ސްޓެލްކޯއިން އާ ހައުސިން ޕްރޮޖެކްޓެއް ވިލިމާލޭގައި ފަށަނީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު --- ފޮޓޯ/ ސްޓެލްކޯ

ސްޓެލްކޯއިން ވިލިމާލޭގައި ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް ވަރަށް އަވަހަށް ފަށާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯ ބޯޑުގެ އާ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު ބްރިގޭޑިއާ ޖެނަރަލް އިބްރާހިމް މުހައްމަދު ދީދީ (ޑީޑީ) އެ ކުންފުނީގެ މުވައްޒަފުންނަށް ތައާރަފު ކުރުމަށް ރޭ ބޭއްވި ބައްދަލުވުމެއްގައި ޝަރީފް ވަނީ އެކަން އިއުލާނު ކުރައްވާފައެވެ.

އެ މަޝްރޫއާ ބެހޭގޮތުން މާބޮޑު ތަފްސީލެއް ހާމަނުކުރެއްވި ނަމަވެސް ޝަރީފް ވިދާޅުވީ ސްޓެލްކޯއިން އަބަދުވެސް މުވައްޒަފުންނަށް ބަލާނެ ކަމަށެވެ. އެގޮތުން މުވައްޒަފުން ހިތްހަމަޖެހޭ މާހައުލެއް ގާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިރެއަކީ ވަރަށް ވެސް އުފާވެރި ރެޔެއް. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ އަދި އެހެން އުފާވެރި ވާހަކައަކާ އެކު. އެއީ ވަރަށް އަވަހަށް އާ ހައުސިން ޕްރޮޖެކްޓެއް އަޅުގަނޑުމެން ކުރިއަށް ގެންދާނެ ވާހަކަ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސަރުކާރުން މާލެ އާއި ވިލިމާލެ ގުޅައިލުމަށް އަޅާ ބްރިޖާއެެކު ދަތުރުފަތުރުކުރުމަށް މާބޮޑު ހުރަސްތަކެއް ނޯންނާނެ ކަމަށެވެ. އަދި ވިލިމާލެއަކީ ދިރިއުޅުމަށް ވެސް ހިތްގައިމު މާހައުލެއް ކަމަށާއި މިހާރު ކުރިއަށް ދަނީ އެ ހައުސިން ޕްރޮޖެކްޓަށް ސްޓެލްކޯގެ ބޯޑުގެ ހުއްދަ ހޯދުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

ރޭގެ ބައްދަލުވުމުގައި ޝަރީފް ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު އިމާރާތްކޮށްފައިވާ ސްޓެލްކޯގެ ފްލެޓުތައް ލިބިފައިވާ މުވައްޒަފުންނަށް އަންނަ މަހުގެ ހަވަނަ ދުވަހު އެ ފުލެޓުތައް ޔަގީންކަމާއެކު ހަވާލުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

ސްޓެލްކޯގެ ފުލެޓުތައް ހުންނަނީ ދެ ޓަވަރަކަށް ބަހާފައެވެ. އެ ދެ ޓަވަރުގައި އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓު ހިމެނެއެވެ.

އެ ފުލެޓުތަކުގެ އެއް ކޮޓަރީގެ އެޕާޓުމެންޓުތަކުގެ އަގު އުޅެނީ 5،622 ރުފިޔާއަށް ކަމަށް ވާއިރު، މެއިޑް ރޫމް ހިމެނޭ ތިން ކޮޓަރީގެ އެޕާޓުމެންޓުތަކުގެ އަގު އުޅެނީ 10،356ރުފިޔާ އާއި 10،652ރުފިޔާ އާ ދެމެދުގެ އަގެއްގައެވެ.

comment ކޮމެންޓް