ހުޅުމާލޭ ހޮސްޕިޓަލުގެ ލިފްޓު ތެރޭގައި މީހަކު ވިހެއި މައްސަލަ ބަލަނީ

ހުޅުމާލެ ހޮސްޕިޓަލް ---

މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ހޮސްޕިޓަލުގެ ލިފްޓު ތެރެއަށް މާބަނޑު އަންހެނަކު ވިހެއި މައްސަލަ ބަލަމުންދާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލްގެ ކޮލިޓީ އެޝުއަރެސް ޑިޕާޓްމެންޓުން އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.

"އަދި އެކަން ހިނގާފައިވާ ގޮތް ރަނގަޅަށް ބެލުމަށްފަހު ބަލި މީހުންނަށް ދެވޭ ޚިދުމަތްތަކަކީ އެންމެ ހަރުދަނާ ޚިދުމަތްތަކަށް ހެދުމަށްޓަކައި މި ހޮސްޕިޓަލުގެ ޕޭޝަންޓް ކެއާ ރަނގަޅު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި މި ހޮސްޕިޓަލުން ފަސްނުޖެހޭނެ ވާހަކަ ދެންނެވީމެވެ،" އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ހުޅުމާލޭ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގެ އަމާޒަކީ އަބަދުވެސް ބަލި މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީ، އެ ހޮސްޕިޓަލުން ދޭ ޚިދުމަތްތަކަކީ ރައްޔިތުން ބަލައިގަންނަ ފަދަ ފުރިހަމަ ޚިދުމަތްތަކަށް ހެދުން ކަމަށެވެ.

މި މަހުގެ 16 ވަނަ ދުވަހުގެ ރޭ އެ މީހާ އޭނާގެ ދަރިފުޅު ހުޅުމާލޭ ހޮސްޕިޓަލުގެ ލިފްޓަށް ވިހެއި އިރު ކުއްޖާ އޮތީ މަރުވެފައެވެ. އެ ހާދިސާ ހިނގައި ދިޔަ ގޮތާ ބެހޭ އިތުރު ތަފްސީލެއް ހޮސްޕިޓަލުން ހާމަނުކުރެއެވެ.

comment ކޮމެންޓް