އަމާޒަކީ ތެލުގެ ސަބްސިޑީ އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ލިބޭނެގޮތަށް ހެދުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު --- ފޮޓޯ/ ރައީސް އޮފީސް

އަމާޒަކީ ސަރުކާރުން ދޭ ތެލުގެ ސަބްސިޑީ، އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ލިބޭނެގޮތް ހެދުން ކަމަށާއި އެގޮތަށް ސަބްސިޑީގެ ސިޔާސަތު ބަދަލުކުރުން މުހިއްމު ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

މިނިވަންދުވަހާއި ގުޅިގެން ގައުމާއި މުޚާތަބުކުރައްވާ މިއަދު ދެއްވި ޚިޠާބުގައި ރައީސް ވިދާޅުވީ ރަޝިއާ-ޔޫކްރޭން ހަނގުރާމައާ ގުޅިގެން، މުޅި ދުނިޔޭގެ އިޤްތިޞާދަށް ދަނީ ލޮޅުން އަރަމުން ކަމަށާއި އެ ހަނގުރާމައިގެ ސަބަބުން ހުރިހާ ޤައުމަކަށް އޮތް ގޮންޖެހުންތައް، ރާއްޖެއަށްވެސް ކުރިމަތިވެއްޖެ ކަމަށެވެ.

"ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގާއި، މުދަލުގެ އަގު، އިންތިހާއަށް އުފުލިއްޖެ. ނަމަވެސް، އޭގެ އަސަރު އެހެން ބައެއް ޤައުމުތަކުގެ ރައްޔިތުންނަށް ކުރާވަރާ ގާތަށްވެސް އަދި ދިވެހިންނަކަށް ނުކުރޭ. ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ބޮޑުވިވަރާ ކައިރިއަށްވެސް، ރާއްޖޭގައި ތެލުގެ އަގަށް ބަދަލެއް ނުގެންނަން. ސަބަބަކީ ، އޭގެ ހަޤީޤީ ބުރަ ސަރުކާރުން އުފުލަމުންދާތީ،" ރައީސްގެ ޚިޠާބުގައި ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދުގެ ހަމަ ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުން ކޮންމެހެން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ލިބިދެވޭ ޚިދުމަތްތަކަށް އަރާ ބުރުލާއި އަންނަ ގުޑުން ކުޑަކުރުމަށް މަސައްކަތް ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި ސަރުކާރުން އަންނަނީ އެ މަސައްކަތް ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުގެ ޚަރަދުކުޑަކުރުމަށް ކުރަން ޖެހޭ މަަސައްކަތްކޮށް އަދި ސަރުކާރުގެ އާމްދަނީ އިތުރުކުރުމަށް ސިޔާސަތުތަކަށް ބަދަލު އެބަ ގެންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިގުލަމުންދާ ރަޝީޔާ-ޔޫކްރެއިން ހަނގުރާމައިން އަތުވެދާނެ ހުރިހާ ޙާލަތަކަށް ވިސްނާ ތިބުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި މިއީ އެ ޙާލަތާ ގުޅޭގޮތަށް އިޤްތިޞާދީ ސިޔާސަތަށް ބަދަލު ގެންނަން ޖެހޭ ވަގުތު ކަމަށެވެ.

އެގޮތުން ސަރުކާރުން ދޭ ތެލުގެ ސަބްސިޑީ، އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ލިބޭނެގޮތަށް ސަބްސިޑީގެ ސިޔާސަތު ބަދަލުކުރުން މުހިއްމު ކަމުގައި ދެކިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

"މި ބަދަލު ތަފްޞީލުކޮށް، ތަންޒީމުކޮށް، ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުން ފެށި ވާހަކަ ދަންނަވަން. މިއީ ދުޅަހެޔޮ އިޤްތިޞާދީ އޮމާން ދުވެލީގެ، ދެމެހެއްޓެނިވި މަގަށް ރާއްޖެ ވާޞިލުވުމަށް، މިވަގުތު ކޮންމެހެން އުފުލަންޖެހޭ ބުރައެއް،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ އެންމެ ބޮޑު ޒިންމާއަކީ އެހިނދަކު ދުނިޔެއަށް ކުރިމަތިވާ ކޮންމެ ކޮޅިގަނޑަކުން ސަލާމަތްވެ، ރައްޔިތުންނައިގެން އަމާން ބަނދަރަކަށް ވަދެވޭނެ މިޞްރާބަށް ދީލައިލުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންނަށް ސަރުކާރުން ވީ ވަޢުދުތައް ފުއްދަމުން، މާ އުފާފާގަތި މާދަމާއެއް ހޯދުމަށް، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް