ސެޕްޓެމްބަރު މަހު އޮލިމްޕަސް ހުޅުވުމަށް މަސައްކަތް ކުރަނީ

އޮލިމްޕަސް---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޮލިމްޕަސް މަރާމާތުކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ނިމި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ޒަމާނީ ވަސީލަތްތަކާއެކު އޮލިމްޕަހުގެ ޚިދުމަތް ދޭން ފެށުމަށް މަސައްކަތް ކުރާކަމަށް ނެޝެނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)އިން ބުނެފިއެވެ.

އެންސީއޭއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އޮލިމްޕަހުގެ ހުޅަނގު ފަރާތުގައި ކުރިން ބޭނުންކުރި އޭޓީއެމް ހުރިބައި އޮލިމްޕަހުގެ ކެންޓީނެއްގެ ގޮތުގައި ބޭނުން ކުރުމަށް އެތެރޭގެ ފާރުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ފަހު ކެންޓީންގެ ފާރުތައް ޕުޓީކުރުމާއި ސީލިން ކުރުމުގެ މަސައްކަތް ވަނީ ބަޔަކު ހޯދައި ހަވާލުކޮށްފައެވެ.

އޮލިމްޕަސް ހޯލުގެ ސަވައިލަންސް ކޮންޓްރޯލާއި މެނޭޖްމަންޓު ރޫމްގެ މަސައްކަތް މިހާރު ނިމިފައިވާއިރު އޮލިމްޕަހުގައި ބޭނުންކުރުމަށް ބޭނުންވާ ޕްރޮޖެކްޓަރާއި ހޯލުގެ ސަރައުންޑް ސައުންޑް އިންސްޓޯލް ކުރުމަށް ސިންގަލްސޯސް ބިޑެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ބަޔަކު ހޯދައި 18 އޭޕްރީލުގައި އެފަރާތުން ހުށަހެޅި ޕްރޮޕޯޒަލްއާ ގުޅިގެން ގާނޫނާއި ގަވާއިދުގެ ތެރެއިން ބިޑް ކޮމިޓީން ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެންސީއޭއިން ބުންޏެވެ.

މީގެ އިތުރުން، ފިލްމު ސްކްރީން ކުރުމަށް ބޭނުންވާ ސްކްރީން ހޯދުމަށް ތިން ފަހަރަށް އިއުލާން ކުރުމުންވެސް ހުށަހަޅާފައިވާ އަގުތައް އެކަށީގެންވާ ވަރަށް ވުރެ ބޮޑުވާތީ ސިންގަލް ސޯސްކޮށް ސްކްރީން ހޯދުމަށް ބަޔަކަށް ހުށަހަޅައި، އެފަރާތުގެ ޕްރޮޕޯޒަލް މިމަހުގެ ހަތެއްގައި ލިބިފައިވާ ކަމަށާއި އެ ޕްރޮޕޯޒަލް އިވެލުއޭޓް ކުރުމުގެ މަސައްކަތް ވެސް ބިޑް ކޮމިޓީން މިހާރު ކުރަމުންދާ ކަމަށް އެންސީއޭއިން ބުންޏެވެ.

އެ ސެންޓަރުން ބުނީ އޮލިމްޕަހުގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށްގެން ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ތަކެތި ގެނައުން ލަސްވެ، ބައެއް ފަރާތްތަކަށް މަސައްކަތް ނުކުރެވިފައިވަނީ، ކޮވިޑް19 އާއި ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ކަމަށެެވެ. އެގޮތުން އޭގެ ސަބަބުން މުދާ އުފުލާ ބޯޓުފަހަރުގެ ދަތުރުފަތުރަށާއި، ތެލުގެ އަގަށް އައި ބަދަލުތަކުންނާއި ތަކެތީގެ އަގު އުފުލި، މަޝްރޫއުގެ ބަޖެޓުގެ ތެރެއިން ގެނެވޭވަރަށްވުރެ ތަކެތީގެ އަގު ބޮޑުވުމާ ގުޅިގެން ދަތިތަކާ ކުރިމަތިވި ކަމަށް އެ ބަޔާނުގައިވެއެވެ.

އޮލިމްޕަސް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަން ހަމަޖައްސާފައިވަނީ ދިވެހި ސަރުކާރާ އިންޑިއާ ސަރުކާރާއި ދެމެދު ވެވުނު "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ދިން އެހީގައެވެ.

އެ އެހީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއި ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހުގައެވެ.

އޮލިމްޕަހަށް 61 އަހަރު ފުރިފައިވާއިރު، އެތަނުގައި ފިލްމު އަޅުވައިގެން އެންމެ ފުރަތަމަ ދައްކަން ފެށީ 1957 ވަނަ އަހަރެވެ.

comment ކޮމެންޓް