ވަކި ނުވެ މިހިތާ--

"ހިނގާ ކޮފީއެއް ބޯން ޓެރެސްއަށް..." މާކިން ބުނެލިއެވެ.

ގޭގައި ގެންގުޅޭ ނޯކަރު ކުއްޖަކަށް ގޮވައިލުމަށްފަހު، ކޮފީ ޓެރެސްއަށް ގެނެސްދިނުމަށް ބުނުމަށްފަހު، މާކިން އޭނާއާއެކު އައުމަށް ނާޒިލްއަށް އިޝާރާތްކޮށްލިއެވެ. ދެމީހުން އެކުގައި ޓެރެސްއަށް އެރުމަށްފަހު، އެތަނުގައި ހުރި ކޮފީ މޭޒުދޮށުގައި އިށީނެވެ.

"ހޫން، ދެން ކަލޭ ދައްކަން އުޅޭ ވާހަކައެއް ދައްކަބަލަ!" ނާޒިލް މާކިންއަށް ބަލައިލިއެވެ.

"މަބުނީ އެކަންތައް ވެއްޖެޔޭ..." މާކިން ވާހަކަ ފެށީ ދުރުދުރުންނެވެ.

"ކޮންކަމެއް؟" ނާޒިލް ސުވާލުކޮށްލިއެވެ. މާކިންގެ މޫނުމަތިން ފެނުނީ އުފާވެރި އަސަރުތަކެކެވެ.

"އެކަންތަކޭ ބުނެފީމެއްނު. ގެޓެއް ނުވި؟" މާކިން އަނެއްކާވެސް ބުނެލިއެވެ.

"ތިބުނީ... އެކަންތައް... ނައިރާގެ ކަންތައް؟" ނާޒިލްއަށް، ހައިރާންކަމާއެކު ބުނެވުނެވެ.

"އާނ..." މާކިން ބުނެލިއެވެ.

"ކަލޭ ކޮން އިރަކު އެކަންތައް ކުރީ. ވަގުކަން ބަލާބަލަ! އަންގާވެސް ނުލައޭ މީނަ." ނާޒިލް މާކިންއަށް ބަލައިލިއެވެ.

"ދެން އިންނަން ވީއެއް ނޫނޭ ފާޑަކަށް ހެވިފަ. ކިޔައިދޭންވީ..." މާކިންއަށް ބަލައިލުމަށްފަހު، އަނެއްކާވެސް ނާޒިލް ބުނެލީ މާކިން އެއްޗެއް ނުބުނެ އިންނަން ފެށުމުންނެވެ. އިތުރު އެއްޗެއް މާކިންއަށް ނުބުނެވި އުޅެނިކޮށް ކޮފީ ހިފައިގެން އައިސް އެ ކުއްޖާ މައްޗަށް އެރިއެވެ. ކޮފީ ބަހައްޓާފައި ދިޔުމުން މާކިން ނާޒިލްއަށް ބަލައިލުމަށްފަހު، ވީ ގޮތް ކިޔަދިނެވެ.

"މަށަށް އޭރުވެސް ހީވިިއޭ ނައިރާވެސް ކަލޭ ދެކެ ލައިކްވާހެން. އަސްލު އެހެންވެ މަ އެވަރަށް ކީވެސް." ނާޒިލް ބުނެލިއެވެ.

"ދެން ކިޔާ ތިހެން..." މާކިން ކޮފީ ތަށި ތުމުގައި ޖެހިއެވެ. ދެމީހުން އެކުގައި ކޮފީ ބޮއި ނިންމައިލީ އެކި އެކި ވާހަކައިގައި ތިބެއެވެ. މިޝްޔާގެ ވާހަކަވެސް އެމީހުން ދެއްކިއެވެ. ނާޒިލް ބުނީ މާކިން ހާސްނުވުމަށެވެ. އޭނާ މިޝްޔާގެ ބޭސް ފަށާނެ ވާހަކައެވެ. މާކިންގެ ސަޕޯޓް މިޝްޔާއަށް ވަަރަށް ބޭނުންވާނެކަމުގައި ނާޒިލް ބުނެލިއެވެ.

"އަހަރެން މިޝޫއަށް ބަލާނަން. ނާޒިލް ބުނި ކޮންމެ ކަމެއް ކުރާނަން. މިޝޫ ޑްރަގް ބޭނުންކުރިޔަސް އެއީ ގޯސް ކުއްޖެއް ނޫން..." މާކިން ބުނެލިއެވެ.

"އަހަންނަށް އެނގޭ..." ނާޒިލްގެ ހަނދާނަށް އަންނަން ފެށީ އޭނާއަށް މިޝްޔާގެ ދެލޮލުން ފެނުނު ހުސްކަމެކެވެ. އެ ދެލޮލުގައި ވީ ފުން އަސަރުތަކެވެ. ބަރުދާސްތުކުރަން އުނދަގޫވާފަދަ ހިތާމަތަކެއް ހިފައްޓައިގެން އުޅޭހެން ނާޒިލްއަށް ހީވިއެވެ. އޭނާއަށް މިޝްޔާގެ އެ ކަޅުކަން ގަދަ ދެލޯ ސިފަވުމާއެކު މެއަށް ކޮންމެވެސް ވަރަކަށް ފިނިވެލިއެވެ. މިޝްޔާގެ އެ ދެލޯ އެހީއަށް އެދި އާދޭސްކުރާ ފަދައެވެ. މަދަދަށް އެދި ހަޅޭއްލަވާ ފަދައެވެ.

*****

ކޮޓަރިއަށް ވަނުމަށްފަހު މިޝްޔާ ބަންޑުން އެދުމައްޗަށް ވެއްޓިގަތެވެ. އެއަށްފަހު އޭނާ ބާރަށް ރޮއިގަތެވެ. ނަފްސުވެސް ހީވަނީ ރޫޅިގެން ހިނގައިދާނެހެންނެވެ. ހިތުގައި ފޮރުވާފައިވާ ސިއްރުތަކުގެ ސަބަބުން އޭނާގެ ނަފްސަށް ވެސް ލޮޅުން އަންނަމުން ދިޔައެވެ. އެހެންނަމަވެސް އެކަން އިޙްސާސްވާނީ ކާކަށް ހެއްޔެވެ؟. އެހިތުގެ ރިހުން އޭނާ އަޑު އިއްވައިދޭނީ ކާކަށް ހެއްޔެވެ؟. އެ ކަރުނަތަކުން ބުނެދޭން މަސައްކަތްކުރާ ވާހަކަތައް އޭނާ އެހެން މީހަކަށް ފަހުމްކޮށްދޭނީ ކިހިނަކުންހެއްޔެވެ؟. އެއީ ކިޔައިދޭން ފަސޭހަ ވާހަކަ ތަކެއް ނޫނެވެ. ބުނެދޭން އުނދަގޫ ވާހަކަތަކެކެވެ. ހިތްދަތި އިޙްސާސްތަކެކެވެ. މޭގައި އަތް އަޅާލައިގެން ދުނިޔެއަށް ހިތާމަތައް ފޮރުވައިލިނަމަވެސް، އެހިތް ބަލިކައްޓެވެ. އަބަދާ އަބަދު ގިސްލައެވެ. އެހެން މީހެއްގެ އެހީތެރިކަމަށް އެދި ސަލާންޖަހައެވެ. އެހެންނަމަވެސް، އެކަން އިޙްސާސްވާނީ ކާކަށް ހެއްޔެވެ؟. ދިރިއުޅުން މަތިން އޭނާ ވަނީ ފޫހިވެފައެވެ. އަމިއްލަ ނަފްސު ދެކެ ނަފްރަތުކުރެވެއެވެ. އޭނާއަށް ދިރިއުޅުން ބޮޑު އަޒާބަކަށް ވެއްޖެއެވެ. ދިރިހުރުމަކީ ކުރަން އުނދަގޫކަމަކަށް ވެއްޖެއެވެ. އެހެންނަމަވެސް އެހެން މީހަކަށް އެ އިޙްސާސްތައް ކިޔައިދޭނީ ކިހިނެއްހެއްޔެވެ؟. އޭނާއަށް އޮތް ހަމަ އެކަނި ގޮތަކީ އަމިއްލަ ޙާލަތަށް ޝަކުވާކޮށްލަ ކޮށްލާ ހުރުން ހެއްޔެވެ؟.

މިޝްޔާއަށް ޝަކުވާތައް ބޭރުކުރެވެމުން ދިޔައީ ކަރުނައިގެ ސިފައިގައެވެ. އެނދުމަތި މިޝްޔާގެ ކަރުނައިން ފޯވަމުން ދިޔަނަމަވެސް، އެކަމަކަށް ފަރުވާލެއްނެތެވެ. ބޭނުންވަނީ އެހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ހޯދައިދޭށެވެ. ނާޒިލް ދެއްކި ވާހަކަތަކާ މެދު ވެސް މިޝްޔާއަށް ވިސްނައިލެވުނެވެ. ނާޒިލްއަށް އޭނާ އިތުބާރުކުރާނީ ކިހިނެއްހެއްޔެވެ؟ އެ ހުރިހާ ވާހަކައެއް އޭނާ ކިޔައިދޭނީ ކިހިނަކުންހެއްޔެވެ؟. އެ އަޅިކުލައިގެ ދެލޮލުން އޭނާއަށް ފެންނަނީ ތެދުވެރިކަމެވެ. ހިތްހެޔޮކަމެވެ. އޭނާއަށް ނާޒިލްއަށް އިތުބާރުކުރެވިދާނެހެއްޔެވެ؟. އިތުބާރުކުރުން އޭނާއަށް ނުހަނު އުނދަގުލެވެ. އިތުބާރު އެ ލަފްޒު އަޑުއަހަންވެސް މިޝްޔާ ފޫހިވެއެވެ. ދިރިއުޅުމަށްވުރެ މަރުވެ ދިޔުންވެސް ހިތަށް ފަސޭހައޭ މިޝްޔާއަށް ހިތާ ހިތުން ބުނެވުނެވެ.

އެތައް އިރަކު މިޝްޔާ ރުޔެވެ. އެހެން އޮވެފައ ތެދުވެ އޭނާ ކަރުނަތައް ފުހެލިއެވެ. އެނދުމަތީގައި އިށީނުމަށްފަހު، ފުންނޭވާއެއް ދޫކޮށްލިއެވެ. ނަފްސު އެދި ގޮވަން ފެށީ މިހާރުވެސް މަސްތުވާތަކެތީގެ ކޮންމެވެސް އެއްޗެއް ބޭނުންކޮށްލުމަށެވެ. އެ ޚިޔާލުތަކާ ދުރުވުމަށެވެ. އޭގެން ހިތްހަމަޖެހުން ހޯދުމަށެވެ. ކުޑަވަގުތުކޮޅަކަށް ނަމަވެސް، މުޅީން އެހެން ދުނިޔެއެއްގައި އުޅެލުމަށެވެ. ގޭގައި އެއްވެސް ވަރަކަށް އެއްޗެހި ނެތްކަން މިޝްޔާގެ ހަނދާނަށް އައުމާއެކު އޭނާއަށް ހަޅޭއްލަވައިގަނެވުނެވެ. ދުއްވައިގަނެވުނީ ދޮރާ ދިމާލަށެވެ. ކޮޓަރިން ނުކުތުމަށްފަހު، ދެކޮޅު ހޯދައިލީ މާކިން ފެނޭތޯއެވެ. އޭރު މީހާތުރުތުރު އަޅަމުން ދިޔައެވެ. މިޝްޔާ އަވަސް ފިޔަވަޅުތަކެއްގައި ސިޑިއާ ދިމާލަށް ހިނގައިގަތެވެ. އޭރުވެސް އޭނާ ދެކޮޅު ހޯދަމުން ދިޔައެވެ. ގޭތެރޭގައި ވެސް ނޯކަރަކު ނެތެވެ. އޭނާ ގެއިން ނުކުތްއިރު ފަސްގަޑި ބަޔަށް ވުރެ ބޮޑުވެއްޖެއެވެ. މަގުމައްޗަށް ނުކުމެ މިޝްޔާ ދެކޮޅު ހޯދައިލިއެވެ. އަތުގައި ލާރި ނެތްކަން މިޝްޔާ ހަނދާންވީ ދެނެވެ. އޭނާ ގެންގުޅުނު ފޯނު ވިއްކާލާފައި އޮތުމުން މާކިން އައު ފޯނެއް މިޝްޔާއަށް ގަނެދިނީ އިއްޔެއެވެ. ޖީބުގައި އޮތް ފޯނު އަތުގައި ޖެހުމާއެކު މިޝްޔާއަށް ފުންނޭވާއެއް ދޫކޮށްލިއެވެ. އެ ފޯނު ވިއްކާލަން މިޝްޔާ ހިތަށް އެރިއެވެ. ދެވަނަ ވިސްނުމަކަށް ދެވެން އުޅުމާއެކު އޭނާ ދެފަރާތަށް ބޯ ހޫރައިލިއެވެ. އެއަށްފަހު ހިނގައިގަތެވެ.

މިޝްޔާ ދިޔައީ އާއްމުކޮށްވެސް އޭނާ ގޮސް އުޅޭ ގެއަކަށެވެ. އެތެރެއަށް ވަނުމަށްފަހު އޭނާ ހޯދީ އެގޭ ތެރެއިން އޭނާ އާއްމުކޮށް ވެސް ހޯދާ މީހެކެވެ. އެމީހާ ފެނުމާއެކު މިޝްޔާ ގޮސް އޭނާގެ ކައިރިއަށް ހުއްޓުނެވެ.

"ހާދަ ނުފެނެޔޭ މިޝްޔާ..." އެޒުވާނާ ބުނެލިއެވެ.

"އަހަރެން ކުޑަކޮށް ބަލިކޮށް އުޅުނީމަ..." މިޝްޔާ ބުނެލިއެވެ.

"ހަމިއްޓޭ... އާ އެއްޗެއް ލިބުނު ވާހަކަ އަޑު އެހިން ދީބަލަ މަށަށް ވެސް..." އެކަކު ތަންކޮޅެއް ދުރުން ގޮވައިލިއެވެ. ތަނުގައި އޭރުވެސް ދެ ޖިންސުގެ ޒުވާނުން މަސްތުގެ ޙާލަތުގައި ތިއްބެވެ.

"އާނ އޯކޭ..." އޭނާއަށް ޖަވާބު ދިނުމަށްފަހު ހަމީމު އަނެއްކާ ބަލައިލީ މިޝްޔާއަށެވެ.

"ތިޔެއް ނޫނޭ މިޝްޔާ... ކުރިން މިޝްޔާ އަރޭ މެން އަތުން ނެގި އެއްޗެއްސަށް ލާރި ނުދީގެން އެމީހުން ވަރަށް ރުޅި ގަދަވެގެން އެބައުޅޭ... މަށަށް ގުޅާފަ ބުނީ މިޝްޔާ ކައިރި ބުނައްޗޭ އެކަނި މަގުމަތިން ނުފެންނައްޗޭ. އެނގެއެއްނު އެމީހުން އެއީ މިހާރު އަހަރެމެންގެ ބައެއް ނޫންކަން." ހަމިއްޓޭ މިޝްޔާއަށް ބަލައިލުމަށްފަހު ބުނެލިއެވެ.

"އަހަރެން އެ ލާރި ދޭނަމޭ ބުނޭ..." މިޝްޔާ ކުޑަކޮށް ހާސްވިއެވެ. އޭނާ ހަމީމަށް ބަލައިލުމަށްފަހު ބުނެލިއެވެ.

"މިހާރު އެބަހުރި އާ އެއްޗެއް ލިބިފަ. އެކަމު ތަންކޮޅެއް އަގުބޮޑުކޮށް އުޅެނީ." ހަމީމު ބުނެލިއެވެ.

"ސަޅިތަ؟" މިޝްޔާ ސުވާލުކޮށްލިއެވެ.

"އެ ބޭނުންކޮށްލީމަ ހަމަ ހީވާނީ އެހެން ދުނިޔެއަކަށް ދެވޭހެން." ހަމީމު ބުނެލިއެވެ. މިޝްޔާ އޭނާގެ ޖީންސްގެ ޖީބަށް އަތް ލުމަށްފަހު ނެގީ މާކިން އޭނާއަށް ގަނެދިން ފޯނެވެ. އެ ނެގުމާއެކު ހަމީމު ވާހަކަ ދެއްކިއެވެ.

"މިފަހަރު ފޯނެއްތަ؟" އޭނަ ސުވާލުކޮށްލިއެވެ. މިޝްޔާ ބޯޖަހައިލިއެވެ.

"ތިބުނާ އެއްޗެއް އަހަންނަށް ދިނުމަށްފަހު، ބާކީ ފައިސާ ގެނޭ..." މިޝްޔާ އެހެން ބުނެލުމާއެކު މިޝްޔާގެ އަތުގައި އޮތް ފޯނު އަތުލަމުން ހަމީމު ހިނގައިގަތީ އެތެރެއަށެވެ. އޭނާ ދެން އައިއިރު އަތުގައި ދެ ރަބަރު ޕެކެޓު އޮތެވެ. ބޭސް ގުޅަތަކެއް ފާޑުއެއްޗެއް އެ ޕެކެޓުތަކުގައި ހުއްޓެވެ. މިޝްޔާ އޭގައި ހިފިއެވެ. އިރުކޮޅަކު އެތަނުގައި މަޑުކުރުމަށްފަހު، މިޝްޔާ ގެއަށް ދާން ހިނގައިގަތީ ބާކީއަށްވާ ލާރި ވެސް އޭނާއަށް ލިބުނުފަހުންނެވެ.

*****

މާކިންއާއެކު ކޮފީ ބޮއި ނިންމާލާފައި ނާޒިލް ދިޔުމުން މާކިން ވެސް ދިޔައީ މިޝްޔާ ކޮބައިތޯ ބަަލައިލުމަށެވެ. މިޝްޔާއަށް ވީގޮތެއް ނުބަލާ މާކިންއަކަށް ނުހުރެވުނެވެ. އޭނާ ގޮސް ބެލިއިރު ކޮޓަރީގައި މިޝްޔާ ނެތުމުން ގޭގެ އެކި ތަންތަންވެސް ބެލިއެވެ. މިޝްޔާ ނުފެނުމުން މާކިން ކަންބޮޑުވިއެވެ. އޭނާ މިޝްޔާއަށް ގުޅަން މަސައްކަތްކުރިއެވެ. ދެފަހަރަކު ފޯނަށް ގުޅިފަހުން ފޯނު ނަގާ ވާހަކަ ދެއްކީ ކޮންމެވެސް ފިރިހެނެކެވެ.

"ކާކުތީ؟ ކޮބާ މިޝްޔާ...؟" މާކިން ސުވާލުކޮށްލިއެވެ.

"މީ މަގޭ ފޯނެއް މިހާރު. މިޝްޔާއެއް ނެތް." އެމީހަކު ބުނެލިއެވެ.

"އެ ކީއްވެ ކަލޭގެ ފޯނަކަށް ވާންވީ. ކޮބާހޭ މިޝްޔާ..." މާކިން ހާސްވިއެވެ. އެމީހާ ދެން އަނގައިން ބޭރުކޮށްލީ ހުތުރު ބަހެކެވެ. އެއާއެކުއެކީ ފޯނުވެސް ބާއްވައިފިއެވެ. މާކިން އިތުރަށް ހާސްވާ ގޮތްވިއެވެ. މިޝްޔާއަށް ކަމެއްވީބާއޭ މާކިންގެ ހިތަށް އެރިއެވެ. އޭނާ ބޮޑުކޮޓަރި ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓާ މިޝްޔާ ހެމުންހެމުން އައިސް ގޭތެރެއަށް ވަނެވެ. އޭނާ އަތް ހޫޜަމުން ދިޔައީ ކޮންމެވެސް އެއްޗެއް ހިފަން މަަސައްކަތް ކުރާ ހެންނެވެ.

"މިޝޫ..." މާކިން ފޯނު ޖީބަށް ލަމުން މިޝްޔާއަށް ގޮވައިލާފައި އެ ދިމާލަށް ހިނގައިގަނެވުނެވެ. އޭނާ ގޮސް މިޝްޔާގެ ގައިގައި ހިފައްޓަން މަސައްކަތް ކުރިއެވެ.

"ބައިވަރު ބަޓަރފްލައިޒް..." އަތް ހޫރަމުން މިޝްޔާ ކިޔަމުން ދިޔައެވެ.

"މިޝްޔާ... ނެތޭ މިތާކު އެއްވެސް އެއްޗެއް؟" މާކިންއަށް ވަށައިގެން ބަލައިލެވުނެވެ. އޭނާ މިޝްޔާއަށް ގޮވައިލަމުން މިޝްޔާގެ އަތުގައި ހިފައްޓަން މަސައްކަތް ކުރިއެވެ.

"ނުފެނޭތަ؟ އެހެރެ އުޅެނީ ބައިވަރު...." މިޝްޔާ ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައީ އުދުހެމުން ދިޔަ ކޮކާތައް ހިފުމަށެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު