ސްޓެލްކޯ އިން ވިލިމާލޭގައި އާ ހައުސިން ޕްރޮޖެކްޓެއް ފަށަން އިއުލާނުކުރުމުން މެމްބަރު އުޝާމްގެ ކަންބޮޑުވުން

ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް --- ފޮޓޯ/ މަޖިލިސް

ސްޓެލްކޯއިން ވިލިމާލޭގައި އާ ހައުސިން މަޝްރޫއެއް ވަރަށް އަވަހަށް ފެށާނެ ކަމަށް އިއުލާނުކޮށްފައިވާތީ، އެކަމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ސްޓެލްކޯގެ ބޯޑުގެ އާ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު ބްރިގޭޑިއާ ޖެނަރަލް އިބްރާހިމް މުހައްމަދު ދީދީ (ޑީޑީ) އެ ކުންފުނީގެ މުވައްޒަފުންނަށް ތައާރަފު ކުރުމަށް ރޭ ބޭއްވި ބައްދަލުވުމެއްގައި އެކުންފުނީގެ މެނީޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވަނީ ވިލިމާލޭގައި އާ ހައުސިން މަޝްރޫއެއް ވަރަށް އަވަހަށް ފަށާނެ ކަމަށް އިއުލާނުކުރައްވާފައެވެ.

ޝަރީފް ވަނީ އެ މަޝްރޫއު ފެށުމަށް މިހާރު ސްޓެލްކޯ ބޯޑުގެ ރުހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ އުޝާމް ކުރެއްވި ޓުވީޓެއްގައި ވަނީ ވިލިމާލެއަކީ ބިންކުޑަ އަދި ބޯހިޔާވަހިކަމުގެ މައްސަލަ އިންތިހާއަށް އޮތް ރަށެއް ކަމަށެވެ. އެއްވެސް ކަމެއް އިތުރަށް ކުރުމުގެ ކުރިން އެކަމަށް ހައްލު ހޯދައިދޭން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ވިލިމާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދާނުދީ ސަރުކާރު ކުންފުނިތަކުގެ މިފަދަ މަޝްރޫއުތަކަށް ވިލިމާލޭގެ ބިންދިނުމަށް ވިލިމާލޭގެ ރައްޔިތުން ތާއީދުނުކުރާނެ،" އޭނާގެ ޓުވީޓުގައިވެއެވެ.

އުޝާމް އެގޮތަށް ޓުވީޓު ކުރެއްވިއިރު، ޝަރީފް ރޭ ވިދާޅުވީ ސަރުކާރުން މާލެ އާއި ވިލިމާލެ ގުޅައިލުމަށް އަޅާ ބްރިޖާއެެކު ދަތުރުފަތުރުކުރުމަށް މާބޮޑު ހުރަސްތަކެއް ނޯންނާނެ ކަމަށެވެ. އަދި ވިލިމާލެއަކީ ދިރިއުޅުމަށް ވެސް ހިތްގައިމު މާހައުލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސްޓެލްކޯގެ މުއައްޒިފުންނަށް އެ ކުންފުނީގެ އާ ޗެއާމަން ތައާރަފް ކުރުމަށް ބޭއްވި އެ ބައްދަލުވުމުގައި ޝަރީފް ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު އިމާރާތްކޮށްފައިވާ ސްޓެލްކޯގެ ފްލެޓުތައް ލިބިފައިވާ މުވައްޒަފުންނަށް އަންނަ މަހުގެ ހަވަނަ ދުވަހު އެ ފުލެޓުތައް ޔަގީންކަމާއެކު ހަވާލުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

ސްޓެލްކޯގެ ފުލެޓުތައް ހުންނަނީ ދެ ޓަވަރަކަށް ބަހާފައެވެ. އެ ދެ ޓަވަރުގައި އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓު ހިމެނެއެވެ.

އެ ފުލެޓުތަކުގެ އެއް ކޮޓަރީގެ އެޕާޓުމެންޓުތަކުގެ އަގު އުޅެނީ 5،622 ރުފިޔާއަށް ކަމަށް ވާއިރު، މެއިޑް ރޫމް ހިމެނޭ ތިން ކޮޓަރީގެ އެޕާޓުމެންޓުތަކުގެ އަގު އުޅެނީ 10،356ރުފިޔާ އާއި 10،652ރުފިޔާ އާ ދެމެދުގެ އަގެއްގައެވެ.

comment ކޮމެންޓް