފުޅު ހަމަ ވާހަކަދައްކަން ފެށީތަ؟ މަންމަ ލޯބިކޮޅު މަންމިއަށްވެސް ގޮވާބަލަ......"

***

ހައިސަމް ޖިންސްގެ ޖީބަށް އަތްޖަހާލައިގެން ހުރެ މަޑުމަޑުން ހިނގާފައިގޮސް މަންމަގެ ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. ރޯޒަލީގެ ކޮޓަރިވެސް ފުދޭވަރަކަށް ތަނަވަސްވެފައި އިހުގެ ފަރުނީޗަރުތަކުން ފަޅުފިލުވާފައެވެ. ކޮޓަރީގައި ރަސްކަން ކުރަމުން ދިޔައީ ފަނޑު އޮރެންޖް އައްޔެކެވެ.ފިނިކަންވެސް އެހާ ގަދައެވެ. ތަނުގައި ހިފާފައިވަނީ ރީތިވާ މޭޒުމަތީގައި އޮތް ޗަންޕާޕޫލްމަލުގެ ހިތްގައިމު ވަހެވެ. އެނދުގައި ކުރުއަތް މައްޗަށް އޮށޯވެލައިގެން ފުން ޚިޔާލެއްގައި ރޯޒަލީ އޮތްގޮތުން ހައިސަމްގެ ހިތަށް އަސަރުކުރިއެވެ. މަންމަގެ ހިތުގައި ޖެހިފައިވާވަރު އޭނަ ދެނެގަތީއެވެ. މަންމަ ގަބޫލުކުރާ އުސޫލުތައް ހަރުކަށިކަމުގައިވިޔަސް މަންމައަށް ކިޔަމަންތެރިވެވުނުނަމައޭ އޭނަގެ ހިތަށް ހާސްފަހަރު އަރައިފިއެވެ.

ހައިސަމް އެނދުގެ މަގަތުގައި އިށީނެވެ.

"މަންމާ. އެހާ ބޮޑަށް ނުވިސްނާ. ކޮންމެ ކަމެއްވާނީ ރަގަޅަށް އިންޝާﷲ.. މަންމަ ކުދިން ރަގަޅުގޮތުގައި ތަރުބިއްޔަތުކޮށް އެންމެންވެސް އަމިއްލަ ފައިމައްޗަށް ތެދުވުމުގައި އެހީތެރިވެދީފި. ހަޒަލްއަށް އަދި ވިސްނޭނެ. އޭނަހެދީ ގޯހެއް. ކުށެއް. މަންމައަށް ނޭގި އެހާ ބޮޑު ސްޓެޕެއް އެނެގީ....." ހައިސަމް އޭނަގެ މަންމަގެ އަތުގައި މަޑުމަޑުން ފިރުމައިލަމުން ވާހަކަދެއްކިއެވެ.

ރޯޒަލީ ތުންފިތައިލިއެވެ.

"ދަރިފުޅާ ދެން ނިދަން ދޭ. އިހަށް މަންމަ ބޭނުންވަނީ އެކަނި އޮވެލަން....."

"މަންމަ ނުކައި ނިދަނީ؟ ގެނެސްދެންތަ؟"ހައިސަމް އެހިއެވެ. ރޯޒަލީގެ ހިތަށް ކުރި އަސަރުު ކޮންމެވެސް ވަރަކަށް ކުޑަވެ ހަމަޔަކަށް އެޅެންފެށިއެވެ. ހައިސަމްފަދަ ކިޔަމަންތެރި އެންމެ ދަރިއެއް ދެއްވިކަމަށްޓަކާ ހިތާހިތުން ހެއްދެވި ފަރާތަށް ޝުކުރުވެރިވިއެވެ. މިފަދަ އެންމެ ދަރިއަކުންވެސް މަންމައަކަށް ފުދިދާނެއެވެ. ބަސްނާހާ ދަރިން އުޅޭނެގޮތަކަށް އުޅެން ދޫކޮށްލާންވީއެވެ. ފަހުން ވިސްނިގެން ހިތާމަކުރާނެއެވެ. އޭނައަކީ ނުބައި މަންމައެއް ނޫނެވެ. އޭނަގެ ހުރިހާ އުސޫލުތަކަކީ ދަރިންގެ ކުރިމަގަށްޓަކާ ނިންމި އެއްޗެކެވެ.

"މަންމައަށް މިރޭ ނުކެވޭނެ.."

"އެންމެ ރަގަޅު....."ހައިސަމް މަންމަގެ ގައިމަތީގައި ރީތިކޮށް ރަޖާ އަޅާދީފައި ނިކުންނަން ހިނގައިގަތެވެ.

"ހައިސަމް. ކާން ހަދާފައި ހުންނާނެ. ކައިގެން ނިދައްޗޭ.."

"ލައްބަ މަންމާ..."

***

ހައިސަމްއަށް ކެވުނީ ކުޑަކޮށެވެ. ފޯނަށް ޚަލީސީ ގުޅަންފެށުމުން ފޯނު ހިފައިގެން ކާބަޔާއި ދިމާލުން ނިކުމެވެން ހުރި ދޮރު ހުޅުވާފައި ނިކުތެވެ. ޕޮޓްތަކުގައި އިންދާފައިވާ ގަސްތަކުގައިވާ ގަސްތަކާއި މާތައް ތެމިފައިވާއިރު ފަނޑު އަލީގައި ފެންނަލެއް ނިކަން ހިތްގައިމެވެ. ވަޔާއެކު ހޫރެމުންދިޔަ ގަސްތަކުގެ ހިޔަނިތައް ނަށަމުންދާއިރު ބައެއްފަހަރު ހިތްތަކަށް ބިރުވެރިކަން ވަދެގެންދާފަދަ ގޮތަކަށް އަނދިރިކަމުގެ ތެރެއިން ފެނެއެވެ. ރޭގަނޑުގެ މަޚުލޫގުންވެސް އުފާކުރާފަދަ އަނދިރިކަމަކާއި ވިއްސާރަ ރެއެކެވެ.

"ޚަލީސީ. ލިސެން ޓު މީ. އަހަރެންގެ ކޮއްކޮ ކުއްލިއަކަށް އޭނަގެ ހަޒްބެންޑާއި ދަރިފުޅާއިގެން އައުމުން މަންމައަށް ނަފްސާނީގޮތުން އަސަރުކޮށްފައިވަނީ. އިތުރަށް މި ދުވަސްކޮޅު މަންމައަށް ހެޑޭކެއް ދޭކަށް ބޭނުމެއްނޫން...ކުރިން އެހެން ބުނިން. ހަޒަލް ގާތުގައި ބުނެގެން ގެއަށް ގެންނާނީއޭ. އެކަމަކު މިހާރު އެއީ އެންމެ ރަގަޅު ޚިޔާލެއްނޫން. މިވަގުތު ޚަލީސީ ގެއަށް ގެންނަން އަހަރެން ތައްޔާރެއް ނޫން......."

"ޕްލީޒް...."

"މިހާ ރީއްޗަށް ކިޔާދިނީމަ ގަބޫލުކުރަން ވެއްޖެނު. އަހަންނަށް މަންމައަކީ ވަރަށް މުހިއްމު މީހެއް. މަންމަ އަހަރެމެންނަށްޓަކާ ދިރިއުޅުން ގުރުބާންކުރިއޭ ބުންޏަސް ދޮގަކަށްނުވާނެ............"

"އަހަރެން މުހިއްމު މީހަކަށް ނުވަނީތަ؟" ޚަލީސީ ވާހަކަދެއްކި ގޮތުން އޭނަ ރޮނީކަން ހައިސަމް ދެނެގަތެވެ. އަންހެންކުދިން ކަރުނައިން ބްލެކްމެއިލްކުރަން މޮޅުވާނެއެވެ.

"ނިދަން ދޭ...އަހަރެން މާދަން ގޮސް ތި ވާހަކަ ދައްކާނީ. އޯކޭ؟"

"ވަން މިނިޓް...."

އެވަގުތު ހައިސަމްއަށް ހީވީ މީހަކު އޭނަގެ އިސްތަށިގަނޑުގައި އަތް ލިހެންނެވެ. ސިހިފައި އެނބުރި ބަލައިލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު