މައާފު އެދެމޭ ޔާރާ... 08

އިތުރަށް ދައްކަން އޮންނާނީ ކޮން ވާހަކައެއް ހެއްޔެވެ؟ އަހަރެން ކޮންމެ އެއްޗެއް ބުންޏަސް، ކަންވެ ނިމޭނީ މަންމަމެން ބޭނުންވާ ގޮތަށެވެ. އެކަން އަހަންނަށް ޔަގީނެވެ. އަހަންނަށް އޮތީ ދެގޮތެވެ. ހިތް ހުޅުވައިލުމެވެ. އޭގެ ފަހުގައި ކޮންމެ ގޮތަކަށް ކަންތައް ވާން ދޫކޮށްލުމެވެ. ނޫނީ، ހިތުގެ ހާލު ވަންހަނާ ކޮށްގެން ހުރެ، އަމިއްލަ ނަފުސު ގުރުބާން ކުރުމެވެ.

"ދަރިފުޅާ!... ބައްޕަ މިއަހަނީ، ދަރިފުޅު އެއްޗެއް ބުނަން އުޅުނިންހޭ؟..." ބައްޕަ ދެވަނަ ފަހަރަށް ސުވާލުކޮށްލިއެވެ.

********

"ނޫން..." އަހަރެން ބޯ ހޫރައިލީމެވެ.

"ދަރިފުޅު އެއްވެސް ވާހަކައެއް ނުބުނެވިފަ ނުހުންނައްޗޭ..." ބައްޕަ ވަރަށް އޯގާތެރިކަމާއިއެކު ބުނެލިއެވެ. "ދަރިފުޅަށް ދެރަގޮތެއް ވާކަށް ބައްޕަމެން ބޭނުމެއް ނޫން..."

ބުނަން ބޭނުންވިއެވެ. އަހަރެންގެ ހިތާމަތައް ގުޅިފައި ވަނީ ކުރުވަން އުޅޭ ކައިވެންޏާއެވެ. އަހަރެން އުފަލުގައި ބަހައްޓަން ބޭނުންވާނަމަ، އެ ކައިވެނި ހުއްޓުވާށެވެ. ހިތް ހުޅުވައިލަން ކިތަންމެ ފަހަރަކު ހިތްވަރު ކުރީމެވެ. އެކަމަކު، ބައްޕަ ތެދުވެގެން ދަންދެންވެސް އަހަންނަށް އިނދެވުނީއެވެ.

ހަވީރު މަންމަމެންނާއިއެކު ފިހާރައަކަށް ދާން ނުކުތީމެވެ. އެއީ ވަރަށް މަދުން ނޫނީ ލިބޭނެ ފުރުސަތެއް ނޫނެވެ. އަހަރެން ބޭނުންވާ ހުރިހާ އެއްޗެއް ގަންނަނީ މަންމައެވެ. ވަރަށް މަދު ފަހަރަކު ނޫނީ، އެއްޗެހި ގަންނަން ދާން އަހަންނަށް ފުރުސަތެއް ނުލިބެއެވެ.

"ދަރިފުޅަށް ކަމުދާ ފޯނެއް ނަގާ..." ފޯނު ވިއްކާ ފިހާރައަކަށް ވަދެފައި ބައްޕަ ބުންޏެވެ.

އަހަރެން ހުރީ ހަދަންވީ ގޮތެއް ނޭނގިފައެވެ. ފޯނު ލިބުނަސް، އެއިން އަހަރެން ކުރާނީ ކޮން ބޭނުމެއް ހެއްޔެވެ؟ އަހަރެން ގުޅާނީ ކާކަށް ހެއްޔެވެ؟

"މި ފޯނު ރަނގަޅުވާނެ... އެހާ އަގުބޮޑު އެއްޗެއް ގަންނާނެ ކަމެއް ނެތެއްނު..." މަންމަ ދެއްކީ ތިންހާސް ރުފިޔާއަށް ދޭ ފޯނެކެވެ.

ފޮޓޯ ނެގޭ، ކަޅުކުލައިގެ ތުނިތުނި ފޯނެކެވެ. ކުރިން ފޯނެއް ބޭނުންވިޔަސް، ފޯނެއް ލިބޭތީ މިއަދު އަހަރެން އުފަލެއް ނުވިއެވެ. އެ ފޯނުން މިއަދު އަހަރެން ކުރާނެ މާ ބޮޑު ބޭނުމެއް ނެތެވެ.

"ހެދުން ކަނޑާނެ ރީތި ފޮތިކޮޅެއްވެސް ގަންނަންވާނެ..." ފޯނު ގަނެގެން ފިހާރައިން ނުކުމެފައި މަންމަ ބުންޏެވެ. "ދަރިފުޅަށް ރީތީ ކޮން ކުލަތަކެއް؟...."

"ކަޅު..." އަހަރެން ޖަވާބު ދިނުމުން މަންމަ ހީލިއެވެ.

"އަބަދު ކަޅު ލާންޖެހޭތީ، ކުރިން ދަރިފުޅު އެހާ އުފާވާ ހެނެއް މަންމައަކަށް ހިއެއްނުވޭ..." މަންމަ ބުންޏެވެ.

"އަޅުގަނޑަށް ރީތީ ކަޅުކުލަ..." އަހަރެން ބުނީމެވެ.

"އަބަދު ކަޅު ލާއެއްޗެއް ނޫން... ދަރިފުޅު ކައިވެނިކޮށްގެން އެގެއަށް ދިޔާމަ އެ ގޭ މީހުން ބުނާނެ އަބަދު އެކައްޗެއް ލަނީއޭ... ފިރިމީހާ ކުރިމަތީގަ ޖެހޭނެ ނިކަން ރީތި ކުލަކުލައިގެ ހެދުން ލާން..." މަންމަގެ ދެބަސް ދޭތެރޭގައިވެސް ވީ އަހަރެންގެ ކައިވެނީގެ ވާހަކައެވެ.

އަޑުއަހަން ކިތަންމެ އުނދަގޫވި ނަމަވެސް އަހަރެން ހުރީ ކެތްކޮށްލައިގެންނެވެ.

ފޮތި ފިހާރައަށް ވަދެފައި، މަންމަ އެކި ކުލަކުލައިގެ ފޮތި ގަތެވެ. ގަދަ ނޫކުލަ އާއި ފެހިކުލަ އާއި އަޅި ކުލައިގެ އިތުރުން، ދަނބު ކުލައެވެ. ކޮންމެ އެއްޗެއް ގަންނައިރު ހަރަދަށް ބަލާ މަންމައަށް، ހަރަދު ކުރުމުގައި މިއަދު އެއްވެސް މިންގަނޑެއް ނެތެވެ. ރީތިހެން ހީވާ ކޮންމެ އެއްޗެއް އަހަންނަށް ގަނެދެމުން ދިޔައެވެ. އަހަންނަށް އެކަންކަމާއި ނުރުހެވުނީ ކީއްވެކަމެއް ނޭނގުނެވެ. އަހަރެން އަބަދުވެސް ގިނަ އެއްޗެހި ބޭނުންވެއެވެ. އެކަމަކު، މިއަދު އެއިން ކަމެއް ބޭނުމެއް ނުވިއެވެ. ސަބަބަކީ އަހަރެން އެގޮތަށް ހޭނިފައިވުން ހެއްޔެވެ؟ ނުވަތަ އަހަންނަށް ލިބިފައިވާ ތަރުބިއްޔަތު ހެއްޔެވެ؟

ކައިވެނީގެ ތައްޔާރީތައް ފެށުނު ފަހުން، އަހަރެން އެދިއެދި ހުރި އެތައް ފުރުސަތުތަކެއް ލިބެން ފެށިއެވެ. ފޯނު ލިބުނެވެ. އަތަށް ފައިސާ ލިބުނެވެ. އަހަރެން އެދިއްޖެނަމަ، ބޭރަށް ފޮނުވައެވެ. އެކަމަކު މަންމަ ރުހޭ މީހަކާއި އެކުގައެވެ. އެ ހުރިހާ ކަމަކަށް ފަހުގައިވެސް އަހަންނަކަށް އުފަލެއް ނުލިބުނެވެ. ހިތް އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

ކޮލެޖުން ލިބުނު ކުރު ޗުއްޓީގައި އަހަންނަށް އުޅެން ޖެހުނީ ކައިވެނީގެ ތައްޔާރީތައް ވުމުގައެވެ. ކައިވެނީގެ ހެދުން ހެޔޮވަރުކުރުމާއި، ކުލަ ކަނޑައެޅުމުގެ ކަންކަމުގައެވެ. އެ ހުރިހާ ކަމެއް އަހަރެން ކުރީ ހިތާއި ދެކޮޅަށެވެ. ކަންވެ ނިމޭނީ ކޮން ގޮތަކަށް ކަމެއް އަހަންނަކަށް ނޭނގެއެވެ. ފަހު ވަގުތު ކައިވެންޏަށް ދެކޮޅު ހެދުމުން، ދެން ނުކުންނާނެ ނަތީޖާ ވަރަށް ގޯސްވާނެކަން އެނގޭތީ އެކަމާއިވެސް ފިކުރު ކުރެވޭވަރުން އަހަންނަށް ރަނގަޅަށް ނުވެސް ނިދެއެވެ. ހަދާނޭގޮތެއް ނޭނގިފައި ހުއްޓާ، ހުރިހާ ކަމެއް މަޑުމަޑުން ނިމެމުން ދިޔައެވެ. ޔާނިޝް ބުނިހެން މަންމަމެންގެ ނިންމުމާއި ދެކޮޅު ހެދުމުގެ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. ޔާނިޝްވެސް ފެންނަނީ ހިމޭންކޮށެވެ. އެންމެންގެ ތެރޭގައި އުޅޭއިރު، މާ ގިނަ ވާހަކައެއް ނުދައްކައެވެ. އެކަމަކު އަހަރެންގެ ކޮންމެ ކަމެއްގައި އެހީތެރިވެދީ ހަދައެވެ. އަހަރެން ހީކުރީ، އަހަރެން ފާޅުގައި ކައިވެންޏަށް ދެކޮޅު ހެދުމުން، ޔާނިޝްގެ ގޯނާތައް ކުރިމަތިވާނޭ ކަމަށެވެ. އެކަމަކު، ކަމެއް ދިމާވެއްޖެނަމަ، މަންމަމެންގެ ކުރިމަތީގައި އަހަރެން ދިފާއުކޮށްދެނީވެސް ޔާނިޝްއެވެ. އަހަރެން ނިންމީ އެއީ ދެއްކުންތެރިކަން ކަމުގައެވެ.

ކުރު ޗުއްޓީ ނިންމައި، ކިޔެވުން ފެށުނެވެ. އަހަރެންގެ އަތުގައި ފޯނު އޮތްތަން ފެނި، ޖީނާ ވަގުތުން ނަންބަރު ހޯދިއެވެ.

"ކޮލެޖް ގްރޫޕަށް ރުއާގެ ނަންބަރު އެޑްކޮށްލިޔަސް އޯކޭތަ؟..." ޖީނާ ސުވާލުކުރުމުން އަހަރެން ބޯ ޖަހައިލީމެވެ.

"ރުއާގެ ނަންބަރު ހޯދަން ކުއްޖަކު ހުރި މަސައްކަތްފަށެއް ކޮށްލާފަ..." ޖީނާ ބުންޏެވެ.

"ކާކު؟..." އަހަރެންގެ ހިތް ތެޅިގަތެވެ.

"ކާކުހެން ހީވަނީ؟..." ޖީނާ އެއްލޯ މަރައިލިއެވެ.

"ނޭނގެ..." އަހަރެން އިނީ ހިތް އަވަސްވާގޮތް ވެފައެވެ. އެމީހަކީ މިރާންއަށް ވެދާނެއޭ ހިތް ބުނުމުންނެވެ.

"އޭނަ ފެންނަ ޝަހުދުގަނޑު..." ޖީނާ ވަރަށް ހަމަޖެހިލާފައި ލޮލުން އިޝާރާތްކޮށްލިއެވެ.

އަހަރެން ވީ ފޫއްސަކުން ޝަހުދު އިން ދިމާއަށް ބަލައިވެސް ނުލަމެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް އަހަރެން ހީކުރީ ޖީނާ ދެއްކީ މިރާންގެ ވާހަކަ ކަމަށެވެ. ޝަހުދަކީ ވަރަށް ފަހުން ކިލާހާއި ގުޅުނު ކުއްޖެކެވެ. އޭނާ އަހަންނަށް ބަލާކަން އަހަންނަށް ކުރިންވެސް އޮތީ ފާހަގަވެފައެވެ. ފިރިހެނުން އެގޮތަށް އަހަންނަށް ބަލާކަށް އަހަރެން ބޭނުމެއް ނުވެއެވެ. ޝަހުދުދެކެ އަހަރެން ފޫހިވި މައިގަނޑު ސަބަބަކީވެސް އެއީއެވެ.

"ރުއާ އަތުގަ ފޯނު އޮތްތަން ފެނިގެން ދެންމެވެސް މިއޮތީ މެސެޖުކޮށްފަ..." ޖީނާ ދެފަރާތަށް ބޯ ހޫރައިލިއެވެ. "އޭނަ އަބަދު އިންނަނީ ރުއާއަށް ބަލަން ކަންނޭނގެ..."

"ދެން ޖީން ދިނީތަ؟..." އަހަރެން ހާސްވެފައި އަހައިލީމެވެ.

"ދޭނެތަ؟..." ޖީނާގެ މޫނުން ފެނުނީ ފޫހިކަމެވެ. "އަހަރެން ބުނިން އެކަން ހަނދާން ނައްތާލާށޭ... މޮޔައެއްނު އޭނައަށް ރުއާގެ ނަންބަރު ދޭނީ..."

އަހަންނަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ.

"ދެން އެކަމް ގުރޫޕަށް އެޑް ކުރީމަ އޭނައަށް ނަންބަރު ފެންނާނެ ދޯ..." ޖީނާ ދެން ބުނެލީ، އަހަންނަށް ކުރިން ވިސްނާ ނުލެވުނު ކަމެއްގެ ވާހަކައެވެ.

"ދެން ކިހިނެތް ހަދާނީ؟..." އަހަންނަށް ލިބުނު ހަމަޖެހުން ގެއްލުނެވެ.

"މާ އަވަހަށޭ ތި ހާސްވަނީ... ހާސްނުވެބަލަ... ރުއާއަށް އަޅާވެސްނުލާ ހުރެވިދާނެއެއްނު... މެސެޖުކޮށްކޮށް ފޫހިވެގެން ދުވަސްކޮޅަކުން އެކަން ހުއްޓާލަފާނެ..." ޖީނާ ޗޮކެއް ކަނޑައިލިއެވެ. "އަދި އިނގޭތަ، އަހަރެން ބުނީމޭ އޭނަޔާ ދިމާއަށް، ޝަހުދު ކަހަލަ މީހަކާ ދިމާއަށް ރުއާ ކަހަލަ ކުއްޖަކު ބަލާވެސް ނުލާނެއޭ... ބުނާއިރަކަށް އޭނަ ބުނީ ކީކޭކަން އެނގޭތަ؟... ރުއާ ލޯބިވަނީ މިރާންދެކެހޯ..."

އަހަރެން ދިޔައީ ސިއްސައިގެންނެވެ. ފޮތުގައި ކުރަހާލަ ކުރަހާލާ އިނދެފައި، ޖީނާ އާއި ދިމާއަށް ބަލައިލެވުނެވެ. މިރާންގެ ވާހަކަ ޝަހުދު ދެއްކީ ކީއްވެ ހެއްޔެވެ؟

"އަހަރެންވެސް ދިޔައީ ހަމަ ތިހެން ސިއްސައިގެން..." ޖީނާ ބުންޏެވެ. "އޭނަ ކުއްލިއަކަށް މިރާންގެ ވާހަކަ ބުނީމަ ސިހޭނެ ދޯ..."

"ދެން ކީކޭ ޖީން ބުނީ؟..." ހިތް އަވަސްވެފައިވާ ހާލު އަހަންނަށް އަހައިލެވުނެވެ.

"މަ ކީކޭތަ ބުނާނީ... ޔާނިޝް ސަރގެ ވާހަކަ ބުނަން ހިތަށް އަރާފަވެސް ނުކުރެނު ބުނާކަށް... ބޮޑު އަނގައެއް ވިއްޔަ އެއީ... ބުނާ ތަނުން މުޅި ކުލާހަށް ފަތުރާލަފާނެއެއްނު..." ޖީނާ ޖަހައިލީ ލުއި ހިނިގަނޑެކެވެ.

"އޭނަ ކީއްވެ މިރާންގެ ވާހަކަ ބުނީ؟..." އަހަރެން ދެންވެސް އެނގެން ބޭނުންވީ މިރާންގެ ވާހަކައެވެ.

"ކިހިނެތް އިނގޭނީ... މަ ބުނިން ވެދާނެއޭ މިރާންވެސް ރުއާދެކެ ލައިކްވަނީ ކަމަށް... ދެން ކޮބާހޭ މައްސަލައަކީ..." ޖީނާ ވާހަކަ ދެއްކީ ދޭތެރެއަކުން ޝަހުދަށް ބަލާލާފައި ލޯ އަޅައިލަމުންނެވެ.

"އޭނ؟..." ޖީނާ ދެއްކި ވާހަކަ ޔަގީންނުވެގެން އަހަންނަށް އަހައިލެވުނެވެ.

"ސާބަހޭ... އެއީ މަޖަލޭ..." ޖީނާ ހީގަތެވެ. "އޭނަ ހައްދަންވެގެން ބުނި އެއްޗެއް އެއީ... ކޮންމެ ގޮތަކުންވެސް ރުއާގެ ފަހަތުން އޭނަ ނެއްޓިއްޖެއްޔާ ރަނގަޅެއްނު..."

އަހަރެންގެ ހިތް މަރުވިއެވެ. މިރާން އަހަރެންދެކެ ލޯބިވެދާނެ ކަމަށް ހީކުރެވުން އެއީ އަހަރެންގެ މައްސަލައެވެ. އެކަން ދުވަހަކުވެސް ހަގީގަތަކަށް ނުވާނެ ކަމުގައި ހިތް ބުންޏެވެ.

ކިލާސް ވައިބާ ގުރޫޕަށް އަހަރެން ވެއްދުމާއިއެކު، އެ ގުރޫޕް ބަލައިލުމުގެ ޝައުގުވެރިކަން އުފެދުނެވެ. އަރިމަތިން ފެންނަން ހުރި ނަންބަރުތައް ބަލަން ފެށީ، މިރާންގެ ނަންބަރު ހޯދުމުގެ ބޭނުމުގައެވެ. މިރާން ލާފައި ވަނީ، އޭނާގެ ތަސްވީރެކެވެ. އެއީ އިރު އޮއްސެމުންދިޔަ ވަގުތު އަތިރިމަތީގައި ހުރެ، ނަގާފައިވާ ތަސްވީރެކެވެ. ފުރަގަސްދީގެން ހުރި ނަމަވެސް އެއީ މިރާންކަން އަހަންނަށް ކަށަވަރު ވިއެވެ. މިރާންގެ އެހާ ރީތި ތަސްވީރެއް ނަގައިދޭނީ ކާކުބާއޭ ހިތް ބުންޏެވެ. އަހަރެން ބޭނުންވީ، ފޮޓޯ ޒޫމްކޮށްގެން ހަމައެކަނި މިރާންއަށް ބަލާށެވެ. ވަށައިގެންވި މަންޒަރު އަހަންނަކަށް މުހިއްމެއް ނޫނެވެ. އެކަމަކު، ޖީނާ ކައިރީގައި އިނުމުން، ތަސްވީރު ހުޅުވައިގެން ބަލާކަށް ނުކެރުނެވެ.

ޔާނިޝް ކިޔަވައިދޭން އައީ އެހެން ދުވަސް ދުވަހަށްވުރެ ލަހުންނެވެ. އެތެރެއަށް ވަދެގެން އައިއިރު، މޫނުމަތިން ބަލިފާޑު ޖަހައެވެ. އަހަރެން ވަގުތުން އިސްޖަހައިލީމެވެ. ކިޔަވައިދޭން ފެށުމުން، އަހަރެން އިނީ ފޮތަށް ބަލަހައްޓައިގެންނެވެ. އެންމެ ފަހަރަކުވެސް އިސް އުފުލައެއް ނުލަމެވެ. އެހެން ދުވަސް ދުވަހާއި ހިލާފަށް ޔާނިޝް އަހަރެން ކައިރިއަށް ނާންނަކަން އަހަންނަށް ފާހަގަވިއެވެ.

"ސަރ.. ސަރ މެރީކުރަން އުޅޭ ވާހަކަ އަޑު އަހައިފިން..." އަންހެން ކުއްޖަކު ބުނެލި އަޑު އިވުނެވެ.

އަހަރެން ދިޔައީ ސިއްސައިގެންނެވެ. ހަބަރުތައްވެސް ފެތުރޭލެއް އަވަހެވެ. ފަހަތުން އަޑު އައި ދިމާއަށް ބަލައިލިއިރު، މިރާން އިނީ، އަހަރެންގެ ފަހަތުގައެވެ. ދާދި ކައިރީގައެވެ. އޭނާ އެތަނަށް އައީ ކޮން އިރަކު ހެއްޔެވެ؟ ދެމީހުންގެ ހަތަރުކަޅި ބައްދަލުވުމާއިއެކު، މުޅި މީހާ ގަނޑުވިއެވެ. މިރާންގެ މޫނުމަތިން ފެންނަމުންދިޔަ އަސަރުތައް ތަރުޖަމާ ކުރުމަކީ އަހަރެން ކަހަލަ އާދައިގެ އިންސާނަކަށް ވާނެކަމެއް ނޫނޭ ހިތް ބުންޏެވެ. ކަޅި ޖަހާލުމެއްނެތި އޭނާ އަބަދުވެސް އަހަންނަށް ބަލަނީ ކީއްވެބާއޭ ހިތަށް އެރިއެވެ.

އަހަރެން ސިހުނީ ޖީނާ އަހަރެންގެ ކޮނޑުގައި ޖެހިގަތުމުންނެވެ. ފާޑަކަށް ހިނިއައިސްފައި ޖީނާ ބުނެލި ވާހަކައަކުން އަހަރެންގެ ތަބީއަތު ހަރާބުވިއެވެ.

"ލަކީ ޔޫ... އަހަންނަށް ޔަގީން ޔާނިޝް ސަރ މެރީކުރާ ގާލްއަކީ ރުއާކަން... ސަރ ލިބޭނީ ނަސީބުވެރިއަކަށް..." ޖީނާ ދިމާކޮށްލިއެވެ. "އެންމެން ކައިރީ ހާދަ ބުނާހިތްވެޔޭ ނަސީބުވެރިޔަކީ އަހަރެން ކައިރީ މިއިން ރުއާއޭ... "

ރުޅި އައިސްގެން ގޮސް އެތެރެހަށި ކެކެމުން ދިޔައިރުވެސް އަހަރެން ކެތްކުރީމެވެ. ޔާނިޝް އާއި ކައިވެނިކުރަން ޖީނާ ބޭނުންވާނަމަ، އެކަން ކުރަން ޖީނާގެ ކައިރީގައި ބުނަން އެތައް ފަހަރަކު ހިތް ބުންޏެވެ.

"އަސްލުވެސް ރުއާތަ އެކުއްޖަކީ؟..." ޖީނާ ސުވާލުކުރީ ޔަގީންކޮށްލާފަދަ ގޮތަކަށެވެ.

ހުރިހާ ކުދިން އެއްފަހަރާ އަޑުގަދަކޮށްލިއެވެ. ޔާނިޝްގެ ބޯ ގޮއްވާލާވަރު ކުރިއެވެ. ކައިވެނި ކުރަނީ ކާކާތޯ އޮޅުންފިލުވަން އެކި ސުވާލުކުރިއެވެ.

"ކޮބާ އަޑުމަޑުކޮށްލަބަލަ... ތި މައުޟޫޢު އިހަށް ބާއްވާލަމާ ދޯ..." ޔާނިޝް މޭޒުގައި ދެތިން ފަހަރަކު ޖަހައިލިއެވެ. "ކުލާހުގަ ފިލާވަޅާ ބެހޭގޮތުން ޑިސްކަސް ކުރަމާ..."

ކިލާސް ނިމުނުގޮތަށް އަހަރެން ނުކުތީ ބޭރަށެވެ. ބައެއް ކުދިން ޔާނިޝް ވަށާލައިގެން އުޅޭތީ ފެނުނެވެ. އެއީ އަހަންނަށް ލިބުނު ރަނުގެ ފުރުސަތެކެވެ. ޔާނިޝްގެ ނަޒަރުން ސަލާމަތްވާން އަހަންނަށް ލިބޭނީ އެކަހަލަ މަދު ފުރުސަތެކޭ ހިތް ބުންޏެވެ. އަހަރެންގެ ފަހަތުން މިރާން ނުކުތް ކަން އެނގުނީ އޭނާ އަހަންނަށް ގޮވައިލުމުންނެވެ. އަހަރެން ފަސްއެނބުރި ބަލައިލިއިރު، ދާދި ގާތުގައި މިރާން ހުއްޓެވެ. އޭނާގެ އަތުގައި އޮތް އެއްޗެއް އަހަންނަށް ދިއްކޮށްލީ، ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ސިކުންތުކޮޅެއް ފާއިތުވެދިޔަ ފަހުންނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު