މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް އެމްޑީޕީ ދެކޮޅު ހަދައިފި

މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށް އެމްޑީޕީން ތާއިދު ނުކުރާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިއްވެވި ރިޔާސީ ބަޔާނަށް އެމްޑީޕީން ރައްދުދޭން ނުޖެހޭނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ނިންމައިފި އެވެ.

މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން ނުޖެހޭނެ ކަމަށް އެމްޑީޕީން ނިންމާފައި ވަނީ އެ ޕާޓީގެ އިސްނެގުމަކަށް މަޖިލީހުގެ ގަވާއިދުގައި ގާނޫނީ ފުށުއައެރުންތައް އިސްލާހުކުރުމަށް، އެ ގަވާއިދަސް ގެންނަ އިސްލާހުތަކުގެ ޑްރާފްޓެއް ސިޔާސީ ޕާޓީތަކުން އެކުލަވާލާފައިވަނިކޮށެވެ. މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން، އެމްޑީޕީ އާއި ޑީއާރްޕީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން ޕީއޭގެ މަޝްވަރާއާ އެކު އެކުލަވާލި ޑްރާފްޓު ޕާޓީތަކުގެ ހިޔާލަށް ހުށަހަޅާލުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ހޫނު ބަހުސްތަކަކަށް ފަހު އެ އިސްލާހުތަކާ ދެކޮޅު ހަދާފަ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް މިރޭ ވިދާޅުވީ މަޖިލީހުގެ ގަވާއިދަށް ގެންނަ އިސްލާހުތަކަކީ "ވަހީދުގެ ގަޔަށް ހެޔޮވާވަރަށް ފަހާ ކޯޓެއް" ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯ ވިއްކައިގެން ގެނައި ވެރިކަމުގެ ރައީސަކު އިސްތިއުފާދިނަސް އެ މެނިފެސްޓޯ ތަންފީޒު ކުރާ ހިނދަކު މި ސަރުކާރަކީ އަދިވެސް އެމްޑީޕީގެ ސަރުކާރެއް ކަމަށެވެ. އަދި ސަރުކާރުން މަޖިލީހަށް ހުށަހަޅަން ބޭނުންވާ ބިލްތައް އެމްޑީޕީ މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އެ ޕާޓީން ގަބޫލު ކުރާ ކަމަށް އެނާ ވިދާޅުވި އެވެ.

"ދެ ހާސް އަށް ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ރައީސުލްހުމްހޫރިއްޔާ ކަމުގެ މަގާމަށް ނަޝީދު ވަޑައިގެންނެވީ އެމްޑީޕީގެ މެނިފެސްޓޯއަކާ އެކު 97000 މީހުން ވޯޓްލައިގެން. އެ މަނިކުފާނު އިސްތިއުފާދިނުމުންނޭ ބުނެ ވަހީދު އެ ހުންނެވީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި. އަދި ތަންފީޒު ކުރަމުން ދަނީ ވެސް އެމްޑީޕީގެ މެނިފެސްޓޯ ކަމަށްވާ އިރު، މަޖިލީހަށް ސަރުކާރުގެ ފަރާތުން އެމްޑީޕީ މެދުވެރިކޮށް ބިލް ނުހުށަހެޅޭނެ ކަމަށް ވެސް ގަބޫލެއް ނުކުރަން،" ނަންހާމަ ނުކުރުމަށް ޝަރުތުކޮށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އިސް މެންބަރަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީއަށް ވުމުން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނަށް ރައްދުދޭން އެމްޑީޕީ ނުޖެހޭނެ ކަމަށެވެ. އަދި ރިޔާސީ ބަޔާނަށް ރައްދުދޭން ޖެހޭނީ ދެން މަޖިލީހުގެ މައިނޯރިޓީ ލީޑަރު ނިސްބަތްވާ ޕާޓީގެ ފަރާތުން ކަމަށެވެ.

"ޑީއާރްޕީއޭ ދެން ރައީސުލްހުމްހޫރިއްޔާގެ ރިޔާސީ ބަޔާނަށް ރައްދުދޭން ޖެހޭނީ. ސަރުކާރު ހިންގާ ޕާޓީއަކީ އެމްޑީޕީ ކަމަށް އަޅުގަނޑުމެން ގަބޫލު މިކުރަނީ. އެހެންވީމަ އެކަން ކުރުމުން އަޅުގަނޑުމެން ބަރީއަތްވެގެންވޭ،"

އޭނާ އެހެން ވިދާޅުވި އިރު މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމަށް، އެވަގުތު މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެންބަރުން ތިބި ޕާޓީތަކުގެ ފަރާތުން ރިޔާސީ ބަޔާނަށް ދޭނެ ޖަވާބެއް ތައްޔާރުކޮށް އެ ބަޔާން މަޖިލީހުގެ އިއްވަންވާނެ ކަމަށެވެ.

އެ މާއްދާގައި ރައީސުލްޖުމްހުރިއްޔާގެ ޕާޓީގެ ބުނެފައި އޮތަސް ރައީސް ވަހީދު ނިސްބަތްވެވަޑައިގަންނަވާ ގައުމީ އިއްތިހާދު ޕާޓީގެ މެންބަރަކު މަޖިލީހުގައި ނެތެވެ. އެ މައްސަލައާ ހުރެ ޕާޓީތަކުން މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށް ހުށަހަޅާފައި ވަނީ ސަރުކާރު އައްޔަންކުރާ ޕާޓީއަކުން ސަރުކާރުގެ ބިލް ހުށަހެޅުމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު