ޚާރިޖީ ތަރުތީބު ހިނގަން ޖެހޭނީ ގައުމުގެ ސަލާމަތްތެރިކަމަށް އެންމެ މަންފާ ބޮޑު ގޮތަށް: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ޚާރިޖީ ތަރުތީބު އަބަދުވެސް ހިނގަން ޖެހޭނީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އެންމެ މަންފާ ބޮޑު ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މިނިވަންދުވަހާއި ގުޅިގެން ގައުމާއި މުޚާތަބުކުރައްވާ މިއަދު ދެއްވި ޚިޠާބުގައި ރައީސް ވިދާޅުވީ މިނިވަންކަމަށްޓަކައި ޤައުމެއްގެ ދާޚިލީ، އަދި ޚާރިޖީ ސިޔާސަތުގެ ދައުރު ވަރަށް މުހިންމު ކަމަށާއި މި ސަރުކާރުގެ ކޮންމެ ސިޔާސަތަކީ ރާއްޖޭގެ މިނިވަންކަމާއި ތަރައްޤީއާއި ކުރިއެރުމަށް ލާބަހުރި އަދި ފަހި ސިޔާސަތެއް ކަމަށެވެ.

ދިވެހި ދައުލަތް އޭގެ ކީރިތިކަމާއި މޫރިތި ކަމާއެކު ހިނގަމުން އަންނަނީ އަބަދުމެ ފުރިހަމަ މިނިވަންކަމާއެކު ކަމަށާއި ރާއްޖޭގެ ޚާރިޖީ ތަރުތީބު އަބަދުވެސް ހިނގާންޖެހޭނީ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އެންމެ މަންފާ ބޮޑު ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

"ޤައުމެއްގެ ސިޔާދަތީ މިނިވަންކަމަކީ، ބައިނަލްއަޤްވާމީ ގޮތުން ދުނިޔޭގެ ޢާއިލާއާއެކު، ގުޅިގެން އުޅުމަށް ލިބޭ އެންމެ ބޮޑު ފަހިކަން. މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ، ދުނިޔެ ބަލައިގެންފައިވާ ތިލަފަތް ހަމަ، ހަރުދަނާ ސިޔާސަތެއް. ޤައުމުތަކާއެކު އޮންނަ ގުޅުންތައް، މިހާރު ބަދަހި. ބައިނަލްއަޤްވާމީ މަސްރަޙުގައި ރާއްޖެ އަދާކުރާ ދައުރު، މިކަންކަމަށް ހެކިވެދޭ،" ރައީސް ވިދާޅުވިއެވެ.

މިއަދު ރައީސް ދެއްވި މިނިވަން ދުވަހުގެ ޚިޠާބުގައި ދައުލަތުގެ އެންމެ އިސް ޒިންމާއަކީ ރާއްޖޭގެ އަމިއްލަ ވެރިކަމާއި މިނިވަންކަން ދަމަހައްޓައި އަދި ދިވެހި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުން ރެޔާ ދުވާލު ކެނޑިނޭޅި ކުރައްވަނީ އެ މަސައްކަތް ކަމަށާއި އެތެރެއާއި ބޭރުން ނުރައްކާކޮށްފާނެ ކޮންމެ ޙާލަތަކަށް އަބަދާ އަބަދު ހޭލާ ތިބެނީ ރާއްޖޭގެ ސިފައިންނާއި ފުލުހުން ކަމަށެވެ.

"އެބޭފުޅުންގެ މުޤައްދަސް ޤައުމީ ވާޖިބު އަދާކުރެއްވުމުގައި، ހިމަ ނަރެއްގެ ޖާގަ ދެއްވުމަށްވެސް، ތައްޔާރެއް ނޫން. އަދި އެންމެ އެސްފިޔައެއް ޖަހާލާނެހާ ވަގުތުކޮޅެއްވެސް ، އެބޭފުޅުން އިސްރާފެއް ނުކުރައްވާ. ނަތީޖާއަކީ އޭރުވެސް، މިހާރުވެސް، އަދި އިރާދަކުރެއްވިއްޔާ ތާއަބަދަށްވެސް، މިނިވަން ދިވެހިރާއްޖެ، މިނިވަންކަމުގައި ދެމިއޮތުން،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މުޖުތަމަޢުގެ ބައިބައިވުމާއި ދެބަސްވުމާއި ހަމަނުޖެހުމާއި ހައިޖާނަކީ ޤައުމެއްގެ މިނިވަންކަން ރަމްޒުކޮށްދޭ ކަމެއް ނޫންކަމުގައި ވިދާޅުވިއެވެ. އަދި ޢާއިލާތެރެއިން ފެށިގެން ދިރިއުޅޭ މާޙައުލާއި ރަށާއި އަތޮޅާއި މުޅި ޤައުމުގައިވެސް ހަމަޖެހުން އޮންނަންޖެހޭނެ ކަމަށާއި އެއްވެސް ބަޔަކު ބާކީނުވާނެ ހުރިހާ ގޮތެއް ބަލައިގެން މެނުވީ ޒުވާބުން އަރައެއްނުގަނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ހަމަޖެހުން އޮންނަން ޖެހޭނެ ކަމަށާއި އެއީ އަޑުއެހުމާއި މަޝްވަރާއާއި އިޙްތިރާމުން މެނުވީ ގެނެވޭނެ އެއްޗެއް ނޫން ކަމާއި އަމިއްލަ ދިރިއުޅުމައިގެން ކުރާނެ ފިކުރާއި ހިނގާނެ މަގު ރައްޔިތުންނަށް އޮންނަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލް އެކީ އެއްމާރަކުން ބަނދެވިގެންވާ ޙަޤީޤީ ސިއްރަކީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި އެ ދީނުގެ ރިސާލަތާއި ހިދާޔަތުން ދިވެހި އުއްމަތް އެކުއެކީ، އަލިވެ އުޖާލާވެގެން ދިޔުމަކީ ދެ ދުނިޔޭގައިވެސް، ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ނަޞީބާއި ރަޙްމަތް. ކަމަށެވެ.

"ދިވެހިރާއްޖެ - ރާއްޖޭގެ ގޮތުގައި ފުރާފުރިހަމަވި ސަބަބަކީ މުސްލިމް ދިވެހި ރައްޔިތުން. ދުނިޔޭގެ އަރި-ހުރަހަށް ހިނގާ ތަފާތު ފިކުރީ އޮއިވަރުން ނެއްޓި، މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުން އަބަދުވެސް އަޅުގަނޑުމެންނަށް ލާޒިމް. އެކަމަށްޓަކައި އެންމެ ފުރަތަމަ ރައްކާތެރިވެ ޙިމާޔަތްކުރަން ޖެހެނީ، އަޅުގަނޑުމެންގެ އީމާނާއި ޢަޤީދާ. މާތްވެގެންވާ އިސްލާމްދީން،" ރައީސް ވިދާޅުވިއެވެ.

ޤައުމެއްގެ މިނިވަންކަމަކީ އެ ޤައުމެއް ދިރިދެމިއޮތުމުގެ އެންމެ މުހިއްމު ރުކުން ކަމަށާއި އެންމެން އެކުގައި އެއްބައިވަންތަވެ އެކަތިގަނޑަކަށް ވެގެންމެނުވީ މިނިވަންކަން ލިބުނު ޤައުމެއް އަދި ޖަމާޢަތެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިނިވަންކަމުގެ މަތީގައި ދެމިތިބުމަށްޓަކައިވެސް އެނޫން އެހެން ގޮތެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިނިވަން ދުވަހުގެ ޚިޠާބު ނިންމަވާލައްވަމުން ރައީސް ވަނީ ރާއްޖެއަކީ މިނިވަން މުސްތަޤިއްލު އިސްލާމީ ދައުލަތެއްގެ ގޮތުގައި އަބަދުމެ ދެމެހެއްޓެވުމަށާއި ރާޢްޖެ މިނިވަންކަންމަތީ ތާއަބަދުމެ ލަހެއްޓެވުމަށް އެދި މާތްﷲ އަށް ދުޢާ ދަންނަވާފައެވެ.

comment ކޮމެންޓް